" ނޫނޭ އަދި މާ އަވަސް.. މަހެއް ވީމަ ދައްކާނީ! ގޭގައިވެސް ޓެސްޓް ކޮށްލެވޭނެއެއްނު.. މިރޭ މާލެގޮސްވާނެދޯ ޓެސްޓްކޮށްލަން"
ޔަޝްމީ އުފަލުން ހުރެ ބުންޏެވެ.
***
ޖެހިގެން އައި ދުވަހެވެ. ލޯންޗް ޖެޓީއާ ކައިރިކޮށްލުމާއެކު ޖާވިދް އަވަސް އަވަހަށް ޖެޓީއަށް ފުންމާލިއެވެ. އޭރު ބަލި ގޮތަކަށް އައިސް ޝަހާނާވެސް ހުރީ ފައިބަން ތައްޔާރުވެގެންނެވެ. އޭނާއާ ނުހަނު ގާތުގައި މަންމަ ވަދީފާވެސް ހުއްޓެވެ. އެހެންކަމުން އެހީތެރިވެނުދީ މޫނު އަނބުރާ، ދާކަށް ޖާވިދަކަށް ނުކެރުނެވެ. އޭނާ ޝަހާނާއާ ދިމާލަށް އަތް ދިއްކޮށްލިއެވެ. ޖާވިދްގެ އަތަށް ބަލައިލަމުން ޝަހާނާ މަޑުމަޑުން އެއަތުގެ ތެރެއަށް އޭނާގެ އަތް ކޮއްޕާލިއެވެ. ގައިގައި ހުރި ބާރެއް ލައިފައި ޖާވިދް ޝަހާނާގެ އަތަށް ފިތާލަމުން އޭނާ ޖެޓީއަށް އެރުވިއެވެ. އެއަށްފަހު އަވަސް އަވަހަށް ޝަހާނާގެ އަތުން ދޫކޮށްލުމަށްފަހު ވަދީފާއަށް އެހީތެރިވެ ދިނުމަށް އުޅުނެވެ. އެތައް ދުވަހަކަށްފަހު ޖާވިދްގެ އަތުގައި ހިފާލެވުމުން އޭނާއަށް ހުރީ ނުހަނު އަސަރު ކޮށްފައެވެ. އެހެންކަމުން އިތުރަށް ޖާވިދަށް ބަލައިލާނެ ހިތްވަރު ނެތުމުން، މަންމައަށްވެސް މަޑުކޮށްނުލައި އޭނާ އެއްގަމާ ދިމާލަށް ހިނގައިގަތެވެ.
***
" މަންމައަށް އެނގޭ ދަރިފުޅު ދެރަވާނެކަން. މަންމަވެސް މި ހުންނަނީ އެކަމާ ކުރާނެ ކަމެއް ނޭނގިފައި.. އެކަމަކު އަހަރެމެންނަށް ކީއް ކުރެވޭނީ؟ ދަރިފުޅު ދެން އެކަމާ ނުވިސްނާ! ހުރިހާ ކަމެއްވެސްވާނީ އެންމެ ރަނގަޅަށް! އަހަރެމެން ބާރު ނުފޯރުވޭނެ ކަންތައްތައް މެދުވެރިވީމަ އެކަމާ ރޮއި ހިތާމަ ކުރާކަށް ނުވާނެ"
ޖާވިދު ގެއަށް ދިޔުމުން ފާއިޒާ އޭނާއަށް ވިސްނައިދޭން ފެށިއެވެ. ނަމަވެސް އެއްވެސް ރައްދެއް ނުދީ ޖާވިދް ހަމަ އިނީއެވެ.
" ދެން ދޭ ފެންވަރާލައިގެން ސައިބޯން އަންނަން.. ދަރިފުޅު އަންނަން ވާއިރަށް މަންމަ މިއަދު ހެދިކާ ހަދާފައި ހުންނާނެ.. "
ފާއިޒާ މަސައްކަތްކުރީ ޖާވިދް ހަމައަކަށް އަޅުވާށެވެ. ދަރިޔަކަށް އެފަދަ ހިތްދަތި ކަމެއް ދިމާވުމުން އެންމެ ގާތުގައި ހުންނަން ފާއިޒާ ނުހަނު ބޭނުންވިއެވެ. ފާއިޒާ އެހެން ބުނުމުން ޖާވިދް ތެދުވެގެން ގެއާ ދިމާލަށް ހިނގައިގަތެވެ.
