" ޕްރޮސީޖަރއަށްފަހު އެއްދުވަސް ފަހުން ދޫކޮށްލެވޭނީ... މިވަގުތު ޝަހާނާއަށް އަޅާލުމާއި ލޯބި ވަރަށް މުޙިއްމުވާނެ.. ނަފްސާނީގޮތުން ދެމީހުންވެސް ވަރަށް ބަލިކަށިވާނެކަން އެނގޭ.."
ހިތްހެޔޮކަމާއެކު ޑޮކްޓަރ ވާހަކަ ދައްކާ ނިންމާލުމާއެކު ނަރުސްކުއްޖާ ޖާވިދު ގާތު އޭނާއާއެކު ދިޔުމަށް އެދުނެވެ. އޭރު ޖާވިދްގެ ގައިންވަނީ ހަކަތަ ހުސްވެފައެވެ.
***
މާލެ އައިގޮތަށް އެންމެ ފުރަތަމަވެސް ހާރޫން ، ޔަޝްމީ ގޮވައިގެން ދިޔައީ އޭނާގެ ބައްޕަގެ ގާތަށެވެ. ބައްޕަ ދެކިލުމަށްފަހު އެނބުރި ގެއަށް އައީ ވެފަައިވާ ވަރުބަލިކަމުގެ ސަބަބުން އަރާމްކޮށްލަން ބޭނުންވާތީއެވެ.
" މާދަމާ ރިސޯޓަށް ދާންޖެހޭނެ.. ފަހަރެއްގައި މާދަމާރޭ އެކޮޅުގައި މަޑުވެސް ކުރަން ޖެހިދާނެ.. ޔަޝްމީ އަހަންނާއެކު ދާންވީނު"
ހާރޫން އެހެން ބުނެލުމުން ޔަޝްމީ ހިނިތުންވެލަމުން އެނދަށް އެރިއެވެ. އޭރު ހާރޫންވެސް އޮތީ ނިދަން ތައްޔާރު ވެގެންނެވެ.
" ދާންވީދޯ! އެހެންނޫނީ ގޭގައި ވަރަށް ފޫހިވާނެ.. "
" އެހެން ނޫނަސް އަހަރެން ބޭނުމެއް ނޫން ޔަޝްމީ އެކަނި ބަހައްޓާކަށެއް.. މިހާރުވެސް ނޭނގެ ވިއްޔަ އިން ގޮތެއް"
ޔަޝްމީގެ ބަނޑުގައި އަތް ޖައްސާލަމުން ހާރޫން ބުނެލިއެވެ. އެއާއިއެކު ޔަޝްމީއަށް ހާރޫންގެ އަތްމަތީގައި އަތް ބާއްވާލެވުނީ ހެވިފައި އޮވެއެވެ.
" އަހަރެންވެސް ހަމަ ހިތަށް އަރަނީ ތިހެން.. އަހަރެންގެ ހަށިގަނޑުތެރޭގައި ކުޑަކުޑަ ފުރާނައެއް އޮންނާނެޔޭ.. އަޅެ އެދުވަހަކުން ހާރޫންވެސް ވަރަށް އުފާވާނެދޯ!"
ޔަޝްމީގެ ސުވާލާއިއެކު ހާރޫންއަށް ހިމޭންވެވުނެވެ. އެއާއިއެކު އޭނާ ކުޑަކޮށް ދުރަށް ޖެހިލަމުން ބާލީހުގައި ބޯއަޅާލިއެވެ. އަދި ބޯމަތީގައި އަތް ބާއްވާލުމަށްފަހު ސީލިންގަށް ބަލަން އޮވެ ވާހަކަ ދައްކަން ފެށިއެވެ.
" އާނ! އަހަރެން ވަރަށް އުފާވާނެ.. އެއީ މިހާރު އަހަރެން އެންމެ ދެކެން ބޭނުންވާ ދުވަސް.. އެއްބަނޑުއެއްބަފާ އެއްވެސް މީހަކު ނެތް! މައިންބަފައިންގެ އާއިލާގެ މީހުން އުޅޭ ތަނެއް ނޭނގެ.. މަންމަ ނިޔާވެއްޖެ! ބައްޕަވެސް އެއޮތީ ގައިބާރުދޫވެ، މުސްކުޅިވެ ތަނެއް ދޮރެއް ނޭނގޭ ޙާލުގައި. އެހެންވީމަ އަހަރެންގެ ހުރިހާވެސް މީހަކީ ހަމައެކަނި ޔަޝްމީ! އެހެންވީމަ.. ދެން އަހަރެން ބޭނުންވަނީ އަހަންނަށް ބައްޕާއޭ ކިޔާ ގޮވާލާނެ ދަރިއެއް.. އެންމެ ދަރިއެއް ނޫން.. ބައިވަރު ދަރިން"
އެހިސާބަށް ވާހަކަ ދިޔުމާއެކު ޔަޝްމީ މަޑުމަޑުން ހާރޫންގެ މޭގައި ބޯ އަޅާލަމުން ބައްދާލިއެވެ. އެއާއިއެކު ހާރޫން ހިންދިރުވާލިކަން ޔަޝްމީއަށް އެނގުނެވެ.
