ކުރީގެ އަދަދާއިގުޅޭ،

" ކޮބައިތަ ލޯބިވާ ފިރިމީހާ؟ "

Ad
rt

ފަހަތުން އިވުނު އަޑަށް ޔަޝްމީއަށް ފަހަތް ބަލައިލެވުނީ ހުއްޓެމުންނެވެ. އެހިނދު ފަހަތުގައި ހުރި ނާއިފް ފެނުނެވެ.

" އުފާވެރި ކައިވެންޏަކަށް މަރުޙަބާ! "

މަލާމާތުގެ ރާގަކަށް ނާއިފް ބުނެލިއެވެ. އެތައް ދުވަހަކަށްފަހު ނާއިފް ފެނުމުންވެސް ޔަޝްމީއަކަށް ވަކި ޚާއްސަކަމެއް އިޙްސާސެއް ނުކުރެވުނެވެ. އެހެންކަމުން އޭނާ އާދައިގެ ގޮތަކަށް ހީލުމަށްފަހު އަނެއްކާވެސް ހިނގައިގަތެވެ. ޔަޝްމީ ދާތަން ބަލަން ނާއިފަށް ހުރެވުނީ އިތުރަށް އެއްޗެއް ބުނަން ނުކެރިފައެވެ. ނަމަވެސް އޭނާގެ ހިތުގައިވާ ވޭނާއި ހިތާމަ އޭރުވެސް ކެކި އުތުރެމުންދެއެވެ. އިތުރަށް ވޭން ބޮޑުވީހެންވެސް އޭނާއަށް ހީވިއެވެ. މިހާރު ޔަޝްމީ ކުރިއަށްވުރެވެސް ރީއްޗެވެ. ފަރިއެވެ. ތަފާތެވެ. އެހެންކަމުން ނާއިފްގެ ހިތް ޔަޝްމީއަށް އަނެއްކާވެސް އެދެން ފަށައިފިކަން އޭނާއަށް އިޙްސާސް ކުރެވުނެވެ.

ބޭރު ޖޯލީގައި ތިބި ފާއިޒާއާއި ޝާކިރަށް ހައިރާންކަން ލިބުނީ ޔަޝްމީ ފެނުމުންނެވެ. ތިން މީހުން އެކުގައި އައިސް ހުއްޓުމާއެކު ފާއިޒާ ހެވިފައި ޔަޝްމީގެ ގައިގައި އަތް ޖައްސާލީ ކޮޅަށް ތެދުވަމުންނެވެ.

" ޔަޝްމީ! ދަރިފުޅުވެސް އައީތަ؟ ހާރޫން ކީއްވެ ނައީ؟"

ފާއިޒާގެ ޖުމްލައިން ޝަހާނާއަށް އެއްމިޔަކަނުން ހިނިތުން ވެވުނެވެ. ނަމަވެސް ޖާވިދް އޭރުވެސް ހުރީ ވަރަށް ކަންބޮޑު ވެފައެވެ.

" ހާރޫން ވަރަށް ބިޒީކޮށް އުޅެނީ. އެހެންވެ ދައްތައާއެކު ރަށަށް ދާށޭ ބުނީ"

ބުނާނެ އެއްޗެއް ނޭނގި ހުރެ ޔަޝްމީ ދިން ޖަވާބުން ޝަހާނާއަށް އެއްފަހަރާ ދެބުމަ ހިއްލާލެވުނެވެ. ޔަޝްމީ އޭނާގެ މައިންބަފައިންނަށް ވަރިކުރާކަން ސިއްރުކުރުމުން ޝަހާނާ ގާތަށް އައިސްހުރީ ނުލަފާ ހިންޏެކެވެ. ނަމަވެސް އޭނާ މިފަހަރު އެކަމާ ނުބެހި މަޑުމަޑުން ހުރީއެވެ.

