ކުރީގެ އަދަދާއިގުޅޭ،

" ދެން ހާރޫން.. އަހަންނަށް މަލާމަތްކުރަނީދޯ"

Ad
rt

މޫނު ހަދާލަމުން ޔަޝްމީ ބުންޏެވެ. އެއާއިއެކު ހާރޫން ޔަޝްމީގެ ގައިގައި ހިފައި އޭނާއާ ގާތްކޮށްލަމުން ބޯ ހޫރާލިއެވެ. އެވަގުތު ދާދި ގާތުން މީހަކު ކަރުކެހިލުމުން ހާރޫންގެ އިތުރުން ޔަޝްމީއަށްވެސް ބަލައިލެވުނީ އެކުއެކީގައެވެ. އެއާއިއެކު އަވަސް އަވަހަށް ހާރޫން ކޮޅަށް ތެދުވީ ހެވިފައި ހުރެއެވެ.

" ނައީމް؟"

ހާރޫން އަވަސް އަވަހަށް ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. އެއާއިއެކު ނައީމްވެސް ހެވިފައި ހުރެ ހާރޫންއާ ސަލާމްކޮށްލިއެވެ. އެވަގުތު ހާރޫން ޔަޝްމީގެ މޫނަށް ބަލައިލުމުން ޔަޝްމީ ހިނިތުންވަމުން ތެދުވިއެވެ. އެހިނދު ބުމަ ހިއްލާލަމުން ނައީމް ޔަޝްމީއަށް އިޝާރާތްކޮށްލީ، ކާކުކަން އޮޅުންފިލުވަން ބޭނުން ވެގެންނެވެ.

" މިއީ އަހަރެންގެ ވައިފް؟ "

ހާރޫންގެ ޖުމްލައިން ހެވިދިލިފައި ހުރި ނަޢީމްގެ ހިނިތުންވުން ގެއްލި އޭނާގެ މޫނަށް ހައިރާންކަން ވެރިވިއެވެ. އޭރު ހާރޫންއާއި ޔަޝްމީ ތިބީ އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ހެވިފައެވެ.

" ބިޔުޓިފުލް.."

ހާރޫންގެ އަތުން އަތް ދޫކޮށްލަމުން ނައީމް ބުނެލީ ޔަޝްމީއަށް ބަލައިލަމުންނެވެ. އެއާއިއެކު ޔަޝްމީ އިސްޖަހާލީ ލަދުރަކި ގޮތަކަށް ހީލަމުންނެވެ.

" އަހަރުވާން ކައިރިވެފައި އޮއްވާ ހަނީމޫނަށްވެސް މި އާދެވުނީ.. ބިޒީ ކަމުން"

ސޯފާގައި އިށީނުމަށް ނަޢީމަށް އިޝާރާތް ކުރަމުން ހާރޫން އިށީނެވެ. ޔަޝްމީވެސް ހެވިފައި ހުރެ މަޑުމަޑުން އިށީނދެލިއެވެ.

" ނައީމް މިތާ ކީއްކުރަނީ؟ އެކަނިތަ ތިއުޅެނީ؟"

ހާރޫން ފަރާތް ފަރާތް ބަލައިލަމުން އެހިއެވެ. އެއާއިއެކު ނައީމް ދެފަރާތަށް ބޯ ހޫރާލަމުން ސޯފާގައި ލެނގިލިއެވެ.

" އެކަންޏެއް ނޫން.. މިއައީ ފޮޓޯ ޝޫޓަކަށް...! އެވާހަކަ ބާއްވަބަލަ! އަހަރެން އަޑުއެހިން ހާރޫން އިތުރު ރިސޯޓެއް ނެގި ވާހަކަ! އެއީ ތެދެއްތަ؟ "

ނަޢީމް އެހިއެވެ. އެއާއިއެކު ހާރޫން ހިނިގަނޑެއް ޖަހާލަމުން ބޯ ޖަހާލިއެވެ.

" އާނދެން ވިޔަފާރީގެ ތެރޭގައި އުޅެން ފެށީމަ ހުންނަނީ މިކަމަށް ދެވި ހިފާފައި! އަބަދުވެސް ބޭނުންވަނީ ކުރިއަށްދާން ކޮންމެވެސް ކަމެއް ކުރަން"

ހާރޫން އެހާ ގަޔާވެލާފައި ވާހަކަ ދައްކަން ފެށުމުން ޔަޝްމީ އިނީ ޝައުޤުވެރިކަމާއެކު ހާރޫންގެ މޫނަށް ބަލާށެވެ.

