ކުރީގެ އަދަދާއިގުޅޭ،

ހިތަށް ވެރިވެފައިވާ ބިރުވެރިކަމާއިއެކު ބާރުބާރަށް ގޮސް ދޮރު ހުޅުވާލުމާއެކު ޔަޝްމީއަށް ފެނުނު މަންޒަރުން ދެކަންފަތުގައި އަތް އަޅައި ބާރަށް ހަޅޭއްލަވައި ގަނެވުނީ ރޮއިގަންނަމުންނެވެ.

Ad
rt

" ޔަޝްމީ! އޭ! ޔަޝް...މީ ކިހިނެއްވީތަ ލޯބި؟"

ޔަޝްމީގެ ގައިގައި ބާރަށް ހާރޫން ބައްދައިގަތެވެ. އަދި މަޑުމަޑުން ޔަޝްމީގެ ބޮލުގައި ފިރުމަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

" ކިހިނެއްވީތަ؟ ހުވަފެނެއް ފެނުނީތަ؟"

އޭރުވެސް ޔަޝްމީ ކޮންމެވެސް ވަރަކަށް ގިސްލާކަން ހާރޫންއަށް އެނގުނެވެ. އެހެންކަމުން އޭނާ މަސައްކަތްކުރަމުން ދިޔައީ ޔަޝްމީ ހަމައަކަށް އެޅުވޭތޯއެވެ. އެނދުގައި ރީތިކޮށް އިށީނދެލަމުން ހާރޫން މަޑުމަޑުން ޔަޝްމީ އޭނާގެ ގަޔާ ދުރުކޮށްލަމުން ޔަޝްމީގެ މޫނަށް ބަލައިލިއެވެ. އޭރު ރޫޅާލައިފައިވާ އޭނާގެ އިސްތަށިގަނޑުވެސް އޮތީ ވަރަށް ބޮޑަށް ހޭވިފައެވެ. އެހެންކަމުން ހާރޫން މަޑުމަޑުން ޔަޝްމީގެ އިސްތަށިގަނޑު ރީތިކޮށްލަދިނުމަށްފަހު ކަނދުރާގެ ފަހަތުގައި ހައްޔަރުކޮށްލިއެވެ.

" މިހާރު އޯކޭތަ؟ "

ހާރޫން ނުހަނު ލޯބިން އަހާލުމާއެކު ޔަޝްމީ ބޯ ޖަހާލިއެވެ.

" އަހަރެން އެތެރެއަށް ވަދެފައި، ކާއެއްޗެހި މޭޒުގައި ބަހައްޓާލި އިރަށް ފުންމައިގެން ތެދުވެ މޫނުގައި އަތްއަޅާ، ރޯން ފެށީ! މަށަށް ނޭނގުނު ވީ ގޮތެއްވެސް... ހާދަ ބިރެއް ގަތޭ"

ހާރޫން ޔަޝްމީގެ ބުރަކަށީގައި ފިރުމާލުމުން ޔަޝްމީ ފަރުވާތެރިކަމާއެކު ހާރޫންގެ މޫނަށް ބަލައިލިއެވެ.

" ހާރޫންއަށް ދެރަގޮތެއް ވާކަށް އަހަރެން ދުވަހަކުވެސް ބޭނުމެއް ނޫން.. އަހަންނަކަށް ހާރޫންއާ ނުލައެއް ނޫޅެވޭނެ. އަހަރެންގެ އަތުން ހާރޫން ބީވެއްޖެއްޔާ އަހަރެން ދުނިޔެއިން މޮޔަވެދާނެ.."

އެޖުމްލަ ބޭރުކޮށްލެވުނު އިރު ޔަޝްމީއަށް ރޮވިއްޖެއެވެ. އެހެންކަމުން މިފަހަރުވެސް ހާރޫންއަށް ޖެހުނީ އޭނާގެ އަތުގެ ހިމާޔަތުގެ ދަށަށް ޔަޝްމީ ގެންނާށެވެ.

