ކުރީގެ އަދަދާއިގުޅޭ،

" އަހަރެންގެ ފަރާތުން ޔަޝްމީއަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ މަޢާފަށް އެދެން.. ރަށަށް ދިޔުމަށްފަހު ފަހަރެއްގައި އަހަރެމެން ދެން ދިމާވެސް ނުވެދާނެ! "

Ad
rt

އެހެން ބުނެ ހާރޫން ޔަޝްމީއަށް ބަލައިލި ވަގުތު ޔަޝްމީއަށްވެސް ހާރޫންގެ ދެލޮލަށް ބަލައިލެވުނެވެ. އޭރު ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑުއަލީގެ ތެރެއިން ޔަޝްމީގެ ލޮލުގައި ވިދަމުންދާ ކަރުނަތައް ހާރޫންއަށް ފެނުނެވެ. ހެޑްބޯޑުގައި ހާރޫން ބޯ ޖައްސާލީވެސް ޔަޝްމީގެ މޫނަށް ބަލަން އިނދެއެވެ.

" ރޮނީތަ؟ "

ހާރޫން އަހާލީ މަޑުމަޑުންނެވެ. އެއާއިއެކު ޔަޝްމީ ދެފަރާތަށް ބޯ ހޫރާލިއެވެ.

" ނޫނެކޭ ބުންޏަސް ޔަޝްމީގެ ވިދަމުންދާ ދެލޯ އަހަންނަށް އެބަ ފެނެޔޭ!"

ހާރޫން އެހެން ބުނުމުން ޔަޝްމީ އަނެއްކާވެސް އިސްޖަހާލިއެވެ.

" ޔަޝްމީ އަދިވެސް އަހަރެންދެކެ ވަރަށް ފޫހިވޭތަ؟ "

ހާރޫން އަހާލިއެވެ. ޖަވާބެއް ނުދީ އިރުކޮޅަކު އިނުމަށްފަހު ޔަޝްމީވެސް ކުރީ މުޅިންވެސް ސުވާލެވެ.

" އަހަންނާ ކައިވެނި ކުރުމުގެ ކުރިން ތި ސުވާލު ނުކުރީ ކީއްވެ؟ ދެން ތިހެން އެހުމުގެ ބޭނުމަކީ ކޮބާ؟ "

" ކުރިން އަހަރެން އުއްމީދުކުރިން ޔަޝްމީގެ ހިތް އަހަންނަށް ލަންބުވާލެވޭނެކަމަށް! އެކަމަކު.. ޔަޝްމީ ބޭނުންވީ އަހަންނާ ދުރަށް ދާން! އެހެންވެ އަހަރެން ޔަޝްމީ ބޭނުންވާ ގޮތް ހަދައިދޭންތާ މިއުޅެނީ"

ހާރޫން ކުޑަކޮށް އަރިވެލަމުން ބުންޏެވެ. އެއާއިއެކު ޔަޝްމީ ނޭފަތްދަމާލި އަޑަށް ހާރޫންގެ ހިތް ނުތަނަވަސް ވިއެވެ.

" އޭ! ރޮވެނީތަ ހަމަ؟ ކީއްވެ ދެން ތި ރޮނީ! ބުނެބަލަ އަހަރެންގާތު"

