ކުރީގެ އަދަދާއިގުޅޭ،

" އަހަރެން ކިޔަވައިގެން ވަޒީފާއަށް ދާންވީތަ؟"

Ad
rt

ޔަޝްމީގެ ސުވާލުން ހާރޫން އިސްޖަހާލިއެވެ. އެވަގުތު ލިފްޓްގެ ދޮރުވެސް ހުޅުވިއްޖެއެވެ. އެހެންކަމުން ޔަޝްމީގެ ސުވާލަށް ޖަވާބެއް ނުދީ ހާރޫން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ފަހަތުން ޔަޝްމީވެސް ދިޔައީ އަވަސް ފިޔަވަޅު ތަކެއްގައެވެ.

" ވަރަށް ވަރުބަލިދޯ"

ސޯފާގޮނޑިމަތީގައި ކޮތަޅުތައް ބަހައްޓަމުން ހާރޫން ވާހަކަ ދެއްކީ ވަރުބަލިކަމާއެކުއެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި ޔަޝްމީ ބޭނުންވީ މީގެ ކުޑަ އިރުކޮޅެއް ކުރިން ހާރޫން ދެއްކި ވާހަކައާ ބަހުސް ކުރާށެވެ.

" އަހަރެން މިހުންނަނީ ޖަވާބު ލިބެންދެން"

އަލަމާރި ކައިރީގައި ހުރި ބޮޑު ލޯގަނޑާ ދިމާއަށް ހިނގައިގަންނަމުން ޔަޝްމީ އަހާލިއެވެ. އެއާއިއެކު ހާރޫންއަށް ފަރުވާތެރިކަމާއެކު އެދިމާލަށް ބަލައިލެވުނެވެ. އޭރު ޔަޝްމީ ހުރީ އޭނާގެ ކަންފަތުލާއެތި ނައްޓުވާށެވެ.

" ވަޒީފާއަށްދޯ؟"

ފުންނޭވާއެއް ދޫކޮށްލަމުން ހާރޫން ސޯފާގައި އިށީނދެލިއެވެ. އޭރުވެސް ޔަޝްމީ ހުރީ ހިތްހަމަނުޖެހިފައިކަން ހާރޫންއަށް އެނގެއެވެ.

" އަހަރެން ޔަޝްމީއަށް ކިޔަވައިދޭން މިއުޅެނީ އަހަންނަށް ލާރި ނުލިބޭތީވެ، އަނގަޔާ އަތާ ދިމާ ނުވާތީ! ޔަޝްމީ ވަޒީފާއަށް ދިޔައީމަ ކިހާ ބައިވަރު ލާރިއެއް ލިބޭނެ! މިހާރު ނަރުހުންނަކީ ޖަވާހިރުންނެއްނު! "

ހާރޫން ވާހަކަ ދެއްކީ އަކުރުތަކަށް ދަމަމުން ލަސްލަހުންނެވެ. އަދި ލޮލުގެ ހިމަކޮޅުން އޭނާ ޔަޝްމީއަށް ބަލަމުން ދިޔައެވެ.

" ދޭން... ހާރޫންން! މަޖަލެއް ނޫނޭ.. އަހަރެން ސީރިއަސްވިއްޔާ ހާރޫން ބޭނުންވާނީ މަޖާކުރަން! "

މޫނުމަތި ފުސްކޮށްލަމުން ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ބާރުބާރަށް ހިނިގަނޑެއް ޖަހާލުމަށްފަހު ހާރޫން ތެދުވެއްޖެއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި އައިސް އަލަމާރީގައި ލެނގިލުމަށްފަހު ޔަޝްމީއަށް ބަލައިލިއެވެ.

