ކައުންސިލަކުން ފޯރުކޮށްދޭ ޚިދުމަތަކުން ރައްޔިތަކު މަހްރޫމް ކުރެވޭނީ ޤާނޫނުއަސާސީ އާއި އެއްގޮތްވާގޮތުގެ މަތީން ހެދިފައިވާ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން އެކަން ކުރުމުގެ ބާރު ލިބިގެން ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ.

އެލްޖީއޭ އިން މިހެން ވިދާޅުވީ ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެމީހުންގެ އަނބިން ފިރިން އަދި ދަރިންނަށް ކައުންސިލުން އެއްވެސް ހިދުމަތެއް ނުދިމުމަށް ކައުންސިލުން ނިންމުމާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ.

Ad
rt

ކައުންސިލްތަކަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރުމަކީ އެކަމުގެ ސަބަބުން ކައުންސިލުތަކަށް ދަތިތަކާ ކުރިމަތިވާނެ ކަމެއްކަމަށާއި އެހެންނަމަވެސް ކައުންސިލުތަކުގެ ނިންމުންތައް ނިންމަން ވާނީ ގާނޫނުގެ ދަށުން އާންމު ރައްޔިތުންނަށް ލިބޭ ހައްގުތަށް ނުގެއްލޭ ގޮތަށް ކަމަށް އެ ނޫސްބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެލްޖީއޭގެ ނޫސްބަޔާން ކިޔާލަން:

މީގެ އިތުރުން ކައުންސިލު އިދާރާއަކުން ފޯރުކޮށްދޭ ހިދުމަތްތަކުން އެއްވެސް ރައްޔިތަކުން މަހުރޫމްކުރެވޭނީ ގާނޫނީއަސާސީއާއި ހިލާފުނުވާނޭހެން ފާސްކޮށްފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެކަންކުރުމުގެ ބާރުލިބިގެންކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި ކައުންސިލާއި އަމިއްލަ ފަރުދަކާ މެދު ކުރެވޭ މަދަނީ މުއާމަލާތެއްގެ ތެރެއިން އެފަރާތުން ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކުން، ގާނޫނަކުން ނުވަތަ ގަވާއިދަކުން ހުއްދަކުރާ ފިޔަވަޅެއް މެނުވީ އެއްވެސް ރައްޔިތަކާމެދު އެޅުމަކީ ފަރުދީ ހައްގެއް ހިފެހެއްޓުން ކަމުގައި ދެކޭ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެފައި ވެއެވެ.

އެލްޖީއޭ ގެ ބަޔާނުގައި ވިދާޅުވީ އެގޮތަށް ފަރުދީ ހައްގެއް، ކައުންސިލްތަކަށް ނުހިފެހެއްޓޭނެ ކަމަށާއި ކައުންސިލަކާއެކުވެވޭ މަދަނީ މުއާމަލާތަކާ ގުޅިގެން ދައްކަން ޖެހޭ ފައިސާއެއް ނުދެއްކުމަކުން އެމީހަކާ މެދު ފިޔަވަޅު އަޅަންވާނީ މުއާމަލާތް ކުރުމަށް ހަދާ އެއްބަސްވުމާއި އެއްގޮތަށް ގާނޫނާއި ގަވައިދުގެ މަތިން ކަމަށެވެ.

ހަމަމިއާއެކު ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނޭހެން ނިންމުންތައް ނިންމުމަށް ކައުންސިލްތަކަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.