ކުރީގެ އަދަދާއި ގުޅޭ:

އޭނާ ގޮސް ދޮރު ހުޅުވާލުމާއެކު ދޮރުމަތީގައި ހުރި ޒައިނާއަށް އެނދުގައި އޮތް ނަދީމް ފެނިއްޖެއެވެ. އެ އާއެކު ޒައިނާގެ މޫނުމައްޗަށް އެރި ކުލަވަރުން އަރޫޝާގެ ހިތުގައި ޒައިނާއާ ބެހޭ ގޮތުން އުފެދިފައިވާ ސުވާލުތައް އިތުރު ވެގެން ދިޔައެވެ.

Ad
rt

މަންމަގެ އަޑު ނީވުމުން ނަދީމް ދޮރާ ދިމާލަށް މޫނު އަނބުރާލިއެވެ. އެ ވަގުތު އޭނާއަށް ފެނުނީ މަންމައެއް ނޫނެވެ. ރުޅި ގަދަވެފައި ހުރި ޒައިނާއެވެ. ނަދީމަށް ޒައިނާ ފެނުމާއެކު ޒައިނާ ވަގުތުން އެ ތަނުން ގޮއްސިއެވެ. ޒައިނާ ހިތަށް އަރާނީ ކީކޭކަން ނަދީމް އަށް ހަމަ ރަނގަޅަށް އެނގެއެވެ. މިހާރު ޒައިނާ ހުންނާނީ ވަރަށް ރުޅިގަދަ ވެފައިކަން ވެސް އޭނާއަށް އެނގެއެވެ. އަދި އޭނާ ގުޅާނެ ވަރު ހިތަށް އަރާފައި ނަދީމް އަވަހަށް ފޯނު ސައިލެންޓަށް ލިއެވެ. އަރޫޝާގެ ކުރިމަތީގައި ޒައިނާގެ ފޯނަށް މި ވަގުތު ޖަވާބު ދިނުމަކީ އޭނާއަށް އުނދަގޫ ކަމެކެވެ.

ދޮރު ލައްޕާލުމަށްފަހު އަރޫޝާ ނަދީމްއާ ދިމާއަށް އެނބުރިލިއެވެ. އޭރު ނަދީމްގެ މޫނުމަތި ވަނީ އިތުރަށް ފުސްވެފައެވެ. އަރޫޝާ ގޮސް އެނދުކޮޅުގައި ހުއްޓުމަށްފަހު ދެ އަތް އުރާލީ ނަދީމްގެ މޫނަށް ބަލައިލަމުންނެވެ.

" އޭނަ ކީއްވެ އެހާ ރުޅި އައިސްގެން އެ ދިޔައީ؟" އަރޫޝާ އެހިއެވެ.

އެ ވަގުތު ނަދީމް ރުޅި ގަދަވެފައި އަރޫޝާއަށް ބަލައިލިއެވެ. އޭނާގެ މޫނުގެ ކުލަވަރު ހުރި ގޮތުން ހުރިހާ ވެސް މައްސަލައަކީ އަރޫޝާއޭ ބުނާ ކަހަލައެވެ. ޖެހިލުންވި ނަމަވެސް އަރޫޝާ ހުރީ އެ ސުވާލުގެ ޖަވާބު ސާފުކުރަން ބޭނުން ވެފައެވެ. އެހެންވެ، އޭނާ އަނެއްކާ ވެސް އެ ވާހަކަ ތަކުރާރު ކުރިއެވެ.

" އެއްވެސް އެއްޗެކޭ ނުބުނެ. ރުޅި އައިސްގެން ދިޔައީމަ ސުވާލު މި ކުރަނީ. " އަރޫޝާ ބުންޏެވެ.

" އަހަންނާ އެއްވެސް ސުވާލެއް ކުރުމުގެ ހައްގެއް އަރޫޝާއަކަށް ނޯންނާނެ. ރަނގަޅުވާނީ އެއްވެސް އެއްޗެއް އަހަރެންގާތު ނޭހިއްޔާ." ރުންކުރު ގޮތަކަށް ނަދީމް ބުންޏެވެ.

" ގޮތް ނޭނގޭ އަންހެން ކުއްޖަކު ގެއަށް ގެނެސްގެން އުޅެންޏާ، އޭނާއާ އޮންނަ ގުޅުމަކީ ކޮބައިތޯ އަހަންނަކަށް ނޭހޭނެތަ؟" އަރޫޝާ ބުންޏެވެ.

އެ ވަގުތު ނަދީމް އަރޫޝާއާ ދިމާލަށް ލޯ އަޅާލިއެވެ. އަދި އެއްމިޔަކަނުން ހީލިއެވެ.

