" އޭ! ވެދާނެ އާސިފް އަރޫއަށް އުނދަގުލެއް ކުރީކަމަށް ވެސް. މަ ބުނިން އާސިފްގެ އުނދަގުލެއް ވިއްޔާ ބުނައްޗޭ. " ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް ދާއިން ބުންޏެވެ.
" އާސިފް ރޫމުން ތެޔޮ ފެނިގެން އޭނަ ގެންގޮއްސި. އޭނަ ކަނޑާލާނެ އެއްނު ދެން. ހަމަ ދެންމެ މަ ކައިރީ މަންމަ ބުނީ. ތި ވާނީ އެ ވާހަކަ ބުނަން ކަމަށް އަރޫ އެ ގުޅަނީ. " އާބިދު އަވަސް އަވަހަށް ބުނެލިއެވެ.
" ދެން އޭނަ ކީއްވެ ބްލޮކް ކޮއްލަންވީ؟ އާބިދު މަށަށް ގުޅައިދީބަލަ." ދާއިން ބުނެލީ އާދޭހުގެ ރާގަކަށެވެ.
" ތިހާ ކެތްމަދުވެގެން ނޫޅެބަލަ. ތިހެން އުޅެންޏާ އަންހެން ކުދިން ފޮނިބޮޑު ވާނެ. ބަލައްޗޭ އޭނަ ގުޅާނެ މިރޭ. " އާބިދު ޔަގީންކަމާއެކު ބުންޏެވެ.
އާބިދުގެ ހިޔާލުތަކަށް އަބަދުވެސް ދާއިން ތާއީދު ކުރެއެވެ. އެހެންވެ ދާއިން ވެސް ބޭނުންވީ އަރޫޝާގެ އިތުރު ކޯލަކަށް އިންތިޒާރު ކުރުމަށެވެ.
" މަންމަމެންނަށް ހަމަ ނުގުޅާނަންތަ؟" އަނެއްކާވެސް ވާހަކަ ދެއްކީ އާބިދެވެ.
" ހޫމް. އެ މީހުންވެސް މަށަކަށް ނުގުޅާ. އަހަރެން މި ހުރީ ވަޒީފާ ލިބުނިއްޔާ އެ ވާހަކަ ބުނަން ގުޅަން ވެގެން. އަދިވެސް ލާރި ލިބޭ ކަމެއް ނުކުރެޔޭ ކިޔާފަ އެހެން ނޫނީ އެއްޗެހި ގޮވާނެ. " ދާއިން ބުންޏެވެ.
އާބިދުއަށް ވެސް ކަމުދިޔައީ އެ ގޮތެވެ.
" ވަޒީފާ ލިބުނިއްޔާ އަރޫއަށް ވަގުތުން ޕްރޮޕޯސް ވެސް ކުރާނަން. " ދާއިން ބުންޏެވެ.
ކޮފީތަށި ހުސްކޮށްލުމަށްފަހު އާބިދު ބާރަށް ހީގަތެވެ.
" އެއްބަސް ނުވާން އުޅުނަސް މިހާރު ޔަގީން ވެއްޖެދޯ އަރޫދެކެ ލޯބިވާކަން." އާބިދު ބުންޏެވެ.
" އާނ. މަ ވަރަށް ލައިކްވޭ އަރޫއާ. ވަރަށް ނައިސް ކުއްޖެއް." އަރޫޝާގެ ސޫރަ ދާއިންއަށް ފެނުނު ކަހަލައެވެ. ދާއިން ހެވިފައި އިން ގޮތުން އާބިދު އަނގަޔަށް ވައްތަރެއް ޖައްސާލީ ދިމާ ކޮށްލާށެވެ.
ދުވަސްތައް މަޑުމަޑުން ފާއިތުވަމުން ދެއެވެ. މަދީހާއާއި ރިޒާ އަވަދިނެތި އުޅެނީ ކައިވެނީގެ ކަންތައްތަައް ނިންމާށެވެ. އޮފީހުން ގެއަށް އައިސް އަރޫޝާ ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. ނަދީމްއާ ބައްދަލްވެ، ވާހަކަ ދައްކާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ހިތާމައިގެ ކަނޑަކަށް ޖަވާޒީ ހަޔާތް ޣަރަގު ކޮށްލަން މި ޖެހެނީ ހުރިހާ ކަމެއް އެނގި ހުރެޔޭ އޭނާގެ ހިތަށް އަރައެވެ.
ރިޒާ ހުރީ މަސްކޮށާށެވެ. އޭނާއާ ދާދި ގާތުގައި މަދީހާވެސް ހުއްޓެވެ. ދިހަ ވަރަކަށް ކަންނެލި އޭރު ވެސް ނުކެނޑި އޮތެވެ.
