ކ. ހުރައަށް ދަތުރު ދިޔަ ހިރިޔާ ސްކޫލުގެ ދަރިވަރުންތަކަކާއި ޕްރިންސިޕަލް ގެނބިގެން މަރުވި ހާދިސާ އަށް މިއަދަށް އަށް އަހަރު ފުރޭއިރު، އެ ހާދިސާގެ ހަނދާންތައް ދިވެހިންގެ ހިތުން އަދިވެސް ފިލައިގެނެއް ނުދެއެވެ. އެ ދުވަހު އެތައް ދިވެހިންނެއް ވަނީ ކަރުނަ އަޅާފައެވެ. އެ ހާދިސާ ކައިރިން ފެނުނު ކުދިންނާއި ޓިޗަރުން އަދިވެސް ތިބީ ނަފްސާނީ ގެއްލުމެއްގެ ތެރޭގައެވެ. މި ހިތާމަވެރި ހާދިސާގެ ހަބަރު އިވުނު ކޮންމެ ދިވެއްސަކު އެމީހަކަށް ވެވުނު މިންވަރަކުން އެމީހެއްގެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިންނެވެ.

ހިރިޔާ ސްކޫލުގެ ގްރޭޑް ނުވައެއްގެ ހަތަރު ދަރިވަރަކާއި ޕްރިންސިޕަލް މަރުވި އެ ހާދިސާ ފުލުހުން ތަހުގީގު ކުރުމަށް ފަހު ބުނެފައިވަނީ، އެ ދަތުރުގެ ހުރިހާ އިންތިޒާމުތަކެއް ވެސް ހުރީ ދަތުރު ދިޔުމުގައި އެޑިއުކޭޝަނުން ކަނޑައަޅާފައި އޮންނަ އުސޫލާއި ގަވައިދުތަކާ އެއްގޮތަށެވެ. އަދި މި ހާދިސާއާ ގުޅިގެން ވަކި ފަރާތަކުން ޒިންމާވާން ނުޖެހޭ ކަމަށް ފުލުހުންގެ ވަނީ އެއިރު ބުނެފައެވެ.

Ad
rt

މި ހާދިސާގައި އެންމެ ފުރިހަމަ ނަމޫނާއެއް ދައްކައިދިނީ އެރަށެއްގައި މިހާދިސާ ހިނގި ހުރާގެ ރައްޔިތުންގެ ފަރާތުންނެވެ. ހާދިސާގެ ހަބަރު އިވުމާއެކު މީހުން ސަލާމަތް ކުރުމުގައި އެރަށުގެ މުޅި ރައްޔިތުން ކަހަލަގޮތަކަށް އަމަލީގޮތުން ބައިވެރިވިއެވެ. އެންމެ ފުރާނައެއް ނަމަވެސް ސަލާމަތްކުރެވޭތޯ ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި އާންމުންގެ ގިނަބަޔަކު މަސައްކަތްކުރިއެވެ.

އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އޭގެ ފަހުން އައި ސަރުކާރުތަކުގައި އެޑިއުކޭޝަނުން މިނިސްޓްރީން އިސްނަގައިގެން ގިނަ ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ސްކޫލުތަކުން ދަރިވަރުން ދަތުރު ދިޔުމުގައި ކަނޑައަޅާފައި އޮންނަ އުސޫލުތަކާއި ގަވައިދާ އެއްގޮތަށް، އަމަލު ކުރަމުން ދޭތޯ ބެލުމާއި، ލައިފް ސޭވިންގެ ގިނަ ޕްރޮގްރާމްތަކެއް ސްކޫލުތަކުން ވަނީ ކުރިއަށް ގެން ގޮސްފައެވެ.

އެ ހާދިސާއަށް ފަހު، ރާއްޖޭގެ ގިނަ ސްކޫލުތަކުގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގާފައި ވެއެވެ. އަދި ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ފަތަން އިނގޭ މިންވަރު ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީން ސާވޭ ހަދައި މޫދުގައި ހިނގާ އެ ފަދަ ހާދިސާތަކުން ރައްކާތެރިވުމަށް، ސްކޫލުތަކަށް އެކި ފަރާތްތަކުން ލައިފް ޖެކެޓާއި ސަލާމަތީ ވަސީލަތްތައް ވަނީ ހަދިޔާ ކޮށްފަ އެވެ.

ހިރިޔާގެ ދަރިވަރުންނަށް ދިމާވި ހިތާމަވެރި ހާދިސާ ފަދަ އެހެން ހާދިސާ އަކުން ރައްކާތެރިވުމަށް އޮއިގަދަ އަދި މޫދަށް އެރިއުޅެން އެހާ ރައްކާތެރި ނޫން ސަރަހައްދުތައް ފާހަގަ ވާނޭ ގޮތަށް ބެހެއްޓުން މުހިންމެވެ. އަދި ފީލްޑް ޓްރިޕްތަކަށް ދަރިވަރުން ފޮނުވާއިރު އަމަލު ކުރަން ޖެހޭ ގޮތުގެ ގަވައިދުތަކެއް އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލުތަކުގައި އޮންނަ އިރު، އެ ގަވައިދުތައް އިތުރަށް ވަނީ ވަރުގަދަ ކުރަން ޖެހިފަ އެވެ. މިދިޔަ އަށް އަހަރު ތެރޭ އެ ގަވައިދުތައް ވަރުގަދަ ކުރުމަށް މާ އެދެވޭ މަސައްކަތެއް ކުރިވިފައެއް ނުވެއެވެ. އަދި ބެލެނިވެރިންނާ ނުލައި ގިނަ ދަރިވަރުންތަކެއް ދަތުރުތަކަށް ފޮނުވާއިރު ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހެއެވެ.

ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އެދުވަސް ދިވެހި ތާރީހުގެ ތެރެއަށް ވަދެގެން އެދިޔައީ ދިވެހީންގެ ރިވެތި އުޅުމާއި ގުޅުންވެސް ދައްކުވައިދީފައެވެ. ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެވެސް އޮންނަ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަމުގެ ނަމޫނާ ދައްކުވައިދީފައެވެ. ހިޔާލާއި ފިކުރުގެ ތަފާތު ތަކާއި ސިޔާސީ ވާދަވެރިކަން އެކަހެރިކޮށް، ގައުމީ ލޯތްބާއި ދިވެހީންގެ އެކުވެރިކަން އޭގެ އެންމެ މުނާސަބު ވަގުތުގައި ދައްކުވައިދޭނެކަން ޔަގީންކޮށްދީފައެވެ.