" ނައީމް ކިހިނެއް ކިހިނެއް ތިއުޅެނީ މިހާރު؟ އޭރު ބުނީމެއްނު މާލޭގައި ގެސްޓްހައުސްއެއް ހުޅުވަން ރެޑީވާ ވާހަކަ"

ހާރޫންގެ ވާހަކައިން ނަޢީމް އިސްޖަހާލިއެވެ. އެހިނދު އޭނާގެ މޫނުމަތީގައިވާ ހިނިތުންވުންވެސް ގެއްލިއްޖެއެވެ.

" އާނ! ގެސްޓްހައުސް ހުޅުވިން.. ވަރަށް ކުރިއަށް ޖައްސާލިން.. އެއީ ވަރަށް ހިނގި ތަނެއް.. އެކަމަކު.. އެކަމަކު ދެއަހަރެއްވަރު ހިންގައިލެވުނީ.. އަންހެނުން މަ ދޫކޮށްފައި ބަޗައިފި!"

ނަޢީމް އެހެން ބުނަމުން ޔަޝްމީގެ މޫނަށް ބަލައިލިއެވެ. އެއާއިއެކު ޔަޝްމީގެ އިތުރުން ހާރޫންއަށްވެސް އިނދެވުނީ ޤަބޫލުކުރަން ދަތިވާ ފަދަ ގޮތަކަށް ނަޢީމްއަށް ބަލަހައްޓައިގެންނެވެ.

" ބެޗިއްޔޭ! އެޔޯ؟ "

ހާރޫންއަށް އަވަސް އަވަހަށް އަހައިލެވުނެވެ. އެހިނދު ނައީމް ލުއިގޮތަކަށް ހިނިތުންވެލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

" އެއީ ދެން ވިޔަފާރީގެ ކަންކަމުގައި އަހަރެން މާ ބޮޑަށް ބިޒީވީ! އަންހެންވެރިންނަށް ނޯންނާނެ ރަނގަޅު އެއްވެސް ކަމެއް.. ބިޒީ ވިޔަސް މައްސަލައެއް.. ލާރި ނުހޯދިޔަސް މައްސަލައެއް.. ބަލަ ބިޒީކޮށް މަސައްކަތްކޮށްގެންދޯ ލާރި ލިބޭނީ.. އަހަރެން އަބަދު ގެސްޓްހައުސްގައި އުޅުމާ، ގެއަށް އައިސްވެސް ވިޔަފާރީގެ ކަންކަމުގައި އުޅޭތީ ޝަކުވާ ގިނަވާންފެށީ. ދެން އަހަންނަށްވެސް ރުޅި އާދެވެނީ އެކަމާ! މާ ގިނަ ދުވަހެއް ނުވެ އަންހެނުން އަމިއްލައަށް ވަރިވެ، ދެކުދިން ގޮވައިގެން ރަށަށް ގޮއްސި!"

ނައީމްގެ ވާހަކަ އަޑުއިވި ހާރޫންގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފާޅުވިއެވެ.

" އެކަމާ ބޯ ގޮވައިގެން އަހަންނަށް އެއްވެސް ކަމެއް ނުވި! އެހެންވެ އެކަންތައްވެސް އަޑިއަޅައިލައިގެންގޮސް ހުއްޓުމަކަށް އައީ! މިހާރު ދަރިން ބޮޑެތިވެއްޖެ. އެކަމަކު މިއީ ބައްޕަކަމެއްވެސް އެކުދިންނަކަށް ނޭނގެ.. އެހާވެސް ދުރު! "

އަނެއްކާވެސް ނަޢީމް ވާހަކަ ދެއްކިއެވެ.

" ވަރަށް ދެރަކޮށްދޯ ތި ދިމާވީ.. "

ހާރޫން ބުންޏެވެ. އެއާއިއެކު ނައީމް ލުއިގޮތަކަށް ހީލަމުން ދެކޮނޑު އަރުވާލިއެވެ.

" އެކި މީހުންނަށް ނަސީބު ދިމާކުރާނީ އެކިގޮތަށް. ހާރޫންއަށް ރީތި، ޅަ އަނތްބެއްވެސް ލިބިއްޖެތާ އެންމެފަހުން.."

