" ގަނެގެން މިއައީ.. ކާކު އަހަރެމެންނަށް އެއްޗެއް ދޭނީ؟"
ބާރުބާރަށް އެހެން ބުނުމަށްފަހު ވަދީފާ އަނެއްކާވެސް ބޭރަށް ނިކުތެވެ. މަންމަގެ އަސަރުގަދަ ޖުމްލައިން ޝަހާނާއަށް އިސްޖަހާލެވުނެވެ. އިންތިހާއަށް އޭނާ ދެރަވިއެވެ. ރަށުމީހުން އެމީހުން ބާކީކޮށްލިކަން އަމިއްލައަށްވެސް އޭނާއަށް އިޙްސާސްކުރެވުނެވެ.
***
ފެންވަރައިގެން ހާރޫން ނިކުތް އިރު ލޯގަނޑު ކުރިމަތީގައި ޔަޝްމީ ހުރީ ރީތިވާށެވެ. ޔަޝްމީ ފެނުމާއިއެކު ހާރޫންގެ ޝައުޤުވެރިކަން އެދިމާލަށް ދަމައިގަތެވެ. ހުދުކުލައިގެ ކުރު ސޯޓަކާއި ކުރުތާއެއް ލައިފައި ހުރި ޔަޝްމީގެ ބޮލުން ފެށިގެން ފަޔަށް ހާރޫން ނަޒަރު ހިންގާލިއެވެ. ޔަޝްމީގެ ދޮން، އޮމާން ފަޔަށް ބަލައިލުމަށްފަހު އޭނާއަށް ހިނިތުންވެވުނެވެ. އޭނާ ލައިގެން ހުރި ކުރުތާގެ ތުނިކަމުން ހަށިގަނޑުގެ ކުލައާއި ވަނާތައްވެސް ފާޅުވާހެން ހީވެއެވެ. އެހެންކަމުން ލަސް ފިޔަވަޅުތަކެއްގައި އައިސް ހާރޫން ޔަޝްމީގެ ފުރަގަހުގައި ހުއްޓުމަށްފަހު، ބައްދާލިއެވެ. އެއާއިއެކު ޔަޝްމީ ހާރޫންއަށް ބަލައިލީ ލޯގަނޑުންނެވެ. ގުދުވެލައިގެން ހުރެ ހާރޫން، ދަތްދޮޅި ޖައްސާލައިގެން ހުރީ ޔަޝްމީގެ ކޮނޑުމަތީއެވެ. އެހިނދު ހެވިފައި ހުރި ޔަޝްމީ، ހާރޫންގެ މޫނުގައި އަތްޖައްސާލަމުން އޭނާއާ ވާހަކަ ދައްކަން ފެށިއެވެ.
" ހާދަ ފިންޏޭ! އަހަރެން އަވަހަށް ނިކުމެގެން މިއައީވެސް އެހެންވެ! ހާރޫން ފިނި ފެނުން ފެންވަރާއިރު ނުހުންނަން ވެގެން..."
" އެހެންތަ؟ އަހަރެންދެކެ ހަމަ އެހާ ވެސް ބިރުގަނޭތަ؟ "
ޔަޝްމީގެ އުނަގަނޑުގައި ހިފައި އޭނާއާ ދިމާލަށް އަނބުރާލަމުން ހާރޫން ބުނެލިއެވެ. އެއާއިއެކު ޔަޝްމީގެ ނަޒަރު ހުއްޓުނީ ހާރޫންގެ ތަނަވަސް، ފުޅާ މޭމައްޗަށެވެ. އޭނާގެ މޭމަތީގައި ޖަހާފައިވާ ބާރު، ހަރު މަސްތަކަށް ވާންވެފައިވާ ހިނދު، ހާރޫންގެ ބޮލުން ފައިބަމުންދާ ފެންތިކިތައް މޭމައްޗަށް އޮހޮރެމުންދެއެވެ. މަސްތީ ގޮތަކަށް ހާރޫންއަށް ލޯއަޅާލަމުން ޔަޝްމީ، އޭނާގެ މަޑުމަޑު އަތްތިލައިން ހާރޫންގެ މޭމަތީގައި އަތްހިންގާލީ ފެންތިކިތައް ފޮހެލުމުގެ މަޤްޞަދުގައެވެ. ނަމަވެސް ހުޝިޔާރުވެ ހުރި ހާރޫން ޔަޝްމީގެ އަތުގައި ބާރުބާރަށް ހިފެހެއްޓިއެވެ. ލޯމައްޗަށް ފައިބާފައިހުރި ބޮލުގެ އިސްތަށިތަކުން ހާރޫންގެ ބޮޑު ދެލޯ ޔަޝްމީއަށް ފެނެއެވެ. އެލޮލުގައިވާ އާދަޔާ ޚިލާފް ބެލުމުގެ ސަބަބުން ޔަޝްމީގެ ހުރިހާ ހިއްސެއް ކިޔަމަންވެގަތެވެ. ހާރޫން މަޑުމަޑުން ކަޝްމީގެ ބުރަކަށީގައި އަތްހިންގާލުމަށްފަހު ފަހަތަށް އައްސާފައިވާ ކުރުތާގެ ވާފަށް މޮހާލިއެވެ. އެއާއިއެކު ޔަޝްމީ އަވަސް އަވަހަށް ހާރޫންގެ މޭމަތީގައި މޫނުޖައްސައި ދެލޯ ފޮރުވާލިއެވެ.
