ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިއީ ކުރިއާ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ.

Ad
rt

މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ އޯގަސްޓު މަހުގެ 23 ވަނަ ދުވަހު ކަމަށާއި މި ތަކެތި އަތުުލައިގަތީ މެލޭޝިޔާ އިން ރާއްޖެގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލައި، ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.

އެ އިދާރާ އިން ވިދާޅުވީ މިގޮތުން ބަލާ ފާސްކުރެވުނު ޕެކޭޖުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin) އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1628 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 2 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.

ކަސްޓަމްސް އިން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް، އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކޮށްފައިވާ ކަމަށެވެ.