ވާހަކަ ދައްކަމުން ދިޔައިރު ނައީމްގެ ނަޒަރު އަމާޒުވެފައި ހުންނަނީ ޔަޝްމީއަށްކަން ހާރޫންއަށް ފާހަގަ ކުރެވެން ފެށީ އެހިސާބުންނެވެ. ޔަޝްމީގެ ރީތިކަން ނަޢީމް ދެވަނަ ފަހަރަށް ފާހަގަ ކުރުމުން، ހާރޫންގެ ހިތަށް އުނދަގޫވިއެވެ. ހަމަ އެވަގުތެވެ. ދުރުން އައި މުވައްޒަފެއް ހާރޫންގެ އަތަށް ދެމީހުންގެ ޕާސްޕޯޓާއިއެކު ކޮޓަރި ތަޅުދަނޑޮ ދިއްކޮށްލުމުން ހާރޫން އަވަސް އަވަހަށް ތެދުވިއެވެ.

" އޯކޭ ނަޢީމް! އަހަރެމެން ދެން ދަނީ އިނގޭ.."

" އަދި ދިމާވާނެއެއްނު. އަހަރެންވެސް މި ހޮޓެލްގައޭ މި ހުންނަނީ.. ވާނެ އަންހެނުން ގޮވައިގެން ފޮޓޯ ނަގަން ދާން"

ނަޢީމް އެހެން ބުނުމުންވެސް ހާރޫން އެއްޗެއް ނުބުނެ ހިނިތުންވުމަކުން ފުއްދާލީއެވެ. އެކަމާ ޔަޝްމީ ނުރުހުނު ނަމަވެސް ކޮޓަރިއަށް ދެވެންދެން އޭނާ އެއްޗެއް ނުބުނެ މަޑުކުރިއެވެ.

" ފަހުން މާ ފާޑަކަށް ވާހަކަ ތި ދެއްކީ ކީއްވެ؟ މާ ރޫޑް ގޮތަކަށް"

ޔަޝްމީގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ހާރޫން ގޮސް އިށީނދެލީ އެނދުމަތީގައެވެ. ކޮޓަރީގެ އެތަން މިތަނަށް ބަލަމުން ގޮސް ޔަޝްމީވެސް ހާރޫންއާ ދާދި ގާތުގައި އިށީނެވެ.

" ޔަޝްމީއަށް އޭނަ ހިތް ކިޔާފާނެތީ ބިރުގަތީ"

ހާރޫން ތަންކޮޅެއް ހަރުކަށިކޮށް އެހެން ބުނުމުން ޔަޝްމީއަށް ސިހިފައި ހާރޫންގެ މޫނަށް ބަލައިލެވުނެވެ. އޭރުވެސް ހާރޫން އިނީ އިސްޖަހާލައިގެން ފުން ވިސްނުމެއްގައެވެ.

" އޭނަ އަހަންނަށް ހިތް ކިޔަސް ހާރޫން ބިރުގަންނަން ޖެހޭތަ؟ ގައިމުވެސް އަހަރެންގެ ހިތެއް އެހެން މީހަކަށް ނޭދޭނެ"

ހާރޫންގެ ކޮނޑުގައި ބޯ ޖައްސާލަމުން ޔަޝްމީ ބުނެލިއެވެ. ހާރޫންވެސް ކުޑަކޮށް ބޯ އަރިކޮށްލުމަށްފަހު ޔަޝްމީގެ ބޮލުގައި ބޯ ޖައްސާލިއެވެ.

"އަހަރެން ވަރަށް އިތުބާރު ކުރަން. އެކަމަކުވެސް ނޭނގެ.. ދެމީހުން ވަކިވާން ޖެހިދާނެތީ ހަމަ ބިރު ގަންނަނީ.. ތިއީ އަދި ވަރަށް ޅަ ކުއްޖެއް! އަހަންނަށްވުރެ މާ ރީތި މީހުންވެސް ފެންނާނެ.. ފަހަރެއްގައި ޔަޝްމީގެ ހިތް...."

ބުނަން އުޅުނު ޖުމްލަ ހާރޫންއަށް ބުނެވޭގޮތް ނުވީ ޔަޝްމީ އޭނާގެ ތުންފަތުގައި އަތް ޖައްސާލުމަށްފަހު ދެފަރާތަށް ބޯ ހޫރާލުމުންނެވެ.