" އާނ ނޭހޭނެ! އަހަރެން ވާހަކަ ދައްކާ މީހުންނާ، ގުޅުން އޮންނަ މީހުން އަރޫޝާއަކަށް އެނގޭކަށް ނުޖެހޭނެ. އަދި އަހަރެން ގާތު އަހާކަށެއް ވެސް ނުޖެހޭނެ. އުޅެން ބޭނުން ނުވަންޏާ މަންމަމެން ގާތު ބުނޭ އަރޫޝާ ބޭނުމެއް ނުވެޔޭ އުޅޭކަށެއް. "ނަދީމް ބުންޏެވެ.

ނަދީމްގެ ވާހަކަތަކުން އޭނާގެ މަގްސަދު އަރޫޝާއަށް ސާފުވެއްޖެއެވެ. ނަދީމްގެ ބޭނުމަކީ ކައިވެނި ރޫޅާލަން ބޭނުންވަނީ އަރޫޝާ ކަމުގައި ހަދާށެވެ. އެކަން އެނގުމާއެކު އަރޫޝާ ކުޑަކޮށް ހީލިއެވެ.

" މި ކައިވެންޏަށް އެދުނީ ނަދީމްގެ މައިންބަފައިން. އެެހެންވީމަ އަހަރެމެން ދެ މީހުން ވަރިވާން ބޭނުންވާ ވާހަކަ އެ މީހުން ގާތު ބުނަން ޖެހޭނީ ނަދީމް. އުނހޫ! ދެ މީހުންނެއް ނޫން. ނަދީމް އެކަނި ބޭނުންވަނީ. ނަދީމް ބޭނުން ވެގެން އެ މީހުންގާތު ބުނޭ!" އަރޫޝާ ބުނެލިއެވެ.

އޭނާ އެހެން ބުނި އިރު ވެސް ނަދީމްއަށް އެގޮތަށް ކަންތައް ކުރަން ނުކެރޭނެކަން އޭނާއަށް އެނގެއެވެ. ނަދީމް އެނބުރުނީ އަނެއް ފަރާތަށެވެ. އަރޫޝާގެ މޫނަށް ވެސް ބަލައިލަން އޭނާ ބޭނުން ނުވާ ކަހަލައެވެ. ނަދީމް ރުޅި އެރުވުމަކީ އަރޫޝާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެހެންވެ އޭނާ އެ މައުޟޫ އަވަހަށް ބަދަލު ކޮށްލިއެވެ.

" ސައި ތައްޔާރުކޮށްގެން ގެެނެސްދެންތަ؟" އަރޫޝާ މަޑުމަޑުން އެހިއެވެ.

" އަހަރެން ނޫޅެން ސައިބޯކަށް. މަންމަ ގާތު ބުނޭ އަހަންނަށް ބޭސް ގުޅައެއް ހޯދައިދޭށޭ." ދުރަށް ބަލަހައްޓައިގެން އިނދެ ނަދީމް ބުންޏެވެ.

" މަންމަ ގާތު ނުބުންޏަސް އަހަރެން ވެސް ނަދީމްއަށް ބޭސް ހޯދައިދީފާނަމޭ. " އަރޫޝާއަށް ބުނެވުނީ ނުހަނު ލޯބިންނެވެ.

އެ ވަގުތު ނަދީމްއަށް އަރޫޝާގެ މޫނަށް ބަލައިލެވުނެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އަރޫޝާގެ ރީތި ހިނިތުންމެވެ. ނަދީމް އެހާ ރުޅި ގަދަ ވެފައި ހުރި އިރު ވެސް އަރޫޝާގެ ފިނި ހަރަކާތްތަކުން ނަދީމްގެ ހިތަށް އުނދަގޫ ވާން ފެށިއެވެ.

" މި ބުނީނު މަންމަ ގާތު ބުނާށޭ. " ނަދީމް ބުނެލިއެވެ. ބާރަށެވެ.

" ތަދު ކަނޑުވާ ބޭސް އަހަރެންގެ އަތުގައި ވެސް އެބަހުރި. އެ ބޭސް ބޭނުން ނުވަންޏާ މަންމަ ގާތު ބުނެގެން ވެސް ބޭސް ހޯދިދާނެ. އަހަރެން ބޭނުންވަނީ ނަދީމްއަށް އަވަސް ޝިފާއެއް ލިބެން" މަޑުމައިތިރިކަމާއެކު އަރޫޝާ ބުނެލިއެވެ.

ނަދީމް އެއްޗެއް ނުބުނުމުން އަރޫޝާ ގޮސް އަލަމާރި ދޮރު ހުޅުވާލިއެވެ. ބޭސް ގުޅައާއެކު ފެން ފުޅި ހިފައިގެން އައިސް ނަދީމްގެ އަތަށް ދިއްކޮށްލުމާއެކު ބޭއިހްތިޔާރުގައި ނަދީމްއަށް އަރޫޝާގެ މޫނަށް ބަލައިލެވުނެވެ. އަނެއްކާވެސް އަރޫޝާ ހީލިއެވެ.