" އަހަރެން ބޭނުންވާނެތަ ޔަޝްމީ ވަޒީފާއަށް ފޮނުވަން؟ އެކަމަކު އަހަރެން އޭރު ޔަޝްމީގެ މައިންބަފައިންނަށް ވަޢުދުވީން ކިޔަވައިދޭނެ ކަމަށް. ދެން އިނދެގެން އައިސް އެކަން ހަނދާންނައްތާލީމަ ކޯއްޗަކަށްވާނީ"

ހާރޫންގެ ވާހަކަތަކަށް ޔަޝްމީ ބޯ ޖަހާލަމުން ކަރުގައި އޮތް ހާރު ނަގައި ޑްރެސިންޓޭބަލްމަތީގައި ބޭއްވިއެވެ. އަދި ދެތިން ފިޔަވަޅުން އައިސް ހާރޫންގެ ކުރިމަތީގައި ހުއްޓި، އޭނާގެ ގައިގައި ކުޑަކޮށް ލެނގިލިއެވެ.

" ދެން ނޫން.. އަހަރެން މިހާރު ކިޔަވާހިތެއްނުވެ! އަހަންނަށް އުނިވާ، މަދުވާ އަދި ނުލިބޭ އެއްވެސް އެއްޗެއް ނެތެއްނު! ދެން ކީއްކުރަން އަލުން ބޯ ގާނަން ކިޔަވަންވީ! މަންމަގާތު އަހަރެން ބުނާނަން ކިޔަވާކަށް ބޭނުމެއް ނޫނޭ... "

ކުޑަކުއްޖަކު ފަދައިން ޔަޝްމީ ވާހަކަ ދައްކަމުން ދިޔައެވެ. އެހިނދު ހާރޫން ޔަޝްމީގެ އުނަގަނޑުގައި އަތް އަޅުވާލުމަށްފަހު ނުހަނު ލޯބިން އޭނާގެ ނޭފަތުގައި ހިފާލިއެވެ.

***

ހަވީރު ތިނެއް ޖެހުމާއެކު ޒޫނާ ތެދުވިއެވެ. އަދި ދަބަސް ކޮނޑުގައި އަޅުވަމުން އަވަސް ފިޔަވަޅުތަކެއްގައި ދޮރާއިދިމާލަށް ދާން ހިނގައިގަތެވެ. އެމަންޒަރު ބަލަން ދުރުގައި އިން ރިޔާޒަކަށް މަޑަކުން ނީނދެވުނެވެ.

" މިހާރު ހާދަ އަވަހަކަށް ގެއަށް ދެޔޭ! ހީވަނީ ގަޑި ނުޖެހިގެންހެން އިންނަނީ.. ކިހިނެއްވީ؟ އޮފީސް މާ ފޫހީތަ؟"

ރިޔާޒްގެ ޖުމްލައިން ޒޫނާއަށް ހެވުނެވެ. އޭނާއަށް އަންނަމުންދާ ބަދަލުތައް އެހެން މީހުންނަށްވެސް ފާހަގަ ކުރެވުނޭ ހިތަށް އަރާ، އަމިއްލަ ނަފްސަށް އޭނާއަށް މަލާމާތްކޮށްލެވުނެވެ.

" ނޫނޭ.. ދެން އިތުރު މަސައްކަތްތަކެއް ނެތީމަ ކީއްކުރަން އިންނަންވީ؟ ރިޔާޒްމެން ވަގުތަށް މަސައްކަތް ނުނިންމާތީއޭ ފަހެއް ޖަހަންދެންވެސް ތިބެން ތި ޖެހެނީ"

ޒޫނާ ބޭނުންވީ ރިޔާޒްގެ އަނގަ ބަންދުކޮށްލާށެވެ. ނަމަވެސް ކަންތައްވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ފެނުނީ ކުއްލިއަކަށް ތެދުވެގެން ރިޔާޒް އަންނަތަނެވެ.

" ޖާވިދް ޗުއްޓީ ނެގިފަހުން ވެގެން އުޅޭގޮތެއްހެން ހީވަނީ!"

ހެވިފައި ހުރެ ރިޔާޒް އެހެން ބުނެލުމާއިއެކު ޒޫނާގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ. އިތުރަށް ދިފާޢުވާން އެއްޗެއް ބުނަން ނުކެރި، އޭނާއަށް އިސްޖަހާލެވުނީ ލަދުރަކި ހިނިތުންވުމަކުންނެވެ.

" ނިގޫފިތި، ބުޅާ ގޯނިން ބޭރުވީތާ"

ބާރު ހިނިގަނޑަކާއިއެކު ރިޔާޒް އެހެން ބުނެ، ޒޫނާގެ ކުރިމަތީގައި ހުއްޓުނެވެ.

