ނ. އަތޮޅު ހޮޅުދޫގެ ތަރައްގީ އަށް މިސަރުކާރުން ރާވާފައިވާ ގިނަ މަޝްރޫއުތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފިއެވެ.
ނ. ހޮޅުދޫ މޭނާ ސްކޫލުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެރަށުގެ ސްކޫލް އިތުރަށް ތަރައްގީކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ދެ ކެމްޕަހެއްގައި ސްކޫލުގެ ކިޔެވުން ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މިހާރު ހުރި އައު ކެމްޕަސްގެ ކައިރީގައި ސްކޫލްގެ އައު ޢިމާރާތް ބިނާކޮށް ދެ ޢިމާރާތް ގުޅުވައިލައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަސައްކަތް ކުރިޔަށްގެންދާނީ ސްކޫލުން އެދިފައިވާ ގޮތަށް 22 ކްލާސްރޫމާއި އިދާރީ ކަންތައްތައް ކުރުމަށް ބޭނުންވާ އިމާރާތާއެކުގައި ކަމަށެވެ. އަދި ހަމަ އެއާއެކު ސްކޫލްގެ ބައު ކެމްޕަހަށް ޒުވާނުންގެ މަރުކަޒު ބަދަލުކޮށް، އިންޑޯ ކުޅިވަރުތަކާއި އެކަށީގެންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އެތަނުގައި ޤާއިމުކޮށްދެއްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮޅުދޫގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ މިހާރު ކުރިއަށްދާ ޑިޒައިންގެ މަސައްކަތް ނިމުމުން، އަންނަ ޖުލައި މަހުގެ ނިޔަލަށް މަޝްރޫޢު ބީލަމަށް ހުޅުވައިލެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަ އެހެންމެ، ހޮޅުދޫގެ ބައެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވި ހޮޅުމީދޫ އާބާދުކުރުމަށް އެރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހޮޅުދޫގައި އަޅަން ސަރުކާރުން ހަމަޖެއްސެވި 30 ހައުސިން ޔުނިޓް އެޅުމަށް މިހާރު ހަމަޖެހިފައި ވަނީ ވެސް ހޮޅުމީދުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރު ތައްޔާރުވަމުން އަންނަ، ސާފު ބޯފެނުގެ ނިޒާމު ޤާއިމުކޮށް ނިމުމާ އެކީ، ރަނގަޅު ފެންވަރަށް ހޮޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅިރާއްޖޭގެ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފައެވެ
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޭނާ ސްކޫލަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް އެރުވުނު ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ.
މޭނާ ސްކޫލް ފުރަތަމަ އުފެދިފައި ވަނީ ރައްޔިތުންގެ މަދުރަސާގެ ނަމުގައި 02 ޖޫން 1947 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!