" މިތަނުން ތެދުވެވޭނީ މި ކައިގެން ވިއްޔަ! " އަވަސް އަވަހަށް ނަދީމް ބުންޏެވެ. އެ ވަގުތު އަރޫޝާ ވަގުވަގަށް ހީލިއެވެ.

ކޮޓަރީގައި ދެ ކޮޅަށް ހިނގާ ހިނގާ ވަރުބަލި ވެގެން ޒައިނާ ގޮސް އެނދުމައްޗަށް ޖެހިގަތެވެ. މާ ބޮޑަށް ރުޅި ގަދަވުމުގެ ސަބަބުން ޒައިނާއަށް އޭރު ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ނަދީމްއާ ބައްދަލް ވުމުން ނޫނީ އޭނާއަށް ހަމަޖެހުމެއް ނުލިބޭނެކަން ޒައިނާއަށް އެނގެއެވެ. ފޯނަށް ބަލަން އޮވެ ޒައިނާ އަނެއްކާ ވެސް ނަދީމްއަށް ގުޅިއެވެ. މިއީ އޭނާ ގުޅާ ދިހަ ވަނަ ފަހަރެވެ.

އަރޫޝާ ދިޔުމާއެކު ނަދީމް އަވަސް އަވަހަށް ފޯނު ބަލައިލިއެވެ. އޭރު ވެސް ޒައިނާ ގުޅަނީއެވެ.

" ނަދީމް ކީއްވެ އަހަންނަށް ދޮގު ހެދީ؟ " ޒައިނާ ބުންޏެވެ.

ފޯނު ނެގުމާއެކު ނަދީމްގެ ކަންފަތުގައި ޖެހުނީ ޒައިނާގެ ރުޅިވެރި އަޑެވެ.

" އަހަރެން...؟ އަހަރެން ކޮން ދޮގެއް...." ނަދީމްގެ ޖުމްލަ ފުރިހަމަ ކުރާނެ ޖާގައެއް ޒައިނާއެއް ނުދިނެވެ.

" އަހަރެންގެ ލޮލަށް ފެނުނީމަ ވެސް އަދިވެސް ތި މަސައްކަތް ކުރަނީ ދޮގު ހަދަންތަ؟ އަހަންނަށް އޮޅުވާލަންތަ ތި އުޅެނީ؟ " ޒައިނާ ބުންޏެވެ.

" ޒައީ! އަހަރެން ކީއްތަ ކުރީ؟ " ދެ ކޮނޑު އުފުލާލަމުން ނަދީމްއަށް ބުނެވުނެވެ.

އެ ވަގުތު ދެ ލޮލުން ކަރުނަ ފުހެމުން ޒައިނާ އެނދުން ތެދުވިއެވެ. އަދި މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ.

" ކީއްހޭ ކުރީ؟ އަަރޫޝާ ގާތު ނުނިދާނަމޭ... އޭނާއާ އެއް އެނދަކު ނުވެސް އިށީންނާނަމޭ ބުނި މީހާ ތީ. ފުރަތަމަ ރޭ ވެސް ތި ނިދީ އޭނަ ކައިރީގަ." ޒައިނާއަށް ރޮވުނެވެ.

" ޒައި ޕްލީޒް.." ނަދީމް ބުންޏެވެ.

" ނަދީމް! އޯކޭ އޭ ދެން. އަހަންނަށް އެނގެޔޭ އަރޫޝާ ކަހަލަ ރީތި ކުއްޖަކާ އެއް ކޮޓަރިއެއްގައި އެކަނި އުޅެން ވީމަ، ނަދީމްގެ ހިތަށް ވެސް އޮތްބެއް ނޯންނާނެކަން. އާނ! އަރޫޝާއާ އަޅާކިޔާއިރު އަހަންނަކީ ކާކު؟ " ޒައިނާ ބުންޏެވެ.

ދެ ފަރާތަށް ބޯ ހޫރާލަ ހޫރާލާ ނަދީމްއަށް އިނދެވުނީއެވެ.

" އަހަރެން ދައްކާ ވާހަކަ ވެސް އަޑުއަހާލަބަލަ" އާދޭހުގެ ރާގަކަށް ނަދީމް ބުންޏެވެ.

" އަހަރެން މެސެޖް ކުރީމަ ވެސް ބުނީ ތިމަންނަ މި އޮތީ މުށިގަނޑުމަތީގައޭ. ނަދީމް ހާދަ ދޮގު ހަދައޭ! " ރުޅި އައިސްހުރެ އަނެއްކާ ވެސް ޒައިނާ ވާހަކަ ދެއްކިއެވެ.

