ކުރީގެ އަދަދާއި ގުޅޭ،

ހާސް ހިތަކައިގެން ހުރެ، މަޑުމަޑުން ގެއިން ނިކުމެ ޖޯލިފައްޗާ ދިމާލަށް އޭނާ ބަލައިލީ ދާއިން އިންތޯއެވެ. ލިބުނު ހައިރާންކަމާއެކު އެ ދިމާލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. އޭނާ ގާތު ނިކުންނަށް ބުނެ، ދާއިން ނައީ ކީއްވެބާއޭ އަރޫޝާގެ ހިތަށް އެރިއެވެ. ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާ އެނބުރިގަތީ ގެއަށް ވަންނާށެވެ.

Ad
rt

" އަޅެ ސިއްސައިގެންނޭ ދިޔައީ." އަރޫޝާއަށް ބުނެވުނެވެ.

އޭނާގެ ފަހަތުގައި ހުރި ދާއިން ފެނި އަރޫޝާ ހަގީގަތުގައި ވެސް ބިރުގަތެވެ. ދެ ޖީބަށް އަތް ޖަހާލައިގެން ދާއިން ހުރީ ވަރަށް ހަމަޖެހިލާފައެވެ. އޭނާގެ މޫނުމަތީގައިވަނީ މީގެ ކުރިން އަރޫޝާއަށް ފެނިފައި ނުވާ ފަދަ އުފާވެރިކަމެކެވެ. ޖޯއްޔާ ދިމާލަށް ނިތް އެއްލަމުން ދާއިން ހިނގައިގަތެވެ. ފަހަތުން އަރޫޝާ ދިޔައީ ލަސް ފިޔަވަޅުތަކެއްގައެވެ.

" ކީއްކުރަން މިރޭ ޖޯއްޔަށް ނިކުންނަން ބުނީ؟" އިށީންނަމުން އަރޫޝާ އެހިއެވެ.

އަރޫޝާގެ ސުވާލުން ދާއިންއަށް އެއްމިޔަކަނުން ހިނިތުންވެލެވުނެވެ.

" ކިހިނެއްވީ؟ ނިކުންނާށޭ ބުނެވުނީމަ ދޯ ގޯސް މި ވީ. އިއްތިފާގުން ކިތައް ރޭ މި ތަނުން ދިމާވާނެ އަހަރެމެން؟" ދާއިން ސަމާސާ ރާގަކަށް ބުންޏެވެ.

އަރޫޝާއަށް ބާރަށް ހެވިއްޖެއެވެ. ދާއިންއަށް އިނދެވުނީ ބަލާށެވެ. އޭރު އަރޫޝާގެ އިސްތަށިގަނޑުން މޫނުގެ ބޮޑު ބައެއް ވަނީ ފޮރުވިފައެވެ.

" ތި އިސްތަށިގަނޑު ދޫ ކޮށްލައިގެން އުނދަގުލެއް ނުވޭތަ؟ ހުޅިއެއް ޖަހާލަބަލަ. އޭރުން މާ ރީތި ކަންނޭނގެ." ދާއިން ބުންޏެވެ.

ހެމުން ދިޔަ އަރޫޝާއަށް އެ ޖުމްލައިން ކުއްލި ޝޮކެއް ލިބުނު ކަހަލައެވެ. ލަދުގަތް ނަމަވެސް އޭނާ އެކަން ދައްކާކަށް ބޭނުމެއް ނުވިއެވެ. ދެ އަތުން ކަންފަތުގެ ފުރަގަހަށް އިސްތަށިގަނޑު ގެނެސް އޭނާ ދާއިންއަށް ބަލައިލީ ފުން ނަޒަރަކުންނެވެ. މިހާރު ރީތި ހޭ އަހާލަން އޭނާ އިނީ ވަރަށް ބޭނުންވެފައެވެ.

" އަސްލު އެހެން ބުނީ މޫނު ނުފެންނާތީއޭ. ހަންޑިއެއް ހެން އިސްތަށިގަނޑު ހާވާލައިގެން ވިއްޔަ ތި އިންނަނީ." ކުރިން ބުނެވުނު ޖުމްލައިން ރަކިވެފައި އިނދެ ދާއިން މި ފަހަރު ވާހަކަ ދެއްކީ ހެމުންނެވެ.

" ހޫމް ދެން ހެވޭ. ކީއްކުރަންތަ މީޓް ކުރަން ބުނީ؟ އަހަރެން ހީކުރީ ކަމަކާ ދާއިން ވަރަށް ރުޅި އައިސް ހުރިކަމަށް." އަރޫޝާ މައުޟޫ ބަދަލު ކޮށްލިއެވެ.

" ރުޅި އައިސްފައޭ މި ހުރީ. ކީއްކުރަންތަ އާސިފްއާއެކު ތަންތަނަށް ކޮފީއަށް ދަނީ؟ އަހަރެން ހިއެއް ނުކުރަން އަރޫއަށް އޭނައާއެކު ނިކުމެ އުޅެން ކެރޭނެ ކަމަކަށް. " ދާއިން ވާހަކަ ދެއްކީ ދުރަށް ބަލަހައްޓައިގެން އިނދެއެވެ.