" އަވަހަށް ހިނގާ ސައިބޯން ދާން! ޝަހާނާވެސް އާދޭ ދަބަސް ބަހައްޓާފަ"

ފާއިޒާ އެހެން ބުނުމުން ޝަހާނާ ހިނގައިގަތީ ގެއާ ދިމާލަށެވެ. ފަހަތުން ޖާވިދްވެސް ދިޔައެވެ. ނަމަވެސް ފާއިޒާމެންގާތު ޔަޝްމީ މަޑުކުރިއެވެ.

" މަންމަމެންދެކެ ރުޅި އައިސްގެން އުޅޭކަށް ނުވާނެ ދަރިފުޅާ! އަނގައިން ނުބުނެ އުޅުމަކީ ވަރަށް ވިޔާނުދާކަމެއް"

ފާއިޒާ އެހެން ބުނެލީ ޔަޝްމީ ޖޯލީގައި އިށީނދެލުމުންނެވެ.

" ބައްޕަމެން މިތިބެނީ އެކަމާ ވަރަށް ދެރަވެފައި. ދަރިފުޅުގެ ޚަބަރު ކޮންމެ ދުވަހަކުވެސް ހާރޫންގެ ފަރާތުން ލިބޭތީ ކިރިޔާވެސް މިއުޅެވެނީ. އަހަރެމެންގެ މިތިބީ އެންމެ ދެދަރިން. ތިޔަ ދެކުދިން އަހަރެމެންދެކެ ރުޅި އައިސްގެން އުޅެންޏާ ދެން އަހަރެމެން ދިރިހުރުމުގެ ބޭނުމެއްވެސް ނޯންނާނެ"

އަސަރާއެކު ޝާކިރު އެހެން ބުނުމުން ޔަޝްމީ ދެފަރާތަށް ބޯހޫރާލިއެވެ. އަދި ދެރަވެފައި އިން ބައްޕަގެ މޫނަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

" އަހަރެން ކުރިންވެސް ބުނިން ރުޅިއެއް ނާދެޔޭ. އެކަމަކު މާލެގޮސް ވަރަށް ފޫހިވި. އެއްވެސް މީހަކާ ވާހަކަ ދައްކާހިތެއްނުވި. ދެން ބޭނުންވީ އެކަނިވެގެން ހުންނަން. "

ޔަޝްމީ ބޭނުންވީ މައިންބަފައިން ހިތްހަމަ ޖައްސުވައިދޭށެވެ.

" ހާރޫން ރަނގަޅުތަދެން؟ "

މިފަހަރު ވާހަކަ ދެއްކީ ފާއިޒާއެވެ. މަންމަގެ ސުވާލުން ޔަޝްމީއަށް ދުރަށް ބަލައިލެވުނެވެ.

" އެއީ ވަރަށް ހެޔޮލަފާ މީހެއް! އޭނަ ވަރަށް ރަނގަޅު.. އަހަންނަށް މަދުވާ އެއްވެސް އެއްޗެއް ނުހުރެ! އެއްވެސް މަސައްކަތެއްވެސް އަހަރެން ކުރާކަށް ނުޖެހޭ. އަހަރެން އުޅެނީ ވަރަށް އަރާމުގައި. "

ޔަޝްމީގެ ވާހަކަތައް އަޑުއަހަން އިން ފާއިޒާއާއި ޝާކިރަށް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ. އެދެމީހުންގެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމެވެ. ޔަޝްމީގެ އަޑުގައި އެކުލެވިފައިވާ އަސަރުތަކެއް އެމީހުންނަކަށް ފާހަގައެއްވެސް ނުކުރެވުނެވެ. އެރިހުމެއް އިޙްސާސެއް ނުކުރެވުނެވެ.

***

" ސަޕްރައިޒް! "

ޖާވިދްގެ ފަހަތުން ކޮޓަރިއަށް ވަތް ޝަހާނާއަށް ބަލައިލަމުން އޭނާ ބުނެލީ ހިނިތުންވަމުން އުފާވެރި ރާގެއްގައެވެ. އޭސީ ހަރުކޮށްފައި ހުރުމުގެ ސަބަބުން ކޮޓަރިތެރެއަށްވަނީ އަރާމު ފިންޏެއް ވެރިވެފައެވެ. އެހެންކަމުން ޝަހާނާގެ މޫނުމަތީގައިވެސް ފުޅާ ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ.

