ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހަޅާ ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައަޅަނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މި ކޮމެޓީ އެކުލަވާލައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދިނުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.

މި 138 ބޭފުޅުންގެ ތެރޭގައި، ރައީސް ފޮނުއްވި 70 ބޭފުޅުން ހިމެނޭކަމަށާއި، އެ ބޭފުޅުންނަކީ 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރަށްވާފައިވާ ބޭފުޅުން ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިއަހަރު ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެއްވަން ހަމަޖެހިފައި ވަނީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، މި ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.