ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތަކަށް ހާއްސަ ސެންޓަރުތަކެއް ގާއިމް ކުރުމަށް ނިންމައިފިއެވެ.
ބޭންކުގެ ހިދުމަތްތަކަށް މިފަދަ ބޮޑު ބަދަލެއް ގެންނަން ނިންމާފައިވަނީ ބޭންކުގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ދިނުމަށާއި ބައިނަލް އަގްވާމީ ފެންވަރުގެ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
އެގޮތުން ގެނެވުނު ބަދަލާއި އެކު އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކައުންޓު ހުޅުވުމަށް ހާއްސަ ސެންޓަރަކާއި ލޯން ސެންޓަރެއް ހުޅުުވުމަށް ނިންމާފައިވާ ކަމަށާއި މި ސެންޓަރުތައް މެދުވެރިކޮށް ޕާސަނަލް ބޭންކިން ކަސްޓަމަރުންނަށް އެކައުންޓް ހުޅުވުމާއި ލޯނަަށް އެދި ހުށަހެޅޭނެ ކަމަށް ބޭންކުން ބުންޏެވެ.
މީގެ އިތުރުން މަޖީދީ މަގުގައި ޑިޖިޓަލް ބްރާންޗެއް ހުޅުވާނެ ކަމަށާއި މި ސެންޓަރު ވެގެންދާނީ އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިންގ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ސެންޓަރަކަށް ކަމަށް ބޭންކުން ވަނީ ބުނެފައެވެ. މި ބަދަލާއެކު، މިހާރު ހިދުމަތް ދެމުން އަންނަ މަޖީދީ މަގު ބްރާންޗުން ދެމުން އަންނަ ހިދުމަތް އަންނަ އަހަރުގެ ފެބްރުއަރީ ދެވަނަ ދުވަހުން ފެށިގެން ހުއްޓާލާނެކަމަށްވެސް ބޭންކުން މައުލޫމާތުދެއެވެ.
މި ބަދަލުތަކާ ގުޅޭ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބޭންކުން ހުޅުވުމަށް ކަނޑައަޅާފައިވާ އާ އެކައުންޓް އޯޕަނިން ސެންޓަރާއި ލޯން ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފުރިހަމަ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
އަދި ޑިޖިޓަލް ބްރާންޗާއެކު ކަސްޓަމަރުންގެ ބޭންކިން ތަޖުރިބާ އަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ޓިމް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!