***
އޮފީހުން ނިކުމެގެން ޒޫނާ މަޑު ހިނގުމެއްގައި ގެއާ ދިމާލަށް ހިނގައިގަތެވެ. އާދައިގެ މަތިން މިއަދުވެސް އެގަޑީގައި ފަރީ އެގެއަށް އައެވެ. ޒޫނާގެ ފަހަތުން އޭނާ ކޮޓަރިއަށް ވަތްގޮތަށް އަވަސް އަވަހަށް ވާހަކަ ދައްކަން ފެށީ ޒޫނާގެ އެނދުމައްޗަށް ވެއްޓި ގަންނަމުންނެވެ.
" އޭ! ޚަބަރެއް އެބައޮތް"
ފަރީ އެހެން ބުނުމުން ޒޫނާ ދެބުމަ ހިއްލާލަމުން ވާހަކަ ދެއްކިއެވެ.
" ކީއްތަވާނީ އަހަރެން ބަލައި ދިޔަނަމަ! "
" އަހަރެންގެ މަންމަ ގޮވައިގެން ފިހާރަތަކަށް ދުއްވަ ދުއްވާފައި މިއައީ.. އެހެންވެ އޮފީސް ދޮށަށް ނުދެވުނީ.. ތިއެއް ނޫނޭ! ވަރަށް ދެރަވާ ވާހަކައެއް އެބައޮތޭ! އެނގޭތަ ޝަހާނާ ބައިގެން ދިޔަކަން! "
ފަރީ ދިން ޚަބަރުން ޒޫނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާގެ މޫނުމަތީގެ ކުލަވަރުވެސް މާޔޫސްކަމަށް ބަދަލުވެގެން ދިޔައެވެ.
" އަސްލުތަ؟ އަޅެ ޖާވިދް ހާދަ ދެރަވާނެޔޭ.. މިއަދު އޮފީހަށް ނިކުންނަ ވާހަކަ ބުނެފައި އަނެއްކާވެސް ނުނިކުމެވޭނެ ވާހަކަ ބުންޏޯ ރިޔާޒް ބުނިއަޑު އެހިން. އެހެންވެގެންދޯ"
ޒޫނާ ބޮލުގައި ހުޅިއެއް ޖަހަމުން ފަރީ ގާތު އިށީނދެލިއެވެ.
" ދެން އޭނައަށް މެސެޖްކޮށްބަލަ! އޭރުންދޯ ދެންވެސް ކުރިއަށް ގެންދެވޭނީ އެކަން"
ޒޫނާގެ ގައިގައި ޖަހާލަމުން ފަރީ ބުނެލިއެވެ. ނަމަވެސް ވަރުދެރަވެފައި އިން ފާޑަކަށް ޒޫނާ ދެފަރާތަށް ބޯ ހޫރާލިއެވެ.
" ނޫން.. މާ އަވަސް އަރުވާލައިގެން އަހަންނެއް ނޫޅޭނަން. އެހެން ނޫނަސް އަދިވެސް ޕަރސަނަލް އެއްވެސް ވާހަކައެއް ނުދައްކާ. ދެން ކީކޭ ކިޔާފަތަ މަ މެސެޖް ކުރާނީ"
ޒޫނާގެ ޖުމްލަ ނުނިމެނީސް އެނދުމަތީގައި އޮތް ފޯނު ނަގާ، ފަރީ މެސެޖެއް ލިޔަން ފެށީ އަޑު ހަރުކޮށް ކިޔަމުންނެވެ.
"ބީ ސްޓްރޯންގ! އެވްރީތިންގ ވިލް ބީ ފައިން...."
" އޭ! ދެން ނޫން ފަރީ.. ސަމާސާ ކުރަންވެސް ވަކި ހައްދެއް އޮންނަން ވާނެ.."
ފަރީގެ އަތުން ފޯނު ޖަހައިގަނެވުނު އިރު އޭނާ އެ މެސެޖް ޖާވިދަށް ފޮނުވާލައިފިއެވެ.