" ތިކަހަލަ ވާހަކަ ނުދައްކާ ހާރޫން! ޢުމުރަކީ ލޯތްބަށް އޮތް ހުރަހެއް ނޫންކަން އަހަންނަށް އިޙްސާސްކޮށްދިނީ މި ކައިވެނިން.. އަހަރެމެންގެ މި ގުޅުމުން.. އެހެން ނޫން ނަމަ އެހާ އަހަރެންގެ ހިތުގައި އަނދައަނދާހުރި ރުޅިވެރިކަން، ލޯތްބަށް ބަދަލެއް ނުވީސް! އަހަރެން ހާރޫންދެކެ ލޯބިވީ ފަހަރެއްގައިވެސް ހާރޫން ދޫކޮށްލާކަށެއް ނޫން.."

ޔަޝްމީ މަޑުމަޑުން ބުންޏެވެ. އެހިނދު ހާރޫންއަށް ޔަޝްމީގެ ދެލޮލަށް ބަލައިލެވުނެވެ. ތެދެކެވެ. އެދެލޮލުންވެސް އޭނާއަށް ސާފު ތެދުވެރި ލޯބި ފެންނަ ކަހަލައެވެ.

***

މޭޒުގައި ބޯ އަަޅާލައިގެން ޖާވިދަށް އިނދެވުނީ މާ ބޮޑަށް ނިދި އަންނާތީއެވެ. ރަނގަޅަށް ނުނިދޭތީ ދެލޮލަށް ބަރުވެ، މީހާ ހުންނަނީ ވަރުބަލި ވެފައެވެ. އެހެންކަމުން އޭނާއަށް އިންތިހާއަށް ނިދި ބޭނުންވާކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ.

" ޖާ...ޖާވިދް"

ނިދިފައި އޮތް ޖާވިދަށް ލޯ ހުޅުވާލެވުނީ ޒޫނާގެ އަޑުންނެވެ. ސިހިފައި ބޯ ހިއްލާލިއިރު ޒޫނާ ހުރީ އޭނާގެ ކުރިމަތީގައެވެ. އެހެންކަމުން އަވަސް އަވަހަށް ދެއަތުން މޫނު ފުހެލަމުން ޖާވިދް ބުންޏެވެ.

" ސޮރީ! ކުޑަކޮށް ނިދުނީ.. ކިހިނެއްވީ؟"

ޖާވިދް އަވަސް އަވަހަށް ބުނެލިއެވެ. އެއާއިއެކު އަތުގައި އޮތް ފައިލް ދިއްކޮށްލަމުން ޒޫނާ ބުނެލިއެވެ.

" ޗުއްޓީ ޗިޓް ޙަވާލްކުރަން ވެގެން..."

ޒޫނާގެ ޖުމްލައިން ޖާވިދްގެ ހިތަށް ނުހަނު ހަމަޖެހުން ލިބުނު ކަހަލައެވެ. އޭނާ އަވަސް އަވަހަށް ފައިލްގައި ހިފުމަށްފަހު ޗިޓް ނެގިއެވެ.

" އަހަރެން ހީކުރީ ޗުއްޓީ ހަމަނުޖެހޭނެކަމަށް"

ޖާވިދް އަވަސް އަވަހަށް އެހެން ބުނަމުން ޙަވާލުވި ކަމަށް ފޯމުގައި ސޮއި ކޮށްލިއެވެ. އެއަށްފަހު ޒޫނާއަށް ފައިލް ދިއްކޮށްލަމުން ޒޫނާގެ މޫނަށް ބަލައިލިއެވެ. އޭރު އެ މޫނުމަތިން ކަންބޮޑުވުމާއި ހާސްކަން ފާޅުވަމުން ދެއެވެ.

" ޖާވިދް ކީއްވެތޯ އެހާ އަވަހަށް ޗުއްޓީ ނަންގަވަނީ؟ ފައިސާގެ އެއްވެސް ރިޕޯޓެއް ހަދަންޖެހޭގޮތް އަޅުގަނޑަކަށް ނޭނގެ! ޖާވިދް ޗުއްޓީއަށް ދުރުވީމަ އަޅުގަނޑު ކިހިނެއްތޯ ހުރިހާ ރިޕޯޓެއް އަމިއްލައަށް ހަދާނީ؟"

އިސްޖަހާލައިގެން ހުރެ ޒޫނާ އެހެން ބުނުމުން ޖާވިދަށްވެސް އެކަމާއިމެދު ވިސްނާލެވުނެވެ. ތެދެކެވެ. އޮފީހުގެ ފައިނޭންސް ޑިޕާރޓްމަންޓްގެ ހުރިހާ މަސައްކަތެއް ކުރަނީ ޖާވިދެވެ. އެމަސައްކަތްތައް ކުރަން އެނގޭ އިތުރު މީހަކު ނުވެސް އުޅެއެވެ.