" އަހަރެން މިހުރީނު! އަހަރެން އަބަދުވެސް ޔަޝްމީގާތު ހުންނާނަން... އެކަހަލަ ކަންކަމާ މާބޮޑަށް ނުވިސްނައްޗޭ! އެކަމާ ވިސްނީމަ ނުބައި ހުވަފެނެއް ފެނުނީދޯ!"

ހާރޫން އަނެއްކާވެސް ހުވަފެނުގެ ވާހަކަ ދައްކަން ފެށިއެވެ. އެހެންކަމުން ޔަޝްމީ ބޭނުންވީ އެ ހުވަފެން އޭނާއަށް ކިޔައިދޭށެވެ.

" އެންމެ ފަހަރަކު ޔަޝްމީ ނުލައި ބޭރަށް ދިޔައީމަ ތިހުރީ މީހާ ވިސްނިވަރު! އަހަންނަށް ހީވަނީ ދެން މާލެގޮސް ޔަޝްމީ ރިސޯޓަށް ބަދަލު ކުރަންވީހެން"

ފެނުނު ހުވަފެން ޔަޝްމީ، ހާރޫންއަށް ކިޔައިދިނުމާއެކު ހާރޫން ބޭނުންވީ ޔަޝްމީ ހިތްހަމަ ޖައްސައިދޭށެވެ. އެހެންކަމުން އޭނާ ވާހަކަ ދެއްކީ މަޖާ ރާގެއްގައެވެ.

" އެކަމަކުވެސް ހިތަށް އަރަނީ ކޮންމެވެސް ކަމެއްވާން އެބައުޅެޔޭ! އަހަރެމެން ދެމީހުން ވަކިވާން ޖެހެނީބާވައޭވެސް ހިތަށް އަރާ!"

ޔަޝްމީ އަދިވެސް ހުވަފެނާއިމެދު ފިކުރު ކުރުން ހުއްޓައިނުލާކަން އެނގި ހާރޫން ކުޑަކޮށް ހަރުކަށިވެލިއެވެ.

" ދެން ތިހެން ނުވިސްނާށޭ ބުނެފީމެއްނު.. އެއީ ހުވަފެނެކޭ... ފެންނަ ހުވަފެން ޤަބޫލު ކުރާކަށް ނުވާނެ! އެހެން ނޫނަސް ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވާނީ މާތްﷲ! އަހަރެމެން ދެމީހުންނަށް ކަންތައްތައް ވާނެގޮތް ނިންމަވާނީވެސް ހަމަ އެފަރާތުން. އަހަރެމެންނަށް އޮތީ ބޭނުންވާ ކަންކަމަށް އެދި ދުޢާ ކުރުން..."

ހާރޫންގެ އަޑު ބާރު ވުމުން ޔަޝްމީ މައިތިރިވިއެވެ. ޔަޝްމީ ހަމައަކަށް އެޅުނުކަން ޔަޤީން ވުމާއެކު ހާރޫން އެނދުން ތެދުވެ ފާޚާނާއާ ދިމާލަށް ހިނގައިގަތެވެ.

" އެހުރީ ޕިއްޒާ ގެނެސް.. ވަރަށް މީރު! ކާން ވީނު"

ހާރޫން އަންނަމުން ގެނައި ކޮތަޅު އޭނާގެ ލޮލުގައި އަޅައިގަތުމާއެކު އޭނާ ޔަޝްމީއަށް ބަލައިލަމުން ބުނެލިއެވެ. ނަމަވެސް ޔަޝްމީ ހުރީ ކާ ގޮތަކަށް ނޫނެވެ. އޭނާގެ މޫޑުވަނީ އެއްކޮށް ބަދަލު ވެފައެވެ.

" ނެތް މިރޭ ކާހިތެއް!"

ޔަޝްމީ މަޑުމަޑުން ބުނެލިއެވެ. އެއަޑު އިވި، ހާރޫން އިތުރަށް އެއްޗެއް ނުބުނެ ގޮސް ފާޚާނާއަށް ވަނެވެ.