" އަހަރެންދެކެ އަދިވެސް ލަދުގަންނަނީތަ؟ "
ޔަޝްމީގެ ކަންފަތްދޮށުގައި ވައި އަޑުން ހާރޫން ބުނެލިއެވެ. އެއާއިއެކު ލަދުން ހުރެ ޔަޝްމީ ބޯ ޖަހާލަމުން ތުންފަތުގައި ދައިގަތެވެ.
" ހާރޫން ބަލާގޮތުން... ފިނިވަނީ"
ޔަޝްމީއަށް މަޑުމަޑުން ބުނެލެވުނެވެ. އެއާއިއެކު ހާރޫން ޔަޝްމީގެ ގައިގައި ހިފައި ދުރަށް ޖައްސާލިއެވެ. އޭރުވެސް ޔަޝްމީ ހުރީ އިސްޖަހާލައިގެންނެވެ.
" ބަލައިލަބަލަ! އިތުރު އަންހެނަކާ ދިމާލަށް އަހަރެން މިހެންނެއް ނުބަލަން.. "
އަސަރާއެކު ހާރޫން އެހެން ބުނެލުމުން، އިސްއުފުލާލަމުން ޔަޝްމީ ހިނިތުންވެލިއެވެ. އަދި މަޑުމަޑުން ހާރޫންގެ ލޮލާއި ލޯ ސީދާ ކޮށްލިއެވެ. އޭރު ޔަޝްމީގެ ނަޒަރުވެސް ތަފާތުވެފައިވާކަން ހާރޫންއަށް އެނގުނެވެ.
" ތި ތޫނު ކަޅިރަވައިން އަހަރެންގެ ހިތަށް އަނިޔާ ނުކުރޭ! ޔަޝްމީ...ޕްލީޒް! ދެން އިތުރަކަށް ކެތެއް ނުކުރެވޭނެ! "
ޔަޝްމީގެ އިސްތަށިގަނޑުގެ ތެރެއަށް އަތްކޮއްޕާލަމުން ހާރޫން އަނެއްކާވެސް ޔަޝްމީ ގެނެސް އޭނާގެ ގައިގައި ޖައްސާލިއެވެ. އޭރު އޭނާގެ އަޑުގައިވަނީ އާދަޔާ ޚިލާފް އަސަރެއް އެކުލެވިފައެވެ.
***
ކަރުގައި އޮތް ޓައީ ދޫކޮށްލުމަށްފަހު، ޖާވިދް ބެގީ ނައްޓާލީ ގެއަށް ވަންނަމުންނެވެ. މަޑުވެސް ނުކޮށް އޭނާ ގޮސް ކޮޓަރިއަށްވަނީ މާ ގަދަޔަށް ބޮލުގައި ރިއްސާތީ، އޮށޯވެލަން ބޭނުން ވެފައި ހުރުމުގެ ސަބަބުންނެވެ. ފެންވެސް ނުވަރާ އޭނާ ފުރަތަމަ އެނދުގައި އޮށޯވެލީ ފިނިކޮށްލާށެވެ. ނަމަވެސް ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާތީ އޭނާ ފޯނު ނަގަމުން ހަމަޖެހިލިއެވެ.
" އަހަރެމެން ދެމީހުންގެ ދަރިފުޅަށްޓަކައިވެސް އަހަންނަށް މަޢާފްކޮށްދީ! "
ނޭނގޭ ނަންބަރަކުން ލިބުނު މެސެޖް ކިޔާލުމަށްފަހު، ޖާވިދަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޝަހާނާގެ މެސެޖަށް ޖަވާބެއް ނުދީ އެ ނަންބަރު ބްލޮކްކޮށްލަން ޖާވިދް ބޭނުންވިއެވެ. ނަމަވެސް ބްލޮކް ބަޓަންއަށް ފިތާލަން ނުކެރި، އިނދެ އޭނާއަށް އެތައް ފަހަރަކު އެ މެސެޖް ތަކުރާރުކޮށް ކިޔާލެވުނެވެ.
" ދަރިފުޅަށްޓަކައި... ދަރިފުޅަށްޓަކައި.. އަހަރެންގެ ދަރިފުޅަށްޓަކައި.. ނުވާނެ! އަހަންނަކަށް ނުވާނެ.. އަހަރެންގެ ދަރިފުޅަށްޓަކައި އަހަރެން ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވެދާނަން. އެކަމަކު.. އަހަރެންގެ ދިރިއުޅުމަށް އަނބުރާ އޭނައެއް ނުގެނެވޭނެ..."