" އޭސީ؟ ޖާވިދް ނުބުނިނަމަ އޭސީ ހުރިކަން ފާހަގަވެސް ނުކުރެވުނީސް ކަންނޭނގެ. މާލޭގައި މިއައީ އެއްކޮށްވެސް އޭސީގައި އުޅެފައޭ.. އެހެންވީމަ ވަކި ތަފާތެއް ފާހަގައެއް ނުކުރެވުނު"

ޝަހާނާގެ މާބޮޑު ސަމާލުކަމެއް ނުލިބުމުން ޖާވިދް ދެރަވިއެވެ.އޭނާ އެމަސައްކަތްކުރީ ޝަހާނާ އުފަލުން ފޮޅޭތަން ބަލާށެވެ. ނަމަވެސް ހިނިތުންވުން ފިޔަވައި އޭނާގެ މޫނުމަތިން އިތުރު އުފާވެރިކަމެއް ނުފެނުނެވެ. ނަމަވެސް ޝަކުވާ ކުރާކަށް ޖާވިދް ބޭނުމެއް ނޫނެވެ.ޝަހާނާ ފާޚާނާއަށް ވަނުމުން ޖާވިދް މަޑުކޮށްލީ އޭނާ އަންނަންދެނެވެ.

" އަހަންނަށް ހަދިޔާއެއް ނުގަންނަންތަ؟ "

ލޯގަނޑު ކައިރީ ރީތިވާން ހުރި ޝަހާނާގެ ގައިގައި ފަހަތުން ބައްދާލަމުން ޖާވިދް އެހިއެވެ. އެއާއިއެކު ޝަހާނާ ފެށީ ހޭށެވެ.

" ޖާވިދްމެންނަށް ކޮންމެ މަހަކު ސަރުކާރުން ދޭ ހަދިޔާ ކުޑައީތަ؟ އެންމެ ފަހަރަކު މާލެ ދެވިގެން ތިއަހަނީ ހަދިޔާ ކޮބައިހޭ؟ އަހަންނަށް އެއްޗެހި ގަނެފައި އޭގެން ބާކީއެއް ނުވި"

ޝަހާނާ އެނބުރިލިއެވެ. އޭރު ޖާވިދްގެ މޫނުމަތީގަައިވަނީ ހިނިތުންވުމެވެ.

" އޯކޭ އޯކޭ! އަހަންނަށް އެއްޗެއް ނުގެނެސްގެން ނޫޅެމޭ.. ދެން ދައްކާލަބަލަ ޝަހާއަށް ގަތް އެއްޗެހި"

އެނދާއި ދިމާލަށް ހިނގައިގަންނަމުން ޖާވިދް އަހާލިއެވެ. އެއާއިއެކު ޝަހާނާވެސް އޭނާގެ ފަހަތުން ދިޔައެވެ. އަދި އެނދުމަތީގައި ހުރި ދަބަސް ނަގައި ހާވަން ފެށިއެވެ.

" ޝަހާ! ޔަޝްމީކޮއްކޮއާއި ހާރޫންގެ ގުޅުން ރަނގަޅުތަ؟"

ކުއްލިއަކަށް ޖާވިދް ކޮށްލި ސުވާލުން ޝަހާނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. މަންމަމެންނަށް ޔަޝްމީ ހުރިހާ ކަމެއް ސިއްރުކުރިކަން ހަނދާންވުމުން ޝަހާނާވެސް ބޭނުންވީ ޖާވިދްގާތު ނުބުނާށެވެ. ބުނެފިނަމަ އޭނާ ހިތްއެދޭގޮތަށް ކަންތައްތައް ނުވެދާނެކަން އޭނާއަށް އެނގެއެވެ.

" އާނ! ކީއްވެ ގުޅުން ރަނގަޅު ނުވާނީ؟ ހާރޫން ޔަޝްމީ ގެންގުޅެލަނީ ހާދަ ފެންވަރެއްގައޭ! އިނގޭތަ އެގޭގަ ކައްކަންވެސް ނުޖެހޭ. އެއް ކަމެއްވެސް ކުރާކަށް ނުޖެހޭ! ޔަޝްމީ ހަމަ ކައިކައިގެން އިންނަނީ.."