" ދަރިފުޅާ އަރޫޝާ. މަސްތައް އަޅަން ކޮތަޅު ބޮނޑި ހިފައިގެން ނިކުމެބަލަ." މަދީހާ ބާރަށް ގޮވާލިއެވެ.
އޭރު އަރޫޝާ ހުރީ ބަދިގެ ބައިގައެވެ.
ކުއްލިއަކަށް ދުފާދަޅުގައި އޮތް ރިޒާގެ ފޯނު ރިންގުވާ އަޑު އިވިއްޖެއެވެ.
" މަދީހާ ދޭ އެ ފޯނު ބަލައި. " ރިޒާ ބުންޏެވެ.
" ދާއިން." ފޯނު ބަލައިލުމަށްފަހު މަދީހާ ބާރުބާރަށް ބުންޏެވެ.
" ހޫމް. ތި ނުކެނޑެނީސް ދެން ވެސް ނަގާބަލަ. ސްޕީކަރަަށް ލައިގެން އާދޭ. މަށަކަށް މި ވަގުތު ފޯނަކު އަތެއް ނުލެވޭނެ. " ރިޒާ ގޮވާލިއެވެ.
އޭރު ގޭތެރެއިން ނިކުމެގެން އައިސް އަރޫޝާ ވެސް އެ ހިސާބަށް އަރާ ހަމަވަނީއެވެ.
" ހާދަ ދުވަހެއް ކޮށްފައޭ ދަރިފުޅު ބައްޕަމެން މަތިން ތި ހަނދާންވީ." ފުރަތަމަ ވެސް ވާހަކަ ދެއްކީ ރިޒާއެވެ.
ރިޒާ އެހެން ބުނުމާއެކު އަރޫޝާގެ މެޔަށް ފިނިވެގެން ދިޔައެވެ. ގުޅީ ދާއިންކަން އޭނާއަށް ޔަގީން ކުރެވުނެވެ.
" ވަޒީފާއެއް ނުލިބެނީސް ނުގުޅަން ވެގެން ހުރީ. މާލެ ކައިރި ރިސޯޓަކުން ވަޒީފާއެއް ލިބިއްޖެ. މާދަމާ ރިސޯޓަށް ދާން ވެސް އަންގައިފި." ދާއިން ބުނެލީ އުފާވެރި ރާގެއްގައެވެ.
" އެހެންތަ ބައްޕަ ހާދަ އުފާވެއްޖެޔޭ. " ރިޒާ ބުންޏެވެ.
" ކޮބާ މަންމަ؟" ދާއިން ސުވާލު ކުރިއެވެ.
" މަންމަ ވެސް މިތާ އަޑު އިވޭ ހިސާބުގައި އެބަހުރި. މިދުވަސްވަރު މި އުޅެނީ ވަރަށް ބުރަކޮށޭ. ނަދީމްބެގެ ކައިވެނި ސައި ތައްޔާރު ކުރަން ވެގެން. " ރިޒާ ހެމުން ހެމުން ބުންޏެވެ.
މަދީހާ ވެސް ހުރީ ވަރަށް ބޮޑަށް ހެވިފައެވެ.
ތަންކޮޅެއް ދުރުގައި ހުއްޓި ހުރި އަރޫޝާގެ ނޭވާ އަވަސް ވަމުން ދިޔައީ ދާއިން ބުނާނެ އެއްޗެއް ނޭނގޭތީއެވެ.
" ނަދީމްބެ ކައިވެންޏޭ؟ ނަދީމްބެ ކައިވެނި ކުރަނީތަ؟ ކާކާ؟" ދާއިން ބުނެލީ ހައިރާންވެ ހުރެއެވެ.
އެ ވަގުތު ރިޒާއާއި މަދީހާއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ފަހަތުގައި އަރޫޝާ ހުރިކަން އެނގޭތީ އެ މީހުން ވާހަކަ ދެއްކީ ވަރަށް ހަމަޖެހިގެން ތިބެއެވެ.
" އަރޫޝާއާ. " ރިޒާ ބުނެލިއެވެ.
" އޭނ؟ އަރޫޝާއޭ.. އަރޫޝާއޭ؟" ދެ ވަނަ ފަހަރަށް ދާއިންއަށް އަހައިލެވުނީ ނުހަނު ލަސްލަހުން އަދި އެހާމެ މަޑުމަޑުންނެވެ.
" އާނ. މާދަމާ ކައިވެނި ކުރަނީ. މަންމަ ކައިރި މިއަދު ވެސް ބުނީމޭ ދާއިންއަށް ގުޅަން ވާނެޔޭ. އެކަމަކު ދެން ނުވެސް އާދެވޭނެތާ!" ރިޒާ ބުންޏެވެ.