ކަންތައް ވީ ގޮތް އަރޫޝާ ސާފުކޮށް ކިޔައިދިނެވެ. އޭނާ ހުރީ ވެސް ދާއިންއަށް އެ ވާހަކަ ކިޔައިދޭން ބޭނުން ވެފައެވެ.

" އާދޭސް ކުރިޔަސް އަރޫއަށް ހަމަ ނުގޮސް ހުރެވޭނެ ދޯ! މީހަކު އާދޭސް ކުރީމަ އެ މީހާގެ އުފަލަށް އަރޫ ދެން އެ މީހަކު ބުނާހާ ކަމެއް ކުރަންވީ؟ އެ ތަނުގައި އެ ތިބީ މުޅިން ވެސް ޕާޓޭ ކުދިން. މިހާރު އެ މީހުންނަށް އަރޫ އެނގޭނެ ދޯ!" ދާއިންގެ އަޑުގައި ރުޅިވެރިކަން އެކުލެވެން ފެށިއެވެ.

"ދެން އަޅައިނުލާ! އެ ކަން އެ ނިމުނީނު. ދެން ނުދާނަމޭ." އަރޫޝާ ބުންޏެވެ.

މޫނުގައި އަތް ޖައްސާލައިގެން އިނދެ އަރޫޝާ ދިޔައީ ޝައުގުވެރިކަމާއެކު ދާއިންގެ މޫނަށް ބަލަމުންނެވެ. އެކަން ފާހަގަ ކުރެވުމާއެކު ދާއިން ކޮންމެވެސް ވަރަކަށް ލަދުގަތެވެ.

" އާސިފްއާއެކު އެއްވެސް ތަނަކަށް ނުދައްޗޭ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ދައްކައިގެން ނުވާނެ. އޭނައަށް އެނގޭނެ ނިކަން ބިޓުން ސެޓުކުރާނެ އުކުޅުތައް ވެސް. " ދާއިން ވާހަކަ ދެއްކީ އަވަސް އަވަހަށެވެ.

އަރޫޝާއަށް އިނދެވެނީ ހެވިފައެވެ. ދާއިންގެ ވާހަކަތަކުން އޭނާގެ ހިތަށް ތަފާތު އަސަރުތައް ކުރުވަމުން ދެއެވެ.

" ހާދަ ވަރަކަށޭ އަހަންނާމެދު ތި ވިސްނަނީ. ތިހާ ވަރަށް ނަސޭހަތް ތި ދެނީ ކީއްވެތަ؟" އަރޫޝާ އަހާލިއެވެ.

އޭނާގެ ހިތް އޮތީ ބޭނުންވާ ކަހަލަ ޖަވާބަކަށް އެދިއެދިއެވެ.

" އާސިފް އަރޫއާ ހެދި އުޅޭހެން ހީވާތީ ރުޅި އަންނަނީ. އެއީ އަހަރެން ވަރަށް ފޫހިވާ މީހެއް. އެހެން ނޫނަސް އަހަރެން ކުރިން ވެސް ބުނީމެއްނު އަރޫއަކީ އަހަރެންގެ ވަރަށް ގާތް ފްރެންޑެކޭ. " ދާއިން ބުނެލީ އަރޫޝާއަށް ބަލައިލަމުންނެވެ.

" އާނ ތިހެން ބުނި. އެކަމަކު މަންމަމެން ތިބޭ އިރު ކީއްވެ އަހަންނާ ވާހަކަ ނުދައްކަނީ. ދަންނަ ކަމަށް ވެސް ނަހަދާ." އަރޫޝާ ބުންޏެވެ.

އަރޫޝާގެ މޫނަށް ބަލައިލަމުން ދާއިންއަށް ހެވުނެވެ. ދޭނެ ޖަވާބެއް ނޭނގިގެން އޭނާއަށް ހެވުނީއެވެ. އަރޫޝާވެސް އޭރު އިނީ ކަޅިޖަހައިނުލާ ދާއިންގެ ދެ ލޮލަށް ބަލަހައްޓައިގެންނެވެ.

" ދެން ދޭ ނިދަން..." ދާއިން ބުނެލީ ނުހަނު ލޯބިންނެވެ.

ނުބުންޏަސް އަރޫޝާއަށް ދާއިންގެ ޖަވާބު އެނގޭ ކަހަލައެވެ. ނަމަވެސް އޭނާ އިނީ ދާއިން ބުނާ އެއްޗެއް އަޑުއަހާ ހިތުންނެވެ.

" ބުނެބަލަ ދެން.. ކީއްވެތަ އެހާ ބީރައްޓެހި ކޮށް އުޅެނީ؟ މި ޖޯލިފަތިން އަހަންނާ ދިމާވާ ދާއިންއާ، އެހެރަ ގޭތެރެއިން ދިމާވާ ދާއިން ހާސްބައި ތަފާތު." އަރޫޝާ ބުނެލީ ސިއްރުންނެވެ.

މި ފަހަރު ވެސް ދާއިން ހިނިތުންވެލުމަކުން ފުއްދާލިއެވެ.

" އެނގެއެއްނު މަންމަމެންނާ އަހަރެން އެހާ ވާހަކަ ނުދައްކާކަން. ދެން އެ މީހުން ތިބޭ އިރު އަރޫއާ ވާހަކަ ދައްކާކަށް ނުކެރޭނެއެއްނު. އެކަމަކު މިހާރު އަސްލު އަރޫއާ ވާހަކަ ދައްކާލެވުނީމަ ވަރަށް ހިތްހަމަޖެހެޔޭ." ދާއިން ބުންޏެވެ.

