ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.
2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ސަޕްލިމެންޓަރީ ބަޖެޓު، ބަޖެޓު ދިރާސާ ކުރާ ކޮމެޓީން އިއްޔެ ފާސްކޮށްފައިވާއިރު، މިއަދުގެ މަޖިލިސްގެ ޖަލްސާގައި ވަނީ މި ބަޖެޓަށް ވޯޓަށް އަހާފައެވެ.
މި ވޯޓުގައި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރީ 75 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސް ކުރުމާ ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
މިއީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ.
ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަން ހިމަނާފައި ވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. އެއީ ފަސް ބިލިއަން ރުފިޔާގެ ބަޖެޓުން ދެ ބިލިއަން ރުފިޔާއެވެ.
މި ބަޖެޓްގެ މުހިންމު ބައިތަކަށް ބަލާއިރު ޕީއެސްއައިޕީ ޕްރޮޖެކްޓްތަށް ކަނޑައަޅާ ދެ ބިލިއަން ރުފިޔާގެ އިތުރުން ސަބްސިޑީ (ތެޔޮ، ކާޑު، ކަރަންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް) އަށް އެއް ބިލިއަން ރުފިޔާ، ސްޓޫޑެންޑް ލޯނަށް 458 މިލިއަން ރުފިޔާ، ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 650 މިލިއަން ރުފިޔާ، ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ، އެންސްޕާ އަށް 263 މިލިއަން ރުފިޔާ، މެޑިކަލް ކޮންޒިއުމަބަލްސް އަށް 200 މިލިއަން ރުފިޔާ އަދި މުސާރަ އަށް 24 މިލިއަން ރުފިޔާ ހިމަނާފަވެއެވެ.
ސަޕްލިމެންޓަރީ ބަޖެޓާ އެކު ޖުމްލަ ބަޖެޓުގެ ޑެފިސިޓު 18 ބިލިއަނަށް އަރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!