ރާއްޖެއަށް ހިޖުރަ ކުރާ ދޫނިތައް ނުހިފުމަށާއި، އެ ދޫނިތަކަށް ރާއްޖޭގެ މާހައުލުން ރައްކާތެރިކަން ދިނުމަށްއެދި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.
އެ އިދާރާ އިން ނެރުއްވާފައިފާ ސާކިއުލާއެއްގައި ވިދާޅުވީ އިރުވައި މޫސުމަކީ އެހެނިހެން އަހަރުތަކެކޭ އެއް ފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަ ކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ.
މިގޮތުން ހިޖުރަކުރާ ދޫންޏަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދިރުންތަކެއް ކަމަށް ވެސް އެ ސާކިއުލާގައި ވިދާޅުވެފައި ވެއވެެ. އަދި މިފަދަ ދޫނި ހިފާ އެތަކެތި ގެންގުޅުމަކީ މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން މަނާ ކުރެވިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އީޕީއޭ އިން ވިދާޅުވީ ރާއްޖޭގައި ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާއި ގުޅިގެން ރާއްޖެއަށް ހިޖުރަކުރާ ބާވަތްތަކުގެ ދޫނި ކަމަށާއި އެހެންކަމުން މިތަކެތި ރައްކާތެރިކުރުމަކީ ރާއްޖޭގެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ގުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެހެންނަމަވެސް ކޮންމެ އަހަރެއްގެ މި ދުވަސްވަރާއި ދިމާކޮށް މިފަދަ ދޫނި ވިޔަފާރިކުރުމަށާއި، މުނިފޫހިފިލުވުމަށް ހިފާ ގެންގުޅޭކަން އެ އިދާރާ އަށް ފާހަގަ ކުރެވިފައިވާ ކަމަށާއި ވުމާއިއެކު މިފަދަ ޢަމަލުތަކުން ދުރުހެލިވެ، ހެދިފައިވާ ގާނޫނާއި ގަވާއިދުތަކަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ބާރު އަޅުއްވާފައި ވެއެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް ދޫނިތައް ގެންގުޅޭކަން އިނގޭނަމަ ލަސްނުކޮށް އެޗްޕީއޭގެ ހޮޓްލައިން 7980379 ނުވަތަ އީމެއިލް: secretariat@epa.gov.mv އަށް އެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެދިލައްވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!