ހީލަމުން އަރޫޝާ އިސްޖަހާލީ، ހިތަށް ލިބުނު އުފާވެރިކަމަކުން ލަދުންނެވެ.

" ދެން… ދޭ ނިދާލަން. " ދާއިން އަނެއްކާ ވެސް ބުންޏެވެ. ލާނެތް ގޮތަކަށެވެ.

އަރޫޝާ ވެސް ހެވިފައި އިނދެ ތެދުވެ ދެ ވަނަ ފަހަރަށް ވެސް ދާއިންގެ މޫނަށް ބަލައިލިއެވެ. ލަދު ގަނެފައި ހުރެ އޭނާ ތަންކޮޅެއް ބާރަށް ގެއާ ދިމާލަށް ހިނގައިގަތް އިރު ދާއިންއަށް ވެސް އިނދެވުނީ އަރޫޝާއަށް ބަލާށެވެ.

ދޭއް ޖެހި އިރު ވެސް ނަދީމް އޮތީ ޒައިނާއަށް ގުޅާލަ ގުޅާލައެވެ. ޒައިނާގެ ހަބަރެއް ނުވާތީ އޭނާގެ ހިތަށް އުނދަގޫވަމުން ދިޔައެވެ.

" ދެން އަހަންނަށް ނުގުޅާ ނަދީމް. ހެޔޮނުވާނެ." ޒައިނާ ބުންޏެވެ.

ޒައިނާގެ އަޑު ހުރީ މުޅިން ބަދަލު ވެފައެވެ. މާ ގިނައިން ރުއިމުގެ ސަބަބުން އެ އަޑުގައިވާ ރިހުން ނަދީމްއަށް އިހުސާސްވެއްޖެއެވެ.

" ޒައި. ޕްލީޒް ބައްޕައަށް ވިސްނައިދީބަލަ. ޒައިދެކެ ލޯބި ވަންޏާ އެ ގޮތަކަށް ކަންތަކެއް ނުކުރާނެއެއްނު." ނަދީމް ބުންޏެވެ.

ނަދީމް އަދިވެސް ބޭނުންވަނީ އެ މީހުންގެ ނިންމުން ބަދަލުވާނެ ގޮތެއް ހޯދުމަށެވެ.

" ނަދީމްއަށް ހީވަނީތަ މަންމަމެން އެ ވާހަކަ ދެއްކީމަ އަހަރެން ވެސް ހަމަ އެކަމަށް ރުހި ގަބޫލު ވެގެން ހުންނާނެޔޭ. އަހަރެން ކިހާ އާދޭހެއް ކޮށްފިންތަ؟ އަހަރެން ރާއްޖޭގައި ބަހައްޓާށޭ ވެސް ބުނީމޭ. އެކަމަކު އެ މީހުން އެ ގޮތެއް ބޭނުމެއް ނުވެޔޭ. މަންމައާ ބައްޕަގެ ހުރި ހަމައެކަނި ދަރިޔަށް ވީތީ އަހަރެން މިހާރު ދެރަވޭ. އެހެންވެ އަހަންނަށް މި ގޮތަށް މި އެއްބަސް ވެވުނީ." ޒައިނާއަށް އަނެއްކާވެސް ރޮވުނެވެ.

" ނަދީމް ޕްލީޒް. ދެން އަހަރެމެން ވާހަކަ ދެއްކުމެއް ނެތެއްނު. ދުވަހަކުވެސް އަހަރެމެންނަކަށް ކައިވެންޏެއް ނުކުރެވޭނެޔޭ. އިތުރަށް ދެން އަހަރެން ދެރަކުރަން ނުގުޅާ. ސޮރީ ނަދީމް." ޒައިނާ ވާހަކަ ދެއްކީ ނުހަނު އަވަހަށެވެ.

ނަދީމްއަށް އެއްޗެއް ބުނެލާނެ ފުރުސަތެއްވެސް ނުދީ ޒައިނާ ފޯނު ކަނޑާލިއެވެ. ޒައިނާއަށް ގުޅޭތޯ ނަދީމް މަސައްކަތް ކުރި ނަމަވެސް ގުޅޭ ގޮތެއް ނުވިއެވެ. ނަދީމްގެ ނަންބަރު ހުރިހާ އެއްޗަކުން ޒައިނާ ބްލޮކް ކޮށްލީކަން އެނގުމުން ނަދީމް އިތުރަށް ދެރަވިއެވެ. ނަމަވެސް ޒައިނާ ބުނި ފަދައިން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނަދީމްއަށް ވެސް އެ ވަގުތު ވިސްނުނެވެ.

" ދަރިފުޅަށްޓަކައި އެ ވަރުގެ ކަމެއް ނަދީމްއަށް ކޮށް ނުދެވުނު؟ އެހެންވެ ބައްޕަ މި ބުނަނީ ލޯތްބަކީ އެއްވެސް އެއްޗެއް ނޫނޭ. " މަހުދީ ބުންޏެވެ.