ޖާވިދްއަށް މަޑުމަޑުން ބުނެލެވުނެވެ. އޭރު އޭނާ ހުރީ ފެންކަޅިވެފައެވެ. ޖަވާބެއް ނުދިނުމުން ދެވަނަ ފަހަރަށް އެ ނަންބަރުން ގުޅަން ފެށިއެވެ. އެއާއިއެކު މާޔޫސްވެފައި އިން ޖާވިދަށް ބޭއިޙްތިޔާރުގައި ފޯނަށް ޖަވާބު ދެވުނެވެ.
" އަހަރެންގެ ހިތުގައި ހާދަ އެއްޗެއްސެއް އެބަހުއްޓޭ! ޝަކުވާތައް ބޭރުކުރާނީ ކިހިނެއްކަމެއްވެސް ނޭނގެ! ކަލޭ ބުނިހާ ކަމެއް ބުނިހާ ގޮތަކަށް ކޮށްދެވޭތޯ ބެލިން! މާލެދާން ބުނާއިރަށްވެސް ޝަކުވާއެއްނެތި މާލެވެސް ފޮނުވިން.. އޭރަކު ނޭނގެ މީނަ މިދަނީ ނުބައި ރޭވުމެއް ރާވައިގެންކަމެއް! ކަލެޔާހެދި އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވެއްޖެ! ހިތުގައިމިވާ ގިލަންވެރިކަމުން ސަލާމަތްވާނީ ކޮން ދުވަހަކުން ކަމެއްވެސް ނޭނގެ! "
" ހެޔޮނުވާނެ ޖާވިދް އަހަންނަށް ރަޙުމުކުރޭ! ހެޔޮނުވާނެ! ތިވަރަށް އަހަންނަށް އެއްޗެހި ނުކިޔާ...އަހަރެންގެ ކުށް އަހަރެން ޤަބޫލުކޮށްގެން އެތައް ފަހަރަކު ތަޢުބާވެއްޖައިން.. އަހަރެން މިހާރު މި އިންނަނީ މިދަރިފުޅަށްޓަކައޭ ބުންޏަސް ދޮގަކަށް ނުވާނެ"
ރޮއިގަނެފައި ޝަހާނާ ވާހަކަ ދައްކަން ފެށުމުން ޖާވިދަށް ދެލޯ މަރާލެވުނެވެ.
" ކަލޭ އަހަންނަށް ރަޙުމު ނުކުރީ ކީއްވެ؟ އަހަރެންވީ ލޯބީގެ އަގަކަށް އަހަންނަށް ދޭން އެނގުނު ހަދިޔާއަކީ ތިއީތަ؟ ދަރިޔަކު ލިބެންވާއިރަށް ދެމީހުން ދެތަންވެ، ދެ ބީރައްޓެހިންނަށްވެއްޖެ! ދެ ދުޝްމަނުންނަށް ވެއްޖެ! ލޯމަރައިގެން ހުރެ ކަލެއަށް އަހަރެން އިތުބާރުކުރިން! މިއީ އޭގެ ބަދަލުތަ؟ "
ތުރުތުރު އަޅާ އަޑަކުން ޖާވިދް ވާހަކަ ދެއްކިއެވެ. އޭރުވެސް ޝަހާނާ މަޑުމަޑުން ރޮމުންދާކަން އޭނާއަށް އެނގެއެވެ. ޙަޤީޤަތުގައި ޝަހާނާގެ ގިސްލުމުގެ އަޑުއަހަން އަދިވެސް ޖާވިދަށް އުނދަގުލެވެ. އެހާ ލޯބިވި މީހަކަށް ކުއްލިއަކަށް ނަފްރަތު ކުރަން ޖެހުމަކީ ޖާވިދްގެ ހިއްސުތަކަށް ލޮޅުން އަރައިގެން ދިޔަ ކަމެކެވެ.
" ޖާވިދް! އަހަންނަށް މަޢާފްކުރޭ"
އަނެއްކާވެސް އިވުނީ ޝަހާނާގެ އަޑެވެ. ޝަހާނާ ކަންތައް ކުރިގޮތް ހަނދާންވުމާއެކު ޖާވިދްގެ ހަތަރެސްފައި އަދިވެސް ގަނޑުވާކަހަލައެވެ. ނަފްރަތުގެ އަލިފާނުން އޭނާގެ މުޅި ހަޑިގަނޑުވެސް އަނދައިގަންނަ ކަހަލައެވެ.