" ނޫނެކޭ.. ދެން ރިޔާޒްވެސްދޯ! ތިކަހަލަ ވާހަކަ ނުދައްކަބަލަ! ތިއީ ކުށްހީއެއް! އަނެއްކާ އަޅުވާކިޔަން ނުކިޔައްޗޭ!"

ޒޫނާ އެހެން ބުނުމަށްފަހު އަވަސް އަވަހަށް ނިކުތެވެ. އޭރުވެސް ރިޔާޒަށް ހުރެވުނީ ހެވިފައި ބަލަހައްޓައިގެންނެވެ. އޭނާއަކީ މީހުންނާ ދިމާކުރުމުގައި ހައްދުންނައްޓާފައިވާ މަޖާ މިޒާޖެއްގެ މީހެކެވެ. އޭނާ ދައްކާ ވާހަކަތަކުން އޮފީސް މާޙައުލު އަބަދުވެސް އޮންނަނީ އުފާވެރިކަމެއްގެ ތެރޭގައެވެ.

***

ހާރޫން ހުރީ ލިފްޓް ދޮރުމަތީގައި ޔަޝްމީގެ އިންތިޒާރުގައެވެ.

" ހާދަ ލަސްވީ! "

ކޮޓަރިން ނިކުތް ޔަޝްމީ ފެނުމާއިއެކު ހާރޫންއަށް ބުނެލެވުނެވެ. އެހިނދު ލުއި ހިނިތުންވުމަކުން ޔަޝްމީ ފުއްދާލީ، ބޭރަށް ދާން ތައްޔާރުވުމުގައި އަބަދުވެސް ޔަޝްމީ ލަސްވާކަން ޚުދު އޭނާވެސް ޤަބޫލު ކުރާތީއެވެ.

"އަހަންނަށް ބުނެދީފާނަންތަ އަހަރެމެން ދާން މިއުޅޭ ތަނެއް"

ދެބުމަ ހިއްލާލަމުން ޔަޝްމީ އެހެން ބުނެލުމާއިއެކު ހާރޫން ހިނިތުންވެލިއެވެ. ނަމަވެސް އޭރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޔަޝްމީ ލައިގެން ހުރި ހެދުމަށެވެ.

" ތިހެދުން ވަރަށް ރީތި... ހުދު ކުލަ ޔަޝްމީއާ ވަރަށް ގުޅޭ!"

ހާރޫންގެ ދުލުން ތަޢުރީފްގެ ބަސްތައް އަޑުއަހާ އަހާ ޔަޝްމީއަށް އެއީ އާ ކަމަކަށް ނުވެއެވެ.

" އެހެންވެތާ އަހަންނަށް އަބަދު ހުދު ކުލައިގެ ހެދުން ގަނެދެނީވެސް..."

ހާރޫންގެ އަތުގައި ހިފައިގެން ހުރެ ލިފްޓަށް އަރަމުން ޔަޝްމީ ބުނެލިއެވެ.

" މިގަޑީގައި؟ ޓެރަހަށް ކީއްކުރަން ދަނީ؟ "

އެންމެ މަތީ ފަންގިފިލާއަށްދާން ލިފްޓަށް ހާރޫން ފިތާލުމާއެކު ޔަޝްމީ ބުނެލިއެވެ. އެހިނދު ހާރޫން އޭނާގާތު ހަމަޖެހޭށޭ ބުނެލިއެވެ.

" އަޅެ! ކާން ހިނގާ އިހަށް.. ފަހުން ހަނދުވަރު ބަލާނީ.. އެހެން ނޫނަސް މާދަމާ ފުރާއިރު، ކީއްކުރަން އެހާ ލަސްވަންދެން މިރޭ..ތިބެންވީ؟"