ޒައިނާ އިނީ ސޯފާގައެވެ. ކައިރީގައި ޒުހުދާއާއި މަހުދީ ތިއްބެވެ. ޒައިނާގެ ދެ ލޮލުން އޮހޮރެމުންދާ ކަރުނަތަކުން އޭނާއަށް ކޮށްފައިވާ އަސަރުތައް ހާމަވެއެވެ.

" ދެން އިތުރަށް އެ ވާހަކަ ނުދައްކަވާ! ނަދީމް ކުއްވެރިއެއް ނުކުރާނަން. އަޅުގަނޑު ވެސް މި ދަނީ އަޅުގަނޑުގެ އާއިލާއާއެކު. ހަމަ އެގޮތަށް ނަދީމްގެ އާއިލާ ވެސް އޮވެޔޭ ބައްޕާ. ނަދީމްއަށް ވެސް އެ މީހުން ދޫކޮށްފައި ދިރިއުޅުން އެއްކޮށް ބަދަލެއް ނުކުރެވޭނެ. އަޅުގަނޑު އެކަން ގަބޫލުކުރަން. އެހެންވީމަ ދެން ބައްޕަ ވެސް އަދި މަންމަ ވެސް ނަދީމްއާ މެދު ހިތްބަރު ނުކުރައްވާ." ޒައިނާ އެދުނެވެ.

" ދަރިފުޅު ތި ބުނި އެއްޗަކުން ބައްޕައަށް މިހާރު ހީވަނީ ގޯސް ހެދުނީ ބައްޕައަށް ހެން. " މަހުދީ ބުންޏެވެ.

އޭނާ ތެދުވި ގޮތަށް ދެ އަތް ފުރަގަހަށް ލުމަށްފަހު ކުރިއަށް ހިނގާލިއެވެ.

" މަންމައާ ދަރިފުޅު އުފަލުގައި ގެންގުޅުމަށްޓަކައި އުމުރު ދުވަހު ބައްޕައަށް މި ކުރެވުނީ ބޭކާރު މަސައްކަތެއްތާ ދޯ! " މި ފަހަރު ވެސް ވާހަކަ ދެއްކީ މަހުދީއެވެ.

ކަންބޮޑުވެފައި އިނދެ ޒައިނާއަށް ބަލައިލެވުނީ ޒުހުދާގެ މޫނަށެވެ.

" ދެން ބުނާނެ ދޯ، ބައްޕައާ ހެދި ތިމަންނައަށް ބޭނުންވާ މީހާއާ ކައިވެންޏެއް ވެސް ނުކުރެވުނޭ. ކުށްވެރިވާނީ އަހަރެންތާ!" މަހުދީ ބުންޏެވެ.

ޒައިނާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. އޭރުވެސް މަހުދީ ހުރީ ފުރަގަސްދީގެންނެވެ.

" ދަރިފުޅު ބޭނުންވަންޏާ ނަދީމްއާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ! އެކަމަކު... އެކަމަކު މަންމަ ގޮވައިގެން ބައްޕަ ދާނަން. ދުވަހަކުވެސް ބައްޕަ ރާއްޖެ އަންނާކަށް ބޭނުމެއް ނޫން. " މަހުދީގެ އަޑުން އޭނާއަށް ރޮވިއްޖެކަން ޒައިނާއަށް އެނގުނެވެ.

ޒައިނާ އަވަސް އަވަހަށް ތެދުވެގެން ގޮސް މަހުދީގެ ކުރިމައްޗަށް އެރިއެވެ.

"ބައްޕާ! އިތުރަށް ބައްޕަ ފިކުރު ނުރައްވާ. އަޅުގަނޑު މި ހުރީ މަންމައާއި ބައްޕައާއެކު ދާން ނިންމައިގެން. މަންމަމެން ނެތް ތަނެއްގައި އަޅުގަނޑަކަށް ނޫޅެވޭނެ. ދެން މި މައުޟޫއަށް ވާހަކަ ދައްކަވައިގެން ނުވާނެ. ދުރުވޭ އިށީންނަވަން." ޒައިނާ ވާހަކަ ދެއްކީ ހަމަޖެހޭ ގޮތް ދައްކަމުންނެވެ.

ޒައިނާގެ އެދުމަށް މަހުދީ އައިސް ސޯފާގައި އިށީނދެ ޒުހުދާއަށް ބަލައިލީ ފުންނަޒަރަކުންނެވެ. އެ ވަގުތު ޒުހުދާ ހިނިތުންވެލިއެވެ.

އެންމެ ހިނދުކޮޅަކަށް ވެސް މާލޭގައި ހުންނާކަށް ނަދީމް ބޭނުމެއް ނުވެއެވެ. ކޯސް ނިމުމާއެކު އޭނާ ނިންމީ ވީހާވެސް އަވަހަކަށް ރަށަށް ދާށެވެ. މާލޭގައި ހުރުމުން ޒައިނާގެ ހަނދާންތައް އޭނާއަށް އިތުރަށް އުނދަގޫ ކުރެއެވެ. އެ ހިތި މާޒީން އަރައި ނުގަނެވޭނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ދޭން ނަދީމް ބޭނުންވެއެވެ.

