ކުރީގެ އަދަދާއިގުޅޭ،

" ކުއްލިއަކަށް މީހަކާ އިންނަން ދިޔައީމަ އަހަރެން ވަރަށް ދެރަވި! "

Ad
rt

އަނެއްކާވެސް ނާއިފް ވާހަކަ ދެއްކީ ރުކެއްގައި ލެނގިލަމުންނެވެ.

" ނާއިފް ދެރަވާންވީ ކޮންކަމަކަށް؟ "

ޔަޝްމީ ސުވާލުކުރީ ޖަވާބު ބޭނުންވާފަދަ ގޮތަކަށެވެ. އޭރު ނާއިފްގެ ދެލޯ އަމާޒުވެފައިހުރީވެސް ޔަޝްމީގެ މޫނަށެވެ. އެހެންކަމުން ޔަޝްމީ ދުރަށް ނަޒަރު ހިންގާލީ ނާއިފްއަށް ބަލަން ބޭނުން ނުވާތީއެވެ.

" ދެން މިހާރު އެވާހަކަތައް ދެއްކުމުގެ ބޭނުމެއްވެސް ނެތް ކަންނޭނގެ! ޔަޝްމީ އޭރު އަހަރެން ފެނުނީމަ ލަދުން އުޅޭތީ އަހަންނަށް ހީވި ޔަޝްމީ އަހަރެންދެކެ ލައިކްވާހެން"

ނާއިފް ބުނެލިއެވެ. އޭރުވެސް ޔަޝްމީ އިނީ ދުރަށް ބަލަހައްޓައިގެންނެވެ. ތެދެކެވެ. އޭރު އޭނާއަށް އެކަހަލަ ގޮތްތަކެއްވިއެވެ. އެކަން ހަމަ ރަނގަޅަށްވެސް ޔަޝްމީއަށް އެނގެއެވެ. ނާއިފް ފެނުމުން ހިތަށް އުނދަގޫވާ ކިތަންމެ ދުވަހެއް ވޭތުވެދިޔައެވެ. އޭރު ނާއިފްގެ ފަރާތުންވެސް އެކަހަލަ ކިތަންމެ އިޝާރާތެއްވިއެވެ. ޔަޝްމީއަށް ނާއިފްގެ މޫނަށް ބަލައިލެވުނެވެ. ނާއިފް އެހުރީ އޭނާގެ ކުރިމަތީގައެވެ. ނަމަވެސް ކުރިން ކުރެވުނު ކަހަލަ އެއްވެސް އިޙްސާސެއް ޔަޝްމީއަކަށް ނުކުރެވެއެވެ. މިއަދު ނާއިފް ފެނުމުން ވަކި ޚާއްސަ ގޮތެއް ނެތެވެ. ލަދެއް ނުގަނެއެވެ. ވާހަކަ ދައްކާހިތެއް ނެތެވެ. އެހެންކަމުން ޔަޝްމީގެ ހިތުގައި މިހާރު ނާއިފްއާމެދު އެއްވެސް އެއްޗެއް ނެތްކަން ޔަޝްމީއަށް ޔަޤީން ކުރެވުނެވެ.

" ނޫން.. ހީވާ ހީވުމަކަށް މުޅި ޢުމުރު ހުސްކޮށްނުލާ ނާއިފް! ދިރިއުޅުމުގައި އެސްފިޔަ ޖަހާލާހާ އަވަހަށްވެސް ކަންތައްތައް ބަދަލުވެދާނެ! އަހަރެންގެ ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ! ނާއިފް! އަހަންނަށްޓަކައި އިތުރަށް އިންތިޒާރު ނުކުރޭ! މިހާރު އަހަންނަކީ މީހެއްގެ އަނތްބެއް"

މަޑުމަޑުން ޔަޝްމީ ވާހަކަ ދައްކަމުން ދިޔައެވެ. ޔަޝްމީގެ ވާހަކަތަކުން ނާއިފްގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ.

