ބައެއް ފަހަރު ޕޮޓު ފަދަ އެއްޗެއްގައި ގަހެއް އިންދުމަށްފަހު ފަހުން އެ ގަސް ބިންމަތީގައި އިންދަން ބޭނުންވެއެވެ. މިގޮތަށް ގަސް ބަދަލުކުރާއިރު ގަސް މަރުވެދާނެ ކަމުގެ ބިރު އޮވެއެވެ.
ނަމަވެސް ފަރުވާތެރިކަމާއެކު ކަންކަން ކޮށްފިނަމަ ގަސް ކުޑަކޮށް މޯޅިވެލި ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގަސް ރީތިކޮށް ހެދެން ފަށައެވެ.
ޕޮޓުގައި ހުންނަ ގަސް ބިމަށް ބަދަލުކުރާނަމަ:
1. ވިއްސާރަ ނުވަތަ ފިނި ދުވަސްވަރެއްގައި ކުރާށެވެ.
2. އިންދާ ތަން ކަނޑައެޅުމަށްފަހު ހަތަރެސްކަން ނުވަތަ ވަށް ވަޅުގަނޑެއް ކޮންނާށެވެ.

- ގަހުގެ މޫތައް ހުންނާނެ ދުރުމިން ބަލައި، އެއަށްވުރެ 8 އިންޗި ވަރު އިތުރަށް ވަޅުގެ ފުޅާމިން ހުންނަން ވާނެއެވެ.
- ގަހުގެ ބުޑުން ފެށިގެން އެންމެ ދިގު މުލުގެ ތިރިއަށް
ހުންނަވަރު ބަލައި އެއަށްވުރެ ދެތިން އިންޗި ފުންމިނުގައި
ބަހައްޓާށެވެ.

3. އިންދަން ގަސްދުކުރާ ގަހުގެ ހިކި ފަތްތަކާއި މައުތައް ގަހުން ވަކިކޮށް، އިންދާފައި ހުރި އެތީގެ ފުލުން ނުކުމެފައި ހުރި މޫތަށް ކޮށާލާށެވެ.
4. ފަސްގަނޑު ތެތްމައިލުމަށް، އިންދާފައި ހުރި އެއްޗަށް ފެން އެޅުމަށްފަހު އިރުކޮޅަކު މަޑުކޮށްލާށެވެ.
5. ގަހުގެ ދެ ފަރާތަށް ދެ އިނގިލި ލެއްވުމަށްފަހު އިންދާފައި ހުރި އެތި އެކޮޅުކޮޅުން ޖަހައި ވީހާވެސް ބޮޑަޑް ފަސްގަނޑާއެކު ގަސް ނަގާށެވެ. ބޮޑެތި ގަސް ނަމަ އިންދާފައި ހުރި އެތި ހަތަރު ފަރާތުން ފަޅާލައިގެން ގަސް ނަގާށެވެ.

6. ގަސް އިންދައި ނިމުމުން ބިމުން ފެންނަން ހުންނަން ޖެހޭ ވަރުގެ އަންދާޒާއެއް ކޮށް، ވަޅުގެ އެންމެ ފުލަށް ރީތި ކަޅުފަސް ނުވަތަ ތައްޔާރުކުރި ފަސް އަޅާށެވެ.
7. އިންދާ ވަޅުގައި ގަސް ބެހެއްޓުމަށްފަހު ތައްޔާރުކުރި ފަސްކޮޅު ވަށައިގެން ހުރި ބަޔަށް އަދި ވަޅުގެ ނުފުރި ހުރި ބަޔަށް، ވަށައިގެން މަތި އެއްވަރު ވާނޭގޮތަށް އަޅައިލާށެވެ.
8. އަތުގެ އިނގިލިތަކުން ނުވަތަ ދަނޑިކޮޅަކުން ގަސް ހަރުލާވަރަށް ފަސްބާރުކޮށްލާށެވެ.