" އެހާ ވަރަށް ނުވިސްނާ! އިންޝާﷲ ހުރިހާކަމެއްވެސް ރަނގަޅުވާނެ"
ޔަޝްމީ މަޑުމަޑުން ބުނެލިއެވެ،
" ކިހިނެއް ނުވިސްނާ ހުންނާނީ! އަހަރެންގެ ޒުވާން ޢުމުރު ގޮސް މިހާރު މިހުރީ ސާޅީހުން މައްޗަށް ގޮސް! އެނގޭތަ؟ އަހަންނާއެކު ކިޔެވި މީހުންގެ ދަރިން މިހާރު ކިޔަވާ ނިމެނީ! އަހަރެންވެސް އޭރު ދިރިއުޅުމެއް ފެށިނަމަ ބޮޑެތި ދަރިން ތިބީހެއްނު! "
ހާރޫން އަސަރާއެކު އެހެން ބުނެލުމުން ޔަޝްމީ އިސްއުފުލާލުމަށްފަހު ހާރޫންއަށް ބަލައިލިއެވެ.
" އަސްލު ކީއްވެތަ ޅައުމުރުގައި ކައިވެނި ނުކުރީ؟"
ޝައުޤުވެރިކަމާއެކު ޔަޝްމީ އަހާލިއެވެ.
" އެއްބަނޑުއެއްބަފާ އިތުރު ކުއްޖަކު ނެތީމަ އަހަންނަށް ހެޔޮއެދޭނެ އިތުރު މީހަކު ނުހުންނާނެއެއްނު.. ފުރަތަމަ މަސައްކަތްކުރީ އަމިއްލަ ފައިމައްޗަށް ތެދުވަން. އެ ހުވަފެން ހަޤީޤަތަކަށްވެ، ކާމިޔާބު މީހަކަށް ވެވުނީ މިހާ ދުވަހުން.. ކިހާ ރަނގަޅު! ލޯބިލޯބި އަނތްބެއް އަހަންނަށް ލިބިއްޖެ! ދެން ބޭނުންވަނީ ހަމަ ތިހާ ލޯބިލޯބި ދަރިންތަކެއް.. "
ހާރޫން ލޯތްބާއެކު ޔަޝްމީއަށް ބަލައިލިއެވެ. އެހިނދު ޔަޝްމީ އުފަލުންގޮސް ހާރޫންގެ މޭމަތީގައި ބޮނޑިވެގަތެވެ.
" މިހާރު އަހަންނަށް ހުވަފެނުންވެސް ފެންނަން ފަށައިފި ކުޑަކުދިން.. ހީވަނީ ދެން މާ ލަސްތަކެއްނުވެ، އުފާވެރި ޚަބަރެއް ލިބިދާނެހެން"
ޔަޝްމީ ބަލައިލީ އަނެއްކާވެސް ހާރޫން ވާހަކަ ދައްކަން ފެށީމައެވެ. ހާރޫން އެހާވަރަށް ދަރިޔަކަށް އުއްމީދު ކުރާތީ ޔަޝްމީވެސް ނުހަނު އުފާކުރިއެވެ.
" އަހަންނަށް ޔަޤީން އަހަރެންގެ ދަރިންނަށް ތިޔަށްވުރެ ރަނގަޅު ބައްޕައެއް ނުލިބޭނެކަން"
އުފާވެރި ރާގެއްގައި ޔަޝްމީ އެހެން ބުނެލުމުން ހާރޫން ޔަޝްމީގެ އަތުގައި ހިފައި ފިތާލިއެވެ.
