ދިއްލީގެ ''ހިތް ކަމަށް'' ކިޔޭ ސަރަހައްދުގައި، އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅާ ކުޑަ ދުރުމިނެއްގައި، ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ކުޑަ މިސްކިތެއް އެބަހުއްޓެވެ. ފަނޑު ކުލައިގެ ފާރުތަކާއި، ކޮޅަށް ނިޝާންޖަހާފައިވާ ފާރު ތަނބުތައް އަދިވެސް ހުރީ ސަލާމަތުންނެވެ. އަދި ގޯތިތެރޭގައި އަޅާފައިވާ ފެހި އަދި ހުދު ކުލައިގެ މުށިތައް ވެސް ފެންނަން އެބަހުއްޓެވެ.

ނަމަވެސް، އެ ތަނަށް ދިރުން ގެނެސްދިން މީހުން މިހާރަކު އެތަނަކު ނެތެވެ.

Ad
rt

އުމުރުން 50 އަހަރުގެ މުޙައްމަދު ވަސީމް، ކުރިން އޭނާގެ ގެ ހުރި ދިމާއަށް އިޝާރާތްކޮށް، ކުނިބުނިތަކުގެ ތެރެއިން އެ ތަން ދައްކާލިއެވެ.

"އަހަރެންގެ ބައްޕަ ކައިވެނިކުރީ އެތަނުގައި، އަދި އެތައް އަހަރެއް ފަހުން، އަހަރެންގެ އަންހެން ދަރިފުޅު ވެސް ކައިވެނިކުރީ އެތަނުގައި،" ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ވަސީމް ބުންޏެވެ.

ވަސީމާއި އޭނާގެ އާއިލާއަކީ، އިންޑިއާގެ ވެރިރަށުގެ އެންމެ މުއްސަނދި އަދި އެންމެ ވަރުގަދައަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ އެއް ސަރަހައްދު ކަމަށްވާ ރޭސް ކޯސްގެ އަސްކަރީ މަރުކަޒުތަކާއި، ޚާއްޞަ ކްލަބްތަކާއި، ބޮޑެތި ބަންގްލޯތަކުގެ ދެމެދުގައި ހުރި އާދައިގެ ކުދި ގެތަކުގައި ދިރިއުޅެމުންދިޔަ އެތައް ސަތޭކަ ބައެއްގެ ތެރެއިން ބައެކެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އެތައް ޖީލެއް ވަންދެން އެތަނުގައި ދިރިއުޅެމުން އައި، ވަށައިގެންވާ މުއްސަނދި ގެތަކުގައި ޑްރައިވަރުންނާއި، ސާފުކުރާ މީހުންނާއި، އަދި މާބަގީޗާ ބަލަހައްޓާ މީހުންގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހުންނެވެ.

އޮކްޓޫބަރު 7 ގައި، ސަރުކާރުގެ ބިމެއްގައި ޤަވާއިދާ ޚިލާފަށް އަޅާފައިވާ ތަންތަން ކަމަށް ބުނެ، ކަމާބެހޭ ފަރާތްތަކުން ވަނީ ތިން އަވަށެއްގައި ހުރި އެމީހުންގެ ގެތައް ތަޅާލާފައެވެ. އަދި އެ ގެތައް އަސްކަރީ މަރުކަޒުތަކާ ކައިރިވުމުގެ ސަބަބުން ސަލާމަތީ ކަންބޮޑުވުންތައް ވެސް ފާހަގަކުރިއެވެ. ގާތްގަނޑަކަށް 717 އާއިލާއެއް ވަނީ ސިޓީގެ އަވަށު ބޭރުގައި، ގާތްގަނޑަކަށް 31 މޭލު ދުރުގައި އޮންނަ ސާވްދާ ގޭވްރާ ކިޔާ ކޮލޮނީއަކަށް ބަދަލުކޮށްފައެވެ.

އެމީހުންގެ ވަޒީފާތަކާއި، ސްކޫލްތަކާއި، އަދި މުޖުތަމައާ އެހާ ދުރަށް ބަދަލުވުމަކީ އެމީހުންގެ ދިރިއުޅުން ބޮަނޑުބުރަކަށް ވެގެންދާނެ ކަމެއް ކަމަށް ބުނެ، ރައްޔިތުން ވަނީ އެމީހުން ނެރެލުމާ ދެކޮޅަށް ދިއްލީގެ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް، އޮގަސްޓް މަހު ކޯޓުން ވަނީ، ސަރުކާރުގެ ސަލާމަތީ ކަންބޮޑުވުންތައް ގަބޫލުކޮށް، އަދި ބަދަލުގައި ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށް، އެމީހުން އެހެން ތަނަކަށް ބަދަލުކުރުމުގެ ހުއްދަ ދީފައެވެ.

