ޔޫރަޕިއަން ޔޫނިއަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ބެލްޖިއަމްއަށް ފުރާވަޑައިގެންފިއެވެ.
މި ބައްދަލުވުމަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށްކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ފަރާތުންކޮށްފައިވާ މަސައްކަތްތަކާއިގުޅޭ ގޮތުން މަޝްވަރާކުރުމަށާއި އީޔޫއަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުން ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަވަމުންދާ މިންވަރާއި ގުޅޭ ގޮތުން އެ ކޮމިޝަންއާއި މަޝްވަރާކުރުމަށް ބްރަސްލްސްގައި މި މަހުގެ 25 އަދި 26 ގައި ބާއްވާ ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި އީޔޫއަށް މަސް އެކްސްޕޯޓްކުރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގައި، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި، މިކަންކަމާއި ގުޅޭގޮތުން އަދުގެ ސަރުކާރުގެ ސިޔާސަތާއި އަދި ކުރިއަށް އޮތް ތަނުގައި ކުރާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޔުރަޕިއަން ކޮމިޝަންގެ ކަމާގުޅޭ ފަރާތްތަކަށް މަޢުލޫމާތު އެރުވޭނެއެވެ. އަދި މީގެ އިތުރުން، މަސްވެރިކަމާއި ގުޅުންހުރި ކަންކަމުގައި ދިވެހިރާއްޖެއާއެކު ކުރެވިދާނެ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ މަސް ޔޫރަޕަށް އެތެރެކުރުމުގައި ނަގާ ޑިއުޓީ ކުޑަކުރުމާއިގުޅޭ ގޮތުން އަދި އެކަމުގެ މުހިންމުކަމާއިގުޅޭ ގޮތުން މަޢުލޫމާތު ބަދަލުކުރެވޭނެއެވެ.
އީޔޫއަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުން ޔޫރަޕުގެ ޤައުމުތަކަށް އިމްޕޯޓްކުރާ މަހަކީ، ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ބާނާފައިވާ މަސްވެރިކަމުގެ އުފެއްދުންތައް ކަމުގައި ޔަޤީންކުރުމަށް ޔޫރަޕިއަން ކޮމިޝަންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމް ކުރެއެވެ. އެހެންކަމުން، ކޮމިޝަންގެ ކަމާގުޅޭ ފަރާތްތަކުން ވަނީ 2017 ވަނަ އަހަރުން ފެށިގެން ތިން ފަހަރެއްގެ މަތިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް ފިޝަރިޒް މިނިސްޓްރީއާއެކު ބައްދަލުވުންތައް ބާއްވާ، ދިވެހިރާއްޖެގައި މަސްވެރިކަމުގެ ނިޒާމު ބެލެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުން ގިނަ ކަންތައްތަކެއް ބަލާފައެވެ.
އެގޮތުން، ޔޫރަޕިއަން ކޮމިޝަންގެ ފަރާތުން ކުރި މަސައްކަތްތަކުން ދިވެހިރާއްޖޭގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމުގެ ނިޒާމަށް އަދި ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް އެފަރާތުން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ދިވެހިރާއްޖޭގެ މަސް،ދާއިމީ ގޮތެއްގައި ޔޫރަޕަށް އެތެރެކުރުމުގެ ޔަޤީންކަން ދެމެހެއްޓުމަށްޓަކައި، މިފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!