ދިވެހިރާއްޖޭގައި ރަސްކަންކުރެވުނު ޒަމާނުގައި، ވެރިކަމުގައި ހުންނަ ރަދުންނަށް ހުރިހާ ބާރުތަކެއް ފުރިހަމައަށް ލިބިގެންވެއެވެ. މިގޮތުން، ބޮޑެތި ކަންކަމުގައި، ނައިބު ބޭކަލުންނާއި ވަޒީރުންނާއެކު މަޝްވަރާކުރުމަށްފަހު ރަދުން ގޮތެއް ނިންމި ކަމުގައިވިޔަސް، ނައިބު ބޭކަލުންނާއި ވަޒީރުންދޭ ލަފާ ބަލައިނުގަތުމުގެ ބާރު ރަދުންނަށް ލިބިގެންވެއެވެ.
17 ވަނަ ގަރުނުގެ ކުރީ ކޮޅާ ހަމައަށް ދިޔައިރު، ދިވެހިރާއްޖޭގެ ރަށްތައް ވަނީ 13 އަތޮޅަކަށް ބަހާލެވިފައެވެ. މިގޮތުން އެއިން ކޮންމެ އަތޮޅެއްގައިވެސް އިސްކޮށް ހިންގުމާ ހަވާލުވެ ހުންނަ ނައިބަކު ހުރެއެވެ. ނައިބުންނަކީ، އެ އަތޮޅެއްގެ އިދާރީ، ގާނޫނީ އަދި ތައުލީމީ ކަންކަމުގައި އިސްކޮށް ހަވާލުވެ ހުންނަ ފަރާތެވެ. އަތޮޅުތަކުގެ ނައިބުކަމަށް މީހުން އައްޔަނުކުރަނީ ރަދުންނެވެ.
އަތޮޅުވެރިންނަކީވެސް، ރަދުން އައްޔަނުކުރާ ބައެކެވެ. އެންމެ ކުރީގައި، އަތޮޅުވެރިންގެ ދައުރަކީ، ދައުލަތަށް ދައްކަންޖެހޭ ޓެކްސް ހޯދުމެވެ. (މި ސަބަބަށްޓަކައި އަތޮޅުވެރިންނަށް ކުރިން ވާރުވެރިންނޭވެސް ކިޔާ އުޅުނެވެ.) އަތޮޅުވެރިންނަކީ ނައިބުންނާ އެކީ މަސައްކަތްކުރާ ބައެކެވެ. އަދި އަތޮޅުވެރިންގެ މަގާމަކީ، ގަދަރާއި އިހުތިރާމް ލިބިގެންވާ މަގާމެއްވެސްމެއެވެ. ކަތީބުންނަކީ، ވަކިވަކި ރަށްރަށުގެ ކަންކަން ހިންގުމާ ހަވާލުވެ ހުންނަ މީހުންނެވެ. ކަތީބުން، އެމީހުންގެ މަސައްކަތުގައި ރިޕޯޓުކޮށް، ޖަވާބުދާރީވާނީ ނައިބަށެވެ.
ފަރަންސޭސިވިލާތުގެ ދަތުރުވެރިޔެއްކަމަށްވާ ޕިރާޑު، 17 ވަނަ ގަރުނުގެ ކުރީކޮޅުގައި ލިޔެފައިވާ ލިޔުންތަކުން ދައްކާގޮތުގައި، އަތޮޅުވެރިންނަކީ ނައިބުންނަށްވުރެ މަގާމުގެ ގޮތުން ދަށް ބައެކެވެ. އެހެންނަމަވެސް، 1890 ގެ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރި އިނގިރޭސި ކޮމިޝަނަރު ކަމަށްވާ އެޗް.ސީ.ޕީ. ބެލްގެ ލިޔުންތަކުން، އޭރު ނައިބުންނަށްވުރެ އަތޮޅުވެރިން މަގާމާއި ބާރުގެ ގޮތުން އިސްކަމާއި، ނައިބުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި ޝަރުއީ ކަންކަމުގައި ލަފާ ފޯރުކޮށްދިނުންކަން އެނގެން އޮވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!