އެ ސަރަހައްދުން ސަލާމަތްވީ ހަމައެކަނި އެ މިސްކިތާއި ކައިރީގައި ހުރި ހިންދޫ ފައްޅިއެކެވެ. އެކަމަކު އެ ދުވަހު އެ ތަންތަނުން ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލައި، އޭގެ ފަހުން އެ ސަރަހައްދަށް ވަދެނިކުމެ އުޅުން ވަނީ ހިފަހައްޓާފައެވެ. ސެކިއުރިޓީ ގާޑުންގެ ކައިރީގައި ވަރަށް އާދޭސްކުރުމުން ބައެއް މީހުންނަށް ދޭތެރެއަކުން ވަނުމުގެ ހުއްދަ ލިބުނު ނަމަވެސް، އާންމުގޮތެއްގައި ނަމާދުކުރަން އަންނަ މީހުން ގޭޓު ދޮށުން އަނބުރާ ފޮނުވާލައެވެ.

ސަރުކާރުން ބުނަނީ އެ މިސްކިތް ހުރި ބިމަކީ ދައުލަތުގެ މިލްކިއްޔާތެއް ކަމަށެވެ. އެހެންނަމަވެސް މިސްކިތް ބަލަހައްޓާ ފަރާތްތަކުން ބުނާ ގޮތުގައި އެއީ 1977 ވަނަ އަހަރު ވަޤުފު މުދަލެއްގެ ގޮތުގައި (އިސްލާމީ ޝަރީޢަތުގެ ދަށުން ދީނީ ނުވަތަ ޚައިރާތުގެ ބޭނުމަށް ޚާއްޞަކުރެވިފައިވާ ބިމެއް ނުވަތަ އިމާރާތެއްގެ ގޮތުގައި) ރަޖިސްޓްރީކޮށް، ތާރީޚީ ތަރިކައެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ތަނެކެވެ. ދިއްލީ ވަޤުފު ބޯޑުން ބުނާ ގޮތުގައި އެ މިސްކިތަށް ގާތްގަނޑަކަށް 300 އަހަރު ވެދާނެއެވެ. ނަމަވެސް އެހެން ބައެއް އަންދާޒާތަކުން ދައްކަނީ އެ މިސްކިތުގެ އުމުރަކީ 125 އާއި 150 އަހަރާ ދެމެދުގެ މުއްދަތެއް ކަމަށެވެ.

ބޯޑުން ވަނީ މިސްކިތަށް ފެނާއި ކަރަންޓުގެ ޚިދުމަތް އަލުން ދިނުމަށް އެދި، އަދި އެތަނުގެ މުސްތަޤްބަލާ މެދު ކަންބޮޑުވުން ފާޅުކޮށް ކަމާބެހޭ ފަރާތްތަކަށް ސިޓީ ފޮނުވާފައެވެ. މީގެ އިތުރުން، ނަމާދުކުރުމަށް އަޅާފައިވާ ހުރަސްތަކާ ގުޅިގެންނާއި މިސްކިތް ތަޅާލައިފާނެ ކަމުގެ ބިރު އޮތުމުން، ނަމާދުކުރާ މީހަކު ވަނީ ވަކިން ހައިކޯޓަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.