***

ގޭގައި އިނދެ އިނދެ ފޫހިވެގެން ޝަހާނާ ބޭރަށް ނިކުމެލިއެވެ. ގަސްތަކުގެ ތެރޭގައި ކޮށާފައި އޮތް ހަނި މަގުން އޭނާ ހިނގަމުން ދިޔައީ ފުން ވިސްނުމެއްގައި ހުރެއެވެ. އޭނާގެ ގެއާއި ދިމާގައި އޮންނަ ދޮންވެލި ތުނޑިއަށް ނިކުމެވުނު އިރު އެސަރަޙައްދުގައި އެކަކުވެސް ނެތެވެ. އެހެންކަމުން ޝަހާނާ ބޭނުންވީ ފަސްގަނޑުމަތީ އޮށޯވެލާށެވެ. ޖެހެމުންދާ ފިނިފިނި ވައިރޯޅިތައް ގައިގައި ބީހިލާއިރު ހިތަށްވެސް ފިނިކަން ލިބޭހެން އޭނާއަށް ހީވިއެވެ. ގޭތެރޭގައި އިނދެއިނދެ، ނަފްސާނީގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައިވާކަން ޚުދު އޭނާވެސް ޤަބޫލު ކުރެއެވެ. އެހެން އޮވެ ދެލޯ މަރާލުމާއެކު އެސްފިޔަތަކުގެ ތެރެއިން ލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮނގެއް ފާއްދާލިއެވެ.

" އަހަންނަކީ ކާކު؟ އެއްވެސް އަގެއް ހުރި މީހެއް ނޫން.. އަހަންނަކީ ހަމަ ބޭކާރު މީހެއް.. ވަދެ ގޮވާލާނެ އެކުވެރިއެއްވެސް ނެތް.."

ޝަހާނާއަށް ހިތާހިތާ ކިޔާލެވުނެވެ. ރޮއިލަރޮއިލާ އިރުކޮޅަކު އޮވެލުމަށްފަހު އޭނާ ތެދުވިއެވެ. ހިތްހަމަޖެހޭ ވަރަށް ރޮއިލެވުމުން ހިތަށް ވަރަށް ބޮޑު ލުޔެއް ލިބުނުކަން އޭނާއަށް އިޙްސާސް ކުރެވުނެވެ. އެހެން އިނދެ އޭނާ މަޑުމަޑުން ބަނޑަށް ބަލައިލިއެވެ.

" ދަރިފުޅުގެ ބައްޕައަކީ ވަރަށް ރަނގަޅު މީހެއް! އެކަމަކު... މަންމައަކީ މަންމައަކީ.. "

ޖުމްލަ ފުރިހަމަ ނުކުރެވި އޭނާއަށް އަނެއްކާވެސް ރޮވުނެވެ. މިފަހަރު އަމިއްލައަށް ނަފްސު ކޮންޓްރޯލް ކުރެވުނީވެސް ވަރަށް އުނދަގުލުންނެވެ. ހަމަޖެހިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ޝަހާނާ ތެދުވީ ގެއަށް ދާށެވެ. އެއާއިއެކު ފަހަތުގައި ހުރި ޖާވިދް ފެނުމާއެކު ލިބުނު ކުއްލި ސިހުމުން ޝަހާނާގެ ދެލޮލަށް އަނެއްކާވެސް ކަރުނަ ޖަމާވާން ފެށިއެވެ. އޭރު ޖާވިދް ހުރީ ސީދާ ޝަހާނާގެ މޫނަށް ބަލާށެވެ. އެހިނދު ޝަހާނާއަށް އައިސްފައިވާ ބަދަލުތައް ޖާވިދަށް ފާހަގަ ކުރެވި އޭނާ ދެރަވިއެވެ.