ޖެހިގެން އައި ދުވަހެވެ. އަރޫޝާ އިނީ ކާމޭޒު ކައިރީގައި ކޮފީތައްޓެއް ހިފައިގެންނެވެ. ހެނދުނު ގެއިން ދިޔަ ގޮތަށް ދާއިން ގެއަށް ނާންނާތީ އޭނާ އިނީ ކޮންމެވެސް ވަރަކަށް ކަންބޮޑު ވެފައެވެ. ދާއިންގެ ފޯނު ނަންބަރު ހޯދަން ބޭނުންވި ނަމަވެސް ދާއިން ފެންނަ އިރަށް އެކަން މަތިން ވެސް އޭނާ ހަނދާން ނެތެނީއެވެ. ދާއިން ނުފެނި، ގިނަ ވަގުތު ވިޔަސް އަރޫޝާގެ ހިތަށް ފޫހިކަމާ ނުތަނަވަސްކަން ވެރިކުރުވާކަން ހުދު އޭނާއަށް ވެސް އެނގެއެވެ.

ކޮފީތަށި ހިހޫވީ އިރު ވެސް އޭނާއަށް އެ ބޮވޭ ގޮތެއް ނުވިއެވެ. ޖޯޑުގެ އުޅަކުގައި ހިފި ގޮތަށް އިނދެވުނީއެވެ.

" މީހުންގެ އެއްޗެހި ދުއްވަންވީ ކީއްކުރަން؟ އެހާ ސައިކަލު ދުއްވާ ހިތްވަންޏާ ވަޒީފާއަށް ގޮސްގެން ސައިކަލެއް ގަތީމަ ވީ އެއްނު." އަރޫޝާގެ ކަންފަތުގައި ޖެހުނީ މަދީހާގެ އަޑެވެ.

އެ ވަގުތު އަރޫޝާއަށް ފުންމައިގެން ތެދުވެވުނެވެ. އަވަސް އަވަހަށް ގޮސް އައިސްއަލަމާރީގައި ކޮފީތަށި ބެހެއްޓުމަށްފަހު އޭނާ ދޮރު ކައިރިއަށް ޖެހިލިއެވެ.

" ނަދީމްއަށް މިކަން އެނގިއްޖެއްޔާ ވަރަށް ދެރަވާނެ. އޭނަ ރުޅި ވެސް އަންނާނެ. އެ ސައިކަލު ހަދަން ދާނީ ކިހާ ރުފިޔާއެއް ކަމެއް ވެސް ނޭނގެ." މަދީހާ ބުންޏެވެ.

" ދެން އެއްޗެހި ނުކިޔާ އަވަހަށް މަރުކަޒަށް ދާން ހިނގާ! އެސޮރު އޮތް ހާލެއް ވެސް ނޭނގެ އެއްނު" ރިޒާ ބުންޏެވެ.

އެ ހިސާބުން އެ މީހުން އެ ދައްކަނީ ދާއިންގެ ވާހަކަ ކަން އަރޫޝާއަށް ޔަގީން ކުރެވުނެވެ. ބޭއިހްތިޔާރުގައި އޭނާއަށް ސިޓިންރޫމަށް ނިކުމެވުނީ އިތުރަށް އަޑުއަހަން ބޭނުންވާތީއެވެ.

" މިހާ ހަޑިކޮށް ހުރެގެން ނުދެވޭނެ. ގައި ފެން ތިކެއް ޖަހައިގެން ދެވޭނީ. ކަލޭ ދޭ އަވަހަށް. " އަދިވެސް މަދީހާ ހުރީ ރުޅި އައިސްފައެވެ.

" ކިހިނެއްވީ ދާ... ދާއިންއަށް؟" އެއްޗެއް ނުބުނެ އަރޫޝާއަކަށް ނުހުރެވުނެވެ.

" އާބިދުގެ ސައިކަލުގައި ދަނިކޮށް މަގު ކޮންނަން ގެނެސް އޮތް ލޯޑަރުގައި ޖެހި ދާއިން އެކްސިޑެންޓް ވީ." ރިޒާ ބުނެލީ އަސަރާއެކުއެވެ.

" މިހާރު ކޮބާ؟" އަރޫޝާއަށް ތެޅި ގަނެވުނެވެ.

" ދެންމެ ވަލުން އައިސް ގެއަށް ވަންނަނިކޮށް މީހަކު ބުނީމަ އެނގުނީ. ބޭބެ މި ދަނީ މިހާރު ދާން." ރިޒާ ބުންޏެވެ.

އޭނާގެ ފަހަތުން އަރޫޝާވެސް ނިކުތެވެ. އޭރު އޭނާގެ ދެ ލޮލަށް ކަރުނަތައް ޖަމާވަމުން ދެއެވެ. ނަމަވެސް ހިތްވަރު ކުރީ އެކަން ފޮރުވޭތޯއެވެ.

ރިޒާއާ އެކުއެކީގައި ގޮސް އޭނާ ބޭރުގައި މަޑުކުރިއެވެ. މި ވަގުތު ދާއިން ފެނުމުން އަރޫޝާއަށް ރޮވޭނެކަން އޭނާއަށް ޔަގީންވެއެވެ. އެހެންވެ، ހިތަށް ހަމަޖެހުމެއް ލިބެން ދެން އޭނާ ގޯތިތެރޭގައި މަޑުކޮށްލިއެވެ.

"ދަރިފުޅާ! އަރޫޝާ. އާދެބަލަ." ދޮރުމަތީގައި ހުރެފައި ރިޒާ ގޮވާލި އަޑަށް އަރޫޝާ ދިޔައީ ސިހިގެންނެވެ.