" ދަސްކުރާނީ.. ނޭނގޭ އެއްޗެހި އަހަންނަށް ގުޅައިގެން އޮޅުން ފިލުވާނީ! އަހަރެން މި ޗުއްޓީގައި ރަށުގައި ހުންނަނީ! އެހެންވީމަ ޒޫނާ މިކަމާ ކަންބޮޑުވާނެކަމެއްނެތް"

ފަސޭހަކަމާއެކު ޖާވިދް އެހެން ބުނެލުމުން ޒޫނާ އިތުރު އެއްޗެއް ނުބުނެ ނިކުމެގެން ދިޔައެވެ. އެއާއިއެކު އަތުގައި އޮތް ޗިޓަށް ބަލަހައްޓައިގެން އިނދެ ޖާވިދް ގޮނޑީގައި ލެނގިލިއެވެ. ޒޫނާއަށްވެސް ޝަހާނާގެ ޚަބަރު އެނގޭނެކަން ޖާވިދަށް އެނގެއެވެ. ޒޫނާގެ އިތުރުން އޮފީހުގެ އެންމެންނަށްވެސް އެނގޭނެއެވެ. ޖާވިދް ނެތް ތަންތަނުގައި ވާހަކަވެސް ފަތުރާނެއެވެ.ނަމަވެސް އެކަން ނުހުއްޓުވޭނެކަން ޚުދު ޖާވިދަށްވެސް އެނގެއެވެ. ނަމަވެސް އެކަންކަމާ ޖާވިދް އިންތިހާއަށް ދެރަވެ ލަދުވެސް ގަނެއެވެ. ފުން ޚިޔާލުތަކެއްގައި އިންދާ އަނެއްކާވެސް ޒޫނާ އަތުވެއްޖެއެވެ. ޒޫނާ މަސައްކަތްކުރަނީ ޖާވިދްގެ ދަށުން، އެ ޑިޕާރޓްމަންޓްގައެވެ.

ޒޫނާ ފެނުމާއެކު ޖާވިދަށް ނިތް އަރުވާލެވުނީ ކަމަކުތޯ އަހާލާފަދަ ގޮތަކަށެވެ. އެހިނދު ޒޫނާ ބޯ ޖަހާލަމުން ބުނެލިއެވެ.

" ގަ...ގަލަން.. ބާއްވާފައި ދެވުނީ"

މޭޒުމަތިން ގަލަން ނެގުމަށްފަހު ޒޫނާ އަވަސް އަވަހަށް ޖާވިދަށް ފުރަގަސް ދިނެވެ. އެއާއިއެކު ޖާވިދް ފުންމައިގެން ތެދުވެ ތަންކޮޅެއް ހަރުކަށި ގޮތަކަށް ޒޫނާއަށް ގޮވާލިއެވެ.

" ރަށުތެރޭގައި ދައްކަމުންދާ ވާހަކަތައް އަޑެއް ނާހަންތަ؟"

ދެޖީބަށް އަތް ޖަހާލަމުން ޖާވިދް އެހެން ބުނުމާއެކު ޒޫނާއަށް ހައިރާންކަމާއެކު ޖާވިދްގެ މޫނަށް ބަލައިލެވުނެވެ.

" އެހެންވެގެންދޯ އެހާ އަވަހަށް ފިލަން ތިއުޅެނީ؟ މިއަދު މި ބަޔަށް ވަދެލާނެ މީހަކުވެސް ނުވި. އެހެންޏާ އެންމެން އައިސް މިތާ ތިބޭނީ! އެކަމަކު މިއަދު އަހަންނަށް ގޮވާލަން އަންނާނެ މީހަކު ނުވި.. "

ޖާވިދްގެ ވާހަކަތަކަށް ދޭނެ ރައްދެއް ޒޫނާއަކަށް ނޭނގުނެވެ. އެހެންކަމުން އޭނާ ހަމަ މަޑުމަޑުން ހުރީއެވެ.