" ޔަޤީން. އިންޝާﷲ އަހަރެންވަރުގެ ބައްޕައެއް އެކުދިންނަކަށް ނުލިބޭނެ.. އެކުދިންނަނީ މިދުނިޔޭގައި ތިބޭނެ އެންމެ އުފާވެރި ކުދިންނަށް ހެދޭތޯ މަސައްކަތް ކުރާނަން! ދަރިޔަކު ލިބޭ ހިސާބުން އަހަރެންގެ ހުރިހާ ކަމެއްވެސް އެކަމަށް ހުސްކުރާނަން! އެކުދިން ބޭނުން ވަރަކަށް އަހަރެން އެކުދިންނަށް ވަގުތު ދޭނަން... އިރާދަކުރެއްވިއްޔާ އެދުވަސް ވަރަށް އަވަހަށް ދައްކަވާނެ"
ހާރޫން ޔަޝްމީގެ އަތަށް ބޮސްދިނެވެ. އޭރުވެސް ޔަޝްމީ އޮތީ ހެވިފައެވެ.
***
މެންދަމުން އަލިވެ ތިނެއް ޖެހި އިރުވެސް ޖާވިދް އިނީ ހޮސްޕިޓަލްގެ ގޮނޑި ބަރީގައެވެ. ފާރުގައި ބޯ ޖައްސާލައިގެން ދެލޯ މަރާލައިގެން އިންދާ ނަރުސް ކުއްޖަކު ޝަހާނާގެ ނަމުން ގޮވާލުމާއެކު ޖާވިދް ތެދުވެ އެދިމާލަށް ދިޔައެވެ.
" މިހާރު ޝަހާނާ ރޫމަށް ބަދަލު ކުރަން ނެރެން މިއުޅެނީ! ހުރިހާ ކަމެއްވެސް ރަނގަޅު.. މާދަމާ ހެނދުނު ޑޮކްޓަރ ބައްލަވާފައި ދޫކޮށްލާނެ! "
ނަރުސް ވާހަކަ ދައްކާފައި ދިޔުމުންވެސް ޖާވިދް ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހު މަޑުކޮށްލިއެވެ. ހަމަ އެވަގުތެވެ. އެދޮރުން ދުއްވާ ގޮނޑިއެއްގައި ޝަހާނާ ނެރުނުތަން ފެނި، ޖާވިދް އަނެއްކާވެސް އެތަނަށް ދިޔައެވެ. ޝަހާނާއަށް ޖާވިދް ފެނުމާއެކު އިސްޖަހާލިއެވެ. ޖާވިދްގެ މޫނަށް ބަލައިލާނެ ހިތްވަރުވެސް އޭނާގެ ކިބައިގައި ނެތް ކަހަލައެވެ.
ޕްރައިވެޓް ރޫމެއްގައި ޝަހާނާ އެޑްމިޓް ކުރެވުނެވެ. އެއާއިއެކު ކައިރީގައި ހުރި ނަރުސްކުއްޖާ އޭނާގެ ގަޔަށް ދެ އިންޖެކްޝަން ޖެހުމަށްފަހު، ބޭސްދޭ ގަޑިޔަށް އަންނާނެ ކަމަށް ބުނެ ކޮޓަރިން ނިކުމެގެން ދިޔައެވެ. ގައިމަތީގައި ފޮތިގަނޑު އަޅައިގެން ޝަހާނާ އޮތީ އަރިއަކަށް ވާގޮތަށެވެ. އޭނާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނުމަށްފަހު ޖާވިދް ފުންނޭވާއެއް ދޫކޮށްލިއެވެ. އެއާއިއެކު ޝަހާނާގެ ގިސްލުމުގެ އަޑު އިވި އޭނާއަށް ބަލައިލެވުނެވެ.
" އަހަރެމެންގެ... ދަރިފުޅު..".
މަޑުމަޑުން ޝަހާނާ އެހެން ބުނެލުމުން ޖާވިދް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.
" ދެން އެކަމާ ނުރޮއި! ހިތާމަ ނުކުރޭ! އެއީ އަހަރެމެންގެ ބާރުގެ ދަށުގައި ވާކަމެއް ނޫން.."
" ޖާވިދް ތިހެން ބުންޏަސް.. އަހަރެން ދިރިހުންނަށް ލިބުނު ކުޑަކުޑަ އުއްމީދަކީވެސް އެއީ... "
ޝަހާނާއަށް އަނެއްކާވެސް ރޮވުނެވެ. ޝަހާނާގެ ޖުމްލައިން ޖާވިދްގެ ހިތަށް އިންތިހާއަށް އަސަރު ކުރުވިއެވެ. ނަމަވެސް އޭނާގެ ޖަޒްބާތުތައް ފޮރުވޭތޯ އޭނާ ނުހަނު މަސައްކަތް ކުރިއެވެ.
