ތިން ރަށެއްގެ ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފި އެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ ތ. ކިނބިދޫ، ލ. ދަނބިދޫ، މ. މުލަކުގައި ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފަައިވަނީ ލައިކޯ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

Ad
rt

މި މަސައްކަތްތައް ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާފައިވާއިރު، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރު އެވެ. ލައިކޯ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ޢަލީ ރަމީޒެވެ.

މި ތިން މަޝްރޫއުގެ އަގަކީ ޖުމްލަ 11،569،542.75 ރުފިޔާ އެވެ.

އެގޮތުން މުލައް ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތަށް 3،941،545.56 ރުފިޔާ ހަރަދުވާއިރު، ދަނބިދޫ ގެ މަސައްކަތުގެ އަގަކީ 4،200،495.56 ރުފިޔާ އެވެ. އަދި ކިނބިދޫ ގެ މަސައްކަތުގެ އަގަކީ 3،427،501.26 ރުފިޔާ އެވެ.

މިނިސްޓްރީން ލަފާކުރައްވާފައިވަނީ މި މަސައްކަތް ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މި ތިން މަޝްރޫއު ނިންމާލެވޭނެ ކަމަށެވެ.

އެ މަޝްރޫއު ނިމުމުން، ދިއްގަރު ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒުގައި ކުނި ވަކިކޮށް، އަލުންބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ކަނޑައެޅިފައިވާ ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވި އެވެ.

އެހެންވެ، މިއަދު ސޮއި ކުރެވުނު ތިން ރަށުގެ ކުނި މެނޭޖުކުރާ ނިޒާމް ހަރުދަނާ ކުރުމަށް މި މަޝްރޫއު ބޮޑު ބާރަކަށް ވެގެންދާއިރު، މި ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒާއެކު އެރަށުގައި ކުނި އެންދުމާއި، ކުނި މާ ގިނައިން ރަށުގައި ޖަމާވެ ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާ އިން ވިދާޅުވީ ރަށު ފެންވަރުގައި އެފަދަ މަރުކަޒެއް ގާއިމުވުމުން ސިއްހަތަށާއި ތިމާވެއްޓަށް ގިނަ ފައިދާތަކެއް ލިބިދިނުމުގެ އިތުރުން އިގްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން ޤާއިމުކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭ މަރުކަޒެކެވެ.

މިގޮތުން އަލަށް ޑިޒައިން ކުރެވިފައިވާ މި މަރުކަޒުތަށް ޖާގައިގެ ގޮތުން ތަަނަވަސް ވެފައި މި މަރުކަޒުތައް ހިންގުމަށް ބޭނުންވާ އޮފީހެއްގެ އިތުރަށް، ފާޚާނާ، ސްޓޯރޭޖް، ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގަ، އަދި ނުރައްކާތެރި ކުނި ބެހެއްޓުމަށް ހާއްސަ ޖާގައެއް ހިމެނެއެވެ.

ހަމަ އެއާއެކު މި މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބަރުދަން ބެލުމަށް ވެއިންގ ސްކޭލް ވެސް އަވަސް މުސްތަޤުބަލެއްގައި ބެހެއްޓިގެންދާނެ އެވެ.

މި ދެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެއްޓާއި ބެހޭ ވުޒާރާއިން ޒޯން 2، 4 އަދި 5 ގައި ތަންފީޛު ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ނެވެ.