ޔަޝްމީގެ ޖުމްލަ ނުނިމެނީސް ލިފްޓްގެ ދޮރު ހުޅުވިއްޖެއެވެ. އެހެންކަމުން ޔަޝްމީގެ ސުވާލަށް އެއްވެސް ޖަވާބެއް ދިނުމެއްނެތި ހާރޫން އޭނާގެ އަތުގައި ހިފައިގެން ކުރިމަތިން ފެންނަން ހުރި އެނބުރޭ ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ގަދަނަހަދާ ޔަޝްމީވެސް ހާރޫންއާއެކު ދިޔައެވެ. ޓެރަހަށް އެރުމާއެކު މަޑު މިޔުޒިކެއްގެ އަޑު އިވެން ފެށިއެވެ. މުޅި ޓެރަސް އޮތީ ރަންކުލައިގެ ބޮކިއަލިން ދިއްލާލައިފައެވެ. ހުދުކުލައިގެ މަލުން އެތަން ޒީނަތްތެރިކޮށްފައިވާއިރު މެދުގައި ހުރީ އެމީހުންނަށްޓަކައި ކެއުމެއް ތައްޔާރުކޮށްފައެވެ. އެތަނުގައި އެދެމީހުން ފިޔަވައި އިތުރު އެއްވެސް މީހަކު ނެތެވެ. މުޅި ތަނަށް ނަޒަރު ހިންގާލަމުން ޔަޝްމީ މަޑުމަޑުން ހާރޫންގެ ގައިގައި ބައްދާލިއެވެ.

" އުފާވެއްޖެތަ؟ "

ޔަޝްމީގެ ބުރަކަށީގައި ފިރުމާލަމުން ހާރޫން ބުނެލިއެވެ. އެއާއިއެކު ޔަޝްމީ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ ހިލެއެވެ.

" އަހަރެންގެ ނަސީބުގައި ހާރޫން ލެއްވީތީ ޝުކުރު ކުރަން.."

އިސްއުފުލާލަމުން ޔަޝްމީ އުފަލުން ހުރެ ބުނެލިއެވެ.

" ދެން ހިނގާބަ މޭޒު ކައިރިއަށް"

ޔަޝްމީ އަތުލަފިކޮށްގެން ހާރޫން، އޭނާ ގެނެސް ގޮނޑީގައި ބޭންދިއެވެ. އެހިނދު ޔަޝްމީގެ މޫނުމަތީގައި އުފާވެރިކަމުގެ ކުލަވަރު ބަބުޅަންފެށިއެވެ. މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައި އިށީނދެލަމުން ހާރޫން ޔަޝްމީގެ ދެލޮލަށް ބަލައިލިއެވެ. އޭރުވެސް ޔަޝްމީ އިނީ ހާރޫންއަށް ބަލަހައްޓައިގެން ލަދުރަކި ގޮތަކަށް ހެވިފައެވެ. ހާރޫން މަޑުމަޑުން ޔަޝްމީގެ އަތުގައި ހިފާލިއެވެ.

" އަހަރެންދެކެ ހަމަ އެހާ ލޯބިވޭތަ؟ "

ޔަޝްމީ އަހާލީ މަޑުމަޑުންނެވެ. އެއާއިއެކު ހާރޫން ޔަޝްމީގެ އަތުގައި އަނގޮއްޓިއެއް އަޅުވައިލީ ޔަޝްމީއަށް ނުވެސް އެނގި ހުއްޓައެވެ. ހައިރާންކަމާއެކު ޔަޝްމީއަަށް އެ އަނގޮއްޓިއަށް ބަލައިލެވުނެވެ. އެހިނދު ހާރޫންގެ މޫނަށްވެސް އޭނާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

"މީ؟"

އެރީތި އަނގޮއްޓީގައި އަތްޖައްސާލަމުން ޔަޝްމީ އެހިއެވެ. ޔަޝްމީގެ މޫނުމަތީގެ ހަރަކާތްތަކަށް ފުންނަޒަރަކުން ބަލަހައްޓައިގެން އިން ހާރޫން އެއްމިޔަކަނުން ހީލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ތީ ކައިވެނިކޮށްގެން އަހަރެން ޔަޝްމީގެ އަތުގައި އަޅުވަން އުޅުނު ރިންގް.. ކީކޭތަ އެދުވަހު މަށާ ދިމާލަށް ބުނީ؟ މި އަނގޮއްޓި އެޅުމަށްވުރެ މާ ރަނގަޅުވާނެޔޭ ވެނަށް އިނގިލިތައް ކާންދިނަސް"

ހާރޫން އެހެން ބުނެލުމާއެކު ޔަޝްމީއަށް އިސްޖަހާލެވުނެވެ. ނަމަވެސް މާ ގިނައިރެއްނުވެ އިސްއުފުލާލުމަށްފަހު ހާރޫންއަށް އޭނާ ބަލައިލިއެވެ.