" ދެން ފަރީ.. ކީއްކުރަން؟ އެއީ އަހަރެން ވަރަށް ލަދުގަންނަ މީހެކޭ.. ދެން ފަރީ އަހަންނާ ކިތަންމެ ގާތަސް ތިކުރީ ވަރަށް ކަޑަ ކަމެއް އިނގޭ"
ޒޫނާ ރުޅި އައިސް އެހެން ބުނެލި އިރު ފަރީ އިނީ ލާނެތް ފާޑަކަށް ހެވިފައެވެ. އެވަގުތު ޒޫނާއަށް ފޯން ސްކްރީނަށް ބަލައިލެވުނީ މެސެޖެއް އައުމުންނެވެ. އެއާއިއެކު އޭނާއަށް ފަރީއާ ދިމާލަށް ބަލައިލަމުން ލޯ އަޅާލެވުނެވެ.
" ވަރަށް އުފާވެއްޖެ ޚަބަރު ބަލައިލީމަ.. ތޭންކްސް "
މެސެޖް ކިޔާލެވުމާއެކު ޒޫނާގެ މޫނުމައްޗަށް އުފާވެރިކަން ވެރިކުރުވި މަންޒަރު ފަރީއަށް ފެނުނެވެ.
" ކޮބާކޮބާ! އަހަރެން ބުނީމެއްނު ލަދަކާ ހުރެ ތަނެއް ނުފިލާނެޔޭ! ކެރިގެން ކުރިމަތިލީމަ ވާނެ ހުރިހާ ކަމެއްވެސް.. އޯކޭ މަ ދެން ދަނީ.. ނެތް ހުރެވޭކަށް"
ފަރީ އަވަސް އަވަހަށް ތެދުވެގެން ދޮރާއި ދިމާލަށް ހިނގައިގަތީ ގަޑި ބަލަމުންނެވެ.
" ފަރީ! "
އެވަގުތު ޒޫނާ ތަންކޮޅެއް ބާރަށް ގޮވާލުމުން ދޮރު ހުޅުވާލުމަށްފަހު ފަރީ ފަސް އެނބުރި ބަލައިލިއެވެ.
" ތޭންކްސް.."
ޒޫނާ އެއްލޯމަރާލަމުން ބުންޏެވެ. ޒޫނާ ހެވިފައި އިނުމުން ފަރީ ލާނެތް ވައްތަރެއް ޖައްސާލުމަށްފަހު ދޮރު ލެއްޕިއެވެ. އެއާއިއެކު އަނެއްކާވެސް ޒޫނާއަށް ޖާވިދްގެ މެސެޖް ކިޔާލެވުނެވެ. އަދި ފޯނު މޫނުގައި ޖައްސާލަމުން އެނދުމަތީ އޮށޯވެލެވުނެވެ.
***
އެނދުގެ މެދުގައި އިށީނދެލައިގެން ފައި ކުރުކޮށްގެން، ދެކަކުލުގައި ދަތްދޮޅި ވިއްދައިގެން ޔަޝްމީ އިނީ ހާރޫންގެ އިންތިޒާރުގައެވެ. މާ ގިނައިރުތަކެއް ނުވެ، ހާރޫން އައިސް ކޮޓަރިއަށް ވަނުމާއެކު ޔަޝްމީ ފުންމައިގެން ތެދުވެގެން ގޮސް ހާރޫންއަށް އަތްދިއްކޮށްލިއެވެ. އެއާއެކު ހެވިފައި ހުރެ ހާރޫން ޔަޝްމީގެ އަތަށް ޕްރެގްނެންސީ ޓެސްޓް ކިޓެއް ލައިދިނެވެ.
" އަހަރެން ވަރަށް ބިރު ގަނޭ ނުވެދާނެތީ"
ޔަޝްމީ ފާޚާނާއާ ދިމާލަށް ހިނގައިގަތީވެސް އެހެން ބުނަމުންނެވެ.
" ދެން އަވަހަށް ގޮސް އާދެބަލަ! އަހަރެންވެސް މިހާރު ހިތްގަނޑު ތެޅޭވަރުން ހުރެވެނީއެއް ނޫނޭ.."