އަވަސް އަވަހަށް ހާރޫން ބުންޏެވެ. ނަމަވެސް ޔަޝްމީ އެއްވެސް ޖަވާބެއް ނުދިނެވެ. އިސްޖަހާލައިގެން އިނުމުގެ ސަބަބުން ރޫޅާލައިފައިވާ އިސްތަށިގަނޑުން ޔަޝްމީގެ މޫނު ހުރީ ނިވާވެފައެވެ. ނަމަވެސް އޭނާ މަޑުމަޑުން ގިސްލާކަން ހާރޫންއަށް އެނގެއެވެ. ދެމީހުންގެ ދެމެދުގައިވާ ހުސްޖާގައަށް ނަޒަރު ހިންގާލުމަށްފަހު ހާރޫން ކުޑަކޮށް ހަށިގަނޑު ހިއްލާލުމަށްފަހު ޔަޝްމީގެ ގާތަށް ޖެހިލިއެވެ. އަދި ޔަޝްމީގެ ކޮނޑާއި ދިމާލުން ކުރިމައްޗަށް ވާގޮތަށް ދޫކޮށްލާފައިވާ ފަން އިސްތަށިގަނޑު އެއްފަރާތްކޮށްލިއެވެ. ހާރޫންގެ އެ އަމަލުން ތެޅިގަނެފައި ޔަޝްމީ އޭނާއަށް ބަލައިލީ ހައިރާންކަމާއެކުއެވެ.

" ރޮވޭކަހަލަ އެއްވެސް އެއްޗެއް އަހަރެން ބުނީތަ؟ "

ހާރޫން އެހެން އެހުމުން ޔަޝްމީ ދެފަރާތަށް ބޯ ހޫރާލިއެވެ.

" ދެން؟ ކީއްވެ ތިރޮވެނީ؟ އަހަރެންގާތު ނުބަހައްޓާ ޔަޝްމީ ރަަށަށްވެސް މި ފޮނުވަނީ އަހަންނާހެދި ޔަޝްމީ ރޯންޖެހޭތީވެ! އަހަރެންގެ އަތުން ޔަޝްމީ ބީވެ ދިޔަޔަސް ، ތިގޮތަށް ރޮއި ހިތާމަ ކުރާކަށް އަހަރެން ބޭނުމެއް ނޫން..."

ދެންވެސް ޔަޝްމީ އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ އިސްޖަހާލައިގެން އިނީއެވެ. އިރުކޮޅަކު ޔަޝްމީއަށް ބަލަހައްޓައިގެން އިނދެ ހާރޫން އަތް އުފުލާލިއެވެ. ތުރުތުރުއަޅާ އަތަކުން އޭނާ އަތްޖައްސާލީ ޔަޝްމީގެ ދަތްދޮޅީގައެވެ. އޭރު ހާރޫން އިނީ ޔަޝްމީއާ ދާދި ގާތުގައެވެ.

" އަހަންނާ ދިމާލަށް ބަލައިލަބަލަ! "

ޔަޝްމީގެ ދަތްދޮޅީގައި ހިފާ ހާރޫންއާ ދިމާލަށް އަނބުރާލަމުން އޭނާ ބުންޏެވެ. އަސަރާއި ހިމޭންކަމާއެކުއެވެ. އެހިނދު ޔަޝްމީގެ ނަޒަރު ހުއްޓުނީ ސީދާ ހާރޫންގެ މޫނަށެވެ.

" އަހަންނަށްޓަކައި އެއްވެސް ކަމެއް ކޮށް ނުދިނަސް.... ޔަޝްމީގެ އަމިއްލަ ނަފްސަށްޓަކައިވެސް ހިތާމަ ނުކޮށްބަލަ! އަހަރެން ޔަޝްމީ މި ފޮނުވާލަނީވެސް ޔަޝްމީގެ އުފަލަށްޓަކައި.. ދެން މިހާރު ތިހެން ރޯންވީ ކީއްވެ؟ ޕްލީޒް ނުރޮއި.. އަހަރެން އަދިވެސް ޔަޝްމީދެކެ ވަރަށް ލޯބިވޭ"