" އޭރު އަހަރެން ހާރޫންއަށް ނަފްރަތު ކުރިން.. ތިކަހަލަ ކިތަންމެ އެއްޗެއް ބުނެވިފައި ހުރެދާނެ..އޭރު އަހަރެންގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނީވެސް ހާރޫންއަށް.. ގަދަކަމުން ކުރެވުނު ކައިވެންޏަކުން މިހާ އަވަހަށް ލޯބީގެ ނިރު ފަޅާނެ ކަމަށް ޚުދު އަހަރެންވެސް ހިއެއް ނުކުރަން،. އެކަމަކު މިހާރު ނިކަން ބަލައިލަބަލަ! އަހަރެން ކިހާ ލޯބިވޭ... މުދަަލާއި ފައިސާދެކެ ލޯބި ވާނެނަމަ އަހަރެން ފުރަތަމަ ދުވަހުވެސް ލޯބިވީސް.. އެކަމަކު އަހަންނަށް ހާރޫންދެކެ ލޯބިވެވުނީ ހާރޫންގެ ކެތްތެރިކަމާއި މަޑުމައިތިރިކަމާއި އޯގާތެރިކަމުން.."

ޔަޝްމީގެ ވާހަކަތައް މާ ދިގުވާން ފެށުމުން ހާރޫން އަވަަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.

" ދެން އޯކޭ އޭ.. އެވާހަކަތައް ދެން ނުދައްކާނީ.. އަސްލު އެދުވަހު އަހަރެން ތި ރިންގް އަނބުރާ ޖީބަށް ލަމުން ހިތަށް އެރި ހަމަ ޔަޝްމީގެ އަތުގައޭ މީތި އަޅުވާނީ"

ހާރޫން އެހެން ބުނުމުން ޔަޝްމީ ލޯތްބާއިއެކު އޭނާއަށް ބަލައިލިއެވެ.

" ތޭންކްސް.. ވަރަށް އުފާވެއްޖެ.. "

ޔަޝްމީ ނުހަނު ލޯބިން ބުނެލިއެވެ.

****

އޮފީހަށް ނުގޮސް ގޭގައި ހުންނަން ޖާވިދްއަށްވީ މާ ފޫހި ކަމަކަށެވެ. އެހެންކަމުން އޭނާ ބޭނުންވީ ޗުއްޓީ ކުރުކޮށްލާފައި އޮފީހަށް ނިކުންނާށެވެ.

" މާދަމާ އޮފީހަށް ދާން ވެގެން މިއުޅެނީ"

ސައިބޯން އިނދެ ޖާވިދް އެންމެ ފުރަތަމަ އެވާހަކަ ދެއްކީ އޭނާގެ މަންމަގާތުއެވެ. އެކަންވީ ފާއިޒާވެސް ނުހަނު ހިތްހަމަ ޖެހުނު ކަމަކަށެވެ. ގޭގައި ހުރެގެން ޖާވިދް ހިތާމަ ކުރުމަށްވުރެ، އެގޮތް ރަނގަޅުވާނެކަން ފާއިޒާއަށްވެސް އެނގެއެވެ.

" ފާއިޒާ... ފާއިޒާ ޖާވިދް ކޮބައިތަ؟"

ބާރުބާރަށް ދުވެފައި އައިސް އާބިދާ ހުއްޓުނީ ކާގެ ދޮރުމަތީގައެވެ. އޭނާގެ މޫނުމަތީގެ ކުލަވަރުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ފާއިޒާގެ އިތުރުން ޖާވިދަށްވެސް ޔަޤީން ކުރެވުނެވެ.