ހާރޫންވެސް ޔަޝްމީއާ އެއްބައިވެލިއެވެ. އެއަށްފަހު ޔަޝްމީ އެނބުރި އަންނަންދެން އޭނާ ސޯފާގައި އިށީނދެލައިގެން ފޯނާ ކުޅެން އިނެވެ.
" ހާރޫން"
އިރުކޮޅެއް ނުވެ ޔަޝްމީގެ މަޑުމައިތިރި އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. އިންގޮތަށް އިނދެ ހާރޫން ޔަޝްމީއަށް ބަލައިލިއެވެ. އޭރު ޔަޝްމީގެ މޫނުމަތިވަނީ މިލާ މޯޅިވެފައެވެ. އަވަސް އަވަހަށް ތެދުވެ ހާރޫން ހެވިފައި ވާހަކަ ދައްކަން ފެށީ ޔަޝްމީ އޭނާ ހައްދަނީކަން ޔަޤީން ކުރެވުނީމައެވެ.
" ކޮބާ؟ އެކްޓް ކުރަންވެސް ވަރަށް މޮޅޭދޯ! ބަލައިބަލަ ދެރަވާކަމަށް ހަދައިގެން ހުރިލެއް ލޯބިކަން"
ހާރޫން އެހެން ބުނެ ޔަޝްމީގެ އަތުގައި ހިފިއެވެ. ނަމަވެސް ޔަޝްމީގެ މޫނުމަތީގެ ކުލަވަރު ބަދަލެއް ނުވިއެވެ. އޭނާގެ އަތުގެ ތެރެއިން ކިޓް ނަގައި، ހާރޫން ބަލައިލީވެސް ހެވިފައި ހުރެއެވެ. އެހެނަސް އޭގައި އޮތީ އެންމެ ރޮނގުބުރިއެއްކަން އެނގުމާއެކު ހާރޫންގެ ހިނިތުންވުންވެސް ގެއްލިއްޖެއެވެ. އޭރު ޔަޝްމީ ހުރީ ސީދާ ހާރޫންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެހެންކަމުން ހާރޫންގެ މާޔޫސްވެރި މޫނު ފެނުމުން ޔަޝްމީގެ ބަޑި ފަޅައިގެން ދިޔައެވެ. ހާރޫންގެ މޭމަތީގައި ބޯ ޖައްސާލަމުން އޭނާ ރޯން ފެށީއެވެ.
" އޭ! އަދި މާ އަވަސް ރޯން..މި ވެދާނެ ފޯލްސް ކިޓަކަށްވެސް.. އަހަރެން ގެނައީމޭ އަދި އިތުރު ދެކިޓު..ދެން ތަންކޮޅެއް ފަހުން.. މިރޭ ޓެސްޓް ކޮށްލާނީ.. އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ."
ހާރޫން އަވަސް އަވަހަށް ޔަޝްމީގެ މޫނު ފުހެލަދިނެވެ.
" މާ ބޮޑަށް އުއްމީދު ކުރެވުނީމަ ދެރަވީ.. "
ހާރޫންގެ ގައިގައި ބާރަށް ބައްދާލަމުން ޔަޝްމީ ބުނެލިއެވެ. ހާރޫން ޔަޝްމީ އަތުލަފިކޮށްގެން ގެންގޮސް އެނދުމަތީގައި ބޭންދިއެވެ.
" އުއްމީދު ކުރަންޖެހޭނެ.. އެއީ މައްސަލައެއްނޫނޭ.. އެކަމަކު އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނީ އަހަރެމެންގެ ވެރި ރައްބު އަހަރެމެންނަށް އެ ނިޢުމަތް ދެއްވީމައޭ ލިބޭނީ.. އޭރުން ބަރާބަރުވާނެ.. ހިތްވެސް ހަމަޖެހޭނެ.. ހާސްނުވޭ.."
ހާރޫން ލޯތްބާއެކު ޔަޝްމީގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ބުނެލިއެވެ.