" އެނގޭ! ހުރިހާ އެއްޗެއްވެސް އެނގޭ! މުއްސަނދި ފައިސާވެރިޔަކު ކައިވެންޏަށް އެދިއެދި ހުއްޓާ ކާކުދޯ އަހަރެން ކަހަލަ ނިކަމެއްޗެއްގެ ލޯބި ޤަބޫލު ކުރާނީ؟ "

ނާއިފްގެ ޖުމްލަ އަޑު އިވުމާއެކު ޔަޝްމީ ކޮޅަށް ތެދުވިއެވެ. އަދި ހިތްހަމަ ނުޖެހޭ ފަދަ ގޮތަަކަށް ނާއިފްއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.

" ނާއިފްއަށް ތިހުރީ ވަރަށް ބޮޑަށް އޮޅިފައި! ހާރޫން ކައިވެންޏަށް އެދިގެން އަހަރެން އާނއެކޭ ބުނީ އޭނާގެ މުއްސަނދިކަން ފެނިގެންނެއްނޫން... އަހަންނަކަށް ހިއެއްނުވެ އިތުރަށް އޮޅުން ފިލުވައިދޭންޖެހޭނެ އެއްޗެއް ދެން އޮންނާނެހެންނެއް"

އެހެން ބުނުމަށްފަހު ޔަޝްމީ ގައިގައި ހުރި ބާރެއްލައިފައި ދުރަށް ހިނގައިގަތެވެ. އެމަންޒަރު ބަލަން ނާއިފްއަށް ހުރެވުނީ ބަސްހުއްޓިފައެވެ. ކުޑައިރުއްސުރެން ހިތުގައި ފޮރުވައިގެން އުޅުނު ލޯބި އޭނާއަށް ދުވަހަކުވެސް ލިބެން ނެތްކަން ޔަޤީން ކުރެވުނެވެ. ނަމަވެސް އޭނާ އުއްމީދު ކަނޑައެއް ނުލައެވެ. ޔަޝްމީ ޙާޞިލް ކުރާނެ ކަމުގެ އުއްމީދު ފަނޑުކޮށެއް ނުލައެވެ.

***

ޝަހާނާ، އޭނާގެ މަންމަގެ ގެއިން އައިސް، ގެއަށް ވަނެވެ. އޭރު ފާއިޒާމެންގެ ކޮޓަރި ދޮރު ކައިރީ ފައިވާން ގިނަ ކަމުން އޭނާ ގޮސް ފުރަތަމަ ވަނީ އެކޮޓަރިއަށެވެ. އެއާއިއެކު އެނދުމަތީގައި ދެލޯ މެރިފައި އޮތް ފާއިޒާ ފެނުނެވެ. ފާއިޒާގެ މަގަތުގައި އިށީނދެލައިގެން އިން ޔަޝްމީ އިނީ ރޮވިފައެވެ. ޔަޝްމީގެ ގައިގައި އަތް ޖައްސާލައިގެން ބައްޕަ ހުރި އިރު ފައިލާ ކޮޅުގައި އިށީނދެގެން ޖާވިދްވެސް އިނީ އިސްޖަހާލައިގެންނެވެ. އެނދު ބިއްދޮށުގައި ހުއްޓި ހުރި ނަރުސް ކުއްޖާ އޭރުވެސް ފާއިޒާގެ ލޭގެ ޕްރެޝަރ ޗެކް ކުރުމުގައި އުޅެއެވެ. އެތެރެއަށްވަދެ ދޮރު ލައްޕާލުމާއެކު އެންމެންނަށްވެސް ޝަހާނާއާ ދިމާލަށް ބަލައިލެވުނެވެ. އޭރު އޭނާގެ މޫނުމަތީގައިވެސްވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

" މަންމައަށް ކިހިނެއްވީ ޖާވިދް؟ "

މަޑުމަޑުން އައިސް ޝަހާނާ ހުއްޓުނީ ޖާވިދްގެ ކުރިމަތީގައެވެ. އެއާއިއެކު ޖާވިދަށް އަނެއްކާވެސް ފާއިޒާއަށް ބަލައިލެވުނެވެ.