9. ގަހުގެ ގޮފިތައް އުފުއްލައިލާފައި ބަހައްޓަން ޖެހޭނަމަ 4 ކަނަށް 4 ދަނޑިޖަހައި ކޮންމެ ދެ ދަނޑިއެއްގައި ހުރަހަށް ދަނޑިއެއް އައްސައިލާ ދަނޑިން ވަށައިގެން ކޮށިގަނޑެއް އަޅައި ހުރަސް ދަނޑިމައްޗަށް ގޮފިތައް ނަގައި ހައްޔަރުކޮށްލާށެވެ. ނުވަތަ މައިކުރި އޮލަނބަށް ބަހައްޓަން ޖެހޭނަމަ ގަހުގެ ބުޑާ 2 އިންޗިއެއްހާ ދުރުމިނުގައި ދަނޑިއެއް ޖަހައި ގަސް އޮލަނބުކޮށްލުމަށް ދެތިން ތަނަކުން ފަހުން ހަލާކުވެގެން ދާފަދަ އެއްޗަކުން އައްސައިލާށެވެ.

10. ފަންހުނގުއްޔެއް ފަދަ އެއްޗެއް ޖަހައި ގަސް ހިޔާކޮށްލާށެވެ. ނުވަތަ ޕްލާސްޓިކް ކޮތަޅެއް ގަސް މަތިން އަޅައި އައްސައިލާށެވެ.

11. އިންދައި ނިމުމުން ބުޑަށް ފެންދޭށެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު 10 ގެ ކުރިން ފެންދެމުން ގެންދާށެވެ.

12. އިންދައި ނިމުމުން ފެންދޭއިރު، ގަސް ހާސްވުމުން ދުރުކޮށްދޭ ކާނާއެއް ނުވަތަ ވިޓަމިން ބީ ވަން ފަދަ މޫ ވަރުގަދަކޮށްދޭ ކާނާއެއް ފެނުގައި ގިރާފައި ގަސްބުޑަށް އެޅިދާނެއެވެ.

13. ގަހުގެ ފަތްތަކާއި ކުރިތަކަށް ދިރުން ލިބެން ފަށައިފިކަން ކަށަވަރު ވުމުން ފަންހުނގުލި ނުވަތަ ކޮތަޅު ނަގާށެވެ.
14. އޭގެ ފަހުން ފަސްގަނޑަށް އިނގިލި ކޮށްޕާލާއިރު ފުރަތަމަ 2 އިންޗި ހިކިކޮށް ހުންނަނަމަ ކޮޅު މެންދުރު ނޫން ކޮންމެވެސް ވަގުތެއްގައި ފެންދެމުން ގެންދާށެވެ.

ނޯޓް:
- ގަހުގެ ބާވަތުން ކޮތަޅު އެޅުން އިސްތިސްނާ ވެއެވެ. އިންދާފައި އަޅަން ތައްޔާރުކުރާ ފަސްކޮޅު ގިނަ ގަސްގަސް އިންދުމަށް ތައްޔާރުކުރާނީ 3ފަސް، 1 ކާދު ގެ ނިސްބަތުންނެވެ.
- ބުޑުގެ ފަސްގަނޑުގެ ތެތްކަން ގިނަ އިރު ހުންނަންޖެހޭ ގަސް އިންދާއިރު މި ނިސްބަތަށް 1 ބޮނބިކުނޑި އިތުރުކުރެވިދާނެ އެވެ.
- މަދުން ފެން ބޭނުންވާ އަދި ދޫ ފަސްގަނޑެއްގައި ހެދޭ ގަސް ހައްދާއިރު ފަހުގެ ގޮތުގައި ތަންކޮޅެއް ވެލިފުއް ބޮޑެތި ކަޅުފަސް ނުވަތަ ކަޅުފަހުގެ އިތުރުން 1 އަކިރިވެލި އެއްކުރެވިދާނެއެވެ.
- ކާދަކީ ފަނާކޮށްފައި ހުރި ފަތްކުނޑި، ގެރިގުއި، 'ޔުނިގުރޯ' ފަދަ އެއްޗެއްސެވެ.
- މި ފިޔަވަޅުތަކުގެ ތެރެއިން ހުރިހާ ކަމެއް ނުކޮށްވެސް ކާމިޔާބުކަމާއެކު ޕޮޓުން ބިމަށް ގަސް ބަދަލުކުރެވިދާނެއެވެ.
މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!