" ޒައި ދެން މައިތިރިވެބަލަ. އަހަންނާ ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާފަ ދޮގު އިލްޒާމްތައް ތި އަޅުވަނީ އަހަރެން ބުނާ އެއްޗެއް އަޑުވެސް އަހައިނުލާ! އަހަރެން ދޮގެއް ނަހަދަން. އަހަރެން އޮތީ ހަމަ މުށިތައް މަތީ! ހެނދުނު ތެދުވަން އުޅެނިކޮށް ބުރަކަޢްޓަށް ތަދެއް އަރައިގެން އަހަރެން އެނދަށް އެރީ. ވާނުވާ ނުބަލާ އަހަންނަށް އެއްޗެހި ނުކިޔަބަލަ." ނަދީމް ބުނެލީ ބާރަށެވެ.

އެ ވަގުތު ޒައިނާ މައިތިރި ވެއްޖެއެވެ. ކިޔުނު އެއްޗެއްސާމެދު ލަަދުގަނެފައި ހުރެ ޒައިނާ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ. މިހާރު އޭނާގެ ރާގު ހުރީ މުޅިން ބަދަލު ވެފައެވެ.

" އަޅެ ސޮރީއޭ. އެ އެނދުގައި ނަދީމް އޮތްތަން ފެނިފަ އަހަރެން ކިރިޔާ މަރު ނުވީ. ބައިވަރު އެއްޗެހި ހިތަށް އެރި. އަހަރެންގެ ނަދީމް އެ އަރޫޝާ ޖަހައިގަތީއޭ ހިތަށް އެރީ. ނަދީމް! މިހެން އުޅެން އަހަންނަކަށް ކެތެއް ނުވާނެ. ރޭގަ ވެސް އަހަންނަކަށް ނުނިދޭ. " ޒައިނާ ބުންޏެވެ.

" އަހަންނަކަށް ވެސް ކެތެއް ނުވެޔޭ. އެކަމަކު އަހަރެން އަބަދު ވެސް މި ބުނަނީ ރަނގަޅު ގޮތެއް އަދި ވާނެޔޭ." ނަދީމް ބުންޏެވެ.

މި ފަހަރު ވެސް ނަދީމްގެ ވާހަކަ ޒައިނާ މެދުކަނޑާލީ ރުޅި އައިސްގެންނެވެ.

" ތިހެން ބުނެވިދާނެ. އަދި ތިހެން ކިޔާލަ ކިޔާލަ އެތައް އަހަރެއް ވަންދެން ވެސް ތިބެވިދާނެ. މިހެން އަހަރެން ކިހިނެއް މިތާ އަބަދު އުޅޭނީ؟ ނަދީމްގެ މަންމަގާތު އަހަރެން މިތާ އުޅޭނީ ކުޑަ ދުވަސްކޮޅަކަށޭ ކިޔާފަ ތި ހުރީ. އަހަރެން ނުދާނަން ނަދީމްއާ ނުލައެއް. " ޒައިނާ ބުންޏެވެ.

ޒައިނާގެ ކަންބޮޑުވުންތަކާމެދު ނަދީމް ވިސްނައެވެ. ކަންތައްތައް ވާނެ ގޮތް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ. މަންމަމެންނަށް ތެދަށް ކިޔައިދޭން ބޭނުން ވިޔަސް އެ ހިތްވަރެއް ވެސް އޭނާގެ ނެތެވެ.

ބަދިގޭގައި އަރޫޝާ ހުއްޓާ، މަދީހާ އައިސް ވަނެވެ. އޭރު މަދީހާ ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. އޭނާ އައިސް ކާމޭޒު ކައިރީ އިށީނދެލާ ހިންދެމިލިއެވެ.

" މަންމަމެން ސައިބޯން ވެސް ނާދޭ! މިހާރު މެންދުރުވީ." އަރޫޝާ ބުންޏެވެ.

" އާނ މިއަދު ދަނޑުން ބަރަބޮލާ ކަރާ ކެނޑީ. އެހެންވެ ނާދެވުނީ . ބައްޕަ އަދިވެސް އެތާ އުޅެނީ. ބަނޑުހައިވެގެން މިއައީ." މަދީހާ ބުންޏެވެ.

އަރޫޝާ އަވަސް އަވަހަށް މަދީހާއަށް ކާން ތައްޔާރު ކޮށްދިނެވެ.

" ކޮބާތަ ނަދީމް ގެނައި މަންޖެ؟ ދަރިފުޅާ ވާހަކަ ދައްކާލާކަށް ނުވެސް ނިކުމޭތަ؟ އެ ކުއްޖާ ފޫހިވާނެ އެއްނު. ތިން ކުދިން ކޮންމެވެސް ތަނަކަށް ދާން ވީއޭ. " މަދީހާ އެހެން ބުނި އިރު ނަދީމް އައިސް ކާގެއަށް ވަންނަނީއެވެ.