މަޑުމައިތިރިކަމާއިއެކު ހާރޫން ބަސްތައް އަތުރާލިއެވެ. އޭރުވެސް ބަހެއް ބުނުމެއްނެތި ހާރޫންގެ މޫނަށް ބަލަހައްޓައިގެން ޔަޝްމީ އިނެވެ. ހާރޫން މަޑުމަޑުން އޭނާގެ ދެއަތުން ޔަޝްމީގެ މޫނުގައި ހިފަހައްޓާލިއެވެ. އެހިނދު ޔަޝްމީއަށް ދެލޯ މަރައިލެވުނެވެ. ޔަޝްމީގެ ކަނދުރާމަތިން އިސްތަށިގަނޑުގެ ތެރެއަށް ހާރޫންގެ ދެއަތް ކޮއްޕާލުމަށްފަހު ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. ޔަޝްމީ އިންކާރެއް ނުކުރެއެވެ. ފުރަތަމަ ފަހަރަށް ހާރޫންއާ އެހާ ގާތްވެވުމުން ޔަޝްމީއަށްވެސް ކުރެވުނީ ތަފާތު އިޙްސާސެކެވެ. ހާރޫންގެ ގައިން ދުވާ މީރުވަހުން ދުރަށްދާހިތެއް ނުވިއެވެ. ހާރޫންގެ ތަނަވަސްމޭމަތީގައި މޫނު ޖައްސާލައިގެން އޭނާ އިނެވެ.

" އަހަރެން ސުވާލެއް ކުރަންތަ؟ "

ހާރޫން އެހެން އިނދެ އަހާލިއެވެ. ޔަޝްމީ އެއްޗެއް ނުބުންޏެވެ.

" ކީއްވެ ރުޅި ނައީ؟ ކީއްވެ އަހަރެން ދުރަށް ކޮއްޕައިނުލާ ތި އިންނަނީ؟"

ހާރޫން އެފަދަ ސުވާލުތަކެއް ކުރަން ފެށުމުން ޔަޝްމީއަށްވެސް ވިސްނާލެވުނެވެ. ތެދެކެވެ. ހާރޫންދެކެ އިންތިހާއަށް ފޫހިވާއިރު، މިރޭ އޭނާއާ ދުރަށް ނުދެވިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ އޭނާއާ ދާދި ގާތު އިންނަ ހިތްވަނީ ކީއްވެހެއްޔެވެ؟ އޭނާ ދައްކާ ވާހަކަތައް އަޑުއަހާ ހިތްވަނީ ކީއްވެހެއްޔެވެ؟

ހާރޫންގެ ސުވާލުން ޔަޝްމީގެ ހިތުގައިވެސް އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ނަމަވެސް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގުނެވެ. އެހެންކަމުން ހިތާއިދެކޮޅަށް ޔަޝްމީ ހާރޫންގާތުން ދުރަށް ޖެހިލިއެވެ.

" މިއީ ވަރަށް ބޮޑު ގޯހެއް! އަހަރެމެން ދެމީހުންނަކީ އެކުގައި އުޅެން ތިބި ބައެއްނޫނެއްނު! ދެމީހުން ވަކިވާކަށް މާގިނަ ދުވަހެއްވެސް ނެތެއްނު.. ދެން ހާރޫންވެސް އަހަރެން މަތިން ހަނދާންނައްތާލާ! "

އަސަރާއިއެކު އެހެން ބުނުމަށްފަހު ޔަޝްމީ އަވަސް އަވަހަށް އެނދުން ފޭބިއެވެ. އަދި ފާޚާނާއާ ދިމާލަށް މިސްރާބުޖެހީ އިތުރަށް މަޑުނުކުރަން ވެގެންނެވެ. އެމައުޟޫއަށް ވާހަކަ ދައްކަން ބޭނުންވި ނަމަވެސް މިވަގުތު ޔަޝްމީއަށް އެއްވެސް އެއްޗެއް ނުވިސްނޭނެކަން ހާރޫންއަށް އެނގެއެވެ. އެހެންކަމުން ހާރޫން ތެދުވެގެން ގޮސް ސޯފާގައި އޮށޯވެލިއެވެ. އަދި ނިތްމައްޗަށް އަތް ލައިގެން އޭނާ ފުން ވިސްނުމެއްގައި އޮތެވެ. ނަމަވެސް ދާދި ދެންމެއަކު ޔަޝްމީގާތު ހޭދަކުރެވުނު ފަސްވަރަކަށް މިނިޓްގެ ވަގުތުކޮޅު އޭނާގެ ހިތަކުން ނުފިލިއެވެ.

