ދިވެހިރާއްޖޭގެ އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނަކީ ބިމުގެ ގޮތުން ދިވެހިރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނެވެ. އަދި ދިވެހިރާއްޖޭގައި މިހާރު ފެންނާން އޮތް އެންމެ ޤަދީމީ އެއް ގަބުރުސްތާނެވެ.
ކޯގަންނު ގަބުރުސްތާނުގައި 1535 މަހާނަ (މަހާނަގާ) ހުރި ކަމަށް ރިކޯޑުކުރެވިފައިވެއެވެ. ކޯގަންނު ގަބުރުސްތާނުގެ ބޮޑުކަމާއި، ދޮށިކަމާއި، ތާރީޚީ ގޮތުން އެތަނަށް ލިބިގެންވާ ޚާއްޞަ އެތައް ސަބަބަކާ ހުރެ އެ ގަބުރުސްތާނަކީ ސަގާފީ ތަރިކައިގެ ގޮތުން ދިވެހިރާއްޖޭގެ އެންމެ މުއްސަނދި އެއް ގަބުރުސްތާނެވެ. ދިވެހިރާއްޖޭގެ ޤައުމީ ތަރިކައެކެވެ. ކޯގަންނު ގަބުރުސްތާނު ވަނީ "ވޯލްޑް މޮނިއުމަންޓް ފަންޑް" ގެ "ވޮޗް ލިސްޓް" ގައި 2022 ވަނަ އަހަރު ހިމެނިފައެވެ.

ޙަޤީޤަތުގައި އެންމެ ބޮޑު ގަބުރުސްތާނަކީ އެންމެ މަހާނަ (މަހާނަގާ) ގިނަ ގަބުރުސްތާނެވެ. މިއަދު އަޅުގަނޑާއި، އަޅުގަނޑުގެ އަޚު އަޙްމަދު ޢާރިފު އާއި ޢާއިޝަތު ފަރިޔާޒު ތިލަދުންމަތީ ތަކަންދޫ ގަބުރުސްތާނަށް ވަދެ ހުރިހާ މަހާނައެއްގެ މަހާނަގާ ގުނައިފީމެވެ. އަދަދަކީ 1722 މަހާނަ (މަހާނަގާ) އެވެ. މިއީ 1535 މަހާނަގާ ހުރި ކޯގަންނު ގަބުރުސްތާނަށް ވުރެ 187 މަހާނަ (މަހާނަގާ) އިތުރު އަދަދެކެވެ. ކުރިން ހުރި، މިހާރު ފެންނާން ނެތް މަހާނަގާތަކާއެކު 2000 އަށް ވުރެ ގިނަ މަހާނަ ތަކަންދޫ ގަބުރުސްތާނުގައި ވާކަމަށް އަޅުގަނޑަށް ލަފާކުރެވެއެވެ. ވީމާ، ތިލަދުންމަތީ ތަކަންދޫ ގަބުރުސްތާނަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނެވެ. އަދި މި ގަބުރުސްތާނަކީ ދުނިޔޭގައި އޮތް ހިރިގަލު މަހާނައިގެ އެންމެ ބޮޑު ގަބުރުސްތާނު ކަމަށް ފެނެއެވެ.

ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ވަގުތީ ދަފުތަރުގައި ވެސް ނުހިމެނޭ ތަކަންދޫ ގަބުރުސްތާނަކީ ގާތްގަނޑަކަށް 400 އަހަރު ވެފައިވާ މިރާއްޖޭގެ އަގުހުރި އާސާރެކެވެ. ސަގާފީ ތަރިކައެކެވެ. ޤައުމީ ތަރިކައެކެވެ. މިތަނުގައި މިހާރު ފެންނާން ހުރި އެންމެ ދުވަސްވީ މަހާނައަށް 327 އަހަރުވެއްޖެއެވެ. މިތަނުގައި ހުރި ހިރިގަލުގެ އާސާރީ ހުކުރު މިސްކިތާއި ޢީދު މިސްކިތުގެ ތެރެއިން ޢީދު މިސްކިތަކީ މި މަހާނައަށް ވުރެ މުސްކުޅި ތަނެކެވެ. މި ގަބުރުސްތާނުގައި ދައުލަތުގެ ޢިއްޒަތްތެރީންނާއި، ޢިލްމުވެރީންނާއި، ކުޑަބަނޑޭރީންނާއި، ތަކުރުފާނުންނާއި، ކަލޭފާނުންނާއި، ޚިދުމަތްތެރި ޚަޠީބުންނާއި ކަތީބުންނާއި، އިޖުތިމާޢީ ބޮޑެތި ޚިދުމަތްތެރީންނާއި، ޚިދުމަތްތެރި އާންމު ރައްޔިތުންގެ މަހާނަވެއެވެ.

ވެވާއި، ބޮޑުވަޅާއި، އަށްކަންވަޅާއި، ހަތަރެސްކަން ވަޅާއި، ދިވެހި ފަންނުވެރިކަމުގެ ކުޅަދާނަކަން ދައްކައިދޭ ގާގަލާއި މިސްކިތް (މިސްކިތުގެ އަސަރު) އެބަހުއްޓެވެ.

މީގެ 50 ވަރަކަށް އަހަރު ކުރިއާ ހަމައަށް މިތަނުގައި ހުރި ހުކުރުމިސްކިތަކީ މާލޭ ހުކުރުމިސްކިތާއި ޢީދުމިސްކިތާ ދާދި އެއްގޮތަށް ހުރި އަޖައިބުކުރުވަނިވި ބިނާއެއްކަމަށް ތަކަންދޫ މުސްކުޅިން ބަޔާންކުރެއެވެ. އަދި ތަކަންދޫގައި މި ގަބުރުސްތާނަށް ވުރެ ވެސް ދޮށީ ދެތިން ގަބުރުސްތާނެއް އޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!