" މިހާރު ރަނގަޅު! އެކަމަކު އަހަންނަށް ފެނޭ ޑޮކްޓަރަށް ދައްކާލަން ދާން.. މޫނުމައްޗަށް އަނދިރިވެ ބޮލަށް އެނބުރުން އަރަންޏާ ވާނެ ދައްކާލަން.. ވަރަށް ރޯގާވެސް އެބައުޅޭ"

ނަރުސް ކުއްޖާ އެހެން ބުނުމުން ޝާކިރު ބޯ ޖަހާލިއެވެ. އެއީ ޝާކިރުގެ ތިމާގެ ކުއްޖެއްކަމުން ޝާކިރުގެ އެދުމަށް އޭނާ އެގެއަށް އައިސްދިނީއެވެ. އޭނާ ދިޔުމާއިއެކު ޖާވިދް ޝަހާނާއަށް ބަލައިލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" މަންމަ އަނބުރައިގަތީ. ނަސީބެއް ނުވެއްޓުނުކަން.. އަހަންނާ ބައްޕަ ވެގެން އަތުލަފިކޮށްގެން މި ގެނައީ.."

" އެހެންތަ؟ މަންމަ އަރާމުކޮށްލަން ބާއްވާލާ! މަންމަ ހޭލަން ވާއިރަށް އަހަރެން މި އަންނަނީ ބަތްޕެންކޮޅެއް ކައްކާލައިގެން"

އެހެން ބުނުމަށްފަހު ޝަހާނާ އިތުރަށް މަޑުނުކޮށް ނިކުތެވެ. އެންމެން ދެރަވެފައި ތިބުމުން އޭރު އޭނާވެސް ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. ޝަހާނާ ނިކުމެގެން ދިޔުމާއެކު ޝާކިރު ވާހަަ ދައްކަން ފެށިއެވެ.

" ތި ދެކުދިންނަށް ނޭނގުނަސް މަންމައަކީ ވަރަށް ބަލި މީހެއް.. ތިކުދިން ކުޑަކުއިރު މަންމަ ބުރަކޮށް މަސްކައްކާ އުޅެން ފެށި ގޮތަށް އަދިވެސް އެކަންކުރުމުގައި... އެހެންވެ ކިރިޔާ ބައްޔެއްވިޔަސް ހަށިގަނޑުގައި ވަރަށް ވޭން އަޅާނެ. އަސްލު މަންމަ ވަރަށް ދެރަވޭ ޔަޝްމީ މަންމަ ކައިރީ ނުހުންނާތީވެ.."

" އަހަރެން މަންމަގާތު މަޑުކޮށްފާނަން"

ދެރަވެލާފައި ޔަޝްމީ ބުންޏެވެ.

" ނޫނޭ ނޫނޭ! ކޮންމެ އަންހެން ކުއްޖަކުވެސް އުޅެންވާނީ ފިރިމީހާ ދައްކާ ތަނެއްގައި. ބައްޕަމެން ބޭނުމެއް ނޫން ގަދަކަމުން ދަރިފުޅު ގެންނާކަށް. ދަރިފުޅުގެ އުފަލަކީ ހަމަ ބައްޕަމެންގެވެސް އުފާ.."

ޝާކިރު އެހެން ބުނުމުން ޔަޝްމީ އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ. ފާއިޒާގެ މޫނަށް ބަލަހައްޓައިގެން އޭނާ އިނީއެވެ.