" ކުރިން ބުނިނަމަ ދިޔައީމުސް. އެކަމަކު ދެން ދިޔުމުގެ އެއްވެސް ބޭނުމެއް ނެތެއްނު. ބައްޕާ މި ވަގުތު ފޯނެއް އެބަ އާދޭ. ބާއްވަނީ މި." ދާއިން އެހެން ބުނެ ފޯނު ކަނޑާލިއެވެ.
އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަދި އެއަށްވުރެ ބޮޑަށް އޭނާގެ ހިތަށް އުނދަގޫވާން ފެށިއެވެ.
ހަމަ އެވަގުތެވެ. ފޯނު ރިންގުވާން ފެށުމާއެކު އޭނާ ދިޔައީ ސިހިގެންނެވެ. ސްކްރީނަށް ބަލައިލެވުނު ވަގުތު އިތުރަށް ހިތް ތެޅިގަތެވެ. ގުޅަނީ އަރޫޝާއެވެ.
ފޯނަށް ޖަވާބު ދިން ނަމަވެސް ބުނާނެ އެއްޗެއް ދާއިންއަކަށް ނޭނގުނެވެ. އަރޫޝާގެ ހާލަކީ ވެސް ހަމަ އެފަދައެވެ. އެ ގޮތުގައި ވަގުތު ކޮޅެއް ހޭދަ ވެއްޖެއެވެ.
އެނދުގައި އިށީނދެލަމުން ދާއިން މާޔޫސީ ރާގަކަށް އަރޫޝާއަށް ގޮވާލިއެވެ. އަރޫޝާ ހޫމް އަޅުވާލި ވަގުތު ދާއިންއަށް ދެ ލޯ މަރާލެވުނެވެ.
" މިސްވަންޏާ ގުޅާނަމޭ ކިޔާފަ ދިޔަ ގޮތަށް އެއްވެސް ހަބަރެއް ނުވި." އަރޫޝާ ބުނެލީ އަސަރާއެކުއެވެ.
" އެހެންވެތަ އަހަރެންގެ ބޭބެއާ ތި ކައިވެނި ކުރަނީ؟" ދާއިންއަށް ބުނެވުނީ ހިތްހަމަ ނުޖެހޭ ގޮތަކަށެވެ.
" އަހަރެން ހީކުރީ..." އަރޫޝާ ވާހަކަ ދައްކަން ފެށިއެވެ.
" މަންމަމެން ގޮތަށް އަރޫ ވެސް ހީކުރީ އަހަރެން މާލޭގައި އެނބުރެނީ ކަމަށްތަ؟ ނޫނީ ތެޅެނީ ކަމަށްތަ؟ ހަރުދަނާ، ޒިންމާދާރު، ކިޔަވައިގެން ހުރި މީހަކު އިންނަން އެހީމަ ކާކު ދޯ އަހަރެން ކަހަލަ މީހަކު މަތިން ހަނދާންވާނީ؟ އަރޫ ވެސް މިސްވެގެން އަހަންނަކަށް ނުގުޅަމެއްނު." ދާއިން ބުންޏެވެ.
އެ ވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ އަރޫޝާގެ ގިސްލުމުގެ އަޑެވެ. އޭނާ ރޯކަން އެނގުމުން ދާއިންގެ ހިތަށް އާދަޔާ ހިލާފަށް އުނދަގޫވާން ފެށިއެވެ.
" އޭ! ނުރޮއިބަލަ. ޕްލީޒް... އަރޫ..." ދާއިން ކަންބޮޑު ވެއްޖެއެވެ.
" އެންމެފަހުން... އެންމެ ފަހުން ގޯސް މިވީ އަހަރެން ދޯ؟ އަހަރެން ހުރީ ދާއިން ގުޅާނެ ކަމަށް. ދާއިންގެ ކޯލެއްގެ އިންތިޒާރުގައި. ދާއިން ނުގުޅީމަ އަހަންނަށް ވިސްނުނީ ދާއިންއަށް އަހަރެން މުހިއްމު ނުވީ ކަމަށް. އަދި ވެސް ބުނަންތަ؟މި ކައިވެންޏަށް އެދުނީ ދާއިންގެ މަންމަ. ކޮންމެހެން ނަދީމްވެސް ބޭނުންވެގެންނެއް ނޫނޭ އެއްބަސްވީ. " އަރޫޝާ ކިޔައިދިނެވެ.
" ކައިވެންޏަށް އެދުނަސް އަރޫ ކީއްކުރަން އެއްބަސްވީ؟" ދާއިންއަށް ބުނެވުނީ އަވަސް އަވަހަށެވެ.
" ކީއްވެތަ އަހަރެން އެއްބަސް ނުވާންވީ؟" އަރޫޝާގެ އަޑު ބާރުވިއެވެ.