" ނޫން.. ނުވާނެ.. އަހަންނަކަށް ނުވާނެ! އެކަންތައް ގުޅިފައިވަނީ ހަމަ އެކަނި އަހަރެންގެ ދިރިއުޅުމަކާ ނޫނޭ.. އެކަމަކު ހަނދާންކުރާތި އަހަރެންގެ ދަރިފުޅަށް ގެއްލުމެއްދޭން ހިތަށްވެސް އަރުވައިގެން ނުވާނެ.. ދެން މަށަށް އުނދަގޫ ނުކުރާތި"
ޖާވިދް ފޯނު ކަނޑާލުމަށްފަހު މާނޭވާއެއް ދޫކޮށްލިއެވެ. އޭރުވެސް އޭނާގެ ހިތުތެރޭގައި ހައިޖާނު ގަނޑެއް އުފެދޭކަމުގެ އިޙްސާސް ކުރެވެމުން ދިޔައެވެ. އަދި އެ ފޯނު ކޯލުގެ ސަބަބުން އޭނާ އަދިވެސް ހަމައަކަށް ނޭޅޭކަންވެސް އެނގުނެވެ. އެނދުމައްޗަށް ފޯނު ހޫރާލުމަށްފަހު ޖާވިދް ހުރީ އެނދުކައިރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އެއާއިއެކު އަނެއްކާވެސް ފޯނު ސްކްރީން ދިއްލޭތަން ފެނުނެވެ.
" ދެން ކިހާ ދެރަކަމެއް! ބުނެފީމެއްނު އަހަންނަށް ނުގުޅާށޭ! އަހަރެންގެ މަޢާފެއް ދުވަހަކުވެސް ނުލިބޭނެ.."
ޖާވިދް ބާރުބާރަށް ބުނެލިއެވެ.
" ޖަ..ޖާވިދް! އަޅުގަނޑު.."
ޖެހިލުންވެ ހުރެ ޒޫނާ އަނގައިން ބުނެލި އަޑަށް ޖާވިދަށް މައިތިރި ވެވުނެވެ. އެއާއިއެކު އޭނާއަށް ބޮލުގައި ހިފަަހައްޓާލުމަށްފަހު ފޯނު ކަނޑާލިއެވެ. ހަމަ އެ ނޭވާގައި އޭނާ ޒޫނާއަށް މެސެޖް ލިޔަން ފެށިއެވެ.
" ސޮރީ! އޮޅުމަކުން ވީ ކަމެއް! "
ސިކުންތެއްގެ ތެރޭގައި ޒޫނާވެސް މެސެޖް ކުރިއެވެ.
" އިޓްސް އޯކޭ! އައި ކޭން އަންޑަސްޓޭންޑް... ޖާވިދްގެ ލޮކަރުގައި އަޅުގަނޑުގެ ވަޒީފާ ބަޔާން އޮންނާނެ ނޫންތޯ؟ މާދަމާ އޭގެ ކޮޕީއެއް ބޭނުންވާތީވެ"
ޒޫނާގެ މެސެޖް ކިޔާލުމާއިއެކު ޖާވިދަށް ބޯ ހޫރާލެވުނެވެ.
" ކޮންމެވެސް ވަގުތަކުން ތަޅުދަނޑި ބަލައި ޖައްސާލަދީ! "
ޖާވިދް ރިޕްލައި ކޮށްލުމަށްފަހު އަނެއްކާވެސް ފޯނު އެނދުމައްޗަށް ހޫރާލިއެވެ. މަސްދުވަހުގެ ޗުއްޓީ ނަގައިގެން އޭނާ ގޭގައި މަޑުކޮށްލަން ބޭނުންވީ، ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯއެވެ.
***
ހާރޫންގެ މޭމަތީގައި ބޯއަޅާލައިގެން ޔަޝްމީ އޮތީ ލުއި ހިނިތުންވުމެއްގައެވެ. އޭނާގެ ބޮލުގެ އިސްތަށިތަކާއި ކުޅެލަ، ކުޅެލާ އޮތް ހާރޫން ބޯ ގުދުކޮށްލާފައި ޔަޝްމީގެ މޫނަށް ބަލައިލީ އެއްމިޔަކަނުން ހީލަމުންނެވެ. އެއާއިއެކު ޔަޝްމީ އިތުރަށް ހާރޫންގެ މޭމަތީގައި ބޮނޑިވެގަތެވެ.
" ރާއްޖެ ދާއިރަށް އުފާވެރި ޚަބަރެއް ލިބޭނެ ނަމަ..."
ހާރޫން މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ގައިމަތީގައި އަޅާފައި އޮތް ދޫނިފަތުގެ ބްލޭންކެޓުން މޫނު ނިވާކޮށްލަމުން ޔަޝްމީ ތުއިގޮތަކަށް ހީލިއެވެ.
" އޭރުން އަހަރެން ވާނީ ކުޑަކުޑަ މަންމިއަކަށް ދޯ!"
ޔަޝްމީ އެހެން ބުނުމުން ހާރޫން ހިނިގަނޑެއް ޖަހާލަމުން ޔަޝްމީގެ ބުރަކަށީގައި ޖަހާލިއެވެ.