***

ކެކެމުންދާ ބަތްޕެން ތެއްޔަށް ބަލަހައްޓައިގެން އުނދުން ކައިރީ ހުރި ޝަހާނާގެ މޫނުމަތީގެ ކުލަވަރު މިހާރު މުޅިން ބަދަލު ވެއްޖެއެވެ. އޭނާގެ ސިކުނޑިއަށް މުޅިން އާ ޚިޔާލުތަކެއް ވެރިވާން ފަށައިފިއެވެ. އެހިނދު އޭނާއަށް ތުންފަތުގައި ދައިގަނެވުނެވެ. ސިކުނޑީގައި ރާވަމުންދާ ރޭވުންތަކާއި އެއްވަރަކަށް އޭނާގެ މޫނުމައްޗަށް އަރާފައިބަމުންދާ އަސަރުތައްވެސް ބަދަލުވެގެންދެއެވެ. ހެވިފައި ހުރެ އުނދުން ނިއްވާލުމަށްފަހު، ތެލީގައި މައްޗެއް ޖަހާލީވެސް އުފާވެރި ހިނިތުންވުމެއްގައި ހުރެއެވެ. އެހެން ހުރެ އޭނާ ބޭރަށް ނިކުތް އިރު ބޭރު ޖޯލީގައި ޖާވިދް އޮތްތަން ފެނި، ފޫހިކަމާއިއެކު އެދިމާލަށް ހިނގައިގަތެވެ. އޭނާ ދިޔަގޮތަށް ގޮސް ޖޯލީގައި އިށީނދެ ޖާވިދަށް ބަލައިލިއެވެ.

" އަހަރެން ވާހަކައެއް ބުނަންތަ؟ "

ޝައުޤުވެރިކަމާއެކު ޝަހާނާ އެހެން އަހާލުމުން ޖާވިދް ބޯޖަހާލިއެވެ. އަދިވެސް ޖާވިދް އިނީ ވަރަށް ދެރަވެފައިކަން ޝަހާނާއަށް އެނގެއެވެ. ނަމަވެސް އެކަމާ އޭނާގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ.

" އަހަރެން ބޭނުން ޑޮކްޓަރަށް ދައްކާލަން"

ޝަހާނާ އެހެން ބުނުމުން ޖާވިދް ޝަހާނާއަށް ބަލައިލީ ހައިރާންކަމާއެކު ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

" އިހަށް ދުވަހެއްނު އަދި މާލޭން ތިއައީ؟ "

" އަހަރެން ބޭނުން ހަމުގެ ޑޮކްޓަރަކަށް ދައްކަން.. މިހާރަކަށް އައިސް އޯމޮލުގައި އަތްހާކަން ފެށީމަ އަތް ހަލާކުވަނީ.. ރަށަށް އައިފަހުން އަހަރެންގެ އަތަށް ވެފައިވާވަރު ފެނެއެއްނު ޖާވިދަށްވެސް. އެކަމަކު އަހަރެން ބައްޔެއްވިއްޔާ އެކަމާ ދެރައެއްނުވާނެ"

ޅަވެލާފައި ޝަހާނާ އެހެން ބުނަމުން އަނެއް ފަރާތަށް އެނބުރުނެވެ. ޖާވިދް ވަގުތުން ޝަހާނާގެ އަތުގައި ހިފާލިއެވެ.

" ނޫނޭ! ދެރަވާތީއެއްނު މާލެވެސް މި ފޮނުވީ.. ޝަހާ ވިސްނައިނުލާ ބުނެލާ އެއްޗެހިން އަހަރެން ވަރަށް ދެރަވޭ! އަހަރެން މިހާ ލޯބިވާއިރުވެސް ޝަހާ ހިތަށް އައިހާ އެއްޗެއް ގޮވާލާތީވެ މިހާރު ބައެއް ފަހަރު ދިރިއުޅުންމަތިން ފޫހިވެސްވޭ"

ޖާވިދް ބުންޏެވެ. އެއީ މީގެ ކުރިން ޖާވިދްވެސް ވާހަކަ ދެއްކި ގޮތެއް ނޫނެވެ. އެހެންކަމުން ޝަހާނާ ބޭނުންވީ އިތުރަށް ޖާވިދްގެ ސިކުނޑިއަށް ބަރުކުރާށެވެ.