ބުނަން ބޭނުންވި ޖުމްލަ ބުނާނެ ހިތްވަރެއް ދާއިންއަކަށް ނުލިބުނެވެ. އެހެންވެ އެއްޗެއް ނުބުނެ އޭނާއަށް ހުރެވުނީއެވެ.
" ބުނެބަލަ ދާއިން. އަހަރެން ދެކޮޅު ހަދަންވީ ސަބަބެއް ބުނެބަލަ! މިއަދު އަހަރެންގެ މައިންބަފައިންގެ ގޮތުގައި އެ ތިބި ދެ މީހުން ބުނެފިއްޔާ އަހަންނަކަށް ދެކޮޅެއް ނެހެދޭނެ އެއްނު. " އަރޫޝާ ބުންޏެވެ.
" ތިހާ ބޮޑު ކަންތައްގަނޑެއް ހިނގި އިރު ކީއްވެ އަހަރެން ގާތު ނުބުނީ؟ އެވަރު ކަމެއް ވީމަ ޖެހޭނެ ދޯ އަރޫ ގުޅަން." ދާއިންއަށް ވާހަކަ ދެއްކުނީ ދަތްތަކަށް ބާރުކޮށްލަމުނެވެ.
" ކިހާވަރަކަށް އަހަރެން ގުޅިން..؟" އަރޫޝާ ބުނެލީ ވަރުބަލިކަމާއެކުއެވެ.
" އަހަރެން އިންޓަވިއުގައި އިނީ. ފަހުން ގުޅުން. އަރޫ ބްލޮކް ކޮށްލީ. ލިޔުނު އެއްވެސް މެސެޖެއްވެސް ނުދޭ. ދެން ހިތަށް އެރި އަރޫ ގޮތްދޫ ނުކޮށް ހުރިއްޔާ އަހަރެން ވެސް ހުންނާނިއްޔޭ. އަސްލު ހިއެއް ނުކުރަން މިހެން ވެދާނެ ކަމަކަށް. އަހަރެން ތަޅުވަނީ ކަމަށް ހީކޮށް އަހަންނަށް ވެސް ހަމަ ހުރެވުނީ. " ދާއިން ބުންޏެވެ.
" އަހަރެން ގާތު ކައިވެންޏަށް ދެކޮޅު ހަދަން ތި ކިޔަނީ ކީއްވެ؟ " ޖަވާބު ބޭނުންވެފައި ހުރި ވަރުން އަރޫޝާ އަނެއްކާވެސް ކުރިން ކުރި ސުވާލު ކުރިއެވެ.
މިހާރު އެ ސުވާލަށް ޖަވާބު ދޭކަށް ދާއިން ބޭނުމެއް ނުވެއެވެ. އޭނާއަށް ހިނިތުންވެލެވުނީ އަމިއްލަ ނަފްސަށް މަލާމާތްކުރާ ފަދަ ގޮތަކަށެވެ.
" ތި ސުވާލުގެ ޖަވާބު އަރޫއަށް އެނގޭތީ އަރޫއަށް ތި ރޮވެނީ؟ ސަބަބު އެނގޭތީ އަރޫ ތި ދެރަވަނީ. ދެން ބުނެބަލަ! އަހަރެން މި ބުނީ ދޮގެއްތަ؟ އަހަރެންގެ ހިތުގައި އަރޫއަށްޓަކައި އޮތީ ކޯއްޗެއް ކަން އަރޫއަކަށް އިހުސާސެއް ނުވޭތަ؟ " ކުރަކިވެފައިވާ އަޑަކުން ދާއިން ވާހަކަ ދެއްކިއެވެ.
އަރޫޝާ އިނީ އެއް އަތުން ތުންފަތުގައި އަތްޖައްސާލައިގެން އަލަމާރީގައި ލައްވެލައިގެންނެވެ. ބައެއް ފަހަރު އަޑު ފަޅައިގެން ގޮސް ރޮވި ދާނެޔޭ ވެސް އޭނާއަށް ހީވެއެވެ.
" ލޯބިވިޔަސް... ވަގުތު ފާއިތުވެއްޖެ." އެހެން އިނދެ ދެ ކަކުލުގައި ބޯ ޖަހަމުން އަރޫޝާ ބުނެލިއެވެ.
" ނުބުނެ ހުރީ އިހްސާސް ވާކަމަށް ހީކޮށް. އެނގޭ ކަމަށް ހީކޮށް." އެހެން ބުނަމުން އެނދު ހުރަހަށް ދާއިން އޮށޯވެލިއެވެ.
" އިހްސާސްވި. އެނގެން ވެސް އެނގުނު. އެކަމަކު... ފާޅުކުރަން ދެން މަޑުކުރެވުނީ. ފަހުން ހީކުރީ އެ އިހުސާސަކީ ކުށްހީ އެއްކަމަށް." ރޮމުން ރޮމުން އަރޫޝާ ބުންޏެވެ.