ޝަހާނާ އެހެން ބުނަމުން އޭނާގަތް ސެންޓްފުޅި ނެގިއެވެ. އަދި ބައެއް ހެދުންވެސް ދެއްކިއެވެ. ހެވިފައި އިނދެ ޖާވިދް ޝަހާނާއަށް ބަލަމުން ދިޔައެވެ.

" ހޫމް.. ރަނގަޅޭ! އަހަރެން ވަރަށް އުފާވެއްޖެ ޝަހާ އެހާ ހިތްހަމަ ޖެހުނީމަ.."

ޖާވިދް އެނދު ހުރަކަށް އޮށޯވެލުމުން ޝަހާނާ ބުންޏެވެ.

" ހިނގާ ސައިބޯން ދާން.. ވަރަށް ބަނޑުހައޭ"

" ބަނޑުހައިކަން ފިލުވައިލަ ދޭނަން އާދެބަލަ އިހަށް އަހަރެން ކައިރީ އޮށޯވެލަން "

ޖާވިދް އަރިއަކަށް ޖެހިލަމުން ބުންޏެވެ. ނަމަވެސް އެވަގުތު ޖާވިދަށް ފާހަގަ ކުރެވުނީ ޝަހާނާގެ މޫނުމަތީގައިވާ ފޫހިކަމެވެ.

" ދެން ނޫން.. މިހާރަކު ނޯވެވޭނެ!ހިނގާބަލަ ދާން. އާނ ނާންނަންޏާ އޮވޭ! އަހަރެން މިދަނީ"

ޝަހާނާ ހިތްހަމަ ނުޖެހުމުން ޖާވިދް ދެރަވިއެވެ. އަދި އޭނާ ޖާވިދާއިމެދު އެހާ ފަރުވާކުޑަކުރީތީ އަސަރުވެސް ކުރިއެވެ. ޖާވިދަށް މަޑުނުކޮށް ޝަހާނާ ނިކުމެގެން ދިޔުމުން އޭނާ ހައިރާންވެސްވިއެވެ. ނަމަވެސް އެއްޗެއް ބުނެގެން ޝަކުވާ ކުރަން ބޭނުން ނުވާތީވެ ޖާވިދްވެސް މަޑުމަޑުން ނިކުމެގެން ދިޔައީއެވެ.

***

އެނބުރެމުންދާ ފަންކަލަށް ބަލަހައްޓައިގެން އޮވެ ޔަޝްމީ ދެލޮލުން ކަރުނަ ފުހެލިއެވެ. އެކަނިވެރިކަމާ ފޫހިކަން އޭނާއަށް އިޙްސާސްކުރެވެން ފެށިއެވެ. މާލޭގައި އުޅުނު ދުވަސްތަކުގައި އެކަނި ގޭގައި އިންނަން ޖެހުނަސް ފަހަކަށް އައިސް އޭނާ ފޫއްސެއް ނުވެއެވެ. އެކަންޏެއް ނުވެއެވެ. އަބަދުވެސް އިނދެވުނީ އިންތިޒާރެއްގައެވެ.

" ހާރޫން؟ "

ޔަޝްމީއަށް މަޑުމަޑުން ހާރޫންގެ ނަން ކިޔާލެވުނެވެ. މިއަދު ކިތަންމެ އިރެއްވަންދެން އެހެން އޮތަސް އޭނާގެ ހިތަށް ޝިފާއެއް ނުލިބޭނެކަން އެނގުނެވެ. އިންތިޒާރުގެ ނިމުން ނާންނާނެކަން އެނގުނެވެ.