" އަހަންނަށް މަލާމާތް ކޮށްލީދޯ! އޭރުން އަހަރެންވާނީ ކާފައަކަށްތާ! "
ޔަޝްމީ އަވަސް އަވަހަށް ހާރޫންއަށް ބަލައިލުމަށްފަހު ލޯ އަޅާލަމުން ބުނެލިއެވެ.
" ދެން ތިބުނާހާ މުސްކުޅިއެއްނޫނޭ... އެހެން ނޫނަސް ބަލާބެލުމަށް އަހަރެމެން ދެމީހުން އެހާ ގުޅެނީވެސް ހާރޫން އެހާ ފިޓްކޮށް ހުންނާތީ.. "
ޔަޝްމީގެ ޖުމްލައިން އަނެއްކާވެސް ހާރޫންއަށް ބާރުބާރަށް ހެވުނެވެ.
" އެހެންތަ؟ އަހަރެން ހަމަ އެހާވެސް ފިޓްތަ؟ އަޅެ ބުނެބަލަ.. އަހަރެންގެ ކޮންކޮން ސިފަތަކެއްތަ ޔަޝްމީއަށް އެންމެ ކަމުދަނީ؟"
ޔަޝްމީގެ ދަތްދޮޅީގައި ހިފާލަމުން ހާރޫން ސުވާލުކޮށްލީ ޖަވާބު ބޭނުންވާ ފަދަ ގޮތަކަށެވެ.
" ކީކޭ ދެން ބުނާނީ.. އަހަންނަށް ވަރަށް ކަމުދޭ ހާރޫން ބޮޑު ބަނޑެއް ނެތީމަ.. އަސްލު ބަނޑުލައިފައި ތިބޭ ފިރެހެނުން އަހަންނަށް ވަރަށް ހަޑި.."
" ހޫމް ހޫމް.. ދެން؟ "
ޔަޝްމީގެ ޖުމްލައިން ހާރޫން ބޯޖަހާލަމުން ބުނެލިއެވެ. މިފަހަރު ޔަޝްމީ ވާހަކަ ދައްކަން ފެށީ ހާރޫންގެ ދެލޮލަށް ބަލަހައްޓައިގެން އޮވެއެވެ.
" ދެން... އެހާ ދިގުވީމަވެސް އަހަންނަށް ވަރަށް ކަމުދޭ... ދެން ނޭނގެ ކިޔާކަށް.. "
ލަދުން ގޮސް ޔަޝްމީ ހާރޫންގެ މޭމަތީގައި މޫނު ފޮރުވާލުމާއިއެކު މުޅި ކޮޓަރިތެރޭގައި ގުގުމާލީ ހާރޫންގެ ހުނުމުގެ އަޑެވެ.
***
ހަވީރުގެ ހިތްގައިމު ވަގުތެވެ. ބޭރު މަގުމަތީގައި ޒޫނާ މަޑުކޮށްލައިގެން ހުރީ ޖާވިދްގެ އިންތިޒާރުގައެވެ. ޖާވިދް ލަސްވުމުން ދެވަނަ ފަހަރަށްވެސް އޭނާ މެސެޖްކޮށްލިއެވެ. އެއާއިއެކު ގެއިން ނިކުމެގެން އަންނަ ޖާވިދް ފެނި އޭނާއަށް ހިނިތުން ވެވުނެވެ.
" އޯކޭ ތަޅުދަނޑި ޒޫނާ އަތުގައި ބޭއްވިޔަސް.."
ތަޅުދަނޑި ދިއްކޮށްލަމުން ޖާވިދް ބުނެލިއެވެ. އެއާއިއެކު ޒޫނާ ހިނިތުންވެލި އިރު އޭނާގެ ހިތް ބާރުބާރަށް ތެޅޭކަމުގެ އިޙްސާސް ކުރެވުނެވެ. ތަޅުދަނޑީގައި ޒޫނާ ހިފުމާއިއެކު ޖާވިދް، ގެއާއިދިމާލަށް އެނބުރިގަތެވެ. އެހެންކަމުން ޒޫނާވެސް އަވަސް އަވަހަށް މަގުފަޅިއަށް އެނބުރި ހިނގައިގަތެވެ. މިހާރަކަށް އައިސް ޖާވިދް ފެނުމުން ހިތް އަވަސްވެ، އުނދަގޫވާކަން ޒޫނާއަށް އެނގެއެވެ. އެއާއިއެކު ޖާވިދްގެ ހިތުގައި އޭނާއަށްޓަކައި އެއްވެސް އެއްޗެއް ނުވާކަންވެސް އޭނާއަށް ޔަޤީން ކުރެވެއެވެ.
" އިޝާރާތެއް ނުވީތަ ؟"
ސައިކަލެއްގައި އައިސް ފަހަތުން އަރާ ހަމަކުރީ ޒޫނާގެ އެންމެގާތް އެކުވެރިޔާ ފަރީއެވެ.