ޝަހާނާ ހުރީ ވަރަށް ބޮޑަށް ހިކިފައެވެ. މީހާ ހީވަނީ ހަކަތަ ހުސްވެފައިވާ ބަލި މީހެއް ހެންނެވެ. މޫނުމަތީގައި އެއްވެސް އުޖާލާކަމެއް ނެތެވެ. ތުންފަތުގެ ތަންތަންކޮޅުން ހަންނޮޅި ދެލޯ ކައިރި ހުރީ އިންތިހާއަށް ކަޅުވެފައެވެ. ލަކުނެއް، ކަޅުތިލައެއްހާ ހިސާބުވެސް ނެތް އެ ދޮން ރީތި މޫނުގެ އެތަންމިތަނުގައި އޮތީ ބިއްސެވެ. ނުފެނި އެތައް ދުވަހަކަށްފަހު، ޝަހާނާ ފެނުނު އިރު، އޭނާހުރި ޙާލަތުން ޖާވިދްގެ ހިތް މުރަނަ ވެގެން ދިޔަ ކަހަލައެވެ. އެހިތަކީ މީގެ އެތައް އަހަރެއް ކުރިން ޝަހާނާއަށްޓަކައި ލޯބި ފުރިފައިވާ ހިތެކެވެ. އެހެންކަމުން މިއަދުވެސް އެހިތުގައި ވިންދު ޖަހަނީ ޝަހާނާއަށްކަން ޖާވިދަށް އެނގެއެވެ. ޖާވިދްގެ ހިތަށް ނިކަމެތިކަންލިބިދޭ ކޮންމެ ފަހަރަކު ހިތުގެ މައްޗަށް ސިކުނޑި ބާރުފޯރުވާކަމީ ޖާވިދްގެ ނަސީބޭ އޭނާގެ ހިތަށް އެރިއެވެ. އިސާހިތަކު ޝަހާނާ، ޖާވިދަށް ދިން އަނިޔާއާއި ވީ ބޭވަފާ އަދި އޭނާ ކުޅުނު ކުޅިގަނޑު ހަނދާންވިއެވެ. އޭރުވެސް ދެމީހުންނަށް ތިބެވުނީ އެކަކު އަނެކަކަށް ބަލާށެވެ.

" އަހަރެން މިއައީ މާބޮޑު ވާހަކަތަކެއް ދައްކާކަށްނޫން! ފައިސާކޮޅެއް ދޭންވެގެން ތިގެއަށް ދިޔައިރު ޝަހާނާގެ ބައްޕަ އުޅެނީ.. މިތަނަށް އައި ވާހަކަ ބުނީމަ މިއައީ... މިފައިސާއަކީ ކީއްވެ ދޭ އެއްޗެއްކަން ބުނެދޭންވެގެން އަހަރެން މިއައީ! "

ތަންކޮޅެއް ހަރުކަށިކޮށް ޖާވިދް ވާހަކަ ދެއްކުމުން ޝަހާނާ އިސްޖަހާލިއެވެ. ޖާވިދާ ދެކޮޅަށް މިއަދު އޭނާއަށް އެއްވެސް އެއްޗެއް ބުނެވެން ނެތްކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ޖާވިދް ދައްކާ ވާހަކަ އަޑުއަހަން އޭނާ މަޑުކުރިއެވެ.

" އަހަރެންގެ ދަރިފުޅަށް ފައިދާވާނެ ކަހަލަ އެއްޗެހި ކާންޖެހޭނެ! ކޮންމެ އެއްޗެއް ގަނެގެންވިޔަސް ރަނގަޅު އެއްޗެހި ކައިގެން ހުންނަން ޖެހޭނީ! ލާރި ހުސްވީމަ އަހަންނަށް އަންގާތި... ވިހެއުމުގެ ހުރިހާ ޚަރަދެއްވެސް އަހަރެން ކުރާނަން.."

ޖާވިދް އެހެން ބުނުމުން ޝަހާނާއަށް އަވަސް އަވަހަށް ޖާވިދްގެ މޫނަށް ބަލައިލެވުނެވެ. އޭރުވެސް ޖާވިދް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ.

" އެދުވަހުން ޖާވިދް އަހަންނާއެކު ދާނަންތަ؟"

އަސަރާއެކު ޝަހާނާ އަހާލުމުން ޖާވިދް އެއްމިޔަކަނުން ހިނިގަނޑެއް ޖަހާލިއެވެ. އޭނާގެ އެ ޢަމަލުން ޝަހާނާ އިންތިހާއަށް ދެރަވިއެވެ.

