"އިންޑިއާ ފަސްޓް ޕޮލިސީ" ބަހަކީ ރައީސް ޔާމީން އުފެއްދެވި ބަހެއް ކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހުގެ ކެމްޕެއިން ދަތުރުފުޅުގައި ގދ. ތިނަދޫ ސިޓީއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވި "އިންޑިއާ ފަސްޓް ޕޮލިސީ" ބަސް އުފެއްދެވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށާއި އެ ވާހަކަތައް ދައްކަވާފައިވަނީ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ކަމަށެވެ.
އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ތިބޭނެ މަރުކަޒެއް ހަދާ ވާހަކަ އިދިކޮޅުން ދައްކަމުންގެންދާތީ އެކަމަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ އުތުރު ތިލަފަޅުގައި ކުރަމުންދާ މަސައްކަތްތަކަކީ ވެސް 2015 ވަނަ އަހަރު ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ މަސައްކަތްތަކެއް ކަމަށެވެ.
މީގެ އިތުރުން އުތުރު ތިލަފަޅުގައި ދިވެހި ސިފައިންނަށް ބޭނުންވާ ކޯސްޓްގާޑް ބަނދަރެއް ހެދުމާއި އެއާޕޯޓެއް އެޅުން ފަދަ ކަންކަމުގެ ވާހަކަ އެ އެއްބަސްވުމުގައި ހިމެނޭކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ އުތުރު ތިލަފަޅުގައި ހަދަމުން ގެންދަނީ ކޯސްޓްގާޑަށް ބޭނުންވާ ބަނދަރެއް ކަމަށެވެ. އަދި ރާއްޖޭގައި އޮތް ދެ ހެލިކޮޕްޓަރު ގެނައުމަށް ވެސް ސޮއިކޮށްފައިވަނީ ކުރީގެ ސަރުކާރުތަކުން ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އައްޑޫގައި ފުލުހުން ތަމްރީނުކުރާ މަރުކަޒު ހަދަމުންދިޔަ އިރުވެސް، އެއީ އިންޑިއާ ސިފައިން ތިބޭ މަރުކަޒެއް ކަމަށް އިދިކޮޅު ފަރާތްތަކުން ގޮވަމުން ދިޔަ ކަމަށާއި ނަމަވެސް މިހާރު އެތަން އަޅައި ނިންމައި، ފުލުފުލުގައި 300 ފުލުހުން ތަމްރީނުކުރަމުންދާ ކަމަށެވެ. އަދި އެ އެގްރިމަންޓުގައި ވެސް ސޮއިކުރައްވާފައިވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!