" އަނހަ! ދަރިފުޅުމެން މަޖާ ކޮށްލަން ތާކަށް ދާށޭ މި ކިޔަނީ. " މަދީހާ ބުންޏެވެ.

އެ ވަގުތު ޒައިނާ ވެސް އައިސް ކާގެއަށް ވަދެއްޖެއެވެ. ޒައިނާ ފެނި އުނދުން ކައިރީގައި ހުރި އަރޫޝާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވިއެވެ. އަރޫޝާގެ ހިތަށް ޒައިނާ ފެނުމުން އުނދަގޫވަނީ ކީއްވެ ކަމެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ.

" ޒައިނާ! މި ރަށުގައި ފޫހި ވޭތަ؟" މަދީހާ އަހާލިއެވެ.

ޒައިނާ ބަލައިލީ ނަދީމްގެ މޫނަށެވެ.

" ފޫހި ވޭ މިހެން ގޭގައި އިންނަން ޖެހޭތީ. ނަދީމް ގާތު ވެސް ބުނެފިން މި ރަށް ބަލައިލަން ބޭނުމޭ." ޒައިނާ ބުންޏެވެ.

" ކައިރީގައި އޮތް ފަޅުރަށަށް ދޭބަލަ. މޫސަބޭގެ ޑިންގީ އޮންނާނެއެއްނު. ނަދީމްއަށް އެނގޭނެ ދުއްވަން ވެސް. ތިން ކުދިން ދޭބަލަ މީރު އެއްޗެއް ކައްކާލައިގެން މޫދަށް އެރިލަން. ވަރަށް ޗާލު ވާނެ އެ ރަށު މޫދު." މަދީހާ ބުންޏެވެ.

ހެވިފައި އިނދެ ނަދީމް ޒައިނާއަށް ބަލައިލިތަން ފެނި އަރޫޝާގެ ނޭވާ އަވަސް ވާން ފެށިއެވެ.

" އަދި ދުވަހަކު ވެސް ފަޅު ރަށަކަށް ނުދަން. " ޒައިނާ ބުންޏެވެ.

އެ އަޑަށް މަދީހާ ހެވިފައި އިނދެ ޒައިނާއަށް ބަލަައިލިއެވެ.

" މަންމަ ސައިބޮއިގެން ގޮސް މޫސަބޭ ގާތު ބުނެލާނަން މާދަމާ ޑިންގީ ބޭނުންވާ ވާހަކަ. މަންމަމެން ވެސް ދާހިތްވޭ. އެކަމަކު ދަނޑަށް އަންނާނެ މާދަމާ އަތޮޅު ފެރީން ބައިވަރު މީހުން. އެއްޗެހި ގަންނަން. އެހެންވެ ބައްޕަ މިއަދު ވަރަށް ބުރަކޮށް އެ އުޅެނީ. މަންމަ ވެސް މި ދަނީ އަނެއްކާ ދަނޑަށް." މަދީހާ ވާހަކަ ދެއްކީ ވަރަށް އަވަހަށެވެ.

އޭނާ ނިކުމެގެން ދިޔުމާއެކު ނަދީމް ވެސް ތެދުވެއްޖެއެވެ. ހީވާ ގޮތުން ޒައިނާއާ އަރޫޝާއާ އެއްތާކު ހުންނަން އޭނާ ބޭނުން ނުވަނީއެވެ. އޭރު ވެސް އަރޫޝާ ހުރީ އުނދުން ކައިރީ ކޮޅަށެވެ. ސިންކާ ދިމާލަށް ދާން ނަދީމް އެނބުރިލި ވަގުތު އަރޫޝާއާ އޭނާ ހަތަރުކަޅި ބައްދަލްވިއެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި އޭނާ ސިންކާ ކައިރި ވިއެވެ. އޭރު ޒައިނާ ވެސް ތެދުވެއްޖެއެވެ.

" ނަދީމް! އަހަރެން ބޭނުން ފިހާރައަކަށް ދާން. އަހަންނާއެކު ގޮސްދޭން ވީނު؟" ޒައިނާ އެހިއެވެ.

އެ ވަގުތު ނަދީމް ބޯ ޖަހާލަމުން ސިންކު ކައިރީ ހުރި ޓިޝޫ ޕެކެޓުން ޓިޝޫއެއް ނެގިއެވެ. ނަދީމް ހިނގައިގަތުމާއެކު އަރޫޝާއާ ދިމާލަށް ބަލައިލުމެއް ނެތި ޒައިނާ ވެސް ފަހަތުން ހިނގައިގަތެވެ.