" ޖާވިދު.. ޝަހާނާ ހެލްތު ސެންޓަރަށް ގެންގޮއްސިޔޯ އަނެއްކާވެސް ކޮންމެވެސް ކަމެއް ވެގެން.. އަހަންނަށްވެސް ޚަބަރު ލިބުނީމަ މިއައީ ބުނަން ވެގެން"

އާބިދާގެ ވާހަކަ ރަނގަޅަށް ނުނިމެނިސް ޖާވިދް ތެދުވެއްޖެއެވެ. އަދި ފަޔަށް ބާރުލައިފައި އޭނާ ކާގެއިން ނިކުމެގެން ދިޔައެވެ.

" މަގޭ ޖާވިދް.. ހާދަ ހިތާމައެއް ކުރެޔޭ އެސޮރު"

ބޭރަށް ނިކުމެގެން ދިޔަ ޖާވިދާ ދިމާލަށް ބަލަހައްޓައިގެން ހުރެ ފާއިޒާއަށް ބުނެވުނެވެ. އޭރު އާބިދާވެސް ހުރީ ފާއިޒާގެ ވާހަކައިން ދެރަވެފައެވެ.

ސިއްޙީމަރުކަޒަށް ވަތްއިރު ޝަހާނާގެ މައިންބަފައިންގެ އިތުރުން އެމީހުންގެ ތިމާގެ މީހުންވެސް ތިއްބެވެ. ޖާވިދް ފެނުމާއެކު ޝަހާނާގެ މަންމަ ރޮއިގަނެފައި ޖާވިދްގެ ގައިގައި ހިފައިގަތެވެ.

" އަހަރެންގެ ދަރި ސަލާމަތްކޮށްދީ!.. އާސަންދަ ހަމަނުޖެހިގެން އަދިވެސް މަޑުކޮށްގެން މިތިބެނީ... އެކަމަކު.. މިހާރުވެސް އެއޮތީ އެމަންޖެ އޮތް ޙާލު"

ވަދީފާގެ ވާހަކަތައް އަޑުއަހަން ހުރެ ޖާވިދް މަޑުމަޑުން ވޯޑާއި ދިމާލަށް ހިނގައިގަތެވެ. އޭރު ޝަހާނާ އޮތް އެނދުގެ ފައިލާކޮޅު އޮތީ ވަރަށް ބޮޑަށް އުސްކޮށްފައެވެ. ފެންނަ ފެނުމަށް ޝަހާނާގެ ހޭވެރިކަމެއް ނެތެވެ. އޭރުވެސް ޝަހާނާ ގާތު ނަރުހެއް ފަރުވާ ދިނުމުގައި އަވަދިނެތި އުޅެއެވެ.

" ކިހިނެއް ވީ؟ "

ޖާވިދް ހާސް ހިތަކައިގެން އަހާލިއެވެ. އެއާއިއެކު ނަރުސް ފަސްއެނބުރި ބަލައިލަމުން ވާހަކަ ދައްކަން ފެށިއެވެ.

" މިތަނަށް ގެނައި އިރުގައިވެސް ވަރަށް ގިނައިން ލޭ ފައިބާ! މިހާރު ހަތަރުމަސްވާން ކައިރިވަނީ.. މިތަނުން ސްކޭނެއް ނުކުރެވޭ.. ހެދޭނެ ވަކި ގޮތެއްވެސް ނެތް.. ބޭބީގެ ވިންދު ބަލާ، ޑޮޕްލާވެސް ރަނގަޅަކަށް މަސައްކަތެއް ނުކުރޭ! ޝަހާނާއަށް އަވަހަށް ފަރުވާދޭން ބޭނުންވަންޏާ އަވަހަށް އަތޮޅު ހޮސްޕިޓަލަށް ގެންދަން ފެންނަނީ.."

އޭނާގެ ވާހަކައިން ޖާވިދަށް ޝަހާނާއަށް ބަލައިލެވުނެވެ.

" އަހަރެން ހަމަ މިހާރު މި ލޯންޗެއް ހަމަޖައްސަނީ.. "

ފޯނު ނަގަމުން ޖާވިދް ބޭރަށް ނިކުތެވެ. އެއާއިއެކު އާސަންދަ ހަމަޖެހުނު ކަމުގެ ޚަބަރުވެސް އޭނާއަށް ލިބުނެވެ. ނަމަވެސް އަތޮޅުން ލޯންޗެއް އައިސްގެން ޝަހާނާ ގެންދަން ލަސްވާނެތީވެ، ރަށު ލޯންޗުގައި ފުރަން ޖާވިދް ބޭނުންވިއެވެ.