" ހާރޫން"

އަނެއްކާވެސް ޔަޝްމީއަށް ބުނެވުނެވެ. އެންމެފަހުން ތެދުވެ، ފާރުގައި އޭނާ ލެނގިލިއެވެ. އަދި ހޭވިފައިވާ އޭނާގެ އިސްތަށީގަނޑު އެއްފަރާތްކޮށްލަމުން ދެލޮލުން ކަރުނަ ފުހެލިއެވެ. ހާރޫންމަތިން އިންތިހާއަށް ހަނދާންވާތީ ޔަޝްމީއަށް އުނދަގޫ ވަމުން ދިޔައެވެ. ހާރޫން ނުފެނި އެއްދުވަސްވެސް ނިމިގެން ދާކަށް އޭނާ ބޭނުން ނުވާ ކަހަލައެވެ. މަޑުމަޑުން އެނދުން ފައިބައިގެން ޔަޝްމީ ފާޚާނާއަށްވަނީ މޫނުދޮވެލާށެވެ. ކުޑަކޮށް ތާޒާ ވެލައިގެން ބޭރަށް ނިކުންނަން ހިނގައިގަތް ވަގުތު ފޯނެއް ރިންގް ވާއަޑު އިވި ހައިރާންކަމާއެކު ޔަޝްމީ ދިޔައީ އަޑު އަންނަ ދިމާލަށެވެ. އަޑު އަންނަނީ ސީދާ އޭނާގެ ދަބަހުންނެވެ. ގުދުވެލާފައި ތިރީގައި ހުރި ދަބަހުގެ ބޭރު ވަތްގަނޑުގެ ޒިބް ކަހާލުމާއިއެކު އޭނާއަށް ހާރޫން ދިން ފޯނު ފެނުނެވެ. އަވަސް އަވަހަށް ޔަޝްމީ އެ ފޯނު ނެގިއެވެ. އޭރު ސްކްރީނުން ފެންނަމުންދަނީ ނުދަންނަ ނަންބަރެކެވެ. ތެޅިތެޅި އޮތް ހިތަކައިގެން އޭނާ ފޯނު ނެގީ ގުޅަނީ ހާރޫންކަމުގައި އުއްމީދުކުރަމުންނެވެ.

" ޔަޝްމީ! "

ހާރޫންގެ އަޑު ޖެހުމާއިއެކު ޔަޝްމީއަށް ދެލޯ މަރާލެވުނީ ކުޑަކޮށް މޫނު އުފުލައިލަމުންނެވެ. އޭރު އޭނާގެ ދިގު އެސްފިޔަތަކުގެ ތެރެއިން ކަރުނައިގެ ރޮނގެއް ކޯތާފަތްމައްޗަށް ފާއްދާލައިފިއެވެ.

" އަހަރެން މިގުޅީ ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން... އެއްގޮތަކަށްވެސް ޔަޝްމީއަށް އުނދަގޫ ކުރާކަށް ނޫން"

ހާރޫން ވާހަކަ ދައްކަން ފެށުމުން ޔަޝްމީ ދެލޯ ހުޅުވާލިއެވެ. އަދި މަޑުމަޑުން ހޫމްސޭ ބުނެ އެނދުގައި އިށީނދެލިއެވެ.

" އަހަރެން މިއަދު ވިއެޓްނަމްއަށް ފުރަން ޖެހިއްޖެ! ވިޔަފާރީގެ ކަމަކު.. ވާނެ ދުވަހެއް ނޭނގެ. އެހެންވެ.. އެހެންވެ.. އަހަރެން އައިސް ފޯމު ލާނަމޭ ބުނަން ވެގެން.. އަހަރެން ކަންބޮޑުމިވަނީ ހައްތަހާވެސް ޔަޝްމީއަށް ލަސްވާނެތީވެ.. "

" ލަހެއް ނުވެޔޭ! ލަހެއް ނުވޭ"

ހާރޫން އެހެން ބުނުމާއިއެކު ތެޅިގަނެފައި ޔަޝްމީ ބުންޏެވެ.

" މި ފޯނު ކޯލުންވެސް އަހަންނަށް ޔަޝްމީ ވަރިކޮށްދެވިދާނެ. އެކަމަކު... އެއީ ރީތި ގޮތެއް ނޫން. އަދި އަހަރެމެންގެ މި ކައިވެނި ނިންމާލަން ބޭނުންވަނީވެސް އެއްވެސް ނުރުހުންތެރިކަމެއްނެތި. އެހެންވެގެން އަސްލު"

އަނެއްކާވެސް ހާރޫން ވާހަކަ ދެއްކިއެވެ. ބުނާނެ އެއްޗެއް ނޭނގި އިނދެ ޔަޝްމީ ބޮލުގައި އަތް ޖައްސާލިއެވެ.