" ޒައިނާ! " އަރޫޝާ ގޮވާލިއެވެ.

ކުއްލިއަކަށް އިވުނު އަރޫޝާގެ އަޑުން ޒައިނާއާއި ނަދީމްއަށް ހުއްޓެވުނެވެ.

" ނަދީމްގެ ރައްޓެހިންނަކީ އަހަރެންގެ ވެސް ރައްޓެހިންނެއްނު. ހިނގާ އަހަންނާއެކު ދާން. ތަންކޮޅެއް ރަނގަޅު ދެ ތިން ފިހާރަ ހުންނާނެ. " ގަދަކަމުން ހީލަމުން އަރޫޝާ ބުންޏެވެ.

އެ ވަގުތު ޒައިނާއަށް ނަދީމްގެ މޫނަށް ބަލައިލެވުނެވެ. އޭނާގެ ދެ ލޮލުގައި ހުރި ހިތްހަމަ ނުޖެހުމުގެ އަސަރުތައް ނަދީމްއަށް ފާހަގަ ކުރެވުނެވެ. ޒައިނާ އެ ބުނަނީ އަރޫޝާ ހުއްޓުވާށޭކަން ވެސް ނަދީމްއަށް އެނގުނެވެ.

" ދޯ ނަދީމް؟" އަރޫޝާ އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ.

" އޫމް؟ އާނ! ތެދެއް ޒައި. ދެ... ދެ މީހުން ގޮސްލަން ވީ އެއްނު. " ޒައިނާ ރުޅި އަންނާޏެ ވަރު އެނގޭތީ ނަދީމްއަށް ބުނެވުނީ އާގަންނަމުންނެވެ. ނަދީމް އެހެން ބުނުމުން ހަގީގަތުގައި ވެސް ޒައިނާ ރުޅި އައެވެ. ނަމަވެސް އޭނާއަކަށް ވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. ފުން ނޭވާއެއް ދޫ ކޮށްލަމުން ޒައިނާ އަރޫޝާއަށް ބަލައިލީ ގަދަކަމުން ހިނިތުންވެލަމުންނެވެ.

އަރޫޝާއާއެކު ޒައިނާ ނިކުތީ ފޫހިކަމާއެކުއެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ހިފައި ނަދީމްއާ ބެހޭގޮތުން ވާހަކަ ދައްކަން އޭނާ ހުރީ ބޭނުންވެފައެވެ.

" ކުއްލިއަކަށް ތިހެން ކައިވެނި ކޮށްގެން އުޅެން އުނދަގުލެއް ނުވޭތަ؟" ޒައިނާ އެހިއެވެ.

ޒައިނާ އެހެން ބުނުމުން ސިހިފައި އަރޫޝާއަށް ޒައިނާގެ މޫނަށް ބަލައިލެވުނެވެ.

" އާނ! ކިއްވެ އުނދަގޫ ވާންވީ؟ މިހެން އެކުގައި އުޅެނިކޮށް ނަދީމްއަށް އަހަރެންދެކެ ލޯބި ވެވިދާނެ އެއްނު." އަރޫޝާ ބޭނުންވީ ޒައިނާއަށް ވާ ގޮތް ބަލައިލާށެވެ.

އެވަގުތު ޒައިނާގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ކުޅެލިތަން އަރޫޝާއަށް ފެނުނެވެ.

" ތިހެން ބުނީމަ ހީވަނީ އަރޫޝާ މިހާރު ނަދީމްދެކެ ލޯބި ވާހެން." ޒައިނާ ބުންޏެވެ.

" ކީއްވެ ނުވާންވީ؟ އެއީ އަހަރެންގެ ފިރިމީހާ. " އަރޫޝާ ދިނީ ކުރު ޖަވާބެކެވެ.

ޒައިނާ ގާތަށް އިންތިހާއަށް ރުޅި އައި ނަމަވެސް އޭނާ މަސައްކަތް ކުރީ މޫނުމަތިން އެކަން ނުދައްކާ ވޭތޯއެވެ.

" ފަހަރެއްގައި ނަދީމް ލޯބިވާ ކުއްޖަކު ހުރެދާނެ އެއްނު. " ވަގުވަގަށް އަރޫޝާއަށް ބަލައިލަމުން ޒައިނާ ބުންޏެވެ.

އެކަމާމެދު އަރޫޝާ ދެކެނީ ކިހިނެއްތޯ ބަލައިލާ ހިތުން ޒައިނާ ހުރީ ކެތްމަދު ވެފައެވެ. ފަހަރެއްގައިވެސް އޭނާ ނަދީމް ދޫކޮށްލާ ހިޔާލު ގެންގުޅޭތޯ ބަލަން ޒައިނާ ބޭނުންވެއެވެ.