***

ފަތިހުގެ ހިތްގައިމު ވަގުތެވެ. ހާރޫން ވީ މިސްކިތަށް ގޮހެވެ. ތައްޔާރުވެލުމަށްފަހު ޔަޝްމީ ހަމަޖެހިލިއެވެ. ވަށައިގެން ކޮޓަރި ތެރެއަށް އޭނާއަށް ބަލަން ފެށުނެވެ. އެއާއިއެކު އޭނާގެ ހިތް ނުތަނަވަސްވެއްޖެއެވެ. އެތަނަކީ އޭނާގެ ތަނެއް ކަމުގައި ހީކުރެވުނެވެ. އުފާވެރިކަމާ ދުރަށް ނުދާށޭ ބުނެ، ކޮޓަރި ގުގުމާހެން ހީވިއެވެ. އަތްދަބަސް އަޅުވައިގެން ހުރެ އޭނާ ދޮރާ ދިމާލަށް ހިނގައިގަތީ ހިތާދެކޮޅަށެވެ. ސިޓިންގރޫމަށް ނިކުތްއިރު ޝަހާނާވެސް އޭނާގެ އިންތިޒާރުގައި ސޯފާގައި އިނެވެ.

" ހުރިހާ ފޮއްޓެއް ޑްރައިވަރ ގެންގޮއްސި ތިރިއަށް.. ފައިބާށޯ ބުނީ"

ޔަޝްމީ ފެނުމާއެކު ޝަހާނާ ބުންޏެވެ. އެހިނދު ޔަޝްމީއަށް ބަލައިލެވުނީ ބޭރު ދޮރާދިމާލަށެވެ. އެދޮރުން އޭނާ ނިކުތުމާއެކު ލޯތްބާއުފާވެރިކަން ތާއަބަދަށް އޭނާއަށް ގެއްލުނީއޭ ހީވިއެވެ.

" ކީއްވެތަ ތި ހުންނަނީ؟ އާދޭ އަވަހަށް"

ގަޑި ބަލައިލަމުން ޝަހާނާ ތަންކޮޅެއް ބާރަށް ބުންޏެވެ. ބޯޓު ފުރާފާނެތީ ޝަހާނާ ހުރީ ހާސްވެފައެވެ.

" ހާ...ހާރޫން ނާދޭތަ؟ "

ހިނގައި ގަންނަމުން ޔަޝްމީ އަހާލިއެވެ.

" ނާދެޔޭ.. ދޮންބެ ބުނި ހައެއް ޖަހާއިރު ނައްޓާލާނެޔޯ އަވަހަށް ބޯޓަށް ދައްޗޯ"

އޭރު ޝަހާނާ ހުރީ ދޮރުމަތީގައެވެ. ޔަޝްމީއަށް ހިންދިރުވާލެވުނެވެ. މިސްކިތަށް ގޮސް ހާރޫން ނާންނަންވީ ކީއްވެހެއްޔެވެ؟ އެންމެ ފަހު ފަހަރަށް ނަމަވެސް އޭނާ ދެކިލަން ހާރޫން ބޭނުން ނުވަނީ ހެއްޔެވެ؟

ކިލަނބުވެފައިވާ ހިތަކައިގެން ޔަޝްމީ ކާރަށް އެރީ ޝަހާނާގެ ފަހަތުންނެވެ. އެއާއެކު ޑްރައިވަރ ކާރު ދުއްވާލިއެވެ.

" ބޮސް ކޮބާ؟ "

ތަންކޮޅަކަށް ދިޔުމާއެކު ޔަޝްމީ އަހާލިއެވެ. އެއަޑަށް ޝަހާނާ ކުނި މޫނު ހަދާލީ ޔަޝްމީ މާވަރަކަށް ހާރޫން ނައިސްގެން އުޅޭތީއެވެ.

