ހދ. ނެއްލައިދޫގައި ކޯވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން އެރަށު ޕްރީސްކޫލްގެ ކިޔެވުން މެދުކަނޑާލައިފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު ރަޝީދު ވިދާޅުވީ ޕްރީސްކޫލްގެ ކިޔެވުން މެދުކަނޑާލާފައި މިވަނީ ރަށުތެރޭގައި ކޯވިޑް ފެތުރެމުންދާތީ އަދި ހާއްސަކޮށް ކުޑަކުދިންނަށް މިބަލި ޖެހެމުންދާ މިންވަރު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ކިޔެވުން ފެށޭނެ ވަކި ތާރީޚެއް ފަހުން އަންގާނެ ކަމަށް އެކައުންސިލުން ވަނީ ވިިދާޅުވެފައެވެ.
އިއްޔެ އެކަނިވެސް 10 މީހުން ވަނީ މިބައްޔަށް އެރަށުން އަލަށް ޕޮޒިޓިވް ވެފައެވެ. އަދި 20 ގެއެއް މިހާރުވެސް ވަނީ ކަރަންޓީން އަށް ލެވިފައެވެ.
މީގެ އިތުރުން ނެއްލައިދޫ ސްކޫލްގެގެ ގިނަ ދަރިވަރުންތަކެއް ވެސް ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރައްކާތެރި ފިޔަވަޅުތަކެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި އޯލެވެލް އާއި އޭލެވެލް ހަދަމުންދާ ކުދިންގެ ކިޔެވުމަށް މިކަމުގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރަކާމެދު އެކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކައުންސިލުން ވަނީ މާސްކް އަޅަން މަޖުބޫރު ނޫން ނަމަވެސް މުޖުތަމަޢުގައި ފެތުރެމުންދާ ބަލި ކޮންޓްރޯލް ކޮށް ފަރުދީ ޒިންމާ ނެގުމުގެ ގޮތުން މާސްކް އެޅުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެޗްޕީއޭ ގެ އުސޫލާއި އެއްގޮތަށް އަމަލުކޮށް މުޖަތަމަޢު ބަލިން ސަލާމާތް ކުރުމަށް އެންމެ އެއްބާރުލުން ދީގެން މަސައްކަތް ކުރުމަށް ވެސް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!