" ހޫމް.. އަހަންނަށް އެނގޭ ނަދީމް ވަރަށް ލޯބިވާ ކުއްޖަކު ހުންނަކަން. އެކަމަކު އެ ކުއްޖާއާ ދުވަހަކު ވެސް ކައިވެނި ކުރެވެން ނެތޭ ބުނީ. އެހެންވީމަ އެ ކުއްޖާ ނަދީމްއަކަށް ދެނެއް ނުލިބޭނެއެއްނު. " އަރޫޝާ ބުނެލީ ފަސޭހަ ކަމާއެކުއެވެ.

" ނޫން ނޫން. ފަަހަރެއްގައި އެ ކުއްޖާ އެނބުރި ނަދީމްގެ ހަޔާތަށް އަންނަން ބޭނުން ވިއްޔާ.. ޔޯ؟ " ކުރިއަށް އެޅި ފިޔަވަޅުމަތީގައި ހުއްޓި ހުރެ ޒައިނާ ބުނެލީ ނުހަނު އަވަހަށެވެ.

އޭނާގެ މޫނުމަތިން އެ ސުވާލުގެ ޖަވާބު ބޭނުންވާވަރު ހާމަވެގެން ދެއެވެ. ޒައިނާ ހުއްޓުމުން އަރޫޝާ ވެސް ހުއްޓިއްޖެއެވެ. އަރޫޝާ ފަހަތަށް ޖެހިލީ ލުއި ގޮތަކަށް ހިނިތުން ވެލަމުންނެވެ.

" އެ ކުއްޖާ ބޭނުންވިޔަސް، އަދި ނަދީމް ހޯދަން މި ރަށަށް އަޔަސް ދެން އަހަރެން ނަދީމް ދުލެއް ނުކުރާނަން. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން. އެކަކު ބޭނުންވީމަ އޭނައަށް ދޫކޮށްލާކަށް މިއީ ކުރެވޭ ވިޔަފާރިއެއް ވެސް ނޫން. ކުރެވޭ ކައިވެނިން ދެ މީހުންނަށް އެ ލިބޭ މަގާމު އެނގޭތަ؟" އަރޫޝާ ދެ އަތް އުރާލީ ހަމަޖެހިލަމުންނެވެ.

ޒައިނާގެ މޫނުމައްޗަށް ވެރިވަމުންދާ ހާސްވުން ފެނި އަރޫޝާއަށް ވަރަށް ރަނގަޅަށް އެއީ ކާކުކަން ދެނެގަނެވިއްޖެއެވެ. އެހެންވެ، އޭނާ ބޭނުންވީ ހިތުގައި ހުރި ހުރިހާ އެއްޗެއް ވަގުތުން ބޭރުކޮށްލާށެވެ.

" ކައިވެނީގެ ގުޅުމުގެ މާތްކަމުގެ ސަބަބުން ދެ މީހުންނަށް ވެސް ވަރަށް ގިނަ ކަންތައްތައް މަނާ ވޭ! އެހެންވެ، ނަދީމްގެ އަނތްބެއްގެ ގޮތުގައި އަހަރެން ހުރިހާ ހިނދަކު އޭނަ ހިލޭ އަންހެނެއްގެ ކައިރިއަކަށް ނުދާނެ. ތި ބުނާ ކުއްޖާ ނަދީމްގާތު ކިތަންމެ އާދޭހެއް ކުރިޔަސް އޭނަ އަހަރެން ވަރިއެއް ނުކުރާނެ. " އަރޫޝާ އެހެން ބުނުމާއެކު ޒައިނާ ތެޅިގަތެވެ.

" އެއީ؟ ކީއްވެ ވަރި ނުކުރަންވީ؟ ނަދީމްގެ ލޯބިވެރިޔާ ނަދީމް ގާތަށް އައީމަ އޭނައަށް އެ ފުރުސަތު ނުދޭންވީ ކީއްވެ؟ނަދީމް ވެސް އެ ކުއްޖާދެކެ އިންތިހާއަށް ލޯބިވޭ." ޒައިނާ ބުންޏެވެ.

އަރޫޝާ ދެކޮނޑު ހިއްލާލަމުން ހިނިތުންވެލިއެވެ.