" އަހަރެންވެސް މިހުންނަނީ ދިރިއުޅުންމަތިން ވަރަށް ފޫހިވެފައި.. ކައިވެނިކޮށްގެން މިގެއަށް ވެއްދި ގޮތަށް މިތާ ތަންހަރު ވެފައި މި ހުންނަން ޖެހެނީ. ޗުއްޓީއަކަށް ތާކަށް ގޮސްލަންވެސް ޖާވިދަށް ވަގުތު ނުވެ. ޗުއްޓީ ލިބުނަސް ޗުއްޓީ ނުނަގާ ފަސްކުރަނީ އަބަދު"

ޝަހާނާ އެހެން ބުނުމުން ޖާވިދަށް އިސްޖަހާލެވުނެވެ.

" އަހަންނަށް ވާވަރު އެނގޭނީ އަހަންނަކަށްނު.. އަހަރެން ބޭނުން ހަމުގެ މީހަކަށް ދައްކަން މާލެދާން."

ވަގުތުގެ ބޭނުން ހިފައި ޝަހާނާ ބުންޏެވެ. އެއާއިއެކު ޖާވިދް ސިހިފައި ޝަހާނާގެ މޫނަށް ބަލައިލިއެވެ.

" ޔަޝްމީވެސް އެހުރީ ރަށުގައެއްނު.. ދެން ގޮއްސަ އެގޭގައި ހުންނާނީ ކިހިނެއް؟ "

" ޔަޝްމީ މިތަނުގައި ހުއްޓަސް އަހަންނަށް ގޮސް އެގޭގައި ހުރެވިދާނެއެއްނު.. އޭރުވެސް އަހަރެން ޑޮކްޓަރަށް ގެންދިޔައީ ޔަޝްމީއެއް ނޫނޭ.. ކައްކާ ކާން ދިނީ ޔަޝްމީއެއް ނޫނޭ.."

ޝަހާނާ ރުޅި އައިސް އިނދެ ބުންޏެވެ. ނަމަވެސް ޖާވިދަށް އެގޮތް ޤަބޫލެއް ނުކުރެވުނެވެ.

" ރަނގަޅޭ! ތިކަން އަހަންނަށްވެސް އެނގެޔޭ! އެކަމަކު.. ކޮއްކޮ އެތަނުގައި ނެތިއްޔާ ހާރޫންއަށް އުނދަގޫވާނެދޯ! ޝަހާއަށް އެނގެއެއްނު އަހަންނަށް އަވަހަށް ޗުއްޓީ ނުލިބޭނެކަން. ދެން ކޮންމެ ފަހަރަކު ޝަހާ އެކަނި ފޮނުވާހިތެއްނުވޭ"

ޖާވިދްގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ޝަހާނާގެ ލޭ ކެކެމުންދާ ކަހަލައެވެ. އޭނާ އިރުއިރުކޮޅުން ބޯ ހޫރާލާ، ތުންތަޅުވާލައެވެ.

" ދެން މިހާރު އަހަންނަށް އެނގޭނެޔޭ ޑޮކްޓަރަށް ދައްކަންދާންވެސް. އަހަރެން މިއީ ތަންދޮރު ނޭނގޭ ކުޑަކުއްޖެއް ނޫނޭ.. ގެއަށް ކާއެއްޗެހި ހާރޫން ނުގެނަޔަކަސް އަހަންނަށްވެސް އޯޑަރުކޮށްގެން ގެނެވޭނެ އެއްޗެހި.. "

ޔަޝްމީ ގޮތްދޫ ނުކުރުމުން އިތުރަށް ޒުވާބުކުރަން ޖާވިދް ބޭނުމެއް ނުވިއެވެ. ޖާވިދް އެއްޗެއް ބުނޭތޯ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާވެސް ޝަހާނާ ފެށިއެވެ.