" ބޮސް ނޭނގެ! ބޮސް ބުނީ މެޑަމް ގޮވައިގެން ދާށޭ.."

ޑްރައިވަރގެ ޖުމްލައިން ޔަޝްމީއަށް ބަލައިލެވުނީ ބޭރަށެވެ. އެހިނދު މަލާމާތުގެ ގޮތަކަށް ޝަހާނާ ހީލިއެވެ.

" ދެން ހާރޫން އައުމުގެ ބޭނުމެއްވެސް ނެތެއްނު.. ޔަޝްމީ ކީއްކުރަން އޭނައަށް އިންތިޒާރު ކުރަނީ؟ "

މަޑުމަޑުން ޝަހާނާ ބުނެލި ޖުމްލައިން، އެއިންގޮތަށް އިނދެ ޔަޝްމީއަށް ދެލޯ މަރައިލެވުނެވެ.

" މިއަދު މަޑުކަންވެސް ނަސީބެއްދޯ! އަހަރެމެން ރަށާ ކައިރި ހިސާބެއްގައި އެއަރޕޯޓެއް އޮންނަ ނަމަ ގައިމު މި ކަނޑުގައި ދަތުރު ކުރާކަށް ނުޖެހުނީސް.. "

ފޫހި ރާގަކަށް ޝަހާނާ ބުންޏެވެ. ނަމަވެސް ޔަޝްމީ އެއްވެސް އެއްޗެއް ނުބުންޏެވެ. އެއްޗެއް ބުނެވޭ ވަރަށް ވުރެ އޭނާގެ ހިތުގެ ޙާލަތު މާ ދެރަހެން ހީވެއެވެ.

ކާރު މަޑުކޮށްލުމަށްފަހު ޑްރައިވަރު ފޭބިއެވެ. އެއާއިއެކު ޝަހާނާގެ އިތުރުން ޔަޝްމީވެސް ފައިބައިފިއެވެ. އޭރު ޑިކީގައި އޮތް ދެ ދަބަސް ނަގައިގެން ބޯޓާ ދިމާލަށް ޑްރައިވަރ ހިނގައިގަނެއްޖެއެވެ. އޭރު ގިނަ ޢަދަދެއްގެ މީހުން ބޯޓަށް އަރައިފިއެވެ. ޔަޝްމީއަށް ހުރެވުނީ އެކި ދިމަދިމާލަށް ބަލާށެވެ. ހާރޫން ފެނޭތޯއެވެ. ނަމަވެސް ޖަމާވެފައިވާ މީހުންގެ ތެރެއިން އޭނާއަކަށް ހާރޫންއެއް ނުފެނުނެވެ. އެހެންކަމުން އޭނާ ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. ސަބަބެއް ނޭނގުނެވެ. މަޑުކުރަން ހިތް އެދެން ފެށިއެވެ. ހަދަންވީ ގޮތެއް ނޭނގުނެވެ. ހާރޫންއާ ދުރަށް ދާހިތެއް ނުވިއެވެ. އެންމެ ފަހުން ހާރޫންގެ އެއްވެސް ހަބަރެއް ނުވީމަ، ބޯޓާއި ދިމާލަށް އޭނާ ހިނގައިގަތީ ޝަހާނާ ގޮވާއަޑަށެވެ. އޭރު ޝަހާނާ ގޮސް ހުރީ ޖެޓީ މަތީގައެވެ. ޝަހާނާ ބޯޓަށް އަރަން އުޅޭކަން އެނގުމުން ޔަޝްމީ އެދިމާލަށް ހިނގައިގަތީ ވަރުދެރަވެފައިވާ މީހަކު ފަދައިންނެވެ.

