2025 ވަނަ އަހަރަށް ލަފާކޮށް، ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ބަހުސް މިއަދުގެ ނިޔަލަށް ނިންމާނެކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ޢިއުލާންކޮށްފިއެވެ.
މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 50 ވަނަ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބަޖެޓް ބަހުސްގައި ބައިވެރިވާން ބޭނުންވާ މެންބަރުން މިއަދު 9:30 ގެ ކުރިން ބަހުސްގައި ބައިވެރިވުމަށް ފުރުސަތުދެއްވާފައެވެ.
މާލީ ވުޒާރާއިން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހަށް ބަޖެޓް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
މި ބަޖެޓްގައި އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މީގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އަދަދެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ.
މި ބަޖެޓްގައި ވަނީ ދައުލަތުގެ ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ލަފާކޮށްފައެވެ.
ބަޖެޓް ބަހުސް ފަށާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!