" ހާރޫން ފިޔަވާ އިތުރު މީހަކު އެގޭގައި އުޅޭނީއެއްނޫން... އޭނަވެސް ގިނަ ފަހަރު އުޅެނީ ބޭރުގައި.. "

ޝަހާނާ އެހެން ބުނުމުން ޖާވިދް ޝަހާނާގެ މޫނަށް ބަލައިލިއެވެ. އޭރުވެސް ޝަހާނާ އިނީ މޫނު ހަދައިގެން ރުޅި އައިސްފައެވެ.

" އެކަމަކުވެސް ކޮއްކޮ ނެތިސް ޝަހާ އެކަނި ދާކަށް އަހަންނަކަށް ނުފެނޭ! "

އެހެން ބުނުމަށްފަހު ޖާވިދް ބާރުބާރަށް ތެދުވެގެން ހިނގައިގަތެވެ. އެއާއިއެކު ގެއިން ނިކުމެގެން ޖޯއްޔާއި ދިމާލަށް ޔަޝްމީ އާދެއެވެ. ޔަޝްމީއަށްވެސް ބަލައިލުމެއްނެތި ޖާވިދް ދިޔަ ބާރުމިނުގައި ގޮސް ގެއަށް ވަނެވެ. ޔަޝްމީ އަންނަތަން ފެނުމުން ޝަހާނާ އިސްޖަހާލީ އޭނާގެ އިޙްސާސްތައް ޔަޝްމީއަށް އަންގައި ދިނުމަށްޓަކައެވެ. ކަންތައްވީވެސް އޭނާ ބޭނުންވިގޮތަށެވެ.

" ދައްތާ! ދޮންބެ ކީއްވެ އެހާ ރުޅި އައިސްގެން އެ ދިޔައީ؟ "

ހާސްވެފައި ހުރެ ޔަޝްމީ އެހިއެވެ. އެއާއެކު ޝަހާނާ ގަދަކަމުން ކަހަލަ ގޮތަކަށް ގިސްލާއަޑު ޔަޝްމީއަށް އިއްވާލިއެވެ. އެކަން ފާހަގަ ކުރެވުމާއެކު ޔަޝްމީ އަވަސް އަވަހަށް ޝަހާނާއާ ޖެހިގެން ހުރި ޖޯލީގައި އިށީނދެ އޭނާގެ ގައިގައި އަތް ޖައްސާލިއެވެ.

" ދައްތަ ރޮނީތަ؟ ކިހިނެއްވީތަ...ކުއްލިއަކަށް؟"

" ޔަޝްމީ ބަލައިލަބަލަ އަހަރެންގެ އަތް؟ މުޅި އަތް ހަލާކުވަނީ... ކޮންމެވެސް އެލަރޖިކްއެއް ވެގެން ހެން ހީވަނީ! މާލެއިން މިއައީ މިކަމަށް ފަރުވާ ނުހޯދާ! އޭރު ދެން ރަނގަޅަށް ހުރީމަ ހަނދާންނެތުނީ.. މިހާރު މިއޮތީ އަނެއްކާވެސް ހަމަ ފާރުވެފައި... މިތަން ދައްކަން މާލެދާން ބުނީމަ ދޮންބެ ރުޅިއައީ.. ޔަޝްމީ މިތާ ހުއްޓާ ނުދެވޭނެޔޯ ބުނީ"

ރޮއިރޮއިފައި ޝަހާނާ ވާހަކަ ދައްކަމުން ދިޔައެވެ. ކަންތައްވީގޮތް އޮޅުންފިލުމުން ޔަޝްމީ ވިސްނާލީ ދުރަށް ނަޒަރު ހިންގާލަމުންނެވެ.

