މިއަދުން (ރެއިން) ފެށިގެން އެއް މަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް އުތުރުގައި ފައްޓާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ މައި ހަރުގޭގައި ރޭ ކުރިއަށް ގެންދިޔަ އެ އިއްތިހާދުގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމާއެކު ތިލަދުންމަތީގައި ބަންކަރިންގެ ޚިދުމަތް ފެށުމުގެ ވާހަކަތައް ފެށުނު ކަމަށެވެ. އެއަށްފަހު އެންމެ ހަ މަސް ދުވަސްތެރޭގައި އެސްޓީއޯ އިން ވަނީ އެކަމަށް ބޮޑު ދެ ޓޭންކަރު ގަނެފައި ކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެސްޓީއޯ އާއި އެމްއެންޑީއެފުން ދަނީ އެ ޚިދުމަތް ޤާއިމުކުރަން ނިންމާފައިވާ ސަރަހައްދުގެ ޗާޓު އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި، އެކަމަށްޓަކައި ކަސްޓަމާއި އިމިގްރޭޝަން އާއިއެކު އެންމެފަހުގެ މަސައްކަތްތައް ކުރަމުން އަންކަަަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އެ މަސައްކަތަށް ބޭނުންވާނެ ސާމާނު ހޯދުމާއި، އެ ޚިދުމަތް ފެށުމުން އެ ސަރައްދުގެ ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ދެނެގަނެތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ، ކުރީބައިގައި ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ދެނެގަނެތުމަކީ ސަލާމަތްވެތިބުން މި ކަހަަލަ ވިޔަފާރިކުރާއިރު ޤައުމުތަކުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެ މިންގަނޑުގެ ތެރެއިން ރާއްޖެއިން ކުރަންޖެހޭ ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ.
ސައީދު ވިދާޅުވިގޮތުގައި، އެސްޓީއޯ އިން ވަނީ ބަންކަރިން ޚިދުމަތަށް 40 މީހުން ވަޒީފާއަށް ނެގުމަށް މީގެ ތިން ހަފުތާގެކުރިން ޢިއުލާންކޮށްފައެވެ.
''މިއަދުން ފެށިގެން އަޅުގަނޑަށް މި ސްޓޭޖަށް އަންނަވާއިރަށް މައުލޫމާތު ނެގިއިރު މިއަދުން ފެށިގެން އެއް މަސްތެރޭގައި އިރާދަކުރެއްވިއްޔާ ސަރުކާރުން ބަންކަރިންގެ ޚިދުމަތް އުތުރުގައި ފައްޓާނެ، ރަސްމީކޮށް އުތުރުގައި ފައްޓާނެ'' ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އެ ޚިދުމަތް ފެށުމާއެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. މިގޮތުން ރާއްޖޭގެ ޖީޑީޕީއަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، މި އަހަރުގެ ޖުލައިގައި ބަންކަރިންގެ ޚިދުމަތް ފަށައިގެން އަންނަ އަހަރުގެ ޖުލައި އަންނަންވާއިރަށް ރާއްޖޭގެ އިޤްތިޞާދުގެ ތެރެއަށް މުޅިން އާ 400 މިލިއަން ޑޮލަރު ވަދެގެން ދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.
އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫޢު ހިންގުމަށް، ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިޤްތިޞާދީ ވުޒާރާއިން ސޮއިކުރީ 12 މެއި 2024 ގައެވެ.
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވާފައި ވަނީ 24 ފެބްރުއަރީ 2024ގައި ހއ. ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެދުވަހު ރައީސް ވިދާޅުވިގޮތުގައި ސަރުކާރުގެ ބޮޑު 5 ކުންފުނި ހިމަނައިގެން މި ސަރުކާރުން އަލަށް އުފެއްދި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނިން ހއ. އަތޮޅާއި، އެ ސަރަޙައްދުގައި ފަށާ މަޝްރޫޢު ވެގެންދާނީ، މި ރާއްޖޭގައި ފެށޭ އިޤްތިޞާދީ އެންމެބޮޑު މަޝްރޫޢަށް ކަމަށެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް ފްރީ ޒޯން ނަމުގައި ފްރީޒޯނެއް ހިންގާނެ ކުންފުންޏެއް ރަޖިސްޓްރީކޮށް ސަރުކާރުން ވަނީ ހޯރަފުށީގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދިއްޕޮޅުގެ ކުރިމަތީގައި އޮތް އިންޑަސްޓްރިއަލް ފަޅު އެ ކުންފުނީގެ އެސެޓަށް ކޮންވާޓްކޮށްދީފައިވާ ކަމަށާއި، އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ހޯރަފުށީ ފަޅުގައި ފަށާ މަސައްކަތް މި އަހަރުގެ ތެރޭގައި ބިން ހިއްކަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެދުވަހު ވިދާޅުވެފައެވެ.
އެއަށްފަހު 13 މާރިޗް 2024ގައި ސަރުކާރުން ވަނީ އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި، ވަނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުއަކީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ މަޝްރޫޢު އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!