ޚަބަރުގެ ފޮޓޯ


އޮކްޓޫބަރު 29 ގައި ސަރުކާރުން ކޯޓުގައި ބުނީ، ވަޤުފު ބޯޑުގެ ޝަކުވާތަކާމެދު ގޮތެއް ނިންމުމަށްޓަކައި ހަތަރު ހަފްތާގެ މުއްދަތަކަށް މިސްކިތާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ. ތަންތަން ތަޅާލުމުގެ މަސައްކަތް ކުރިއަށްދާއިރު ރައްކާތެރިކަމުގެ ސަބަބުތަކަށްޓަކައި ކަމަށް ބުނެ، ނަމާދުކުރުމަށް މިސްކިތް ހުޅުވައިދިނުމާ ސަރުކާރުން ދެކޮޅު ހެދިއެވެ. ނަމަވެސް މި ވާހަކައާ ނަމާދުކުރާ މީހުންގެ ވަކީލު ވަނީ ދެކޮޅު ހަދާފައެވެ. ކޯޓުން މި މައްސަލައިގެ ތެރެއަށް ވަންނަން ދެކޮޅު ހަދައި، ދެން އޮންނަ އަޑުއެހުމެއް ޑިސެމްބަރު 16 އަށް ވަނީ ތާވަލުކޮށްފައެވެ. މިސްކިތުގެ މުސްތަޤްބަލާ މެދު އަދިވެސް ގޮތެއް ނުނިމި އޮތް ނަމަވެސް، އެތައް ޖީލެއް ވަންދެން އެ މިސްކިތުގެ ވަށައިގެން ދިރިއުޅެމުން އައި ހިންދޫންނާއި މުސްލިމުންނަށް މިހާރު އުފެދިފައިވާ ސުވާލަކީ، އެމީހުން އެތަނުގައި ބިނާކުރި ދިރިއުޅުމުން ދެން ސަލާމަތް ކުރެވޭނީ ކޮން އެއްޗެއް ބާވައެވެ.

ފުރުޞަތެއް ލިބޭ ކޮންމެ ފަހަރަކު ވަސީމް އަދިވެސް ނަމާދުކުރުމަށް އެ މިސްކިތަށް ދެއެވެ. ނަމަވެސް ބައެއް ފަހަރު ސެކިއުރިޓީ ގާޑުން އޭނާ އަނބުރާ ފޮނުވާލައެވެ. ފަހުގެ މެންދުރުފަހެއްގެ ވަގުތެއްގައި، މިސްކިތުގެ އެތެރޭގައި ތިބި މަދު ހަތަރު ފަސް މީހުންގެ ތެރޭގައި އޭނާ ހިމެނުނެވެ. ކަރަންޓު ކަނޑާލާފައި ވުމުން، ބޭރުގައި ބަހައްޓާފައި ހުރި ޖަނަރޭޓަރެއްގެ ބާރު އަޑު އިވެމުން ދިޔައީ ކަރަންޓު ފޯރުކޮށްދެމުން ދިޔަ ވަގުތުގައެވެ.

"އަހަރެމެންގެ ހިތްތަކާއި މުޅި ދިރިއުޅުން ގުޅިފައިވަނީ މި ތަނާ،" އޭނާ ބުންޏެވެ. "އަހަރެމެންގެ ކުޑަކުދިންގެ ޒަމާނުގައި ކުޅެ އުޅުނީ މިތަނުގައި ކަމަށްވާއިރު، އަހަރެމެން މިތަން ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ؟"

ހުވަފެންވެފައިވާ އަންހެނެއް ކަމަށްވާ ރޭކާ، އެ އަވަށުގެ މަތިން ހަނދާންކުރަނީ ފުން އަސަރަކާ އެކުގައެވެ. އޭނާ ވަނީ ކައިރީގައި ހުރި ގޭގޭގެ ތަށިމަށި ދޮވެދީ، އާއިލާ ބަލާބޮޑުކޮށް، އަދި އެ ސަރަހައްދުގެ ފައްޅީގައި ސޭވާ (ހިލޭސާބަހަށް ޚިދުމަތް) ކޮށްދީފައެވެ.

އޭނާއަށް، 'އަލުން އާބާދުކުރުން' މި ލަފްޒު ފެންނަނީ ވޭންދެނިވި ގޮތަކަށް މާނައެއް ނެތް އެއްޗެއްގެ ގޮތުގައެވެ: "އެތައް ދިހަ އަހަރެއްގެ ތެރޭގައި ބިނާކުރި ދިރިއުޅުމެއް، މުލުން ލުހެލައިފައި އެހެން ތަނެއްގައި އިންދާނީ ކިހިނެއް؟" އޭނާ ސުވާލުކުރިއެވެ.

އެހެން ތަނަކަށް ބަދަލުވި ފަހުން، އޭނާ ބަރޯސާވެގެން އުޅުނު މަސައްކަތް ވަނީ ގެއްލިފައެވެ. އޭނާގެ 19 އަހަރުގެ ދަރިފުޅަށް ވަޒީފާއެއް ހޯދުމަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. އޭނާއަށް ތިންވަނަ ފަންގިފިލާއިން އެޕާޓްމަންޓެއް ދީފައިވީ ނަމަވެސް، އޮޕަރޭޝަނަކަށްފަހު ފައިގައި ދަގަނޑު ކޮޅެއް ލައްވާފައި ހުރުމުގެ ސަބަބުން ސިޑިން އެރުމަކީ އޭނާއަށް ވޭންދެނިވި ކަމެކެވެ.