ހަމައެވަގުތެވެ. ފަހަތުން އައިސް ހާރޫން އޭނާގެ އަތުގައި ހިފުމާއެކު ޔަޝްމީއަށް ސިހިފައި ފަހަތް ބަލައިލެވުނެވެ. އެހިނދު ދެމީހުންގެ ނަޒަރު ސީދާވުމާއެކު ޔަޝްމީގެ ދެލޮލުން ކަރުނަ ހިލުނެވެ. އޭރު ހާރޫންގެ ލޮލުގައިވެސްވަނީ ވަރުބަލިކަމެވެ. ނަމަވެސް އެދެލޮލުންވެސް ޔަޝްމީއަށް މިއަދު ފެންނަނީ އޭނާއަށްޓަކައިވާ ސާފު ލޯތްބެވެ.

" ހަމަ...ދަނީތަ؟ "

ބެދިފައިވާ އަޑަކުން ހާރޫން ބުންޏެވެ. އެއާއިއެކު ޔަޝްމީގެ ހިތުގައި އުއްމީދު އާވިއެވެ.

" ހަމަ..ދާންވީތަ؟ "

ޔަޝްމީގެ ހިކިފައިވާ ދެތުންފަތް ހަރަކާތްކޮށްލީ ލަސްލަހުންނެވެ. އޭރު ބޯޓުގެ ފަހަތުކޮޅުގައި މަންޒަރު ބަލަން ޝަހާނާ ހުއްޓެވެ. ރުޅިއައިސް ފުފިފައެވެ. ހާރޫން އައިސް ޔަޝްމީގެ ކުރިމަތީގައި ހުރެގެން ދައްކަމުންދަނީ ކޮން ވާހަކައެއްތޯ ބަލާހިތުން އޭނާހުރީ ކެތްމަދުވެފައެވެ.

" ހޫމް..."

ޔަޝްމީގެ އަތުން ދޫކޮށްލަމުން ހާރޫން ބުނެލިއެވެ. އެހިނދު ޔަޝްމީއަށް އިތުރަށް ހާސްކަން ލިބުނެވެ.

" ހުއްޓުވާކަށް ނެތިން.. ނުދާށޭ ބުނާކަށް ނެތިން.. ދޭ! ޔަޝްމީ ދޭ! އަހަންނަކީ އަބަދުވެސް އެކަނިވެރިމީހެއް.. ޔަޝްމީ ހުއްޓަސް ނެތަސް އެކަމަށް އެއްވެސް ބަދަލެއް ނާންނާނެ! އެކަން އެނގެއެއްނު "

ހާރޫން ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ބަހެއް ބުނުމެއް ނެތި ޔަޝްމީއަށް ހުރެވުނީ ހާރޫންގެ މޫނަށް ބަލާށެވެ. އެހިނދު ހާރޫން މަޑުމަޑުން ފަހަތަށް ޖެހެން ފެށިއެވެ.

" ހިތްހެޔޮ ކުރައްޗޭ"

ހާރޫން އެހެން ބުނުމާއެކު ޔަޝްމީގެ ދެލޮލުން އަނެއްކާވެސް ކަރުނަ ހިލިގަތެވެ. ނަމަވެސް އެމާޙައުލަކީ ހަލަބޮލި، މީހުން ގިނަ ތަނެއް ކަމުން ޔަޝްމީ ކެތްކޮށްލީ ނުރޮއި ވޭތޯއެވެ. އޭނާ ބަލަހައްޓައިގެން ހުއްޓާ ހާރޫން އޭނާއަށް ފުރަގަސްދީފިއެވެ. އަދި ބާރުބާރަށް ހިނގައިގަތެވެ. ޔަޝްމީ ދެލޯ މަރާލުމަށްފަހު ޝަހާނާއާ ދިމާލަށް އެނބުރިގަތެވެ. އަދި ފުންނޭވާއެއް ދޫކޮށްލުމަށްފަހު ލޯ ހުޅުވާލަމުން ހިނގައިގަތެވެ.

" ކީއްކުރަންށޯ އޭނަ އެއައީ؟ "

ފޫހި ރާގަކަށް ޝަހާނާ އެހެން ބުނުމުންވެސް ޔަޝްމީ އެއްވެސް އެއްޗެއް ނުބުނެއެވެ.