" ހާރޫން ރަނގަޅުތަ؟ "

ޔަޝްމީ އަހާލީ އިރުކޮޅަކު އިނދެލުމަށްފަހުއެވެ. ވަރީގެ މައުޟޫއަށް އޭނާ ވާހަކަ ދައްކަންވެސް ބޭނުން ނުވާ ކަހަލައެވެ.

" އަހަރެން އަބަދުވެސް ރަނގަޅު އަލްޙަމްދުލިﷲ.. އެކަަމަކު ގޭތެރެ ވަރަށް ފަޅު. ގެއަށް ވަނީމަ ކޮންމެވެސް ވަރަކަށް ހަނދާންވޭ"

ހާރޫން މަޑުމަޑުން ބުންޏެވެ. އެއާއިއެކު ޔަޝްމީއަށް ހިނިތުންވެލެވުނެވެ.

" ގެއިން ބޭރުގައި އަހަރެންމަތިން ހަނދާނެއް ނުވެޔޭދޯ ތިބުނީ؟"

ޔަޝްމީ ބުނެލިއެވެ. އެއަޑަށް ހާރޫންވެސް ހީލި އަޑު ޔަޝްމީއަށް އިވުނެވެ.

" އާނ ދެން ހަނދާން ކުރުމެއްވެސް ނެތްތާދޯ! ގެއަށްވަނީމަވެސް ހަނދާން ކުރާކަށް ބޭނުމެއް ނޫން.. އެހެންވެ ބައްޕަ ކައިރި އުޅެފަ މިހާރު ނިދަން މިދަނީވެސް ރިސޯޓަށް"

ހާރޫންގެ ވާހަތަކުން ޔަޝްމީއަށް ވަރަށް އަސަރު ކުރުވިއެވެ. ހާރޫން އޭނާ މަތިން ހަނދާން ނައްތާލަން ބޭނުންވާކަން އެނގުމުން ޔަޝްމީ އިންތިހާއަށް ދެރަވެސްވިއެވެ.

" އަސްލު ބޭނުމެއްނޫން ގުޅާކަށްވެސް.. އަހަރެން ޔަޝްމީދެކެ އޭރު ވަރަށް ލޯބިވީން.. މިހާރު މި މަސައްކަތްކުރަނީ ދުރަށް ދާން..ހަނދާން ނައްތާލަން. އެކަމަކު ކޮންމެ ދުވަހަކު މިގޮތަށް ގުޅަން ފެށިއްޔާ އަހަންނަށް ހީވަނީ އަހަރެންގެ ހިތް އިމުން ބޭރުވެދާނެހެން. ހިތަކީ ބާރުފޯރުވޭނެ އެއްޗެއް ނޫންތާ! އެހެންވެ އަހަރެން ނުގުޅާ މި ހުންނަނީ.."

ހާރޫން ބުންޏެވެ. ހާރޫންގެ އަޑުން ޔަޝްމީއަށް ހިތްހަމަޖެހުން ލިބޭކަން އޭނާއަށް އެނގެއެވެ. ފިރެހެންވަންތަ ބަރު އެއަޑު އަބަދުވެސް ޔަޝްމީ އަހާހިތްވާކަން އޭނާއަށް އިޙްސާސް ކުރެވުނެވެ.

" ދެން އަހަންނަކަށް ނުގުޅާނަމޭތަ ތި ބުނަނީ؟ "

ޔަޝްމީ ކަންބޮޑުވެ އިނދެ އެހިއެވެ.