" ދައްތާ! އެނގެއެއްނު އަހަންނާ ހާރޫން ދެން އިތުރަށް އެކުގައި ނޫޅޭނެކަން! އެހެންވީމަ އަހަންނަކަށް ދައްތަ އެގެއަށް ފޮނުވާކަށް ނުކެރޭނެ! އެހެން ނޫނަސް ހާރޫން މިހާރު ވީ ރާއްޖެއިން ބޭރުގައި"

ޔަޝްމީ މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ވީ ފޫހިން ޝަހާނާ ރުޅިގަނޑު ކެކިގަތެވެ. ނަމަވެސް ޔަޝްމީގެ ކުރިމަތީގައި އެ ރުޅިގަނޑު ދައްކަން ބޭނުން ނުވާތީ އޭނާ ހިމޭނުން އިނީއެވެ.

" ދައްތައަށް ފޯމުވެސް ފެނުނެއްނު! އޭނަ ބޭރުން އައިސް އެ ފޯމު ލާނަމޯ ބުނީ! "

ޔަޝްމީ ދެރަވެލާފައި ބުންޏެވެ. ނަމަވެސް އެކަމުގެ ޙަޤީޤަތް އެންމެ ރަނގަޅަށް އެނގެނީ ޝަހާނާއަށެވެ. ހާރޫން އޮތީ އޭނާ ޚިޔާލު ކުރާގޮތް ޝަހާނާގާތު ބުނެފައެވެ. އެހެންކަމުން ހާރޫން ޔަޝްމީ ބަލައި އައުމުގެ ކުރިން، ހާރޫން ގާތަށް ދިޔުމަކީ ޝަހާނާ ކޮންމެހެންވެސް ކުރަން ބޭނުންވާ ކަމެކެވެ.

" ހާރޫންއަކީ އެހާ ގޯސް މީހެއްނޫން. ޑޮކްޓަރަށް ދައްކާލަން ގޮސް އެގޭގައި ހުރެވިދާނެތޯ އަހާލިއްޔާ އޭނަ ނޫނެކޭ ނުބުނާނެ! ތިބުނީއެއްނު އޭނައެއްވެސް ނެތޭ! "

ޔަޝްމީގެ ވާހަކަތައްވެސް ޝަހާނާ ޤަބޫލެއް ނުކުރިއެވެ. ކޮންމެ ގޮތެއް ހަދައިގެންވެސް ޝަހާނާ ބޭނުންވަނީ މާލެ ދާށެވެ.

" ދެން.. އެހެންވިއްޔާ އަހަރެން ދޮންބެ ގާތު ތިވާހަކަ ދައްކާފައި ގޮތެއް ހެދޭތޯ ބަލާނަން"

ޔަޝްމީގެ ވާހަކައިން ޝަހާނާގެ މޫނުމައްޗަށް ހިނިތުންވުން ވެރިކުރުވިއެވެ. ޔަޝްމީ އެނބުރި ގެއަށް ވަންނަން ދިޔުމުން ޝަހާނާ ތެދުވެ ބޭރަށް ހިނގައިގަތެވެ. އަވަސް ފިޔަވަޅުތަކާއެކު އޭނާ ގޮސްވަނީ ނާއިފް އުޅޭ ފިހާރައަށެވެ. ނަސީބު ދިމާކުރިގޮތުން އެ ވަގުތަކީ އަޞްރު ނަމާދަށް ބަންދުކުރާ ވަގުތެވެ. އެހެންކަމުން އެ ގަޑީގައި ފިހާރައިގައި ހުރީވެސް ނާއިފް އެކަންޏެވެ. ޝަހާނާ ފެނުމުން އޭނާ ކައުންޓަރު ކައިރި މަޑުކޮށްލީ އެއްޗެއް ނަގަން އުޅެނީ ކަމަށެވެ.