" ތިހެން އަހާއިރުގައިވެސް އެނގޭނެ އަހަރެން ކަލެޔާއެކު ނުދާނެކަން.. އެކަމަކު ވިހަން ދާ ތަނަކަށް އަހަރެން ދާނަން. އަހަރެންގެ ދަރިފުޅު ދެކިލަން ވަރަށް ބޭނުން..."

ޖާވިދް އެހެން ބުނުމަށްފަހު ޝަހާނާގެ ބަނޑަށް ބަލައިލަމުން އޭނާއަށް ސިޓީއުރައެއް ދިއްކޮށްލިއެވެ. އެ ސިޓީއުރައަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ޝަހާނާ އޭގައި ހިފިއެވެ.

" ނަގުދު ފައިސާ ނެގޭނެ ގޮތެއް ނުހުންނާނެތީވެ އެކައުންޓަށް ޖަމާ ނުކުރީ! "

އެހެން ބުނުމަށްފަހު ޖާވިދް އަވަސް އަވަހަށް ޝަހާނާއަށް ފުރަގަސް ދިނުމަށްފަހު ހިނގައިގަތެވެ. ހިނިތުންވާންވެސް ނޭނގިފައި ޝަހާނާއަށް ހުރި ފިޔަވަޅުމަތީގައި ހުރެވުނީއެވެ.

***

ރާއްޖެދާންވާއިރަށް ހާރޫން ބޭނުންވީ ވިޔަފާރި ކުރާށެވެ. އެހެންކަމުން އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައި ދެމީހުންވެސް އުޅުނީ އަވަދިނެތިއެވެ. ޔަޝްމީ ބޭނުންވާ ކޮންމެ އެއްޗެއް ގަނެދޭން ހާރޫން ހުރީ ތައްޔާރަށެވެ.

" ހަމަ ކޮންމެ އެއްޗެއްގެ އަގު ބަލާފައި އެބަ ބަހައްޓައޭ! އަހަރެން މިބުނަނީނު ނަގާށޭ.. އަގު ނުބަލަބަލަ"

ޔަޝްމީ ބެހެއްޓި ސެންޓްފުޅި ނަގަމުން ހާރޫން ބުނެލިއެވެ. އެހިނދު ޔަޝްމީ ހިނިތުންވެލުމަށްފަހު ބުނެލިއެވެ.

" ފިރިމީހާގެ މުދަލާއި ފައިސާއަށް އަނބިމީހާ ރައްކާތެރިވާންޖެހޭކަން އަހަންނަށް އެނގޭ! އެހެންނޫނަސް އަހަންނަކީ އެހާ އެއްޗެހި ބޭނުންވާ މީހެއް ނޫން"

ޔަޝްމީގެ ޖުމްލައިން ހާރޫން އިންތިހާއަށް އުފާވިއެވެ.

" ހާދަ ބޮޑު މީހަކަށް ވެގެން ތިއުޅެނީ! ތިޔަކަހަލަ ހަރު ވާހަކަތައް ޔަޝްމީ ބުނާތީ އަހަންނަށް ވަރަށް އުނދަގުވޭ!"

ހެވިފައިހުރެ ހާރޫން ބުންޏެވެ. އެއާއިއެކު ޔަޝްމީއަށް ބާރުބާރަށް ހޭންފެށުނެވެ.

" ދެން އަހަރެން އަބަދުވެސް ބޭބީއެއްހެން ކުސްތަޅަންވީތަ؟"

ހެމުންދިޔަ ޔަޝްމީގެ ކޮލުގައި ހިފާލަމުން ހާރޫން އެދުނީ މައިތިރިވުމަށެވެ.

" ދެން އެހާ ބާރަށް ނުހޭތި.. އަންހެނުން އެހާ ބާރަށް ހޭކަށް ނުވާނެ! ދެން އޯކޭއޭ.. މިތަނުން ނިންމާފައި ހިނގާބަލަ އަވަހަށް ގެއަށް ދާން"

ގަޑި ބަލައިލަމުން ހާރޫން އެހެން ބުނެލުމުން ޔަޝްމީ އަވަހަށް ހިނގައިގަތެވެ.