ދާއިންއަށް ވެސް ދެވުނީ ހަމަ އެފަދަ ޖަވާބެކެވެ.
" ތިއީ އަހަންނަށްވެސް ވީ ގޮތް. އަހަންނަށް އަރޫ ނުގުޅާތީވެ، އުނދަގޫ ކުރަން ނުކެރުނީ. ފަހުން ހިތަށް އެރި ލޯބިވާ ވާހަކަ ބުނެފައި މާލެ އާދެވުނު ނަމައޭ. " ދާއިން ބުންޏެވެ.
" އެކަމަކު ދާއިންއެއްނު ބުނީ ގުޅާނަމޭ. އަހަރެން ލަދު ގަންނާނެދޯ ދާއިންއަށް އިސްވެ ގުޅަން. ލޯބީގެ އެއްވެސް ވާހަކައެއް ނުވެސް ދައްކަމެއްނު. ދެން އަހަންނަށް ކިހިނެއް ކެރޭނީ ގުޅަން؟ ދާއިން ހަމަ އަހަރެން ކުއްވެރިކުރަނީ. ދާއިންއަށް ވުރެ ބޮޑަށް އަހަރެން ދާއިންދެކެ ލޯބިވަމޭ." އަރޫޝާއަށް ވާހަކަ ދެއްކުނީ އެއްޗެހިކިޔާ ކަހަލަ ގޮތަކަށެވެ.
އެ ވަގުތު ދާއިންއަށް ލޯބި ގޮތަކަށް ހިނިތުން ވެވުނެވެ.
" އަދި އެއްފަހަރު ތިހެން ބުނެބަލަ؟" ލޯތްބާއެކު ދާއިން އަހާލިއެވެ.
" ކޮންހެން؟" ދެ ލޮލުން ފައިބަމުންދާ ކަރުނަތައް ފުހެލަމުން އަރޫޝާ އެހިއެވެ.
" ދެންމެ ތި ބުނީނު. ދެންމެ އެންމެ ފަހުން ތި ބުނި ޖުމްލަ ބުނެލަބަލަ. " ދާއިން އެހެން ބުނުމާއެކު އަރޫޝާ ލަދުގަނެއްޖެއެވެ.
އެއްޗެއް ނުބުނެ އޭނާ އިނީއެވެ. އެ ވަގުތު އަނެއްކާވެސް ދާއިން ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން ގުޅަންތަ ބޭބެއަށް. އަހަރެން އަރޫއާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނަންތަ؟ " ދާއިން ބުންޏެވެ.
އެ ވަގުތު އަރޫޝާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ.
" ދާއިން. ތިއީ އަހަރެން އެންމެ ބޭނުންވާ ގޮތް. އެކަމަކު... އެކަމަކު... މާދަމާ ހެނދުނު އަށެއް ޖަހާއިރު ކައިވެނި ކުރަން ދާންޖެހޭ. ކައިރި ރަށްރަށުގައި ތިބި މަންމަމެންގެ ގާތް ރައްޓެހިން މި ރަށަށް އައިސް ތިބީ. ބޮޑު ޕާޓީއެއް ބާއްވަން ތަން ވެސް ތައްޔާރު ކުރަނީ. ބައްޕަމެން ވަރަށް ސާމާނު ވެސް ގަނެފި. ދެން ބުނެބަލަ! ދާއިންއަށް ކެރޭނެތަ މި ކައިވެނި ހުއްޓުވަން؟ " އަރޫޝާ ވާހަކަ ދައްކަމުން ދިޔައިރު އޭނާ ވަރުބަލިވެފައިވާ މިންވަރު ދާއިންއަށް އިހުސާސް ކުރެވުނެވެ.
ބުނާނެ އެއްޗެއް ދާއިންއަކަށް ނޭނގުނެވެ. އޭނާއަށް ހެދޭނެ ގޮތެއް ނެތްކަން ހުދު އޭނާއަށް ވެސް އެނގެއެވެ.
" ދެން ރަނގަޅުވާނީ އަހަރެމެން ދެ މީހުން ވާހަކަ ނުދެއްކިއްޔާ. ދެ ހިތެއްގައި އުފެދުނު ލޯތްބެއް، އިތުރަށް އާލާ ކުރެވޭނީ ދެ މީހުން ގުޅުން ބޭއްވިއްޔާ އެއްނު. ލޯބިވާކަން ހާމަ މި ކުރެވުނީ ބީވެ ދިޔަފަހުން." އަރޫޝާ ބުންޏެވެ.