" އަހަރެންވެސް އެދަރިފުޅު ވަރަށް ބޭނުންވި! އަހަރެން ދެރަނުވާނެކަމަށްތަ ހީކުރީ؟ އަހަރެމެން ދެމީހުން ވަކިވެފައި ވީނަމަވެސް އެ ދަރިފުޅަށް ފުރިހަމައަށް އަހަރެން ލޯބި ދިނީމުސް.. އެކަމަކު ކީއްކުރާނީ؟ ދެން އަހަރެން ޝުކުރު ކުރަން ޝަހާއަށް ގެއްލުމެއް ނުވީތީ"
ޖާވިދް ލަސްލަހުން އެހެން ބުނުމުން ޝަހާނާ އިސްއުފުލައި ބަލައިލިއެވެ.
" ޖާވިދް އަހަންނަށް ހެޔޮވެސް އެދެންތަ؟ އަހަރެން ހީކުރީ، މިކަންތަކުގައި އަހަރެން މަރުވުމަށް އެދި ދުޢާވެސް ކުރާނެކަމަށް"
ޝަހާނާގެ ޖުމްލައިން ޖާވިދަށް ސިހުން ލިބުނެވެ. ހައިރާންކަމާއެކު އޭނާއަށް ޝަހާނާގެ މޫނަށް ބަލައިލެވުނީ މާޔޫސްވަމުންނެވެ.
" ޝަހާ އަހަންނާމެދު ތިގޮތަށްތަ ވިސްނަނީ؟ އެދުވަހު ވަރިކޮށްފައި ފޮނުވާލިޔަސް، އަދިވެސް މަގޭ ހިތުގައި ޝަހާއަށްޓަކައިވާ ލޯބި ވަޅެއް ނުހައޭ! މިއީ އެންމެ ދުވަހަކުން ވީ ލޯތްބެއް ނޫނެއްނު.. އެންމެ ކުޑައިރުއްސުރެ އަހަރެން ތި ނޫނީ ލޯބިވި އިތުރު މީހަކު ނުހުންނާނެ! އަދިވެސް ލޯބިވޭ! އެކަމަކު އެލޯބީގެ އަގެއް ނެތް! އެލޯބީގައިވާ ތާޒާކަމެއް ނެތް! އެލޯބީގައިވާ އުފާވެރި އަސަރުތަކެއް ނެތް! ލޯބި ވިޔަސް... އެއީ ހުވަފެނީ ލޯތްބެއް.. އަލުން އާބާދެއް ނުކުރެވޭނެ! އާލާއެއް ނުވާނެ.. ޝަހާ ކީއްވެ އަހަންނަށް ތިހެން ހެދީ؟ ކީއްވެ އަހަރެންގެ ލޯބި ވަޒަން ނުކުރެވުނީ.. ބުނެބަލަ! "
ޖާވިދަށްވެސް ރޮވޭ ގޮތްވިއެވެ. އޭރު ޖާވިދްގެ ވާހަކަތައް ފަރުވާތެރިކަމާއެކު އަޑުއަހަން އޮތް ޝަހާނާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.
" އަހަންނަށް މަޢާފްކުރޭ ޖާވިދް.. ޕްލީޒް.. އަހަރެން އެއްލައިނުލާ! އަހަރެން ބާކީ ނުކުރޭ"
ޝަހާނާ ޖާވިދްގެ އަތުގައި އަތް ޖައްސާލުމާއެކު ޖާވިދަށް ދެލޯ މަރައިލެވުނެވެ. އަދި އޭނާ އަވަސް އަވަހަށް އަތް ދަމައި ގަތެވެ. އެކަންވީ ޝަހާނާއަށް ކެތްކުރަންވެސް އުނދަގޫ ކަމަކަށެވެ. ޖާވިދް އޭނާއާ ގުޅެން ބޭނުން ނުވާނެކަން އޭނާއަށް ޔަޤީންވެސް ކުރެވުނެވެ.
" އަހަންނަށް މަޢާފް ކުރެވިދާނެ.. އެކަމަކު އަލުން ޝަހާ އަހަރެންގެ ޙަޔާތަށް ގެންނާކަށް ބޭނުމެއް ނޫން.. "
ޖާވިދް އަވަސް އަވަހަށް ބުނެލިއެވެ. އެހިނދު ޝަހާނާ އަނެއްކާވެސް ބުންޏެވެ.
