ރާއްޖޭގައި މިވަގުތު ހުރި އަހްލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ކީރިތި ގުރުއާން ކަމަށާއި ދިވެހިން އެނބުރި އެ ފޮތަށް ދާން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެންމެ ކުޑަ ކުއްޖާ އިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށް ވެސް ކޮންމެ ދުވަހެއްގެ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ މަތިވެރިވެގެންވާ ކީރިތި ގުރްއާން ކަމުގައިވުން އެއީ ދިވެހީންނަށް، އަދި ރާއްޖެ އަށް އެންމެ ލާބަ ހުރި ގޮތް ކަމަށެވެ.

Ad
rt

އެހެންކަމުން ކީރިތި ގުރުއާނަކީ އުފެދެމުން، ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ އަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ލޮބުވެތި ދިވެހި ފަސްގަނޑުގައި ކީރިތި ގުރްއާން އުނގެނުމާއި، އުނގަންނައި ދިނުމުގެ ދާއިރާއަށް އަދި އަޅުގަނޑުމެންގެ އަހްލާގާއި ސުލޫކަށް އިންގިލާބީ އިސްލާޙީ ބަދަލެއް އަންނާނެ. އަޅުގަނޑުގެ ހުވަފެނަކީ އެ ދުވަސް. ތަސައްވުރަކީ އެ ޒަމާން. އަމާޒަކީ އެ އަމާޒު." ރައީސް ވިދާޅުވިއެވެ.

"ކީރިތި ގުރްއާނަށް މި ދިވެހި ފަސްގަނޑުން ހައްގު މަތިވެރި ދަރަޖައާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނަން. ނިހާޔަތަށް ޝައުޤުވެރިވާނަން."

ރައީސް ވިދާޅުވި ގޮތުގައި ކީރިތި ގުރުއާނަކީ ހިތްތަކުގެ ނޫރާއި ނަފްސުތަކުގެ ޝިފާއެވެ. ގުރުއާނަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މަގު ދައްކައިދޭ އިލާހީ ދަންމަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސައްތަ އިން ސައްތަ އިސްލާމީ ރާއްޖޭގައި ކީރިތި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއަރައިދާ މަންޒަރު ފެނުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"ކީރިތި ގުރްއާނަކީ މުސްލިމުންގެ ދުސްތޫރު. އިސްލާމުންގެ ހަޔާތުގެ ހުރިހާ ކަމެއް ބައްޓަންވެގެންދަނީ އެ މާތްފޮތުގެ ވަށައިގެން. އަދި އެ މާތްފޮތް ތަފުސީލުކޮށްދޭ މޫރިތި ނަބަވީ ސުންނަތުގެ ވަށައިގެން. އެހެންކަމުން، މުސްލިމުންގެ ދިރިއުޅުމުގެ މަދަކީ، ނާރެހަކީ މާތްވެގެންވާ ކީރިތި ގުރްއާން. އަޅުގަނޑުމެން މުސްލިމުން ހައްގާއި ބާތިލު، ރަނގަޅާއި ނުބައި ދެނެގަންނަނީ އަދި އެކަން ކަނޑައަޅަނީ މި މާތް އިލާހީ ބަސްފުޅުތަކުން." ރައީސް ވިދާޅުވިއެވެ.

އިސްލާމްދީނުގެ މަތީގައި ދިވެހިން ދެމިތިބޭތާ މިހާރު ގާތްގަނޑަކަށް 900 އަހަރު ވެފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ދިގު މުއްދަތުގައި ދިވެހިންނާ ކީރިތި ގުރުއާނާ ދެމެދު އުފެދިފައި ވަނީ ވަރަށް މަތިވެރި، ފުން ގުޅުމެއް ކަމަށެވެ.

"ދިވެހިންގެ ސަގާފަތަކީ ތުއްތުކުދިންނަށް އަކުރު އުގަންނައިދޭން ފަށާ ހިސާބުން ކީރިތި ގުރުއާން ދަސްކޮށްދޭން ފެށުން. އެކަން ކޮންމެ މަންމަޔަކު އައީ ކުރަމުން. އަދި ވަކި ހިސާބަކަށް ދިޔުމުން އެދުރުގެތަކަށް ފޮނުވައިގެން ކިޔެވުން ދަސްކޮށްދޭން ފެށުނު،" ރައީސް ވިދާޅުވި އެވެ.

"ދަރިންނަށް ކީރިތި ގުރުއާން ކިޔަވާށާއި ލިޔަން ދަސްކޮށް ދިނުމަކީ ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް. ކޮންމެ ރެޔެއްގެ މަޣުރިބު ނަމާދާއި އިޝާ ނަމާދާ ދެމެދު ކޮންމެ ގެއެއްގައި ކީރިތި ގުރުއާން ކިޔެވުން އޮވޭ. ކޮންމެ ކުއްޖަކު ވަކި އުމުރަކަށް ދިޔުމުގެ ކުރިން ގުރުއާން ހަތިމުކޮށް، ކިޔުއްވުން އޮވޭ. އެއީ އެ ޒަމާން."