" އަހަރެން މިއަދު އޮފީހަށް މިއައީވެސް ނިންމަންޖެހޭ އެއްޗެއް އޮތީމަ.. އަހަންނަށް އެނގޭ އަހަންނަށް ދިމާވެގެން އުޅޭ ކަންތައްގަނޑުގެ ވާހަކަ ދައްކާނެކަން.. ނުދައްކާތަ؟"

ޖާވިދް ތަންކޮޅެއް ބާރަށް އަހާލުމާއެކު ސިހިފައި ޒޫނާގެ ދެކޮނޑު މައްޗަށް އެރިއެވެ.

" ނު.. ނުދައްކާ! އަޅު..އަޅުގަނޑެއް ނުދައްކަން"

އަވަސް އަވަހަށް އިސްޖަހާލަމުން ޒޫނާ ބުނެލީ ވަރަށް މަޑުންނެވެ. އެއާއިއެކު ޖާވިދް ޒޫނާއަށް ފުރަގަސްދެމުން ބުނެލިއެވެ.

" އެންމެ ރަނގަޅު ދެން ދިޔަޔަސް..."

ޖާވިދްގެ ޖުމްލަ ނުނިމެނީސް ޒޫނާ ހިނގައިގަތްކަން ޖާވިދަށް އެނގުނެވެ. އޭނާއަށް ފަސްއެނބުރި ބަލައިލެވުނީވެސް އެހެންވެއެވެ. ޒޫނާ ނިކުމެގެން ދިޔުމުން ޖާވިދަށް އަނެއްކާވެސް މާނޭވާއެއް ދޫކޮށްލެވުނެވެ.

***

މެދުގޭތެރޭގައި ހުރި އެނދެއްގައި ޝަހާނާ އޮތީ އެނބުރެެމުންދާ ފަންކަލަށް ބަލަހައްޓައިގެންނެވެ. އެއް އަތުން ބަނޑުމަތީގައި އަތް ބާއްވާލައިގެން އޭނާ އޮތީ ޖާވިދްގެ ހަނދާނުގައެވެ. ޖާވިދްގެ އަޅާލުމާއި އޯގާތެރިކަން ހަނދާންވަނީއެވެ. ޖާވިދް އޭނާއާމެދު ބެހެއްޓި ގާތްކަމާއި ވީ ލޯބި އަލުން ބޭނުންވަނީއެވެ. ޖާވިދް ދެކިލާ ހިތް ވަނީއެވެ.

" ދެން ތިހެން ނޯވެ، ޖޫސްފޮދެއް ބޯލަބަލަ! "

ޝަހާނާ ސިހުނީ ބޭރުން އައިސް ވަތް އޭނާގެ މަންމަގެ އަޑަށެވެ. ވަދީފާ ބޭރަށް ދަމުން ބަހައްޓާފައި ހުރި ޖޫސްތަށި ހުރިގޮތަށް ހުރީއެވެ. ވަދީފާ އެހެން ބުނުމާއިއެކު ޝަހާނާ މަޑުމަޑުން ތެދުވިއެވެ. އެވަގުތު ވަދީފާގެ އަތުގައި އޮތް ހުތްއަނބު ކޮތަޅު ފެނި ޝަހާނާ، ބުނެލިއެވެ.

" ކޮންތާކުން ލިބުނު އެއްޗެއް؟"

ޝަހާނާގެ ސުވާލުން ވަދީފާއަށް އެ ކޮތަޅަށް ބަލައިލެވުނެވެ.

" ގަނެގެން މިއައީ.. ކާކު އަހަރެމެންނަށް އެއްޗެއް ދޭނީ؟"

ބާރުބާރަށް އެހެން ބުނުމަށްފަހު ވަދީފާ އަނެއްކާވެސް ބޭރަށް ނިކުތެވެ. މަންމަގެ އަސަރުގަދަ ޖުމްލައިން ޝަހާނާއަށް އިސްޖަހާލެވުނެވެ. އިންތިހާއަށް އޭނާ ދެރަވިއެވެ. ރަށުމީހުން އެމީހުން ބާކީކޮށްލިކަން އަމިއްލައަށްވެސް އޭނާއަށް އިޙްސާސްކުރެވުނެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

(ނިމުނީ)