" ސައިކަލެއް ގަތް ފަހުން މީނަ ކަމަކީ މަށަށް ފާރަލުން"
ފަރީގެ ސައިކަލް ފަހަރަށް އަރަމުން ޒޫނާ ބުންޏެވެ. އެއާއިއެކު ފަރީ ތަންކޮޅެއް ބާރަށް ސައިކަލް ދުއްވާލިއެވެ.
" ބަލަ ރަށް ތަރައްޤީވަމުން ދާ ވަރަކަށް ސައިކަލްތައްވެސް އިތުރުވާނެ... ދެން ސައިކަލްތައް އިތުރުވީމަ ދެވޭ ތަންތަނާ ފެންނަ މަންޒަރުތައްވެސް ގިނަ ވާނެ! އެހެންވީމަ މިހާ ކުޑަކުޑަ ރަށެއްގައި ސިއްރުން އެއްވެސް ކަމެއް ކުރަން ހިތުލައިގެންވެސް ނުވާނެދޯ! "
ފަރީގެ ސަކަ މިޒާޖުގެ ސަބަބުން ޒޫނާ އަބަދުވެސް ހުންނަނީ އޭނާގާތު ހީލަހީލައެވެ.
" ހޭންވީއެއް ނޫނޭ! ޖާވިދް ދެންމެ ކީއްވެތަ އެހާ އަވަހަށް އެ ދިޔައީ؟ މަށަށް ހީވަނީ ޒޫނާދެކެ އޭނަ ބިރުގަންނަނީހެން"
އަނެއްކާވެސް ފަރީ ވާހަކަ ދެއްކީ މަޖާ ރާގެއްގައެވެ. ޖާވިދްގެ ނަން އިވުމާއެކު ޒޫނާގެ މޫނުމަތީގެ ކުލަވަރު އުޖާލާވެގެން ދިޔަތަން ފަރީއަށް ފެނުނީ ސައިކަލްގެ ލޯގަނޑުންނެވެ. ނަމަވެސް މިފަހަރު އޭނާ އެއްޗެއް ނުބުނެ މަޑުކޮށްލީ ޒޫނާ ބުނާ އެއްޗެއް ބަލާށެވެ.
" އަހަރެން މިދިޔައީ އޭނައާ ބައްދަލްކުރާކަށް ނޫނޭ.. ތަޅުދަނޑިއެއްބަލައޭ ދިޔައީ!.. ދެން އެ ދީފަ އޭނަ އެ ދިޔައީނު.. އިތުރު ކަމެއް އެތަނުގައި ވާންޖެހޭތަ؟"
ލަދުރަކި ގޮތަކަށް ޒޫނާ ވާހަކަ ދެއްކުމުން ފަރީ ދެފަރާތަށް ބޯ ހޫރަން ފެށިއެވެ. އޭރު ޒޫނާގެ ގެއާ ހަމައަށްވެސް އެމީހުންނަށް އާދެވިއްޖެއެވެ. ފަރީ ސައިކަލް މަޑުކޮށްލުމާއެކު ޒޫނާ ފޭބިއެވެ. އަދި ފަރީގެ ކުރިމަތީގައި މަޑުކޮށްލުމަށްފަހު އަނެއްކާވެސް ވާހަކަ ދެއްކީ އޭނާއެވެ.
" ހިނގާބަލަ މީރު ބިލެތްގަނޑެއް ކާލަން ބަނދަރަށް ދާން.. "
ޒޫނާ އެހެން ބުނުމުން ފަރީ ދެފަރާތަށް ބޯ ހޫރާލިއެވެ.
" ތިއުޅެނީ ޖާވިދް ފެނޭތޯ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ނިކުންނަން ވެގެން.."
ފަރީގެ ޖުމްލައިން ޒޫނާ ދެލޯ ބޮޑުކޮށްލުމަށްފަހު މަޑުން ވާހަކަ ދައްކަން އެދުނެވެ.
" އޭނަ އަންހެނުން ވަރިކުރިފަހުން ޒޫނީއަށް ހާދަ ވަރެއް ތިވަނީ! ހިތުގައި ފޮރުވައިގެން ހުރި އެއްޗެހިތައް ނިކުންނަނީތަ؟"
ހެމުން ހެމުން ފަރީ އަނެއްކާވެސް ޒޫނާއާ ދިމާކުރިއެވެ. މިފަހަރު ޒޫނާ ފަރީގެ އަތުގައި ޖަހާލީ، ހިނިގަނޑެއް ޖަހާލަމުންނެވެ.
" ނޫނޭ.. އަހަރެން ބުނީމެއްނު އޭނަ އަހަންނަށް އަބަދުވެސް ވަރަށް ސަޅިއޭ! އެކަމަކު އޭރު އެއީ މީހެއްގެ ފިރިއެއްތާ.."