" އެމީހުންނަށް ހީވާ ކަހަލަދޯ އަހަރެމެން މިއީ އަންހެނުންވީމަ އެއްވެސް އާރެއް ބާރެއް ނެތޭ.. ބޭނުންހާ އެއްޗެއް ހަދާލަނީ.. ތާކުން އަންހެނެއް ފެންނައިރަށް ލޯބިވެގެންނޭ ކިޔައިގެން ނިކަން ދަޅަ ދައްކާނެ. އަދި މުއްސަންޖެއް ވިއްޔާ ފައިސާގެ ދަޅައަށް އަންހެންކުދިން ހަމަ ގަނެލަނީ! ހާރޫންވެސް އެހެދީ ހަމަ އެހެންނެއްނު.. "

ޝަހާނާމެންނަށް ހަމަޖެހިފައިވާ ޖާގައިގައި އިށީންނަމުން އޭނާ ވާހަކަ ދެއްކިއެވެ. ނަމަވެސް ޔަޝްމީ އަދިވެސް އެއްޗެއް ނުބުނެއެވެ.

" ދައްތަ ރަށުން އައި އިރުގައިވެސް މުޅި ރަށުގައި އޮތީ އެވާހަކަ. ބައެއްމީހުން ބުނޭ ޔަޝްމީއަށް މުޙިއްމުވީ ފައިސާއޭ. އެހާ ދޮށީ މީހަކާ އިނދެގެން ދިޔައިއްޔޭ!. ކިހިނެއްހޭ ދެމީހުން އިނދެގެން އުޅޭނީ؟"

ޝަހާނާގެ ޖުމްލަތަކުން ޔަޝްމީ ވަރަށް ލަދުގަތެވެ. އޭނާއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ބޯޓުގައި ތިބީ މުޅިންވެސް ރަށު މީހުންނެވެ. މީހުންތައް އޭރުވެސް އުޅެނީ ބޯޓަށް އަރައި ރަނގަޅަށް ހަމަޖެހި ނުލެވިގެންނެވެ.

" އެކޮއި ރަށަށް ދަނީތަ؟ "

ފަހަތުން މީހަކު އަހާލިއަޑަށް ޔަޝްމީއަށް ބަލައިލެވުނެވެ.

" މީހަކު ބުނި އެކޮއި އެއްކޮށް މާލެ ބަދަލުވި ވާހަކަ"

އެދައްތަ އަނެއްކާވެސް ބުންޏެވެ. ބުނާނެ އެއްޗެއް ނޭނގިގެން ޔަޝްމީ ޝަހާނާއަށް ބަލައިލިއެވެ. އެހިނދު ޝަހާނާ ދެފަރާތަށް ބޯ ހޫރާލަމުން އެދައްތައާ ދިމާލަށް ބުނެލިއެވެ.

" މާލެ ބަދަލުވީމަ ދެން ރަށަށް އެރުން މަނާވީތަ؟ ޔަޝްމީގެ މައިންބަފައިން އެރަށުގައި ތިބިއްޔާ ދާން ޖެހޭނެތާ"

" ފިރިމީހާ ނާދޭތަ؟ "

މިފަހަރު ދޭނެ ޖަވާބެއް ނޭނގިގެން ޝަހާނާ ބަލައިލީ ޔަޝްމީގެ މޫނަށެވެ.

" އެހެން ފަހަރަކުން އަންނާނެ! މިދުވަސްކޮޅު އޮފީހުގައި ބުރަކޮށް އުޅޭތީ ދައްތައާއެކު ރަށަށް ފޮނުވާލީ"

ގަދަކަމުން ހީލަމުން ޔަޝްމީ ބުންޏެވެ. އެހިނދު މަލާމާތުގެ ހިނިތުންވުމަކުން ޝަހާނާގެ މޫނުމަތި ވާންވެގެން ދިޔައެވެ.