" އަރޫ! އަހަރެން ދެން ދުވަހަކު ވެސް އަރޫގެ ކުރިމައްޗަކަށް ނުދާނަން. ދުވަހަކު ވެސް އަރޫ ފެންނާކަށް ބޭނުމެއް ނޫން. ހަޔާތުގައި އަލަށް ކުއްޖަކުދެކެ މި ލޯބިވީ. އަދި އެ ވެސް އިންތިހާއަށް. ހަނދާން ނައްތާ ނުލެވޭ ވަރަށް. " ދާއިން ބުންޏެވެ.
އެ ވަގުތު އަރޫޝާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.
" ދެން އޯކޭ ބްލޮކް ކޮށްލާ! ދެން ވާހަކަ ދެއްކުމުގެ މާނައެއް ނެތް. " ދާއިން ބުންޏެވެ.
ވަގުތުން އަރޫޝާ ފޯނު ކަނޑާލިއެވެ. އަދި ދެ އަތުން މޫނުގައި އަތް އަޅައިގެން އިނދެ އޭނާ ބާރަށް ރޯން ފެށިއެވެ.
އާބިދުއާ ހުރިހާ ވާހަކައެއް ހިއްސާ ކުރެވުމާއެކު ދާއިންއަށް އާބިދުގެ ކޮނޑުގައި ބޯ ޖައްސާލެވުނެވެ. އޭރު އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ދެ ލޮލުން ފެންތައް ފައިބަން ފަށައިފިއެވެ. އޭނާގެ ހުރިހާ ވެސް މީހަކީ އާބިދުއޭ އަބަދުވެސް ބުނާތީ، އާބިދަށް ވެސް ދާއިންއާމެދު ދެކެވެނީ އާއިލާގެ މެންބަރެއްގެ ގޮތުގައެވެ.
ދާއިންގެ ހާލަތު ފެނި އާބިދު އިންތިހާއަށް ދެރަވެއްޖެއެވެ. މި ވަގުތު ކޮންމެ ވާހަކައެއް ދެއްކިޔަސް ދާއިން އަޑު ނާހާނެކަން އާބިދުއަށް އެނގެއެވެ. އެހެންވެ، އޭނާ ބޭނުންވީ ދާއިން ހަމައަކަށް އެޅެންދެން އެއްވެސް ހިޔާލެއް ނުދީ މަޑުކުރާށެވެ.
" ކިހިނެއް އަހަރެން ހަދާނީ؟" ދާއިން އެހިއެވެ.
ދާއިން އާބިދާ ދުރަށް ޖެހިލުމަށްފަހު އިސްޖަހާލިއެވެ.
" ރަށަށް ގޮސް އެ ކައިވެނި ހުއްޓުވަން ވީތަ؟" އަނެއްކާ ވެސް ދާއިން ސުވާލު ކުރިއެވެ.
ފުން ވިސްނުމެއްގައި އިން އާބިދު ސިހިފައި ދެ ފަރާތަށް ބޯ ހޫރާލިއެވެ.
" މާ ލަސްވެއްޖެ. ވީ ކަމެއް ވެ ދިޔައީއޭ ހިތާ ދާއިން ވިސްނަންވީ ދާއިންގެ ކުރިމަގަށް. އަނެއްކޮޅުން އަރޫ ކައިވެނި ކުރަން އުޅެނީ ދާއިންގެ ބޭބެއާ. ވީއިރު ބޮޑު ފައިޓަކަށް ދާނެ ކަމެއް ނެތް. މިއީ އަހަރެންގެ ހިޔާލު. " އާބިދު ބުންޏެވެ.
ވަކި އެއްޗެކޭ ނުބުނެ ދާއިން ދުރު ބަލަހައްޓައިގެން އިނެވެ.
ރޭ ދިގުވެ، އަރޫޝާގެ ހިތުގައި ދާއިންގެ ހަނދާންތައް އާވަމުން ދިޔައެވެ. ފަތިސްނަމާދު ބަންގި ގޮވި އިރު ވެސް އަރޫޝާ އިނީ ޖޯލިފަތީގައެވެ. އޭނާއަށް ހީވަނީ ދާއިން ވާހަކަ ދައްކާ އަޑު އިވޭހެންނެވެ. ކުރިމަތިން ދާއިންގެ ސޫރަ ފެންނަހެން ވެސް ހީވެއެވެ. އޭނާގެ ގައިން ދުވާ މީރު ސެންޓުގެ ވަސް އަދިވެސް ހީވަނީ ނޭފަތުގައި ހަރުލައިފައި ހުރި ހެންނެވެ.
ކޮޓަރިއަށް ވަތް އިރު އަރޫޝާގެ ލޮލަށް ބަރުވަމުން ދަނީ ނިދީގެ އަސަރުތަކެވެ. ނަމަވެސް ކުރިއަށް އޮތް ދެ ތިން ގަޑިއިރުގެ ތެރޭގައި ނަދީމްގެ މިލްކަކަށް އޭނާ ވާނެކަން ހަނދާންވުމުން، ނިދި ފިލާ ގޮއްސިއެވެ. ހިތަށް ވެރިވަމުންދާ ނުތަނަވަސްކަމާއި އުނދަގޫތަކުން މިންޖުވާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ.
