ދުނިޔެދުއް އެންމެ މޮޅެތި ގޯލްކީޕަރުންގެ ތެރޭ ހިމެނޭ އިޓަލީގެ ލެޖެންޑަރީ ކީޕަރު ޖިއަންލުއީޖީ ބުފޮން، އުމުރުން 45 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
ފުޓްބޯޅައިން ރަސްމީކޮށް ރިޓަޔާކުރިކަން ހާމަކޮށް ބުފޮން ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖްގައި އޭނާގެ ސަޕޯޓަރުންނަށް އިޝާރާތްކޮށް ބުނެފައިވަނީ އެކުގައި ހުރިހާކަމެއް ހާސިލް ކުރެވިއްޖެ ކަމަށާއި، ފުޓްބޯޅާގައި ސަޕޯޓަރުންގެ ފަރާތުން އޭނާ ބޭނުންވި ހުރިހާ ކަމެއް ހާސިލްވި ކަމަށާއި އަދި އޭނާވެސް ސަޕޯޓަރުން ބޭނުންވި ހުރިހާކަމެއް ކޮށްދިން ކަމަށެވެ.
ބުފޮން އޭނާގެ ކެރިއަރު ފެށީ 1991 ވަނަ އަހަރު ޕާމާ ޔޫތު ޓީމުންނެވެ. އުމުރުން 17 އަހަރުގައި 1995 ވަނަ އަހަރު ބުފޮން ވަނީ ޕާމާގެ ސީނިއާ ސްކޮޑަށް ޕްރޮމޯޓްކޮށްފައެވެ. އޭނާ އެންމެ ފުރަތަމަ ޕާމާ ޓީމަށް މެޗެއް ކުޅެދިނީ 1995 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ޕާމާއާއިއެކު ބުފޮން ވަނީ އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް އަދި ޔުއެފާ ކަޕް (ޔޫރޮޕާ ލީގު) ކާމިޔާބުކޮށްފައެވެ.
ބުފޮން ކެރިއާގެ ކާމިޔާބީތައް ބޮޑަށް ގުޅިފައި އޮތީ އިޓަލީގެ ޔުވެންޓަސްއާއެވެ. އޭނާ ޕާމާ ދޫކޮށް 2001 ވަނަ އަހަރި ޔުވެންޓަސްއާއި ގުޅި، އެ ޓީމާއިއެކު 10 ފަހަރު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދާފައިވެއެވެ. 17 އަހަރު ޔުވެންޓަސްއަށް ކުޅުމަށް ފަހު އެ ޓީމް ދޫކޮށް 2018-2019 ސީޒަންގައި އޭނާ ގުޅުނީ ފްރާންސްގެ ޕީއެސްޖީއާއެވެ. އޭނާ ވަނީ ޕީއެސްޖީއާއިއެކު ފްރާންސް ލީގު ކާމިޔާބު ކޮށްފައެވެ. އެ ސީޒަނަށް ފަހު އޭނާ ވަނީ އަނެއްކާ ވެސް އެނބުރި ޔުވެންޓަސްއާއި ގުޅިފައެވެ.
އެއް ސީޒަން ޔުވެންޓަސްއަށް ކުޅުމަށް ފަހު ބުފޮން ވަނީ 2021 ވަނަ އަހަރު އޭނާގެ ކެރިއާ ފެށި ޕާމާއަށް ބަދަލުވެފައެވެ. މިވަގުތު ޕާމާއަކީ އިޓާލިއަން ސީރިއާ ބީގެ ކުލަބެކެވެ. މިދިޔަ ސީޒަންގައި އޭނާ ޕާމާއަށް 19 މެޗު ވަނީ ކުޅެފައެވެ. އޭނާ ޕާމާއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ. ނަމަވެސް އޭގެ ކުރިން އޭނާ މިވަނީ ރަސްމީކޮށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައެވެ.
އިޓަލީގެ ގައުމީ ޓީމަށް ބުފޮން ވަނީ 176 މެޗު ކުޅެފައެވެ. އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބަކީ 2006 ވަނަ އަހަރު އިޓަލީއާއިއެކު ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. އޭނާއަކީ އިޓާލިއަން ލީގުގައި ވެސް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮންނަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ އިޓާލިއަން ސީރިއާ އޭގައި 657 މެޗު ކުޅެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!