***

ޖާވިދާއި ވަދީފާ އަދި ތަޢުފީޤް އިންތިޒާރު ކުރަމުން ދިޔައީ ޑޮކްޓަރުގެ ބަހެއް ލިބޭނެ އިރަކަށެވެ. އައިސީޔޫއަށް ޝަހާނާ ވެއްދިތާ މާ ގިނައިރުތަކެއް ނުވަނީސް، ނަރުހެއް ނިކުމެ ޖާވިދް އެތެރެއަށް ވަނުމަށް ގޮވާލިއެވެ. ތެޅިތެޅި އޮތް ހިތަކައިގެން އޭނާ ހިނގައިގަތީ ވަދީފާގެ މޫނަށް ބަލައިލުމަށްފަހުއެވެ.

ޖާވިދް މަޑުމަޑުން ގޮސް އިށީނީ ޑޮކްޓަރުގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. އޭރުވެސް ޑޮކްޓަރ އިންނެވީ ފޯންކޯލެއްގައެވެ. ޖާވިދް އައިސް އިރުކޮޅެއް ވުމާއެކު އޭނާ ފޯނު ބާއްވަމުން ޖާވިދަށް ބަލައިލިއެވެ.

"ކުއްޖާގެ ބައްޕަތޯ؟"

ޑޮކްޓަރ ސުވާލު ކުރުމާއެކު ޖާވިދްގެ ހިތް ތެޅިގަތެވެ.

" ޝަހާނާ.... ޑީއެންސީ ހަދަން ޖެހެނީ.. ބަނޑަށް ހަތަރުމަސްވާން ވަރަށް ކައިރިވެފައި ހުރީ. އެވަރުން ބޭބީ ސަވައިވްއެއް ނުކުރެވޭނެ."

" ކިހިނެއްތޯ ވީ އަސްލު! "

އަޑުއަހަންވެސް ނީނދެވިގެން ޖާވިދަށް އަހާލެވުނެވެ. އެއާއިއެކު ޑޮކްޓަރ ޖާވިދްގާތު ހަމަޖެހުމަށް ނަޞޭޙަތްތެރިވެދިނެވެ.

" މިތަނަށް ގެނައި އިރުގައިވެސް ބޭބީގެ ވިންދެއް ނުލިބޭ! އެހެންވީމަ ދެން ޖެހޭނީ އެބޯޓްކޮށްލަން.."

ޑޮކްޓަރގެ ޖުމްލައިން ޖާވިދްގެ ލޮލުގައި ކަރުނަ ހިލެން ފެށިއެވެ. ނަމަވެސް އޭނާ ވަރަށް ހިތްވަރުކޮށްފައި ނުރޮއި އިނދެވޭތޯ މަސައްކަތް ކުރިއެވެ. އެއްޗެއް ނުބުނެ ޖާވިދަށް އިސްޖަހާލެވުމާއެކު އަނެއްކާވެސް ޑޮކްޓަރ ވާހަކަ ދެއްކިއެވެ.

" ޕްރޮސީޖަރއަށްފަހު އެއްދުވަސް ފަހުން ދޫކޮށްލެވޭނީ... މިވަގުތު ޝަހާނާއަށް އަޅާލުމާއި ލޯބި ވަރަށް މުޙިއްމުވާނެ.. ނަފްސާނީގޮތުން ދެމީހުންވެސް ވަރަށް ބަލިކަށިވާނެކަން އެނގޭ.."

ހިތްހެޔޮކަމާއެކު ޑޮކްޓަރ ވާހަކަ ދައްކާ ނިންމާލުމާއެކު ނަރުސްކުއްޖާ ޖާވިދު ގާތު އޭނާއާއެކު ދިޔުމަށް އެދުނެވެ. އޭރު ޖާވިދްގެ ގައިންވަނީ ހަކަތަ ހުސްވެފައެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

(ނިމުނީ)