އެއްލޯ މަރާލަމުން ޒޫނާ ބުންޏެވެ. އޭރު ފަރީ ހުރީ ސައިކަލް ސްޓާޓްކޮށްގެން ނައްޓާލަން ތައްޔާރު ވެގެންނެވެ.
" ހޫމްހޫމް.. ބާކީބައި ދެން މިރޭ ދޯ! "
ސައިކަލް ދުއްވާލަމުން ފަރީ ބާރުބާރަށް ބުންޏެވެ.
****
އެތަން މިތަނަށް ދުއްވާ، ރީތި މަންޒަރުތައް ބެލުމުގައި ހާރޫން ޔަޝްމީ ގޮވައިގެން މުޅި ދުވަސް ހޭދަކުރުމަށްފަހު ވަރުބަލިކަމާއެކު އެނބުރި ހޮޓެލްއައެވެ. ހާރޫންގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ހުރި ޔަޝްމީވެސްވަނީ ވަރަށް ބޮޑަށް ވަރުބަލިވެ، ނިދި އައިއްސައެވެ.
" މިރޭ ކާއެއްޗެހި ގެންނާނީ ކޮޓަރިއަށްދޯ! ބޭރަށް ދާނެ ހިތްވަރެއް ނެތް"
ލިފްޓަށް އަރަމުން ޔަޝްމީ ބުންޏެވެ. އެއާއިއެކު ހާރޫން ބޯޖަހާލަމުން ފޯނުން ގަޑި ބަލައިލިއެވެ.
" ފެންވަރާލައިގެން ނަމާދަށް އަރަން ހިނގާ! އޭރުން ދެން އެއްޗެއް ކެވޭނީވެސް.."
ހާރޫންގެ ވާހަކައަށް ތާޢީދު ކުރުމުގެ ގޮތުން ޔަޝްމީ އާނއެކޭ ބުނެ ހާރޫންގެ ކޮނޑުގައި ބޯ ޖައްސާލިއެވެ. ލިފްޓް ހުއްޓުމާއެކު ދެމީހުން އެކުގައި ކޮޓަރިއަށް ވަންނަން ހިނގައިގަތް ވަގުތު ނަޢީމްގެ އަޑު އިވުނެވެ.
" އަހަރެން މާދަމާ ފުރާތީވެ މިރޭ ކެއުމެއް ދޭންވެގެން.. ވަރަށް ހޯދައިފިން"
ހެވިފައި ހުރެ ނައީމް އެހެން ބުނެލުމުން ހާރޫން ޔަޝްމީގެ މޫނަށް ބަލައިލިއެވެ. ޔަޝްމީ ވަރުބަލިވެފައިވާވަރު ހާރޫންއަށް އެނގެއެވެ. އެހެންކަމުން ހާރޫން މަސައްކަތްކުރީ ނުގޮސް ވޭތޯއެވެ.
" މިއަދު ވަރަށް ގިނައިން ވަރަށް ދުރު ދަތުރުކޮށް ކޮށްގެން ޔަޝްމީ އެހުރީ ވަަރަށް ބަލިވެފައި! މިހާރުވެސް އެކިޔަނީ މިރޭ ރޫމަށް ގެންނާނިއްޔޯ "
ހާރޫންގެ ޖުމްލައިން ނުކިއްސަރު ގޮތަކަށް ނައީމް ޔަޝްމީގެ މޫނަށް ބަލައިލިއެވެ.
" ތެދެއް؟ އެހެންވިއްޔާ ޔަޝްމީއަށް ރޫމަށް ކާއެއްޗެހި ގެންނާނީ! އަރާމުކޮށްލަން ރޫމުގައި މަޑުކޮށްލާ! އެކަމަކު އަހަންނާއެކު ހާރޫން ބޭރަށް ދާން ހުއްދަ ދޭންވާނެ"
މަޖާ ގޮތަކަށް ނައީމް އެހެން ބުނި ނަމަވެސް ޔަޝްމީއަކަށް އެގޮތް ކަމަކު ނުދިޔައެވެ. އެހެނަސް އެކަން ފާޅުކުރަން ނުކެރި ހުރެ އޭނާ ހާރޫންއަށް ބަލައިލީ އިންކާރު ކުރާ ފަދަ ގޮތަކަށެވެ.
" އޯކޭވާނެ ދޯ ޔަޝްމީ! ދެން މިފަހަރު އަހަރެން ގޮސްލާނީ.. މިތާ މަތީ ހުންނަ ރެސްޓޯރެންޓަށްދޯ؟ "
ކޮޓަރިއާ ދިމާލަށް އެނބުރިލަމުން ހާރޫން ބުންޏެވެ.