ވަޒީފާގެ ފުރަތަމަ ދުވަހަކީ ދާއިންއަށް އުފާވެރި ދުވަހަކަށް ނުވިއެވެ. އޭނާގެ މޫނު ވަނީ މިލާ މޯޅިވެފައެވެ. ފިކުރު ކުރި ވަރަކަށް ސިކުނޑި ވެސް އުދާސްވަމުން ދާ ކަހަލައެވެ.
ހުދުކުލައިގެ އަތްދިގު ގަމީހަކާއި ކުކުޅުބިސް ކުލައިގެ ފަޓްލޫނެއް ލައިގެން ދާއިން ހުންނަ އިރު ވަރަށް ފިރެހެންވަންތައެވެ. ތުނބުޅިއާއި މަތިމަސް އެއްކޮށް ބާލަން ޖެހުމުން ހުދު ދާއިން ވެސް ލަދުގަތެވެ. އޭނާގެ ފަންފަން ވަރުގަދަ އިސްތަށިގަނޑުން ބޮޑު ބައެއް ކޮށާލުމުން އޭނާގެ ސިފައަށްވެސް ހުރީ ބޮޑު ބަދަލެއް އައިސްފައެވެ.
ދާއިން މަސައްކަތް ކުރަން ޖެހުނީ ފްރޮންޓް އޮފީހުގައެވެ. ޕްރޮބޭޝަންގެ މުއްދަތުގައި އޭނާގެ ސުޕަވައިޒަރަކަށް ހުރީ ރިސޯޓުގެ ސީނިއާ މުވައްޒަފެކެވެ. އޭނާގެ ރީތިކަމަކީ ޖާދުވީ އަޖައިބެކެވެ. އޭނާ ފެންނަ ކޮންމެ މީހެއްގެ ލޮލުގައި ވެސް އަޅައިގަންނާނީ އެ ރީތި ކަޅިރަވައާއި ބޮޑު ދެ ލޮލެވެ. މޭކަޕްކޮށް އަނދުން އަޅާފައި ހުންނަ އިރު އެ ދެ ލޮލުގެ ފުރިހަމަކަން އިތުރަށް ހާމަވެއެވެ. ހިއްސުތައް ސަލާމަތުން ހުރި ކޮންމެ ފިރެހެނަކުވެސް އޭނާގެ ބަލައިލުމަށް ދަހިވެތި ކުރުވާނޭކަން ގައިމެވެ.
" ތެދެއްތަ؟ ދާއިންގެ ސުޕަވައިޒަރަކީ އަފާތަ؟" ޖައިލަމް ސުވާލު ކުރިއެވެ.
ޖައިލަމްއަކީ ދާއިންއާ އެއް ކޮޓަރިއެއްގައި އުޅޭ ކުއްޖެކެވެ. ދެ މީހުން ސައިބޯން ދިޔައީ އެކުގައެވެ. ފުރަތަމަ ދުވަސްކަމުން ޖައިލަމްގެ ފަރާތުން ދާއިންއަށް ވަރަށް އެހީތެރިކަން ލިބެމުން ދިޔައެވެ.
" އަފާ އޭ؟އެއީ ކާކު؟ މަށެއް ނުބަލަން ނަމެއް ވެސް " ދާއިންއަށް ބުނެވުނީ ޝައުގުވެރިކަމެއް ނެތިއެވެ.
" ހޫމް... އެހެރަ ވަނީނު ސަޔަށް. " ދުރަށް ނިތް އެއްލަމުން ޖައިލަމް ބުންޏެވެ.
މާ ނޫން ގޮތަކަށް ދާއިން ފަހަތް ބަލައިލުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ރީތި، ޒުވާން ޖިންސުއްލަތީފެކެވެ. އަފާ ލައިގެން ހުރީ އަތް ދިގު ހުދު ކުރުތާއަކާއި ފިއްތާފައި ހުރި ދިގު، ސްކާޓެކެވެ. އެ ޔުނީފޯމުގައި އޭނާ ހުންނައިރު ވަރަށް ވެސް ހިތްގައިމެވެ.
ހިމަތޮޅި އެ ހަށިގަނޑާއި އެ ޔުނީފޯމް އެހާމެ ގުޅެއެވެ. ބޮލުގެ ފަން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި ހުރުމުން އޭނާގެ ހިމަ،ދިގު ކަނދުރާ ހާމައަށް އޮތީ ފެންނާށެވެ.
" ރީތި ދޯ؟" ޖައިލަމް ބުންޏެވެ.
