ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ބުނީ ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ ހުރުހައި ކުދިންނަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި 100 ކުދިން ހަމަވާ ނަމަ، ރާއްޖެެއިން ބޭރުގެ ކޯޗަކާއި ރާއްޖޭގެ ދެ ކޯޗުންނާއެކު މި އެކަޑަމީ ފެށުމަށް ނިންމާފައިވަނީ މާރޗު މަހު ކަމަށެވެ.
މިއީ ގްރޭޑް 1 ން 10 ގެ ދަރިވަރުންނަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށް ވެސް އެ ކުލަބުން ބުނެއެވެ.
އެކަޑެމީ ހިންގަން ފެށުމުގެ ކުރިއަށް، އެކަޑެމީ އަށް ބޭނުންވާ ހުރިހާ ސާމާނު، އެކަޑެމީގެ ފަރާތުން ފޯރުކޮއްދިނުމަށް ނިންމާފައިވާއިރު، އެކަޑަމީގައި ބައިވެރިވާ ކުދިންއަތުން ނެގުމަށް ހަމަޖެހިފައިވަނީ މަހަކު -/300 ރުފިޔާއެވެ. އެޕްލިކޭޝަން ފޯމާއިއެކު، އަލަށް ވަންނަ ކުއްޖެއްގެ އަތުން، އެކަޑެމީ ކިޓް ފީގެ ގޮތުގައި، -/300 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ނިއުރޭޑިއަންޓްގެ ފުޓްބޯޅަ އެކަޑަމީއެއް ހއ. ބާރަށް، ހަނިމާދޫ އަދި ނޮޅިވަރަމުގައި ވެސް ހިންގަން ނިންމައި މިހާރު ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!