" އޭނަ ވިސްނަނީ ހަމައެކަނި އެ އަންހެން ކުއްޖާއާ މެދަކު ނޫނޭ. އޭނަ ވިސްނާނެ އޭނަގެ ގަދަރަށް ވެސް. މައިންބަފައިންގެ ގަދަރާ އިއްޒަތަށް ވެސް. އާއިލާގެ އަގާމެދު ވެސް އޭނަ ވިސްނާނެ. އަދި އަހަންނަށް ދެވޭނެ ދެރައާމެދު ވެސް އޭނަ ވިސްނާނެ. އެހެންވީމަ އޭނަ ދުވަހަކު ވެސް އަހަރެން ދުލެއް ނުކުރާނެ. ޒައިނާއަކީ ނަދީމްގެ ވަރަށް ގާތް އެކުވެރިއެއްނު ދޯ؟ ނަދީމް އެންމެ ލޯބިވާ ކުއްޖާއަކީ ކާކުކަން ޒައިނާއަށް އެނގެންޏާ އަހަރެން މި ބުނާ ވާހަކަ އެ ކުއްޖާ ގާތު ބުނެދީފާނަންތަ؟" އަރޫޝާ ބުންޏެވެ.

ޒައިނާ ހުރީ އަނގައިން ބަހެއް ބުނުމެއް ނެތި އަރޫޝާގެ މޫނަށް ނުސީދާ ނަޒަރަކުން ބަލާށެވެ.

" ބުނެދީ މީހުންގެ ފިރިންގެ ފަހަތުން ދުވުމަކީ މޮޔަ ކަމެކޭ. އުމުރު ބޭކާރު ނުކޮށް ކޮންމެވެސް އެހެން ކަމަކާ ދިމާލަށް ދާށޭ ބުނޭ. ފިރެހެނުންނަކީ ވަރަށް ހުށިޔާރު ބައެއް. ފަހަރެއްގައި ނަދީމް އެ ކުއްޖާއަށް ޔަގީންކަމުގެ ސިގުނަލެއް ދީފާނެ. އެކަމަކު ނަދީމްއަކީ އޭނާގެ މައިންބަފައިންގެ ބަހަށް ދުވަހަކުވެސް ދެ ބަސް ވާނެ މީހެއް ނޫން. އެހެން ބުނެލަދީ." އަރޫޝާ ހިނިތުންވެލިއެވެ.

އަވަސް ނޭވާތަކެއް ބޭރު ކޮށްކޮށް ޒައިނާ ވަރުބަލި ވެއްޖެއެވެ. އޭނާއަށް ވުރެ ކުރިން އަރޫޝާ ގޮސް ފިހާރަތެރެއަށް ވަނީ ހެވިފައި ހުރެއެވެ. ދެ ލޯ މަރާ ފިއްތާލަމުން ޒައިނާ ވެސް ފިހާރައާ ދިމާލަށް ހިނގައިގަތީ އަތުގެ އިނގިލިތަކަށް ބާރުކޮށްލަމުންނެވެ.

ގެއަށް އައި ގޮތަށް ޒައިނާ ވަނީ ކޮޓަރިއަށެވެ. އަތުގައި އޮތް ކޮތަޅު މުށިތައް މައްޗަށް އުކާލުމަށްފަހު އެނދުގައި އޮތް ބެޑްޝީޓްވެސް ނަގައި އަތަށް އޮޅައިލެވުނީ އައި ރުޅިންނެވެ. އަރޫޝާ ދެއްކި ވާހަކަތައް މުޅި ކޮޓަރި ތެރޭގައި ގުގުމަމުން ދާ ކަހަލައެވެ. އަރޫޝާގެ ކުރިމަތީގައި އިސްޖަހާލަން ޖެހުމުން އޭނާ ވަރަށް ރުޅި ގަދަ ވެއްޖެއެވެ. އަދި ނަދީމްދެކެ ވެސް އިންތިހާއަށް ރުޅި އާދެވެން ފެށުނެވެ.

" ނަދީމް ޖެހޭނީ އަހަންނާ އިންނަން! އަހަންނާ އިންނަން ޖެހޭނީ! " ޒައިނާއަށް ބުނެވުނެވެ.

" ނަދީމްގެ މަންމައަށް އަހަރެން ހުރިހާ އެއްޗެއް ކިޔައިދޭނަން. އެކަން ކުރަން އޭނައަށް ނުކެރުނަސް އަހަންނަށް ކެރޭނެ! އަރޫޝާ ހީކުރީ އަހަރެންގެ ބޮލަށް އޮށްގާ ބަސްތާއެއް އޮއްސާލީމަ، ބިރުން އަހަރެން މިތަނުން ދާނެ ކަމަށްތަ؟ ތިއީ ހަމަ ކުށްހީއެއް. އަހަރެން ފަހަތަކަށް ނުޖެހޭނަން. އަހަރެން މި ތަނުން ދާނީ ނަދީމް ވެސް ގޮވައިގެން. އަދި އަރޫޝާ އޭނަގެ ހަޔާތުން ނެރެ އެއްލައިލާފަ!" ޒައިނާއަށް ވާހަކަ ދެއްކުނީ ދަތްތައް ފިއްތަމުންނެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)