" ނޫނޭ! މިތަނުން ކައިކައި މަ ފޫހިވެއްޖެ! ބޭރަށް ދާނީ މިރޭ.. "
ނައީމް ބާރުބާރަށް ބުންޏެވެ. އެގޮތެއް ހާރޫންއަކަށް ކަމަކު ނުދިޔައެވެ. ޔަޝްމީ އެކަނި ބަހައްޓާފައި ހޮޓެލުން ބޭރަށް ދާން އޭނާގެ ހިތެއް ނުރުހެއެވެ. ނަމަވެސް ނައީމް އެހާވަރަށް އެދެމުންދާތީ އޭނާގެ ދަޢުވަތު ޤަބޫލު ނުކޮށް ހުންނާކަށްވެސް ހާރޫންއަކަށް ނުކެރުނެވެ.
" އެހެންވީމަ އަހަރެން އަންނާނަން ދާންވީމަ"
ހާރޫންގެ ބުރަކަށީގައި ޖަހާލަމުން ނައީމް ލިފްޓަށް އެރިއެވެ. ހާރޫން ހެވިފައި ހުރެ ބޯ ޖަހާލިއެވެ.
" ބޭރަށޯ ދަނީ.. އޯކޭތަ؟ "
ކޮޓަރިއަށް ވަތްގޮތަށް ގަމީހުގެ ގޮށްތައް ނައްޓަމުން ހާރޫން ބުނެލިއެވެ. އެއާއިއެކު ޔަޝްމީ ފުންނޭވާއެއް ދޫކޮށްލަމުން ސޯފާއަށް ޖެހިގަތެވެ.
" ހޫމް.. ދެން ގޮސްލާ! އަހަރެންގެ ދެފައިގައި ނެތް ކަމެއް މިހާރު.."
ކަންނެތްކަމާއިއެކު ޔަޝްމީ ބުންޏެވެ. އެހިނދު ވަރުބަލިވެފައި އޮތް ޔަޝްމީއަށް ބަލަހައްޓައިގެން ހުރެ ހާރޫން ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ.
" ދެން ތިހެން ނޯވެ ތެދުވޭ! ނިދި ދާނެ! ދެން ނަމާދުކޮށްގެނ އޮށޯވެލާ! އަހަރެން އައިސް ގޮވާނަން ކާން.."
ހާރޫން އެހެން ބުނުމާއިއެކު ގަދަކަމުން ކަހަލަ ގޮތަކަށް ޔަޝްމީ ތެދުވިއެވެ.
***
ޔަޝްމީއަށް ސިހިފައި ހޭލެވުނީ ބާރުބާރަށް ދޮރުގައި އެއްޗެއް ޖެހުނު އަޑަށެވެ. ބާރުއަޑުފަށްގަނޑުން ޔަޝްމީގެ ނިދިވެސް ފިލައި އޭނާ ކޮޅަށް ޖެހުނެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަން އިތުރުވީ އެނދުމަތީގައި އޮތް ފޯނުން ގަޑި ބަލާލެވުމުންނެވެ. ގަޑިން މެންދަމުން އަލިވެ ދޭއް ޖަހައިފިއެވެ.
" އަދިވެސް ހާރޫން ނާންނަނީތަ؟ "
ޔަޝްމީއަށް ބުނެލެވުނެވެ. އޭރު އޭނާގެ މުޅި ހަށިގަނޑުގައި އާދަޔާ ޚިލާފް ފިނިކަމެއް އުފެދެން ފަށައިފިއެވެ. ޔަޝްމީގެ ފޯނަށް ސިމް ލައްވާފައި ނެތުމުން ހާރޫންއަށް ގުޅޭނެ ގޮތެއް ނެތްކަން ހަނދާން ވުމާއެކު އޭނާގެ ހިތް، ބިރުގަންނަން ފެށިއެވެ. ހަމަ އެވަގުތެވެ. ގުންފައި ޖަހާފައި މީހަކު ދުއްވައިގަތް އަޑާއިއެކު ކޮންމެވެސް މީހެއްގެ ވޭނީ ކުކުރުމުގެ އަޑު ދޮރު ބުޑުން އިވުނެވެ.
" ހާރޫން؟ "
ޔަޝްމީއަށް މަޑުމަޑުން ބުނެލެވުނެވެ. އެއާއިއެކު ފަޔަށް ބާރުލައިފައި އޭނާއަށް ދޮރާއި ދިމާއަށް ދުއްވައިގަނެވުނީ ހިތުގައިވާ ޝައްކު ޔަޤީން ކުރުމަށެވެ. އެވަގުތު އޭނާއަށް އެ ހިތްވަރު ލިބުނީ ކިހިނެއް ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަމާއިއެކު ބާރުބާރަށް ގޮސް ދޮރު ހުޅުވާލުމާއެކު ޔަޝްމީއަށް ފެނުނު މަންޒަރުން ދެކަންފަތުގައި އަތް އަޅައި ބާރަށް ހަޅޭއްލަވައި ގަނެވުނީ ރޮއިގަންނަމުންނެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!