"ބައްޕަ މި އަންނަނީ ކުރުނބަލެއް ހޯދައިގެން. ދެ ފަހަރު ހޮޑު ލެވިގެން ވަރަށް ބަރުބަލި ވެފައި އޮތީ. ފަހަރެއްގައި ދާއިން ކަމަކަށް ބޭނުން ވެދާނެ. ދަރިފުޅު ދާންވީނު އެތާ އިށީންދެލަން." ރިޒާ ބުންޏެވެ.

އަރޫޝާއަށް ހިންދިރުވާލެވުނެވެ. ދާއިން ދެކޭ ހިތުން އޭނާގެ ހިތް އޭރުވެސް ތެޅި ފޮޅެމުން ދެއެވެ. އަވަސް ހިނގުމެއްގައި ގޮސް އަރޫޝާ ބަލިމީހުންގެ ވޯޑަށް ވަނެވެ. އޭރު ދާއިން އޮތީ ލޯ މަރާލައިގެންނެވެ.

ނިތްކުރީގެ ދެ ތަނެއް ކުޑަކޮށް މަށައިގެން ގޮސްފައި ހުރިތަން ފެނި އަރޫޝާ ވަރަށް ދެރަވިއެވެ. އުޅަނބޮއްޓާއެކު އަތުގެ މެދަކާ ހިސާބުގައި އޮތީ ބޭސް އަޅާފައެވެ. ދާއިންއަށް ބަލަހައްޓައިގެން އަރޫޝާއަށް ހުރެވުނީއެވެ. ހަމަ އެ ވަގުތެވެ. ދާއިން ލޯ ހުޅުވާލިއެވެ. ކުރިމަތިން އަރޫޝާ ފެނުމާއެކު އޭނާއަށް ހިނިތުން ވެލެވުނެވެ. އެއާއެކު އަރޫޝާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް އޮހޮރިގެން ދިޔައެވެ.

" ހޭ؟ ރޮވެނީތަ؟ އަރޫ.. އަރޫ އޭ! މިކޮޅަށް ޖެހިލަބަލަ... އާދެބަލަ މަގޭ ކައިރިއަށް." ދާއިން ބުނެލީ ވަރަށް ލޯބިންނެވެ.

އޭނާ ނުހަނު އުނދަގުލުން ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ ކުރިން އަރޫޝާ ގޮސް ދާއިންގެ ކައިރީ ހުއްޓި މޫނު ފުހެލިއެވެ.

" ކީއްވެ އަރޫ ތި ރޮނީ؟" ހައިރާންވެފައި އޮވެ ދާއިން އަހާލިއެވެ.

އެ ވަގުތު އަރޫޝާ އިސްޖަހާލިއެވެ.

" އަހަންނަކަށް ހިއެއް ނުވެ އަހަރެންގެ މަންމަ ވެސް ބައްޕަ ވެސް ތި ވަރަށް ރޮއިފާނެހެންނެއް. " ދާއިން އަރޫޝާގެ އަތުގައި ހިފާލަމުން ބުންޏެވެ.

އަރޫޝާއަށް ބަލައިލެވުނީ ދާއިންގެ އަތަށެވެ. ދެ ތުންފަތް ތެންމާލަމުން އަރޫޝާ މަސައްކަތް ކުރީ ރީތިކޮށް ވާހަކަ ދެއްކޭތޯއެވެ.

" ދެރަވީ... ދާއިންއަށް ތިހާ އަނިޔާވެފައި އޮއްވާ ފެނުނީމަ. ކުއްލިއަކަށް މިކަހަލަ ކަމެއް ވީމަ..." އަނެއްކާ ވެސް އަރޫޝާއަށް ރޮވޭ ގޮތް ވިއެވެ.

" މިއީ އެހާވަރުގެ ކަމެއް ނޫނޭ. މޫނުން ތަންކޮޅެއް ހަންމެށުނީ. ދެން މި އަތް ވަރަށް ބޮޑަށް ބިންމަތީގައި ގޭނުނީމަ ހަލާކުވެފައި ހުރީ. " ދާއިން ވާހަކަ ދެއްކީ ހަމަޖެހޭ ގޮތް ދައްކަމުންނެވެ.

" ދެން ކީއްވެ އެހާ ވަރަށް ހޮޑުލެވެނީ؟" އަރޫޝާ އެހިއެވެ.

"އެއީ މިއަދު އަދިވެސް މިހުރީ އެއްވެސް އެއްޗެއް ނުކައޭ. ގޭސް ވެގެން ހޮޑުލެވެނީ. " ދާއިން ބުންޏެވެ.

" އަދިވެސް ހަމަ އެހާ ދެރަވޭތަ؟" ދާއިން އަހާލީ އަރޫޝާގެ އަތަށް ފިތާލަމުންނެވެ.

" ކިތަންމެ ކުޑަ އަނިޔާއެއް ދާއިންއަށް ލިބުނަސް އަހަރެން ވަރަށް ދެރަވާނެ." އަރޫޝާ އެހެންބުނެ ދާއިންގެ މަގަތުގައި އިށީނދެލިއެވެ.

" އަރޫ ފެނުނީމަ ހީވެއްޖެ ވަރުބަލިކަން ވެސް ފިލައިގެން ދިޔަހެން." ހީލަމުން ދާއިން ބުންޏެވެ.