" އެކަމަކު ހާރޫން.. އަދިވެސް ބަނޑުގެ ރިހުން ހުރެޔޭ.. "
ޔަޝްމީ ހައިރާންވެފައި އިނދެ ސުވާލު ކުރުމުން ހާރޫން ބޯ ޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އެހެންތަ؟ ހިނގާބަލަ ޑޮކްޓަރަށް ދައްކާލަންދޯ! އޭރުން އިނގިދާނެތާ ވާނުވާއެއް.."
ހަމަ އެވަގުތެވެ. ޔަޝްމީ ފުންމައިގެން އެނދުން ފޭބިއެވެ. އެއާއެކު އެނދުމަތީގައި އޭނާ އިން ހިސާބު ލެއިން ފޯވެއްޖެއެވެ.
" ލޭ ؟ ކީއްވެ ލޭ؟ "
ޔަޝްމީއަށް އެހެން ބުނެވުނު އިރު ހާރޫން އައިސް އޭނާގެ ގައިގައި ހިފަހައްޓައިފިއެވެ. އެއާއިއެކު އެހާ ބައިވަރު ލޭ އެނދުމަތީގައި ހުރިތަން ފެނުމުން ޔަޝްމީގެ މޫނުމައްޗަށް އަނދިރިވާކަށް މާ ގިނައިރުތަކެއްވެސް ނުނެގިއެވެ.
***
ވަރުބަލިކަމާއެކު ޔަޝްމީއަށް ލޯ ހުޅުވާލެވުނެވެ. އޭރު އޭނާ އޮތީ އޭޑީކޭ އިމަރޖެންސީ ރޫމްގައެވެ. އެނދުގައި ބޯއަޅާލައިގެން ހާރޫން އޮތީ ޔަޝްމީ ހޭލާނެ އިރެއްގެ އިންތިޒާރުގައެވެ.
" ހާރޫން"
ޔަޝްމީގެ ހިކިފައިވާ ތުންފަތް ހަރަކާތްކޮށްލީ ލަސްލަހުންނެވެ. އެއަޑަށް ސިހިފައި ހާރޫން ތެދުވެ، ޔަޝްމީގެ ބޮލުގައި ފިރުމާލިއެވެ.
" ކީއްވެ އަހަރެން މިތާ؟"
ހައިރާންވެފައި ޔަޝްމީ ސުވާލުކުރުމުން ކަންތައް ވީގޮތް ހާރޫން އޭނާއަށް ކިޔައިދިނެވެ.
" އާނ! ހަނދާންވެއްޖެ... "
ނިދި އަޑަކުން ޔަޝްމީ އެހެން ބުނެ އަނެއްކާވެސް ދެލޯ މަރާލިއެވެ. އެހިނދު ހާރޫންގެ ހިތުގައި ބިރުވެރިކަން އުފެދި ގަތެވެ. ޔަޝްމީއަށް ގޮތެއް ވާކަން އޭނާއަށް އެނގުނެވެ. އެހެންކަމުން ޔަޝްމީގެ ދެކޮލުގައި މަޑުމަޑުން ޖަހާލަމުން އޭނާ ޔަޝްމީއަށް ލޯތްބާއިއެކު ގޮވާލިއެވެ.
" އަދިވެސް ވަރަށް ވަރުބަލި! އެހެންވެ އަދި ނިދާލަން ބޭނުންވަނީ"
މަޑުމަޑުން ދެލޯ ހުުޅުވާލުމަށްފަހު ޔަޝްމީ ބުނެލިއެވެ. ނަމަވެސް ހާރޫންއަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. ކައިރީގައި ހުރި ކަބަޑު މަތިން ޖޫސް ތަށި ނެގުމަށްފަހު އޭނާ އަނެއްކާވެސް ޔަޝްމީއަށް ގޮވިއެވެ.
" އެތިފޮދެއް ބޯލައިގެން އޮންނަންވާނީ.. ޕްލީޒް"
ހާރޫން އެހެން ބުނުމުންވެސް ޔަޝްމީ އޮތީއެވެ.
" އަހަންނަށް ކިހިނެއްތަވީ؟ ކީކޭތަ ޑޮކްޓަރު ބުނީ؟"
ބަލިއަޑަކުން ޔަޝްމީ އެހެން އޮވެ ސުވާލު ކުރަން ފެށުމުން ހާރޫން އަވަސް އަވަހަށް ޖޫސްތަށި ބެހެއްޓުމަށްފަހު ޔަޝްމީގެ ބޮލުގައި ފިރުމާލިއެވެ.
" މާބޮޑު ކަމެއް ނުވެޔޭ! ކުއްލިއަކަށް ބްލީޑްވާންފެށީ.. އަނބުރައިގަތީމަ ހޮސްޕިޓަލަށް ގެނައީ... މިހާރު ޓެސްޓްތައް ހަދަމުންދަނީ.. ޑޮކްޓަރ ބުނި މާ ބޮޑުކަމެއް ނޫނޭ އެއީ"
ހާރޫން ޔަޝްމީގެ އަތުގައި ހިފާލީ، ޔަޝްމީއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަމަވެސް އޭރުވެސް ހާރޫންގެ ހިތް އޮތީ ހާސްކަމެއްގެ ތެރޭގައެވެ. ވާނުވާ އެނގެން އޭނާވެސް އިންތިހާއަށް ބޭނުންވެއެވެ.
އޭގެ އިރުކޮޅެއް ފަހެވެ. އަނެއްކާވެސް ޔަޝްމީއަށް ނިދިއްޖެއެވެ. އޭރު ޑޮކްޓަރާ ބައްދަލް ކުރުމަށް ހާރޫން ދާންޖެހޭ ގަޑިވެސް ޖެހިއްޖެއެވެ. އެހެންކަމުން ޔަޝްމީއަށް ބަލަހައްޓައިގެން އިނދެ ހާރޫން އެތަނުން ނިކުމެގެން ދިޔައީ ޑޮކްޓަރގެ ކޮޓަރިއާ ދިމާލަށެވެ. ޓަކި ޖަހާލުމަށްފަހު ހާރޫން އެތެރެއަށް ވަތްއިރު ޑޮކްޓަރ އިންނެވީ ޔަޝްމީގެ ރިޕޯޓްތައް ހިފައިގެންނެވެ.
" ކިހިނެއްތޯވީ؟ ޓެސްޓްތައް ރަނގަޅުތޯ؟"
ގޮނޑީގައި އިށީންނަމުން ހާރޫން އަވަސް އަަވަހަށް އަހާލީ ހާސްކަމާއެކުއެވެ. އެއާއިއެކު ޑޮކްޓަރގެ މޫނުމަތިން ފެންނަމުންދާ ހާސްކަން ހާރޫންއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ހާރޫންގެ ހިތުގައިވާ ބިރުވެރިކަން ހައްތަހާ ބޮޑަށް އިތުރު ވެގެން ދިޔައެވެ.
" މި ޓެސްޓްތަކުގެ ނަތީޖާ ދައްކަނީ އެހާ ރަނގަޅަކަށް ނޫން... އަދިވެސް ބްލީޑިންގ ސްޓޮޕް ނުވާކަމަށް ނަރުސް ކުދިން ބުނި.. އިތުރު ޓެސްޓްތަކެއްވެސް ހަދާލަން ޖެހޭނީ"
ޑޮކްޓަރގެ ވާހަކަތަކުން ހާރޫންއަށް އެއްވެސް އެއްޗެއް އޮޅުން ފިލާގޮތް ނުވުމުން އޭނާ އިތުރަށް ސުވާލު ކުރަން ފެށިއެވެ.
" ކޮންކަމެއްތޯ ރަނގަޅު ނޫނީ؟ ކޮން ކަހަލަ ޓެސްޓް ތަކެއްތޯ އަލުން ހަދަން ޖެހެނީ؟ އަޅުގަނޑު ގާތު ވަރަށް ސާފުކޮށް ވިދާޅުވެދެއްވާ ޑޮކްޓަރ"
ހާރޫންގެ އަވަސް ޖުމްލަތައް އަޑު އެއްސެވުމަށްފަހު ޑޮކްޓަރ ބޯ ޖަހާލިއެވެ.
