ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަނިންމޭޓެއް ނެގުމުގެ އިހްތިޔާރު އެ ޕާޓީގެ ކައުންސިލުން މިއަދު ޤާސިމަށް ދީފިއެވެ.

މި އިޚްތިޔާރު ޖޭޕީގެ ކައުންސިލުން ޤާސިމަށް ދީފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި ނިންމުނުކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޖޭޕީގެ އިސް ތަރުޖަމާނު، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް ވަޒީރު ޢަލީ ޞާލިޙް ''ތިލަދުން'' އަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ޤާސިމް ވާދަކުރުމަށް އިއްތިހާދުވާންއެދޭ ޕާޓީތަކާ އިއްތިހާދުވުމުގެ ބާރު ކައުންސިލުން މީގެކުރިން ޤާސިމަށް ދީފައިވުމާއެކު، އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް މިއަދު ޤާސިމް ކައުންސިލާ ހިއްސާކުރެއްވި ކަމަށެވެ.

މިހާތަނަށް އެއް ވެސް ޕާޓީއަކާއެކު ކުރިއަށްދާން އެއްބަސް ނުވެވުނު ނަމަވެސް އަދި ވެސް އެ ފުރުސަތު ހުޅުވިފައި އޮތްކަމަށް ޢަލީ ވިދާޅުވިއެވެ. މީގެ އިތުރުން ޤާސިމްގެ ރަނިންމޭޓެއް ނެގުމުގެ އިޚްތިޔާރާއި ބާރު ކައުންސިލުން އެމަނިކުފާނަށް މިއަދު ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ކައުންސިލް ޖަލްސާގެ ކުރިން ޤާސިމް ވަނީ އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ ކަމަށް އެޕާޓީގެ ކުރީގެ ރައީސް ޢަލީ ވަހީދުގެ އިތުރުން އިސްމާއިލް ސުޖާ (ޗާންދަނީ) ހަމަޖައްސާފައެވެ.

މައުލޫމާތު ލިބޭގޮތުގައި މި ހަފްތާއިން ފެށިގެން ޖޭޕީގެ ރިޔާސީ ކެމްޕޭން ފުޅާކޮށް މަސައްކަތްތައް އިތުރުކުރާނެއެވެ.