މާލޭގެ އާސަހަރާ މިސްކިތުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް ނިންމައި އިއްޔެ ބޭނުންކުރަން ފަށައިފިއެވެ.

ވަރަށް ބޮޑު މަރާމާތަކަށް ފަހު، މާލޭގައި ހުންނަ އާސަހަރާ މިސްކިތުގެ ތިރީބައި، ހުޅުވާފައި ވަނީ އިއްޔެ ހުކުރު ނަމާދުން ފެށިގެންނެވެ.

Ad
rt

މި މިބައި ހުޅުވޭނެކަން ހާމަކުރަށްވައި މާލޭގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ވިދާޅުވެފައި ވަނީ، މި ހިނގާ ސެޕްޓެމްބަރ މަސް ނިމުގެ ކުރިން، އާ ސަހަރާ މިސްކިތުގެ މަތީ ބަޔާއެކު އެއްކޮށް ނިމި، މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންތައް އާ ސަހަރާގައި ކުރިއަށް ގެންދެވޭ ވަރުވާނެ ކަމަށެވެ.

''މި ހިނގާ ސެޕްޓެމްބަރ މަސް ނިމުގެ ކުރިން، އާ ސަހަރާ މިސްކިތުގެ މަތީ ބަޔާއެކު އެއްކޮށް ނިމި، ކުރިޔެކޭ ވެސް އެއް ފަދައިން މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންތައް އާ ސަހަރާގައި ބޭއްވުމުގެ ކަންތައްތައް ހަމަޖެހިގެން ދާނެ.'' އާޒިމް ވިދާޅުވެފަވެއެވެ.

މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާތައް ބޭއްވުމަށް ހުޅުމާލެއަށް މިހާރު ދާން ޖެހުމުގެ ސަބަބުން، ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫތަކަށް، މިކަމުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މާލޭގެ އާސަހަރާ އިތުރަށް ތަރައްގީ ކުރުމަށް ބަންދުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އެތަނުގެ މަސައްކަތް ހުއްޓިފައި ވަނިކޮށް، އަލުން އެ މަސައްކަތް ފެށިފައި ވަނީ އާޒިމް މޭޔަރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެވެ.

މި މަސައްކަތުގެ ދަށުން އާސަހަރާ 3200 އަކަފޫޓަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. އަދި މި މަޝްރޫއަށް 11.6 މިލިއަން ރުފިޔާ ހޭދަވެފައި ވާކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ.