ޑޮކްޓަރ ނަޞޭޙަތް ދެއްވުމުންވެސް ހާރޫންއަށް ޤަބޫލެއް ނުކުރެވުނެވެ.
" ޕްލީޒް.. އަޅުގަނޑުގެ އަންހެނުންނަށް ފަރުވާ ކުރަން މިހާރުން މިހާރަށް ފުރަން ބޭނުން.. އަޅުގަނޑު އަމިއްލަ ގޮތުން ޑޮކްޓަރުންނާ ނަރުހުންވެސް ހޯދާނަން.. "
ހާރޫން އެހެން ބުނި އިރު އޭނާއަށް ރޮވިއްޖެއެވެ.
***
" އަހަރެން ބޭނުން މާލެ ދާން! އެމަންޖެ އެހާ ބަލި އިރު އަހަރެން ބޭނުން ކައިރީގައި ހުންނަން"
ރޮވިފައި ހުރެ ފާއިޒާ އެހެން ބުނުމުން ޝާކިރު ދެފަރާތަށް ބޯ ހޫރާލިއެވެ. އޭރު އެމީހުންގެ ކުރިމަތީގައި ޖާވިދް އިނީ ފޯނުން ހާރޫންއަށް މެސެޖް ކުރާށެވެ.
" އަަހަރެންވެސް ބޭނުމޭ ޔަޝްމީ ކައިރީ ހުންނަން! އެކަމަކު ކުއްލިއަކަށް ފުރައިގެން ދާނީ ކިހިނެއް؟ "
ޝާކިރުގެ ޖުމްލަ ނުނިމެނީސް، ހާރޫންގެ މެސެޖް ލިބުމާއެކު ޖާވިދް ތެދުވެ ވާހަކަ ދައްކަން ފެށިއެވެ.
" ބައްޕާ! ހާރޫން ބުނެފި ކޮއްކޮ ގޮވައިގެން ބޭރަށް ދާން ތައްޔާރު ވަނިއްޔޯ! މަންމާ! ދެން ކަންބޮޑު ނުވޭ! އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ހާރޫން ފަރުވާކުޑައެއް ނުކުރާނެ.. އަހަންނަށް ހަމަ ޔަޤީން"
ޖާވިދް ފާއިޒާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރި ނަމަވެސް ފާއިޒާއަކަށް ރުއިން ހުއްޓައެއް ނުލެވުނެވެ. އޭރުވެސް އޭނާ ދިޔައީ ގިސްލަމުންނެވެ.
" އެހެން ނޫނަސް ހާރޫންއަށް ފަސޭހަވާނީ އޭނަ އެކަނި ދާން ކަންނޭނގެ! މަންމަމެން މީހެއްގެ އެހީތެރިކަން ބޭނުންވަންޏާ އޭނަ ބުނީސް.. މަންމައަށް އެނގޭތަ؟ ހާރޫން ކޮއްކޮ ގޮވައިގެން ބެންގަލޫރަށް ދަނީ"
ޖާވިދްގެ ވާހަކަތަކަށް ފާއިޒާ މާބޮޑު ސަމާލު ކަމެއް ނުދިނެވެ. ދެރަވެފައި ހުރެ ގޮސް އޭނާ ކޮޓަރިއަށް ވަނީ އެކަނިވެލަން ބޭނުންވާތީއެވެ.
" ދެން ރަނގަޅުވާނީ މަންމައަށް ވަގުތު ކޮޅެއް ދިނިއްޔާ! އޭރުން ހަމައަކަށް އެޅިދާނެ.. ދަރިފުޅު ބަރާބަރަށް ހާރޫންއަށް މެސެޖު ކުރައްޗޭ! އެހެން ނޫނީ ބައްޕަމެންނަކަށް ހަމަޖެހުމެއް ނުލިބޭނެ"
ޖާވިދް ބޯ ޖަހާލުމުން ޝާކިރުވެސް ނިކުތީ ބޭރަށެވެ.
***
ބާރުބާރަށް ހިނގާފައި އައިސް ވަދީފާވަނީ ޝަހާނާގެ ކޮޓަރިއަށެވެ. އޭރު ޝަހާނާ އޮތީ އަރާމު ނިންޖެއްގެ ތެރެއަށް ގެނބިފައެވެ.
" އޭ! ދަރިފުޅާ! އެއްކަލަ ނާއިފް އައިސް އެބަހުރި މިގޭދޮށުގައި.."
ނިދިފައި އޮތް ޝަހާނާ ފުންމައިގެން ތެދުވީ ކަންފަތަށް ހޮނު ގުގުރިއެއް ޖަހައިގެން ކަހަލަ ގޮތަކަށެވެ. އޭރު އޭނާގެ ދެލޯވެސްވަނީ ތަންމިނަށް ބޮޑު ވެފައެވެ.
" ނާ...އިފޭ؟ އޭނަ ކީއްކުރަނީ މިގޭ ދޮށުގައި؟ "
ޝަހާނާއަށް ވާހަކަ ދެއްކުނީ އާގަންނަމުން ކަހަލަ ގޮތަކަށެވެ.
" އެނގޭނީވެސް ނިކުތީމައެއްނު! އޭނަ އެކަންޏޭ ހުރީ.. މަންމަ އެހިން ކީއްކުރަންތޯ.. ބުނީ މުޙިއްމު ވާހަކައެއް ދައްކަން ވެގެންނޯ.. އެސޮރު މިރަށަށް އެއައީ ލައްކަ ދުވަސް ފަހުން.. ހީވަނީ ރަނގަޅު ވެގެންހެން އެއައީ.. އޭނަ މިހާރު ހަމަ ހެން ހީވަނީ"
ސިއްރުސިއްރުން ވަދީފާ ވާހަކަ ދެއްކިއެވެ. އޭރުވެސް ޝަހާނާ އިނީ ވަރަށް ބޮޑަށް ބިރުގަނެފައެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ހާވާލައިފައިވާ އޭނާގެ އިސްތަށިގަނޑުގައި ރަބަރެއް ޖަހާލުމަށްފަހު ޝަހާނާ ވަނީ ފާޚާނާއަށެވެ. އޭރުވެސް ވަދީފާ އިނީ އެކޮޓަރި އެނދުމަތީގައެވެ.
" އަވަސް ކޮށްބަލަ! "
ޝަހާނާ ލަސްވުމުން ވަދީފާ ރުޅިއައިސްފައި ގޮވާލިއެވެ. އިސާހިތަކު ޝަހާނާ ނިކުމެ ތުވާލިން މޫނު ހިއްކާލުމަށްފަހު، ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ.
" މަންމަ މަޑުކުރޭ! އަހަރެން އަންނާނަން"
ކޮޓަރީގެ ދޮރު ލައްޕާލަމުން ޝަހާނާ އެދުނެވެ. އޭރުވެސް އޭނާގެ މޭގަނޑު ނެގިނެގިފައި ޖެހެމުންދެއެވެ. ގޭ ދޮރުން ނިކުތުމާއެކު، ދުރުގައި ހުރި ނާއިފް ފެނި ޝަހާނާއަށް ހިންދިރުވާލެވުނެވެ. ނާއިފް ހުރީވެސް ސީދާ އޭނާއަށް ބަލަހައްޓައިގެންނެވެ. ނާއިފްގެ މޫނުމަތީގައިވާ ހިނިތުންވުމުގައި ފޮރުވިފައިވަނީ ކޮންކަހަލަ ސިއްރުތަކެއްކަން ނޭނގޭތީ ޝަހާނާ ވަރަށް ބޮޑަށް ޖެހިލުންވިއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ޝަހާނާ ހުއްޓުނީ ނާއިފްގެ ކުރިމަތީގައެވެ. އެއާއިއެކު ޝަހާނާއަށް މަގުމައްޗަށް ނަޒަރު ހިންގާލެވުނީ އެއްވެސް މީހަކު ފެންނަން ހުރިތޯއެވެ. އެދެމީހުންނަކީވެސް މުޅި ރަށަށް ބޭޒާރުވެ، އަގުވެއްޓިފައިވާ ބައެއްކަން ޚުދު އޭނާވެސް ޤަބޫލު ކުރެއެވެ.
" ކީއްކުރަން އަހަރެން ހޯދަނީ ؟"
ޝަހާނާއަށް ފުރަތަމަވެސް އަހައިލެވުނެވެ. އެއާއިއެކު ނާއިފް ކުރު ގޮތަކަށް ހީލިއެވެ.
" މަޢާފް ލިބޭތޯ؟"
ނާއިފް މަޑުމަޑުން އެހެން ބުނެލުމާއެކު ޝަހާނާއަށް އޭނާގެ މޫނަށް ބަލައިލެވުނީ ނުވިސްނޭފަދަ ގޮތަކަށެވެ.
" އަހަންނަށް ޝަހާނާ ބޭޒާރުކޮށްލެވުނީތީ މަޢާފަށް އެދެން.. އަސްލު އެރޭ ކަންތައްތައް ވީ ގޮތް އަހަންނަށް އެނގުނީ އަދިކިރިޔާ.. ރަނގަޅުވީ ފަހުން މަންމަމެން އަހަންނަށް ކިޔައިދިނީމަ އެނގުނީ! ޙަޤީޤަތުގައި ކުރިކަމެއް ކުރީ ދެމީހުން ބޭނުން ވެގެން.. އެކަމަކު.. އެކަމުގައި އެންމެ ބޮޑު އަސަރެއް ކުރީ އަހަންނަށް. ވަރަށް ގިނަ ދުވަހުގެ ފަރުވާއަކަށްފަހު އަލްޙަމްދުލިﷲ އަހަރެން އެއްކޮށް ރަނގަޅު ވެއްޖެ! "
ނާއިފް ދެޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ. އެއާއިއެކު ޝަހާނާއަށް އެއްމިޔަކަނުން ހީލެވުނެވެ.
" ތެދެއް! ސިހުރުގެ ނުބައިކަން ޖެހުނީ ނާއިފަށް! އެކަމަކު އޭގެ ބަދަލުގައި އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނުކަން ނާއިފް ދެނަހުރީމުތަ؟ ނާއިފަށް މިހާރު ތިޔަ ފެންނަނީ ކޮޅަށް ހުރި އަހަރެންގެ މަސްގަނޑު! ޙަޤީޤަތަކީ އަހަރެންގެ އުފާވެރިކަން ރޫޙާއެކު ވަޅުލެވިއްޖެކަން! ޖާވިދް އަހަރެން ވަރިކޮށްލީ! ބަނޑުގައި އޮތް ދަރިފުޅުވެސް.. ބީވެއްޖެ! އަހަންނަކީ ވަރަށް ބޮޑު އެކަނިވެރިއެއް.. ކުރެވުނު ކަންތަކުގެ ސަޒާ މި ދުނިޔެމަތީގައިވެސް އެބަ ލިބޭ.."
އެހިސާބަށް ވާހަކަ ދިޔައިރު ޝަހާނާއަށް ރޮވޭގޮތްވިއެވެ. ނަމަވެސް ނޭފަތް ދަމާލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލީ ކެތްތެރިވާން ބޭނުން ވެގެންނެވެ.
" އަހަންނަށް މަޢާފްކުރޭ! ތި ހުރިހާ ގެއްލުމެއް ތި ލިބުނީ އަހަރެންގެ ސަބަބުން ކަމަށްވެސް ވެދާނެ! ދެން ކީއްކުރާނީ؟ މިރަށުގައި ހުންނަން އަހަންނަށްވެސް ވަރަށް އުނދަގޫ.. ބޮޑަށް ލަދު ގަންނަނީ! އެހެންވެ އަހަރެން މިއުޅެނީ މާދަމާ މާލެދާން ފުރަން ވެގެން.. ހިތްހެޔޮ ކުރައްޗޭ! "
ނާއިފް އެހެން ބުނުމުންވެސް ޝަހާނާ އެއްޗެއް ނުބުންޏެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނާއިފް ހިނގައިގަތުމުން ޝަހާނާވެސް ގެއާ ދިމާލަށް ހިނގައިގަތެވެ. އެތެރެއަށް ވަތް އިރު މަންމަ އޭނާގެ އިންތިޒާރުގައި ކެތްމަދުވެފައި އިނެވެ.
***
ބެންގަލޯރ ހޮސްޕިޓަލްގައި ޔަޝްމީ އެޑްމިޓް ކުރެވި ކެންސަރަށް ޓެސްޓްވެސް ހަދައިފިއެވެ. އޭގެ ފަހުން ހާރޫންއަކަށް ރަނގަޅަކަށް ނުނިދެއެވެ. ކާހިތެއް ނުވެއެވެ. ގައިން ހަކަތަ ހުސްވެފައިވާ މީހެއް ފަދައިން ހާރޫން ހުންނަނީ އަބަދުވެސް މާޔޫސް ވެފައެވެ. އެކަމާ އަބަދާއަބަދު ޔަޝްމީ ސުވާލުވެސް ކުރެއެވެ.
" އަހަރެން މިހާރު ރަނގަޅެއްނު! ދެން ކީއްވެގެންތަ މާ ދެރަވެފައި ތި ހުންނަނީ؟ ތިބުނީނު މިއަދު ދޫކޮށްލާނެޔޭ! "
ޔަޝްމީ ހާރޫންގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ. ޔަޝްމީގެ ކަންބޮޑުވުންތަކަށް ހާރޫން ދިނީ ލުއި ހިނިތުންވުމެކެވެ. ނަމަވެސް އެވަރުންވެސް ޔަޝްމީއަކަށް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. އޭނާ އަނެއްކާވެސް ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ.
" ބުނީމެއްނު ދިހަވަރަކަށް ދުވަސް ފަހުންނޭ މާލެދާނީ؟ ކީއްވެތަ އެހާ ފަހުން ދާންވެގެން ތިއުޅެނީ؟ އެހާ ބިޒީ ދުވަސްވަރެއްގައި އަހަރެން ގޮވައިގެން ތިއައީވެސް.. "
ކުޑަކުއްޖަކު ފަދައިން ޔަޝްމީ ވާހަކަ ދައްކަމުން ދެއެވެ. އެންމެ ފަހުން ހާރޫންއަށް ޖެހުނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ުަޔަޝްމީ ހަމައަކަަށް އަޅުވާށެވެ.
" ދެން ބަސްއަހައިގެން ހުންނަންވީނޫންތަ؟ ކޮންމެވެސް ކުޑަވަރެއްގެ ޓެސްޓެއް ހަދައިގެން އޭގެ ނަތީޖާ ދައްކާފަޔޯ ދެވޭނީ.. ކޮންމެވެސް ބްލަޑް ޓެސްޓެއް.. ދެން އޭގެ ނަތީޖާ ލިބެން ދެން އަހަރެމެން މުޅި އިންޑިއާ ބަލައިލާނީއޭ.. "
ހާރޫން ލޯތްބާއިއެކު ޔަޝްމީގެ ބޮލުގައި ފިރުމާލިއެވެ. ވެގެން އުޅޭ ގޮތް ޔަޝްމީއަށް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ.
" އަހަންނަށް ކުޑަކަމެއް ވިޔަސް ރާއްޖެއިން ބޭރަށް ތި ގެންނަނީ! ހާރޫން އަހަރެންދެކެ ހަމަ އެހާ ލޯބިވޭތަ؟"
މިފަހަރު ޔަޝްމީ ކުރި ސުވާލުން ހާރޫންއަށް ޔަޝްމީގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އޭރު ހާރޫންގެ ދެލޯ ކަރުނައިން ފުރެން ފަށައިފިއެވެ.
" ތި ސުވާލު ނުކުރޭ! ޔަޝްމީދެކެ އަހަރެންވާ ލޯބި، މިނެކިރާކަށް އަހަންނަކަށް ނޭނގެ! އެހެންވީމަ ބޭއިންސާފުވާ ގޮތަކަށް ޖަވާބު ދެވިދާނެތީ އަހަރެން ބިރުގަނޭ!.. އަދ ޔަޝްމީ އަހަންނަށް ގެއްލި ދާނެތީ މާ ބިރުގަނޭ!. "
އެހެން ބުނުމަށްފަހު ހާރޫން ކުޑަކޮށް ތެދުވެލުމަށްފަހު ޔަޝްމީ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. ހާރޫންއަށް އެހާ ބޮޑު އަސަރެއް ކުރުވީ ކީއްވެގެންކަން ނޭނގި، ޔަޝްމީއަށް އިނދެވުނީ ހިމޭންވެފައެވެ.
" މިފަހަރު ބަނޑުބޮޑު ނުވީމަތަ އެހާ ވަރަށް ދެރަވަނީ؟ ސިއްރުނުކޮށް ބުނެބަލަ"
ޔަޝްމީ ގަދަކަމުން ދުރަށް ޖެހިލުމަށްފަހު އިސްއުފުލައި ހާރޫންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އެއާއިއެކު ހާރޫން ދެފަރާތަށް ބޯހޫރާލަމުން ޔަޝްމީގެ ބޮލުގައި ފިރުމާލިއެވެ.
" އެހެންވީމަވެސް ދެރަވި! އެކަމަކު މިފަހަރު ޔަޝްމީ މާ ބޮޑަށް ބްލީޑްވެގެން ވަރަށް ބޮޑަށް ބަލިވީ.. އެހެންވެ އަހަރެން އެހާ ކަންބޮޑު މިވަނީ"
ޔަޝްމީ ވިސްނަން ފަށައިފާނެތީ ހާރޫން މަސައްކަތްކުރީ އޮއްޓަރު ހުރި ވާހަކައެއް ދެއްކޭތޯއެވެ. ޔަޝްމީއަށް ޤަބޫލު ކުރެވޭ ކަހަލަ ގޮތަކަށް އޭނާގެ އިޙްސާސްތައް ހާމަކޮށްދެވޭތޯއެވެ.
" ދެން ކީއްކުރާނީ؟ ދެން ފަހަރަކުން ރަނގަޅުވާނެ އިންޝާﷲ "
ޔަޝްމީ ބުނެލިއެވެ. އޭރުވެސް ހާރޫން ހުރީ އެނދުގައި ލެނގިލައިގެން ކޮޅަށެވެ. ޔަޝްމީގެ ދެކޮނޑުގައި ހިފަހައްޓާލަމުން އޭނާ އަނެއްކާވެސް ޔަޝްމީ ގެނެސް އޭނާގެ ގައިގައި ޖައްސާލިއެވެ.
" މިފަހަރު ރާއްޖެދާންވީ ބުރުގާ އަޅައިގެން ދޯ! "
ކުއްލިއަކަށް ހާރޫން އެހެން ބުނުމުން ޔަޝްމީއަށް ހެވުނެވެ. މީގެ ކުރިން އޭނާ ނުދައްކާ ވާހަކައެއް މިފަދަ ދަނޑިވަޅެއްގައި ބުނުމުން ޔަޝްމީ ހައިރާންވީއެވެ.
" ފަސްވަގުތު ނަމާދު ކުރުމަކުން ދީންވެރި އަނތްބަކަށް އަދި ނުވެވޭނެ! އަހަރެމެން އިންސާނުން އަބަދުވެސް މި ތިބެނީ އެއިލާހުއަށް ބޭނުން ޖެހިފައި! އެފަރާތަށް ދަންނަވަންޖެހޭ ކަންތައްތައް ވަރަށް ގިނަ! ތިމާއަށް ދެރައެއް ލިބޭހެން ހީވުމުން ނޫނީ އެކަލާނގެ މަތިން ހަނދާނެއް ނުވާނެ.. "
ހާރޫން އެފަދައިން ވާހަކަ ދައްކާތީ ޔަޝްމީީ ބޭނުންވީ އިތުރަށް އޮޅުން ފިލުވާށެވެ. އެހެންކަމުން އޭނާ އަނެއްކާވެސް ސުވާލު ކުރަން ފެށިއެވެ.
" ބުނެބަލަ! ކިހިނެއްވެގެންތަ ތިއުޅެނީ؟ އަހަރެން ވަރަށް ބިރުގަނޭ ތިކަހަލަ ވާހަކަ ދައްކާތީ"
" ދައްކަންޖެހޭ ވާހަކަތައް އަދި ނުދެއްކެއެއްނު.. އަހަރެމެންނަށް އަބަދުވެސް މިއުޅެވެނީ ދުނިޔެވީ ކަންކަމުގައި.. ދެން ބުނެބަލަ ބުރުގާ އަޅާނަންދޯ"
ހާރޫން ހިނިތުންވެލަމުން އެދުނެވެ. އެއާއިއެކު ޔަޝްމީވެސް ގަދަކަމުން ހީލިއެވެ. އަދި އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ.
***
ގެއަށް ދޫކޮށްލުމާއެކު ފުރަތަމަ ކަމަކަށް ޔަޝްމީގެ ހެދުންތައް މުޅީންހެން ހާރޫން ބަދަލު ކޮށްލިއެވެ. އެ ސަރަޙައްދުގައި ހުރި އަބާޔާ ފިހާރައަކުން ބައިވަރު ހެދުމާއި ބުރުގާ ގަނެދީ، ޔަޝްމީ އުފާކޮށްލިއެވެ.
" ވަރަށް ލޯބި! މިހާރު ހީވަނީ އަރަބި ކުއްޖެއްހެން"
ލޯގަނޑު ކުރިމަތީގައި ހުރި ޔަޝްމީއަށް ބަލަައިލަމުން ހާރޫން ތަޢުރީފް ކޮށްލިއެވެ.
" އުޅޭ މަންމަމެންނަށް ގުޅަން! ވަރަށް ސަޕްރައިޒްވާނެ"
ޔަޝްމީ ވާހަކަ ދެއްކީ އުފާވެރި ރާގެއްގައެވެ.
" އާނ! ގުޅާލާ! އަހަރެން މިއަންނަނީ ފެންވަރާލައިގެން.. ވަރަށް ވަރުބަލި ވެއްޖެ! "
ހާރޫން އެހެން ބުނުމަށްފަހު ފާޚާނާއާ ދިމާލަށް ހިނގައިގަތެވެ.
***
އެތައް ދުވަހަކަށް ފަހު ޖާވިދް އޮފީހަށް ނިކުތެވެ. އެހެންމީހުންނަށް ވުރެ މާ ކުރިން އޮފީހަށް ގޮސް ސޮއިކޮށްލުމަށްފަހު އޭނާގެ މޭޒު ހުންނަ ކޮޓަރިއަށް ގޮސްވަނެވެ. ގޮނޑީގައި އިށީނުމާއެކު ލޮލުގައި އަޅައިގަތީ ލެޓަރ ޓްރޭގައި އޮތް ރީނދޫ ކުލައިގެ ކަރުދާހެވެ. ކުލަކުލައިގެ ކަރުދާސް ދުވަހަކުވެސް އޮފީހުގައި ގެންގުޅުނު ހަނދާނެއް އޭނާ ނުވިއެވެ. އެހެންކަމުން އަވަސް އަވަހަށް އެ ކަރުދާސް ދަމައިގަތުމާއެކު މޫނުމައްޗަށް ވެރިކުރުވީ ހައިރާންކަމެވެ.
" ފްރެންޑްސް؟ "
ކަރުދާހުގެ މެދުގައި އިނގިރޭސި ބަހުން ލިޔެފައިވާ ލަފުޒު ދެތިން ފަހަރު އޭނާއަށް ކިޔާލެވުނެވެ.
" ކާކު ބާ؟"
ޖާވިދަށް އެހެން ބުނެވުނުއިރު އަތުގައި އޮތް ކަރުދާހުގެ ތިރީ ކަނުގައި ފަނޑުފަނޑުކޮށް " ޒޫނީ " ޖަހާފައި އޮތްތަން ފެނުނެވެ. އެއާއިއެކު އޭނާއަށް އެއްމިޔަކަނުން ހެވުނެވެ.
" ޒޫނާ؟ ކީއްވެގެންބާ އަހަންނާ ގުޅުން އުފައްދަން މަސައްކަތްކުރަނީ؟ "
ލެޓަރޓްރޭގެ އެންމެ މަތީބައިގައި ކަރުދާސް ބާއްވާލަމުން ޖާވިދަށް ބުނެވުނެވެ.
އިރުކޮޅެއްގެ ތެރޭގައި ހުރިހާ މުވައްޒަފުން އައިސް އޮފީސްތެރެ އަޑުގަދަ ވާން ފެށިއެވެ. އެންމެން އައިސްގެން އުޅޭ އަޑަށް ޖާވިދްވެސް އަވަސް އަވަހަށް ތެދުވެ، އޭނާގެ ކޮޓަރިން ނިކުމެއްޖެއެވެ.
" މިއަދު ޖާވިދްވެސް ކޮފީއަށް ދާންވާނެ! އަލަށް ހުޅުވި ކެފޭއަށް ދާން ވެގެން މިއުޅެނީ"
ރިޔާޒަށް ޖާވިދް ފެނުމާއިއެކު ބާރުބާރަށް ބުނެލިއެވެ. އެއާއިއެކު ކަނެއްގައި ހުރި މޭޒެއް ދޮށުގައި އިން ޒޫނާއާ ދިމާލަށް ޖާވިދަށް ބަލައިލެވުނީ ބޭއިޙްތިޔާރުގައެވެ.
" ނޫނޭ! މިއަދަށް ނިންމަންޖެހޭ ރިޕޯޓެއް އެބައޮތް! އެނގެއެއްނު މަސައްކަތް ބަހައްޓާފައި އަހަރެން ނުދާނެކަން"
ޖާވިދްގެ ޖުމްލައިން ރިޔާޒް އޯކޭ އޭ ބުނެ ބޭރަށް ނިކުންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން އިތުރު ދެތިން މީހުން ނިކުތުމާއެކު ޖާވިދް އޮފީސްތެރެއަށް ނަޒަރު ހިންގާލިއެވެ. އޭރު އޮފީސް ތެރޭގައި އިނީ ޒޫނާ އެކަންޏެވެ. އެހެންކަމުން ޖެހިލުމެއްނެތި ގޮސް ޖާވިދް ޒޫނާގެ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެ ޒޫނާއަށް ބަލައިލިއެވެ. އެއާއިއެކު ކޮމްޕިޔުޓަރ ކައިރީ އިން ޒޫނާއަށް ސިހިފައި ޖާވިދަށް ބަލައިލެވުނެވެ.
" އެއީ ޒޫނާގެ ކަމެއްދޯ"
ޖާވިދްގެ ސުވާލުން ޒޫނާ ލަދުގަންނަ ގޮތްވިއެވެ. އެފަދަ ގޮތަކަށް އައިސް ޖާވިދް އެވާހަކަ ދައްކަފާނެ ކަމަކަށް ޒޫނާ ހިއެއް ނުކުރެއެވެ. އެހެންކަމުން އޭނާ ވަރަށް ބޮޑަށް ރަކިވެ އިސްޖެހުނެވެ. ކޮމްޕިޔުޓަރ ސްކްރީނަށް ބަލަހައްޓައިގެން އިނދެ ޒޫނާ ބޯ ޖަހާލުމާއެކު ބޭރުން މީހަކު ސަލާމް ގޮވާލި އަޑަށް ޖާވިދް އަވަސް އަވަހަށް ތެދުވެ ބޭރު ދޮރާ ދިމާލަށް ދިޔައެވެ.
***
މެންދުރުގެ ވަގުތެވެ. ކުއްލިއަކަށް ޔަޝްމީއަށް ހޭލެވުނު އިރު ހާރޫންއެއް ނެތެވެ. އެހެންކަމުން ދެއަތުން މޫނު ފުހެލަމުން އޭނާ ބެލްކަންޏާ ދިމާލަށް ދިޔައީ ހާރޫން ބެލްކަނީގައި ހުރެދާނެކަމަށް ހީކޮށެވެ.
" ނަތީޖާ ލިބެން ދެތިން ދުވަސް އޮތީ.. އަހަރެން މިހުންނަނީ ދުޢާ ކޮށްލަކޮށްލާ! ނޭނގެ ކީއްވެގެންކަމެއް ހަމަ ބިރުގަންނަނީ.. ވާނެގޮތެއް ނޭނގޭތީ.. ބޭނުން ނުވާކަހަލަ ނަތީޖާއެއް އަތުވެދާނެތީ"
ހާރޫންގެ ޖުމްލަތައް ޔަޝްމީއަށް އިވުމާއެކު ހުރި ފިޔަވަޅުމަތީ އޭނާ ހުއްޓުނެވެ. ހާރޫން ދައްކަމުން އެދަނީ އޭނާގެ ވާހަކަތޯ އިތުރަށް ޔަޤީން ކުރަން ޔަޝްމީ ބޭނުންވިއެވެ.
" މަންމަމެންގާތު ނުބުނައްޗޭ! އަހަރެން މިވާހަކަ މިބުނީ ޖާވިދްގާތު އެކަނި! އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ"
ހާރޫން ފޯން ކަނޑާލުމަށްފަހު ފަހަތަށް އެނބުރުނީ އެނބުރި، ކޮޓަރިއަށް ވަނުމަށެވެ. ނަމަވެސް ފަހަތުގައި ހުރި ޔަޝްމީ ފެނުމާއެކު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ކަންބޮޑުވެފައިވާ ޔަޝްމީގެ މޫނު ފެނި، ހާރޫންގެ ހަށިގަނޑު ފިނިވެގެން ދިޔަ ކަހަލައެވެ.
" އަހަންނަށް ކިހިނެއްވީ؟ "
ހާރޫންއަށްވުރެ ކުރިން ޔަޝްމީ ވާހަކަ ދެއްކިއެވެ. އޭނާގެ ސުވާލުން، ހާރޫން ދެއްކި ވާހަކަތައް ކޮންމެވެސް ވަރަކަށް ޔަޝްމީއަށް އަޑު އިވުނުކަން ހާރޫންއަށް ޔަޤީންވިއެވެ. ނަމަވެސް މޫނުމަތީގައިވާ އުދާސްކަމުގެ ކުލަވަރު ބަދަލުކުރެވޭތޯ ހާރޫން މަސައްކަތް ކުރިއެވެ. އެހެންކަމުން އޭނާ ގަދަކަމުން ހިނިތުންވެލަމުން ހިނގައިގަތެވެ. އަދި ޔަޝްމީ ގައިގައި ބައްދާލިއެވެ.
" ނޫން! ބުނޭ! އަހަންނަށް ކިހިނެއްވީ؟ ކޮންކަމެއް މަށަށް ސިއްރުކުރަނީ؟"
ޔަޝްމީ ހާރޫންގެ މޭގައި އަތްޖަހާ، ދުރަށް ޖައްސާލަމުން ތަންކޮޅެއް ބާރަށް އެހިއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!