" އަހަރެން މިއައީ އެއްޗެއް ގަންނާކަށް ނޫނޭ! ނާއިފްގާތު ވަރަށް މުޙިއްމު ވާހަކައެއް ދައްކަން މިއައީ"

ޝަހާނާ އެހެން ބުނުމުން އޭނާ ދައްކާނީ ޔަޝްމީގެ ވާހަކައެއްކަން ނާއިފްއަށް ޔަޤީންކުރެވުނެވެ. އެހެންކަމުން ނާއިފް ނުހަނު ޝައުޤުވެރިވިއެވެ.

" އެއްވެސް މީހަކަށް ނޭނގޭ ސިއްރެއް ބުނަން މިއުޅެނީ! ފުރަތަމަ ނާއިފް ވަޢުދުވޭ ސިއްރުކޮށްދޭނެކަމަށް.."

ޝަހާނާ ސިއްރު އަޑަކުން ބުންޏެވެ. އެހިނދު ނާއިފް ބޯ ޖަހާލީ އެވާހަކަ އަޑުއަހާ ހިތުން ކެތްމަދުވެ ހުރެއެވެ.

" ހާރޫން ވަރަށް އަވަހަށް ޔަޝްމީ މިރަށުން ގެންދާނެ! "

" ކީކޭ؟ ކީކޭ؟ "

ޝަހާނާގެ ޖުމްލައިން ނާއިފް ދިޔައީ ސިހިގެންނެވެ. އެހިނދު ނާއިފްގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލި، މީހާ ހާސްވެސް ވެއްޖެއެވެ.

" އަދި ވަގުތު އެބަ އޮތް! ޔަޝްމީ ލަންބުވާލާ!"

ޝަހާނާ ދެބުމަ ހިއްލާލަމުން ބުނެލިއެވެ. ނަމަވެސް އޭރު ނާއިފްގެ މޫނުމަތީގައި ހައިރާންކަން އެކުލެވިފައިވާތަން ޝަހާނާއަށް ފެނުނެވެ.

" ނާއިފް ތިހާ ހައިރާން ވާކަށް ނުޖެހެޔޭ! އަހަރެންވެސް ބޭނުންވަނީ ޔަޝްމީ ރަށުގައި ހުންނަން.. ރަށު ކުއްޖަކާ އިންނަން.. އަދި ނާއިފްއަކީ އަބަދުވެސް ޔަޝްމީދެކެ ލޯބިވާ ކުއްޖެއްކަން އަހަންނަށް އެނގޭ! ބޮޑު ފިރެހެނަކާ އިނދެގެން ގޮސް ޔަޝްމީއަށް ކޮން އުފަލެއް ލިބޭނީ؟ އެހެންވެ ހާރޫން އޭނަ ބަލައި އައުމުގެ ކުރިން ކޮންމެވެސް ގޮތެއް ހަދައިގެންވެސް ޔަޝްމީގެ ހިތް އަތުލަބަލަ! "

ކައުންޓަރުގައި ލެނގިލައިގެން ހުރެ ޔަޝްމީ ބުންޏެވެ. އެހިނދު ނާއިފް ބުނެލިއެވެ.

" ރަނގަޅު އިސްތިރިއެއް ހަދަންވީތަ؟"

ނާއިފް އެހެން ބުނުމުން ޝަހާނާގެ މޫނުމައްޗަށް ވެރިވި އުފާވެރިކަންފެނި އެއީ އޭނާވެސް އެދޭ ގޮތްކަން ނާއިފްއަށް އެނގުނެވެ.

" އެނގޭތަ އެކަން ކުރާ މީހެއް؟"

ހީވާ ގޮތުން ޝަހާނާވެސް ހުރީ އެގޮތް ބޭނުން ވެެފައެވެ.

( ނުނިމޭ )

މިވާހަކަ ގެނެސްދެނީ ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހަށެވެ.

(ނިމުނީ)