އަރޫޝާއަށް ވެސް އެ ވަގުތު ހިނިތުން ވެވުނެވެ. އޭރުވެސް ދާއިން އޮތީ ކަޅި ޖަހައިނުލާ އަރޫޝާގެ މޫނަށް ބަލާށެވެ.

ބޭރުން މަދީހާ ވާހަކަ ދައްކަމުން އަންނަ އަޑަށް އަރޫޝާ އަވަހަށް ތެދުވިއެވެ.

" ނަސީބެއްނު އެހާ ބޮޑުވަރު ނުވާކަން. އާބިދު ކީކޭ ބުނީ؟ ސައިކަލު ހަދަން މާލެ ފޮނުވާށޯ ޖެހެނީ." މަދީހާ ވަތް ގޮތަށް ވަދެ ބުނެލިއެވެ.

ދާއިންއަށް ބަލައިލެވުނީ އަރޫޝާގެ މޫނަށެވެ. އެއްވެސް އެއްޗެއް ނުބުނުމަށް އެދި އަރޫޝާ ބޯ ހޫރާލުމުން ދާއިން މަޑުން އޮތެވެ.

" ގަރާޖު މީހަކާ ދިމާވި ދެންމެ މި އައި މަގު މަތިން. އޭނަ ބުނި ފަނަރަ ވަރަކަށް ހާސް ރުފިޔާ ދާނެޔޭ އެ ހަދަން. " އަނެއްކާ ވެސް މަދީހާ ބުންޏެވެ.

ވަގުތަކީ ރިޒާ އައިސް ވަތް ވަގުތެވެ.

" އާބިދު ވީ އޮފީސް ދަތުރެއްގައި މާލެ ގޮއްސަ ދޯ؟ އާބިދު ގުޅައިފިތަ؟" މަދީހާ ބުންޏެވެ.

" ދާއިން ފޯނު ނުނަގައިގެން އަހަންނަށް ދެންމެ އާބިދު ގުޅައިފިއޭ. ސައިކަލުގެ ވާހަކަ އަހަރެން ދައްކަން ފެށީމަ ބުނީ އެކަމާ ނުވިސްނާށޯ. ދާއިން ރަނގަޅުތޯ ބަލަން ގުޅީ. އެ ގޮތަށް ޖެހޭނެ ރައްޓެހިން ތިބެން. " ރިޒާ ބުންޏެވެ.

އެނދު ކައިރީ ހުރި ކަބަޑުގެ މަތީގައި ކުރުނބާ ބެހެއްޓުމަށްފަހު ރިޒާ ދާއިންއަށް ބަލައިލިއެވެ.

" އާބިދު އެހެން ބުންޏަސް އޭނަގެ މަންމަ އަރުވާނެ ވަރު މަށަށް އެނގެޔޭ. " މަދީހާ ބުނެލިއެވެ.

އަރޫޝާގެ އެދުމަށް ދާއިން އޮތީ އަނގައިން ބަހެއް ވެސް ނުބުނެ ވަރަށް ކެތްކޮށްގެންނެވެ.

ނަދީމް ދޯންޏަށް އެރި އިރު ވެސް އޭނާގެ ހިޔާލާއި ފިކުރު ގުޅިފައި ހުރީ ހަމައެކަނި ޒައިނާއާއެވެ. އިތުރު އެއްވެސް ކަމަކާމެދު ވިސްނާނެ ހިތްވަރު އޭނާގެ ކިބައިގައި ނެތް ކަހަލައެވެ. ނޭނގި ހުއްޓާ، ކުއްލިއަކަށް ހަޔާތަށް ލިބުނު ކުއްލި ލޮޅުމަކުން އޭނާއަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޒައިނާއާ ވަކިވުމަކީ ހުވަފެނުން ވެސް އޭނާ ދެކެފައިނުވާ ކަމެކެވެ. އަދި އެފަދަ ދުވަހެއް ދައްކަވާނެ ކަމަށް އޭނާ އުއްމީދެއްވެސް ނުކުރެއެވެ.

ދާއިން ގެއަށް ދޫކޮށްލުމާއެކު މަދީހާ އެއްޗެހި ކިޔަން ފެށިއެވެ. އޭރު އަރޫޝާ އުޅެނީ ކޮޓަރީގައެވެ.

" އަހަރެން ދޭނަމޭ ސައިކަލު ހަދަން ދާ ހަރަދު." ދާއިން ބުންޏެވެ.

އޭނާ އޮތީ ސޯފާގައެވެ. މަދީހާ ހުރީ ދާއިންގެ ކުރިމަތީއެވެ. އޭނާ ހީވަނީ ޒުވާބު ކުރަން ތައްޔާރުވެގެން އައިސް ހުރި ހެންނެވެ.

" ކިހިނެއް ދޭނީ؟ ކޮންތާކުން ނެރެފައި ދޭނީ؟ މައިންބަފައިން ބުނީމަ ބަސްނާހާ އުޅޭ މީހުންނަށް ވާނީ ތިހެން ހަމަ. އަހަރެން އަބަދުވެސް މި ކިޔަނީ ވަޒީފާއަކަށް ދާށޭ." މަދީހާގެ އަޑު ބާރުވުމުން ދާއިން ރުޅި އަތުވެއްޖެއެވެ.