" ޕީރިއަޑް ވާންޖެހޭ ދުވަސްކޮޅުގެ ކުރިން މިހާ ބައިވަރު ލޭ.. ފައިބަމުންދާތީވެ އަޅުގަނޑުމެން ވަރަށް ގިނަ ޓެސްޓްތައް ހަދައިފިން! ގައިމުވެސް ބަނޑުބޮޑުވެގެންނެއް ނޫން.! ބަލިވެ އިނދެގެން ބައިގެން ގޮސްގެންނެއް ނޫން ކަމަށް ވާނަމަ ދެ ޕީރިއަޑްގެ ދޭތެރޭ މިގޮތަށް ބޭކާރުގޮތުގައި ލޭ ފައިބާނީ ވަކި ބައްޔެއްގެ ސަބަބުން...އަޅުގަނޑުމެންނަށް އެ ބައްޔަށް ޝައްކުވާތީ އިތުރު ޓެސްޓްތަކެއް ހަދަން މިޖެހެނީ"
ހާރޫންގެ ލޮލަށް ބަލަހައްޓައިގެން އިނދެ ޑޮކްޓަރ ވިދާޅުވިއެވެ. އެއާއިއެކު ހާރޫންއަށް ތެޅިގަނެވުނެވެ.
" ހަމަޖެހޭ! މިވަގުތު ޕޭޝަންޓްއަށް އެންމެ ބޭނުންވާނީ ފިރިމީހާގެ ސަޕޯޓް!"
" އެއީ ކޮން ބައްޔެއްތޯ؟"
ޑޮކްޓަރގެ ވާހަކަތައް އަޑު އެހުމުގެ ބަދަލުގައި ހާރޫން އަނެއްކާވެސް ސުވާލު ކުރިއެވެ.
" ޝައްކު ކުރެވެނީ ރަހިމުގެ ކެންސަރއަށް"
އިވުނު ޖުމްލައިން ހާރޫންއަށް ދެލޯ މަރާލެވުނެވެ. އެތެރެއަށް ލީ ނޭވާ އެތެރެ ހަށީގައި ހިފަހައްޓާލަަައިގެން އިރުކޮޅަކު ހުރުމަށްފަހު އޭނާ ދެލޯ ހުޅުވާލީ ފުންނޭވާއަކާއެކުއެވެ.
" އަދި ގޮތް ނުނިންމާ! ރަހިމުން ޓިޝޫކޮޅެއް ނަގައިގެން ޓެސްޓް ހަދާނެ! އަދި ސްކޭންވެސް ކުރާނެ! ހުރިހާ ޓެސްޓެއް ހެދީމަ..."
" ޑޮކްޓަރ! ޔަޝްމީ ޑިސްޗާޖް ކޮށްލަދެވޭނެތޯ؟ ދޫކޮށްލަދޭންވީ ނޫންތޯ؟"
ޑޮކްޓަރގެ ވާހަކަ މިފަހަރުވެސް މެދުކަނޑާލީ ހާރޫންއެވެ. އޭރު އޭނާއަށް ކޮޅަށްވެސް ތެދުވެވިއްޖެއެވެ.
" ނޫނޭ! އަޅުގަނޑުމެންނަށް ފަރުވާ ދޭން ފުރުޞަތު ދެއްވާ! އަދި ޓެސްޓްތައް ހަދަންވެސް ޖެހޭނެ! ބަލިމީހާގެ ޙާލަތު ވަރަށް ނާޒުކު.. އެހެންވީމަ މި ދަނޑިވަޅުގައި ފްލައި ކުރުމަކީ އެހާ ރައްކާތެރިކަމެއް ނޫން"
ޑޮކްޓަރ ނަޞޭޙަތް ދެއްވުމުންވެސް ހާރޫންއަކަށް ޤަބޫލެއް ނުކުރެވުނެވެ.
" ޕްލީޒް.. އަޅުގަނޑުގެ އަންހެނުންނަށް ފަރުވާ ކުރަން މިހާރުން މިހާރަށް ފުރަން ބޭނުން.. އަޅުގަނޑު އަމިއްލަ ގޮތުން ޑޮކްޓަރުންނާ ނަރުހުންވެސް ހޯދާނަން.. "
ހާރޫން އެހެން ބުނި އިރު އޭނާއަށް ރޮވިއްޖެއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!