" ކުރެވުނު ކުށަށް އެތައް ފަހަރަކު އަހަރެން ތަޢުބާ ވެއްޖައިން! ކުށްކުރެވޭނީވެސް އިންސާނުންނަށް.. ދެން ކީއްވެ ޖާވިދް އަހަރެން ދުރު ތިކުރަނީ؟"
" ކީއްވެގެންކަން ބުނެދޭންވީތަ؟ ޝަހާއަށް އެނގޭތަ ޝަހާ އެކަން ކުރީ ކާކަށްޓަކައިކަން؟ އަހަރެންގެ ކޮއްކޮގެ ފިރިމީހާ ހޯދަން.. އަހަރެން ޝަހާއަށް މަޢާފްކޮށް، އަލުން އިނދެގެން ގެއަށް ގެނައީމަ އަހަރެންގެ އާއިލާ އަހަންނަށް ކިހާ މަލާމާތެއް ކުރާނެ.. ރަށު މީހުން ކީކޭ ކިޔާނީ.. ކޮއްކޮ ކީކޭ ބުނާނީ؟ އޭނަގެ ދިރިއުޅުމާ ކުޅެލައިފައި އަދި އަހަރެންގެ ލޯބީގައި ކޮޅުފައިންޖެހީމަ އަހަރެންގެ ނަފްސު ޝަހާ ޤަބޫލުކުރަން ދެކޮޅު ހަދާ! އަހަންނަށް އެއްބަހެއް ނުވެވޭނެ.. ޝަހާއަކީ އަހަންނަށް އެކަށީގެންވާ މީހެއް ނޫންކަމަށް އަހަރެންގެ ޟަމީރު އަހަންނަށް އަބަދާއަބަދު ވިސްނައިދޭ... ދެން ކިހިނެއް؟"
ޖާވިދް ވާހަކަ ދެއްކީ ނުހަނު އަވަސް އަވަހަށެވެ. ޖާވިދްގެ ނިންމުން އަޑު އިވުމާއެކު ޝަހާނާ ދެއަތުން ކަރުނަ ފުހެލަމުން ހަށިގަނޑު ތެދުކޮށްލިއެވެ.
" މާވެސް ގަހުން ވަކިކޮށްލީމަ މިލާ މޯޅިވުމަށްފަހު އަލުން ތާޒާކަމާއެކު ނުފޮޅޭނެ! އަހަރެން ދެން ދުވަހަކުވެސް މީހަކާ ނީންނާނަން! އަހަންނަށް ކުރެވުނު ކުށުގެ ސަބަބުން އަހަރެންގެ އަތުން އުފާވެރިކަން ބީވެއްޖެ! ޖާވިދް ކީއްވެ ދެން މިތަނުގައި ތި ހުންނަނީ؟ ދޭ! އަހަރެންގެ މަންމަ ގެނެސްދީ! ޖާވިދް މިތަނުގައި ހުރުމުގެ އެއްވެސް ބޭނުމެއް މިހާރަކު ނެތް."
މޫނު އަނބުރާލަމުން ޝަހާނާ ބުންޏެވެ. ރޮވިފައި އޮވެއެވެ.
" މަންމަ މެންނަށް ރޫމެއް ނަގައިދިނިން.. އެމީހުން މިހާރު ނިދިފައި ތިބޭނީ! އަހަރެން ދާނަން ހެނދުނު އެމީހުން އައީމަ"
ޖާވިދް އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އޭނާގެ ހިތަށް އެތަނުގައި އިންނަން ވަރަށް އުނދަގޫވެއެވެ. ޝަހާނާ ބަލިވެ އޮންނަތަން ދެކެން އޭނާއަށް އުނދަގޫވަނީއެވެ. ނަމަވެސް ވިސްނުން އިސްކޮށްގެން އޭނާ މަސައްކަތްކުރީ ކެތްތެރިވާށެވެ.
***
ހެނދުނު ހެނދުނާ ހާރޫން ރިސޯޓަށް ދިޔައެވެ. އެކުގައި ޔަޝްމީވެސް ގެންދިޔައެވެ. ޔަޝްމީ، ރިސޯޓުގައި ގޮސް ހުންނަނީ ހާރޫންގެ ކޮޓަރީގައެވެ. ސައިބޮއިގެން ހާރޫން އޮފީހަށް ދިޔުމުން އޭނާ އަވަސް އަވަހަށް ޖާވިދަށް ގުޅާލިއެވެ.