އޭނާ ފުންމައިގެން ތެދުވި ނަމަވެސް ބާރަށް އެއްޗެއް ނުބުނެ އިނީއެވެ.

" މި ރަށުން ވެސް ނުފެންނާނެ ތިހާ ވިޔާނުދާ ކުއްޖަކު. ތާކުންތާކުން ނުޖެހޭ ކަންނެތް ކުއްޖަކު. ތި އުމުރުގެ ހުރިހާ ކުދިން ވެސް އެ އުޅެނީ ވަޒީފާތަކުގައޭ. ދާއިން ކީއްވެގެންތަ ދިރިއުޅެން ނޭނގިގެން ތިއުޅެނީ؟" މަދީހާ ބާރުބާރަށް ކިޔަމުން ދިޔައެވެ.

ކޮޓަރި ތެރޭގައި އަޑުއަހަން އަރޫޝާ ހުރީ އިންތިހާއަށް ދެރަވެފައެވެ.

" މާދަމާ މި ރަށަށް އަންނަ ދޯނިން އަހަރެން ފުރައިގެން ދާނަން. މިތާ ހުރެގެން ބޯ ހަލާކުވުން ނޫން ކަމެއް ނުވޭ. މިހާރު ހިތަށް އަރާ، އެ ލޯޑަރު ދަށުވެ މަ މަރުވި ނަމައޭ!" ހަޅޭއްލަވައި ގަންނަމުން ދާއިން ބުންޏެވެ.

ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ބާރުބާރަށް އޭނާ ދޮރު ޖެހި އަޑަށް އަރޫޝާވެސް ދިޔައީ ސިހިގެންނެވެ.

ދައްތައާ ބޭބެ ނިދީކަން ޔަގީންވުމުން އަރޫޝާ މިރޭވެސް ބޭރަށް ނިކުތެވެ. އެ ވަގުތު ޖޯލީގައި ދާއިން އިންތަން ފެނި އޭނާ ހައިރާންވިއެވެ. ދުވެފައި ގޮސް ދާއިންއާ ޖެހިގެން އިން ޖޯލީގައި އިށީނީ އުފަލުންނެވެ.

" އަހަރެން މި ހިތަށް އަރަނީ ދާއިން މިރޭ ނިކުންނާނެ ބާވައޭ! " އަރޫޝާ ބުންޏެވެ.

" އަހަންނަށް އެނގޭ އަރޫ އަންނާނެކަން." ދާއިން ބުންޏެވެ.

" ބުނެބަލަ. މާދަމާ ހަމަ ފުރަނީތަ؟" އަރޫޝާ އެހިއެވެ.

" ހޫމް. އަރޫއަށް ފެނުނެއްނު. އަހަރެން ބަލިވިޔަސް އަހަންނާމެދު އެ މީހުން ނުވެސް ވިސްނާ. ސައިކަލަށް ލާރި ދައްކަން ޖެހިދާނެތީ ކަންބޮޑުވެގެން އެއްޗެހި ގޮވަނީ. އެހެން ނޫނަސް އާބިދު ބުނާނެ ލާރި ނުދޭށޭ. އެކަމަކު އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ލާރި ދޭން." ދާއިން ވާހަކަ ދެއްކިއެވެ.

" ދެން ގޭގައި ހުއްޓަސް މާދަމާ ވެސް މަންމަ އަބަދު އެ ވާހަކަ ދެން ދައްކާނީ. ފޫހިވެއްޖެ މިހާރު." ދާއިން އަނެއްކާވެސް ބުނެލިއެވެ.

" ދާއިން ދިޔައީމަ އަހަރެން ވެސް ވަރަށް ފޫހިވާނެ. " އިސްޖަހާލަމުން އަރޫޝާ ބުންޏެވެ.

އަރޫޝާގެ ޖުމްލަ އިވި ދާއިން ޖަހާލީ ހިނިގަނޑެކެވެ.

" އާސިފްވެސް ހުންނާނެއެއްނު. " ދާއިން އެހެން ބުނުމާއެކު އަރޫޝާ ފޫހި ރާގެއް އަޅުވާލިއެވެ.

ދެ މީހުންނަށް ވެސް އެއްފަހަރާ ހެވުނެވެ.

އެނދު ކައިރީގައި ހުރި ފުޅި ހިފައިގެން ރިޒާ ނިކުތީ ފެން ފުޅިއެއް ބަލައެވެ. އެ ވަގުތު ދޮރު ކުޑަކޮށް ހުޅުވިފައި ހުރިތަން ފެނި އޭނާގެ ހިތް ތެޅިގަތެވެ. ދާއިން ބޭރަށް ދިޔައީ ބާވައޭ ހިތަށް އަރާ އޭނާ ކުޑަކޮށް ދޮރުން ބޭރު ބަލައިލިއެވެ. އެ ވަގުތު ހަމަހިމޭންކަން ވެރިވެފައިވާ އެ ގޯތި ތެރެއިން އޭނާގެ ކަންފަތުގައި ޖެހުނީ އަރޫޝާއާ ދާއިންގެ އަޑެވެ. ލިބުނު ކުއްލި ސިހުމާއި ހައިރާންކަމުގެ ސަބަބުން ރިޒާއަށް ހަދަންވީ ގޮތެއް ނޭނގުނެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)