ފާއިތުވި 23 އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ސްޕެއިންގެ އިތުބާރު ޑިފެންޑަރ ނަޗޯ ފެނާންޑޭޒް، އެ ޓީމް ދޫކޮށް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ގާޝިއަހް އަށް ސޮއިކޮށްފިއެވެ.

އަލް ގާޝިއަހް މިދިޔަ ސީޒަންގައި ވާދަކޮށްފައި ވަނީ ސައުދީގެ ދެވަނަ ފަންތީގެ ލީގުގައެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަނަށް އެ ޓީމް ވަނީ ސައުދީ ޕްރޮފެޝަނަލް ލީގަށް ކޮލިފައިވެފައެވެ. ވުމާއިއެކު އެ ޓީމުން އަންނަނީ އިތުރު ކުޅުންތެރިން ހޯދައި ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Ad
rt

ރެއާލް ދޫކޮށްލަން ނިންމިކަން ހާމަކުރަމުން ނަޗޯ ބުނީ މިއީ ހަޔާތުގައި ވެސް އޭނާ އަށް ކުރިމަތިވި އެންމެ އުނދަގޫ ނިންމުން ކަމަށެވެ.

ނަޗޯ ވަނީ ރެއާލް މެޑްރިޑާއިއެކު 26 ތައްޓެއް ކާމިޔާބު ކޮށްފައެވެ. އޭގެތެރޭގައި ޗެމްޕިއަންސް ލީގުގެ ހަ ތަށި ހިމެނެއެވެ. މީގެއިތުރުން އޭނާ ވަނީ ރެއާލާއިއެކު ކްލަބް ވޯލްޑް ކަޕް ފަސްފަހަރު، ސްޕެނިޝް ސްޕަކަޕް ފަސްފަހަރު، ސްޕެނިޝް ލީގުގެ ތަށި ހަތަރު ފަހަރު އަދި ކޮޕަ ޑެލް ރޭ ތަށި ދެފަހަރު ކާމިޔާބު ކޮށްފައެވެ.

އުމުރުން 34 އަހަރުގެ ނަޗޯ ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން ނިމިދިޔަ ސީޒަންގެ ނިޔަލަށް ހަމަވިއިރު، އޭނާ އަލް ގާޝިއަހް އާއި ގުޅިފައިމިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު އަލް ގާޝިއަހް އަށް ނަޗޯ ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސޮއިކޮށްފައެވެ.

ނަޗޯއަށް އެ ޓީމުން ކަނޑައަޅާފައިވާ މުސާރަ އެ ޓީމުން ހާމަކޮށްފައި ނުވިނަމަވެސް ސައުދީ މީޑިއާއިން ރިޕޯޓު ކޮށްފައި ވަނީ އެ ޓީމުން ނަޗޯއަށް ދިނުމަށް ކަނޑައަޅާފައި ވަނީ ސީޒަނަކަށް 10 މިލިއަން ޔޫރޯއެވެ. ކަރިމް ބެންޒެމާ ކުރިން ސީޒަން ނިމުމާއިއެކު ރެއާލް ދޫކޮށް ސައުދީގެ އަލް އިއްތިހާދަށް ބަދަލުވުމުން ނިމިދިޔަ ސީޒަންގައި ރެއާލްގެ ކެޕްޓަން ބޭންޑް އަޅާފައި ވަނީ ނަޗޯއެވެ.

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިން ޓީމުގައި ވެސް ނަޗޯ ހިމެނެއެވެ. ސްޕެއިން ވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނޮކައުޓް ބުރުން ޖާގަ ހޯދާފައެވެ. ނޮކައުޓް ބުރުގައި ސްޕެއިން ވާދަކުރާނީ ޖޯޖިއާއާއެވެ.