" ހޫމް.. އަހަންނަށް ވަރަށް އުނދަގުވާނެ މިހެން ވާހަކަ ދައްކަންޏާ..އެހެންވެ ދެން ގުޅައިގެން ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. ޔަޝްމީއަށް ބޭނުންވާ ވަރަށް ފައިސާ ފޮނުވާފައި ހުންނާނެ.. ކަމެއް ބޭނުންވަންޏާ އަހަރެންގާތު ބުނޭ "

އެހެން ބުނުމަށްފަހު ހާރޫން އިރުކޮޅަކު މަޑުކޮށްލީ ޔަޝްމީ އެއްޗެއް ބުނޭތޯއެވެ. ނަމަވެސް ޔަޝްމީގެ އެއްވެސް ބަހެއް ނުލިބުމުން އޭނާ ފޯނު ކަނޑާލިއެވެ. އެހިނދު ޔަޝްމީއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. މޭގައި އަތް އަޅައިގެން އިނދެ އޭނާ ރޮމުން ދިޔައީ ހިތުގައި ޖެހިގެންނެވެ.

***

ރަށުގައި ހޭދަވާ ކޮންމެ ދުވަހަކީވެސް ވަރަށް ދިގު ދުވަސް ތަކަކަށް ވެއްޖެއެވެ. ފޫހިކަން ހައްތަހާދަނީ އިތުރު ވަމުންނެވެ. ދުވަހެއް ދުވަހަކަށް ރަށުގައި އުޅޭހިތް ނުވާކަމުގެ އިޙްސާސް ކުރެވެއެވެ. މިއަދުވެސް އާދައިގެ މަތިން ޔަޝްމީ އިނީ ގޭ ބިއްދޮށުގައި ހުރި ގަސްދޮށުގައެވެ. ކުރިމަތީގައި އޮތީ ގަސްބޯ ރުއްގަނޑެކެވެ. އެހެންކަމުން ގަސްދޮށުގައި ހުންނަ އަށިމަތީގައި އިންނައިރު ވަރަށް ފިނިވެސް ވެއެވެ. އެތާ އޭނާ އިނީ އެކަންޏެވެ. އަތުގައި ފޯނު އޮތެވެ. ބޭއިޙްތިޔާރުގައި އޭނާއަށް ހާރޫންގެ ކޯލަށް އިންތިޒާރު ކުރެވެއެވެ. ނަމަވެސް ހަފްތާއެއް ވެގެން ދިޔައިރުގައިވެސް ހާރޫންގެ އެއްވެސް ޚަބަރެއް ނުވެއެވެ.

" ހައި"

އިސްޖަހާލައިގެން ފޯނަށް ގެއްލިފައި އިން ޔަޝްމީ ބަލައިލީ ނާއިފްގެ އަޑަށެވެ. އޭރު ނާއިފް ހުރީ އޭނާގެ ކުރިމަތީގައެވެ.

" ހާދަ ދެރަވެފައި؟ "

ނާއިފް އެހެން އަހާލުމުން ޔަޝްމީ ހިނިތުންވެލިއެވެ.

" ޔަޝްމީ ދެކޭ ހިތުން އަހަރެން ތިގޭ މަގުން ވަރަށް ދުއްވަން.. ބޭރަށްވެސް ނުނިކުންނަނީތަ؟ "

ނާއިފް އެހިއެވެ. ވާހަކަ ދައްކަން ބޭނުން ނުވާ ކަހަލަ ގޮތަކަށް އިނދެ ޔަޝްމީ ދެފަރާތަށް ބޯ ހޫރާލިއެވެ.

" ކުއްލިއަކަށް މީހަކާ އިންނަން ދިޔައީމަ އަހަރެން ވަރަށް ދެރަވި! "

އަނެއްކާވެސް ނާއިފް ވާހަކަ ދެއްކީ ރުކެއްގައި ލެނގިލަމުންނެވެ.

" ނާއިފް ދެރަވާންވީ ކޮންކަމަކަށް؟ "

ޔަޝްމީ އެހީ ޖަވާބު ބޭނުންވާފަދަ ގޮތަކަށެވެ.

( ނުނިމޭ )

މިވާހަކަ ގެނެސްދެނީ އާދިއްތައިން ބުރާސްފަތި ދުވަހަށެވެ.

(ނިމުނީ)