" މިހާރު ރަނގަޅުތަ؟ ދޮންބެ ދެން އެކަމާ ނުވިސްނައްޗޭ! "
ޔަޝްމީ ލޯތްބާއިއެކު ބުނެލިއެވެ.
" މިހާރު މިތިބީ ފުރަން އައިސް! "
ޖާވިދް ދިނީ ކުރު ޖަވާބެކެވެ. އެހެންކަމުން ޖާވިދަށް އަސަރުކޮށްފައިވާވަރު ޔަޝްމީއަށް އިޙްސާސް ކުރެވުނެވެ.
" ދޮންބެ ޗުއްޓީ ނުނިމެންޏާ އާދެބަލަ މާލެއަށް އަހަރެންގާތު މަޑުކޮށްލަން! ދެން ރަށުގައި ހުންނަން އުނދަގުވެސް ވާނެއެއްނު.."
ޔަޝްމީގެ އެދުމަށް ޖާވިދް އެއްބަހެއް ނުވިއެވެ.
" ދޮންބެ އެންމެ ހިތްހަމަޖެހޭނީ އޮފީހުގެ މަސައްކަތްތައް ކުރަން ފެށުނީމަ.. އެހެންވެ މާދަމާ ނިކުންނަންވެގެން މިއުޅެނީ! އޯކޭ ކޮއްކޯ ލޯންޗް ކައިރިކޮށްފި.. ފަހުން ގުޅާނަން"
ޔަޝްމީ ފޯނު ބޭއްވުމަށްފަހު އެނދުގައި އޮށޯވެލިއެވެ. އެއާއިއެކު ދަށްބަނޑުގައި ކޮންމެވެސް ކަހަލަ ރިހުމެއް އުފެދޭހެން އޭނާއަށް ހީވިއެވެ. އެހެންކަމުން ދަށްބަނޑުގައި އަތް ޖައްސާލަމުން އޭނާ މަޑުމަޑުން ތެދުވިއެވެ. އެހިނދު ރިހުން ހުރިކަން އޭނާއަށް ޔަޤީންވެސް ކުރެވުނެވެ. އެހެންކަމުން އަވަސް އަވަހަށް ހާރޫންއަށް ގުޅައިގެން ކޮޓަރިއަށް ހާރޫންވެސް ގެނައެވެ.
" ދެން ކީއްވެތަ އެހާ އުފަލުން ތި ހުރީ؟ ޑޮކްޓަރ ގެންނަންތަ؟ "
އެނދުމަތީގައި އިށީނދެ އިން ޔަޝްމީގެ މޫނަށް ބަލައިލަމުން ހާރޫން އަހާލީ އިށީންނަމުންނެވެ.
" އުފާވާނެއެއްނު.. އެނގޭތަ މިއީ ބަނޑުބޮޑުކަމުގެ އަލާމާތެކޭ.."
ޔަޝްމީ އެހެން ބުނުމާއެކު ހާރޫން ނިތްއަރުވާލިއެވެ. އަދި ހައިރާންވެފައި ހުރެ ބުންޏެވެ.
" އެހެންތަ؟ އަހަންނަކަށްވާ ނޭނގެއޭ! އެކަމަކު އަދި މަސްދުވަސް ވެސް ނުވާނެއެއްނު"
ހާރޫންގެ ގައިގައި ޔަޝްމީ ޖެހިލުމާއެކު ހާރޫން ޔަޝްމީގެ ބުރަކަށީގައި ހިފަހައްޓާލިއެވެ.
" ވެދާނެއެއްނު ޓްވިސެއް ކަމަށްވެސް.. އެހާ އަވަހަށް އަލާމާތް ފެންނާނީ ޓްވިންސްވީމަހެން ހީވަނީ.. މިހާރު އެބަ ހީވޭ ހޮޑުލަވާހެން ވެސް"
ޔަޝްމީ މަޖާވެލާފައި އެހެން ބުނުމުން ހާރޫން ބާރު ބާރަށް ހޭންފެށިއެވެ.
" އުޅޭ ގައިނީ އަކަށް ދައްކަން މާލެދާން"
ހާރޫން ލަދާ ދިނުމުން ޔަޝްމީ ބުނެލިއެވެ.
" ނޫނޭ އަދި މާ އަވަސް.. މަހެއް ވީމަ ދައްކާނީ! ގޭގައިވެސް ޓެސްޓް ކޮށްލެވޭނެއެއްނު.. މިރޭ މާލެގޮސްވާނެދޯ ޓެސްޓްކޮށްލަން"
ޔަޝްމީ އުފަލުން ހުރެ ބުންޏެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!