" ތިގޮތަށް ކިތައް އަދި މީހުންނަށް ޖަވާބުދޭން ޖެހޭނެ.. ކަންބަލަން ގޭދޮށަށް އަންނަ މީހުންވެސް ވަރަށް ގިނަވާނެ."

ޝަހާނާ އޮށޯވެލަމުން މަޑުމަޑުން ބުންޏެވެ. އޭރުވެސް ޔަޝްމީ އިނީ އިށީނދެއެވެ.

***

ޝަހާނާ އަންނާތީ ޖާވިދް މުޅި ކޮޓަރި ސާފުކުރިއެވެ. އޭނާއަށް ސަޕްރައިޒެއް ދިނުމަށްޓަކައި އޭސީއެއްވެސް އެޅުވިއެވެ. ދުވަސްކޮޅަކަށްފަހު ލޯބިވާ އަނބިމީހާ ފެންނާތީ ޖާވިދްގެ ހިތަށްވަނީ އުފާވެރިކަން ލިބިފައެވެ. ނެރުން ވަދެގެން އައިސް ޖެޓީއަށް ބޯޓު ކައިރި ކުރުމާއެކު ޖާވިދް ބޯޓަށް އެރިއެވެ. އޭރު މީހުންތައްތިބީ ފައިބަން ތައްޔާރު ވެގެންނެވެ. މީހުންތަކުގެ ތެރެއިން އޭނާ ޝަހާނާ ހޯދައިފިއެވެ. އެހިނދު ޝަހާނާ ގާތުގައި ހުރި ޔަޝްމީފެނި ޖާވިދަށް ލިބުނީ ހައިރާންކަމެކެވެ.

" ކޮއްކޮވެސް އައީ؟ "

ޖާވިދަށް ބުނެލެވުނެވެ. ހާރޫންވެސް ޔަޝްމީ ފޮނުވާލި ވާހަކަ ޖާވިދްގާތު ނުބުނެއެވެ.

" ސަޕްރައިޒް"

ހެވިފައި ހުރެ ޝަހާނާ އެހެން ބުނެލިކަމުގައި ވިޔަސް ޖާވިދަކަށް ނުހެވުނެވެ. ޔަޝްމީގެ މޫނު ފެނި ކަންތައްތައް އެހާ ރަނގަޅު ނޫންކަންވެސް ޖާވިދަށް ވިސްނުނެވެ. ނަމަވެސް އިތުރަށް ކަންތައްތައް އޮޅުންފިލުވާނީ ގެއަށް ގޮއްސައޭ އޭނާގެ ހިތަށް އެރިއެވެ.

ޖާގަ ލިބުމާއެކު ތިން މީހުން ބޯޓުން ފޭބިއެވެ. އޭރު މުދާ ބާލާ މީހުން މުދާ ބާލަމުން ދެއެވެ. ޔަޝްމީއާ ޝަހާނާގެ ދަބަސް ހޯދައިގެން ޖާވިދް ހިނގައިގަތީ އެއްގަމާ ދިމާލަށެވެ. ޝަހާނާ ހުރީ ޖާވިދާ އެއްހަމައެއްގައެވެ. ނަމަވެސް އިސްޖަހާލައިގެން ހުރެ ޔަޝްމީ ހިނގަމުން ދިޔައީ އެމީހުންގެ ފަހަތުންނެވެ.

" ކޮބައިތަ ލޯބިވާ ފިރިމީހާ؟ "

ފަހަތުން އިވުނު އަޑަށް ޔަޝްމީއަށް ފަހަތް ބަލައިލެވުނީ ހުއްޓެމުންނެވެ. އެހިނދު ފަހަތުގައި ހުރި ނާއިފް ފެނުނެވެ.

" އުފާވެރި ކައިވެންޏަކަށް މަރުޙަބާ! "

މަލާމާތުގެ ރާގަކަށް ނާއިފް ބުނެލިއެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (33)

ސިލްސިލާ ވާހަކަ: ޝިކާޔަތު (33)

(ނިމުނީ)