ހަނޑޫ، ހަކުރު އަދި ފުށާއި އެހެނިހެން ކާބޯތަކެއްޗަކީ އިންސާނުންގެ ކާނާ އެވެ. ޕެނަޑޯލް، ސިޓްރިޒަން، ޕެންޓާޒް އަދި އެހެނިހެން މިފަދަ އެއްޗެއްސަކީ އިންސާނުން ބަލިވުމުން ބޭނުންކުރާ ބޭހެވެ. ހަންގަނޑުގެ މައްސަލަ ނުވަތަ ލޮލުގެ މައްސަލަތަކަށް ދޭ ވިޓަމިން ފަދަ ތަކެއްޗަކީ ވެސް ބޭހެވެ.
އެހެންކަމުން ހަށިގަނޑުގައި ވަރުޖައްސައި ހަތަކަ ލިބިދީ ހަށިގަނޑުގެ ބައިތައް ރަނގަޅަށް މަސައްކަތްކުރުމަށް ވަކި ގަޑިތަކެއްގައި ކައިބޮއެ ހަދާ ތަކެއްޗަކީ ކާނާ އެވެ. އެހެން އުޅެމުން ދަނިކޮށް ބަލިވުމުން ބޭނުންކުރަނީ ބޭހެވެ.
މި ބީދައިން ގަސްގަހާ ގެއްސަށްވެސް ކާނާ އަދި ބޭސް ވެސް ބޭނުންވެއެވެ. ގަސްގަހާގެހި ކާނާ ނަގަނީ ފަސްގަނޑުންނެވެ. ގަސްގަހާގެހި އިރުގެ ހަކަތައިންނާއި ފެނުން އެ ކާނާތައް ބޭނުންކުރެވޭ ގޮތް ހަދައެވެ. ނަމަވެސް ރާއްޖެ ފަދަ ގައުމުތަކުގައި ފަސްގަނޑުގެ މުއްސަނދިކަން ކުޑަކަމުން ފަސްގަނޑަށް ގަސްކާނާ ދޭންޖެހޭ ޙާލަތު އާދެއެވެ. އޭގެ ބަދަލުގައި ގަހުގެ ފަތްތަކުގެ ޒަރީޢާއިން ވެސް ބައެއް ކާނާ ދެވެއެވެ. މިއާ ޚިލާފަށް މާޙައުލުގައި އުޅޭ ލޮލަށް ނުފެންނަ މަޚުލޫޤުންނާއި ލޮލަށް ފެންނަ ވަރުގެ ސޫފި އަދި ފަނި ފަދަ މަޚްލޫޤުން ގަހަށް ބަލިޖައްސައެވެ. ބަލި ޖެހުމުން ޖަހާނީ ބޭހެވެ.
ގަހަށް ބޭނުންވާ ކާނާގައި އެކުލެވޭ މާއްދާތަކަށް އުންސުރޭ ނުވަތަ ކަނާދޭ ކިޔެއެވެ. އަދި 3 ގިންތިއަކަށް މި ކަނާދުތައް ގިންތިކުރެވިފައި ހުރެއެވެ. އެގޮތަކީ ގަހަށް ބޭނުންވާ މައިގަނޑު ކަނާދުތަކަށް މާކަނާދު ކިޔެއެވެ. އެއީ ނައިޓްރޯޖަން، ފޮސްފޯރަސް އަދި ކޭލިޔަމެވެ. މި ކޭލިޔަމަށް ޕޮޓޭސިއަމް އޭ ކިޔައިއުޅެއެވެ. އެން.ޕީ.ކޭ އަކީ މިއީއެވެ. ދެން ހުންނަނީ ގަހަށް މަދުންބޭނުންވާ ލީކަނާދުތަކާއި 'ޓްރޭސް އެލިމަންޓްސް' އެވެ. މި މަޢުޟޫގައި ވަރަށް ތިލަ އިބާރާތުން ޑރ. ޙަސަން ޙަމީދު ވަރަށް ފުރިހަމަ ލިޔުއްވުމެއް ލިޔުއްވާފައި ވެއެވެ.
މި ވާހަކަކޮޅު މި ގެނެސްދެނީ ކާނާއާއި ބޭސް އޮޅުންއަރާ ފަރާތްތަކަށެވެ. 12.11.18 ފަދަ ނަންބަރުތައް ދީގެން އެން.ޕީ.ކޭ ރޭޝިއޯ ލިޔެފައި ހުންނަ ގަސްކާނާއަށް ބޭހޭ ކިޔައި އުޅޭތީ އެވެ.
މިގޮތަށް ގަސްކާނާއަށް ބޭހޭ ކިޔައިއުޅުން މައްސަލައަކަށް ވާ ހިސާބު ދެން ދަންނަވާލާނަމެވެ. ސޫފި މަރައިގެން ގުރުނޑު ރަނގަޅުކުރަން ނުވަތަ ކޫޑިއަށް ޖަހައި އުޅޭ ބޭސްތައް ދަނޑުވެރިން ބޭނުންކޮށްއުޅެއެވެ. ފްލޯރަލް 20.20.20 ފަދަ ގަސްކާނާ ވެސް އެމީހުން ގެންގުޅެއެވެ. އާއްމުކޮށް ބޭސްތަކަކީ ކެމިކަލްގެ ގޮތުން ވިހަ އަދި އިންސާނުންނަށްވެސް ގެއްލުންވާ ވިހަތަކެއްޗެވެ. ތައްޔާރީ ކާނާތަކަކީ ވެސް ކެމިކަލް އެކުލެވޭ އެއްޗެއްސެވެ.
މައްސަލައަކީ މިފަދަ ގަސްކާނާތަކާއި ބޭހާ ދެމެދު ދަނޑުވެރީންނަށް ފަރަޤުނުކުރެވުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބާރުގަދަ ވިހަ ބޭސްތައް ރައްކާކުރުމާއި ގެންގުމާއި ބޭނުންކުރުމުގައި ގަސްކާނާއެކޭ އެއްގޮތަށް ދެކި އެތަކެތީގެ ގެއްލުން އަމިއްލަައަށް ވިސްނައިނުލުމެވެ. އަދި ބޭސް ޖެހުމަށްފަހު ދޫކުރަން ޖެހޭ މުއްދަތު ދޫނުކޮށް ތަކެތި ކަނޑައިގެން ބާޒާރަށް ގެންދިޔުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!