ދާއިންއަށް ޗޮކެއް ކަނޑައިލެވުނެވެ.
" މީހާގެ ރީތިކަން ބޭރު ފުށުން ވަޒަން ކުރަންޏާ ހައްހަތާވެސް ފެންނާނީ ރީތި މީހުން. " އެހެން ބުނެ، ދާއިން ތެދުވިއެވެ.
ކަޅުކުލައިގެ ވައްތިރި ހެދުމެއް ލައިގެން އިސްތަށިގަނޑުގައި ފުނާ ހާކާލަ، ހާކާލާ އަރޫޝާ އިނީ އެނދުމަތީގައެވެ. އޭރު ވެސް އޭނާގެ ދެ ލޮލަށް ދިޔައީ ކަރުނަ ޖަމާ ވަމުންނެވެ. އަށެއް ޖަހަން އޭރު ބައިގަޑި އިރަށް ވެއްޖެއެވެ. އަދިވެސް އަރޫޝާގެ ކަންފަތުގައި ގުގުމަމުން ދަނީ ދާއިން ދެއްކި ވާހަކަތަކެވެ.
" ދަރިފުޅާ." ސިހިފައި އަރޫޝާ އަތުން ފުނާ ދޫވީ މަދީހާގެ އަޑަށެވެ.
ލޯ ފުހެލުމަށްފަހު އަރޫޝާ ގޮސް ދޮރު ހުޅުވިއެވެ.
" އަވަހަށް ހިނގާ! މިހާރު މާ ލަސްވެއްޖެޔޭ. ނަދީމް ވެސް ނިކުމެއްޖެ. " މަދީހާ އެހެން ބުނުމާއެކު އަރޫޝާގެ މޭ ފިނިވެގެން ދިޔައެވެ.
" އަދި ފުނާ ވެސް ނާޅަމެއްނު. " މަދީހާ ބުންޏެވެ.
އަރޫޝާގެ އިސްތަށިގަނޑަށް ބަލައިލަމުން އޭނާ އެތެރެއަށް ވަނީ އަރޫޝާ ތައްޔާރު ކުރާށެވެ.
އިރުކޮޅެއްގެ ތެރޭގައި އަރޫޝާގެ އަތުގައި ހިފައިގެން މަދީހާ އައިސް މޭޒު ކައިރީ ހުއްޓުނެވެ. އޭރު ނަދީމް ވެސް އިނީ ޖެހި ބުދެއް ފަދައިންނެވެ. ހަރަކާތް ހުއްޓިފައި ހުރި އަރޫޝާ، މަޑުމަޑުން ނަދީމްގެ ކައިރީ ހުރި ގޮނޑީގައި އިށީނެވެ.
ރިޒާއާއި މަދީހާގެ މޫނުމަތިން އުޖާލާކަން ފާޅުވަމުން ދިޔަ ނަމަވެސް ކައިވެނި ކުރެވިގެން ދިޔަ ވަގުތަކީ އަރޫޝާއާއި ނަދީމަށް އުފާވެރި ވަގުތަކަށް ނުވިއެވެ. އެ ދެ މީހުންގެ ލޮލުން ވެސް ބަބުޅަކީ ހިތާމައިގެ ކަރުނައިގެ ވިދުމެވެ. ހިތާމައިން ފޯވެފައިވާ ވަރުބަލިކަމެވެ. އަދި ހިތްދަތި ކަމާއި ވޭނީ ޖަޒްބާތުގެ އަސަރުތަކެވެ.
ކައިވެނީގެ ހަފްލާ އޮތީ މިރެއެވެ. ކެއްކުމަށްޓަކައި ގިނަ ބަޔަކު އެ ގެއަށް ޖަމާވަމުން ދިޔައެވެ. ސަކަރާތާއި މަޖަލުގެ އަޑުން މުޅި ސަރަހައްދު ގުގުމަމުން ދެއެވެ. ނަމަވެސް އަރޫޝާއާއި ނަދީމް ތިބީ ހިމޭން ވެފައެވެ. އަރޫޝާ އިނީ އޭނާގެ ކޮޓަރީގައެވެ. ދާއިންގެ ހަނދާންތަކަށް ގެއްލިފައި އިން ވަރުން އޭނާއަށް ނަދީމް އައިކަމެއް ވެސް ނޭނގުނެވެ.
" އަހަރެން މާލެ ދާން ޖެހިއްޖެ. " ނަދީމް ބުންޏެވެ.
ކުއްލިއަކަށް ނަދީމްގެ އަޑު އިވުމާއެކު އަރޫޝާއަށް ތެދުވެވުނެވެ. އެ ވަގުތު ދެ މީހުންގެ ހަތަރުކަޅި ބައްދަލްވެ ތޫނު ނަޒަރަކުން ބަލަން ފެށުނެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!