***

ކޮތަޅުތައް ހިފައިގެން ހުރީ ހާރޫންއެވެ. ހާރޫންއަށް ލިބިފައިވާ އުފާވެރިކަން ފާހަގަ ކުރެވުމާއެކު ޔަޝްމީ ބުނެލިއެވެ.

" ކީއްވެތަ އެހާ އުފަލުން ތިހުރީ؟"

ބާރުމިނުގައި ދުއްވާފައި ދިޔަ ކާރުގެ ކުޑަދޮރުން ބޭރު ބަލައިލަމުން ހާރޫން ވާހަކަ ދެއްކިއެވެ.

" އަބަދުވެސް އަހަރެން ހުންނަނީ އުފަލުންނެއްނު! "

ހާރޫން އެހެން ބުނުމުން ޔަޝްމީއަށް ދެބުމަ ހިއްލާލެވުނެވެ.

" އަަދިވެސް އަހަންނަށް މަލާމާތް ކުރަނީތަ؟ އަހަރެން މާގިނައިން ވިޔަފާރި ނުކުރީމަ.."

ޔަޝްމީ ވާހަކަ ދެއްކީ ލަސްލަހުންނެވެ. ދުރަށް ބަލަން އިނދެ ހާރޫން ދެފަރާތަށް ބޯ ހޫރާލިއެވެ.

" ދެން ބުނެބަލަ މާ ހެވިފައި ތިހުންނަނީ ކީއްވެތަ؟"

ހާރޫންގެ އަތުގައި ހިފައި ތަޅުވާލަމުން ޔަޝްމީ އަނެއްކާވެސް ސުވާލު ކުރިއެވެ. އެއާއިއެކު ހާރޫން ހީލަމުން ޔަޝްމީގެ މޫނަށް ބަލައިލިއެވެ.

" ދެން.. ހަމަ އަސްލުވެސް ކަމެއް ނުވެޔޭ! ދެން އަހަރެންވީ މޫނު ކުނިކޮށްގެން ހުންނަންތަ؟ އަސްލު އުފާވެރި ދަތުރެއް ނިންމާލެވޭތީ އުފާވެއްޖެ"

ހާރޫން އާދައިގެ ގޮތަކަށް އެހެން ބުނުމުން ޔަޝްމީ އިތުރަށް އެއްޗެއް ނުބުންޏެވެ. އޭރު އެމީހުންނަށް ހޮޓެލްއަށް އާދެވިއްޖެއެވެ.

" އަހަރެން ވާހަކައެއް އަހާލަންތަ؟"

ލިފްޓަށް އަރަމުން ހާރޫން އެހިއެވެ. އެއަށްފަހު ޔަޝްމީގެ ޖަވާބެއް ނުލިބެނީސް އަނެއްކާވެސް އޭނާ ބުންޏެވެ.

" ޔަޝްމީ ބޭނުންތަ ނަރސިންކޯސް ހަދަން؟ އަހަރެން ބުނީމެއްނު މެރީކޮށްފައިވެސް ކިޔަވައިދޭނަމޭ! އެކަން ފަށަންވީނު"

ހާރޫން ކުއްލިއަކަށް މާ ދުރު މައުޟޫއަކަށް ވާހަކަ ދައްކަން ފެށުމުން ޔަޝްމީއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ޖަވާބެއްނުދީ ހާރޫންގެ މޫނަށް ބަލަން ހުރެވުނީވެސް އެހެންވެއެވެ.

" މާލެ ގޮސް އުޅެބަލަ އެކަމާ އުޅެން"

އަނެއްކާވެސް ހާރޫން ބުންޏެވެ. އެހިނދު ޔަޝްމީގެ މޫޑު ބަދަލުވިތަން ހާރޫންއަށް ފެނުނެވެ.

" އަހަރެން ކިޔަވައިގެން ވަޒީފާއަށް ދާންވީތަ؟"

ޔަޝްމީގެ ސުވާލުން ހާރޫން އިސްޖަހާލިއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

(ނިމުނީ)