"އަހަންނަށް ގެއެއް ލިބިދާނެ، އެކަމަކު އަހަރެންގެ ދިރިއުޅުން އެވަނީ ޖަހައިގެންފައެވެ." އޭނާ ބުންޏެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ތަޖުރިބާތަކަކީ ދިއްލީގައި ހިނގަމުންދާ ގެދޮރު ގެއްލުވާލުމުގެ ދިގު ތާރީޚުގެ ބައެކެވެ. އެތައް ދިހަ އަހަރެއް ވަންދެން ދިރިއުޅެމުން އައި ބިމުގެ ޤާނޫނީ މިލްކުވެރިކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ނެތުމުގެ ސަބަބުން، މަސައްކަތްތެރި އާބާދީތައް ތަކުރާރުކޮށް ވަނީ ސިޓީގެ ދުރު ހިސާބުތަކަށް ކޮށްޕާލެވިފައެވެ.

"އެހެން ތަނަކަށް ބަދަލުކުރުމަކީ ވަޒީފާތަކާއި އިޖުތިމާޢީ ގުޅުންތަކުން އެމީހުން ވަކިކޮށްލާ ކަމެއް، މީގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ ވަސީލަތްތަކާއި އާމްދަނީ ގެއްލިގެންދޭ،" އަރބަން ރިސާޗަރ މުކްތާ ނާއިކް ކިޔައިދިނެވެ.

ވަޒީފާ ހޯދުމަށް އާއިލާތައް އެކި ދިމާލަށް ބެހިގެންދާއިރު، ކުރިން އެމީހުން ބަރޯސާވި ނުރަސްމީ އެހީތެރިކަމުގެ ނިޒާމުތައް އަލުން ބިނާކުރުން ދަތިވާ ކަމަށް އޭނާ ބުންޏެވެ.

"މީގެ ސަބަބުން އާއިލާތަކަށް ޖެހެނީ އަމިއްލަ ހާލަށް ދޫވެގެން ދިރިއުޅެން،" އޭނާ ބުންޏެވެ.

ޚަބަރުގެ ފޮޓޯ


ދިއްލީ ސަރުކާރުގެ ހައުސިންގ އެޖެންސީއާއި، ލޯކަލް މުނިސިޕަލް ކައުންސިލް އަދި މަރުކަޒީ ސަރުކާރުގެ ބިމާބެހޭ އޮފީހުން މިކަމާ ގުޅޭގޮތުން ބަހެއް ބުނުމަށް އެދުނު އެދުމަށް ޖަވާބެއް ނުދިނެވެ.

ސަވްދާ ޣޭވްރާ އަކީ ސިޓީގެ އެހެން ސަރަހައްދުތަކުން ގެދޮރު ގެއްލުނު އާއިލާތައް ވަޒަންވެރިކުރުވުމަށްޓަކައި، ހަރިޔާނާ ސްޓޭޓާއި ދިއްލީ ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ދަނޑުބިންތަކެއްގައި 2006 ވަނަ އަހަރު އުފެއްދި ރަށެކެވެ.

ފުރަތަމަ އެތަނަށް ދިޔަ މީހުންނަށް ފެނުނީ މަގުތަކެއް، ހޮޅިބުރި ފެނެއް ނުވަތަ ކަރަންޓެއް ނެތް ހުސް ބިންތަކެކެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، އެމީހުން ގެދޮރު އަޅައި، ފިހާރަތައް ހުޅުވައި، އަސާސީ ޚިދުމަތްތައް ހޯދުމަށް މަސައްކަތް ކުރިއެވެ. 2020 ގެ ކުރީކޮޅަށް އައިއިރު، އަންދާޒާކުރެވޭ ގޮތުގައި 50،000 މީހުން އެތަނުގައި ދިރިއުޅެމުން ދިޔައީ، އެހެން ގޮތެއް ނެތިގެން ދިރިއުޅެން ޖެހުނު ތަނެއް އަވަށަކަށް ބަދަލުކޮށްލައިގެންނެވެ.

މިހާރު ރޭސް ކޯސްގެ އާއިލާތަކުން ވެސް ވަނީ ހަމަ އެ ލަސް މަސައްކަތް ފަށާފައެވެ.

އެމީހުން ވަނީ ސެންޓްރަލް ދިއްލީގެ ގަސްތަކުން ފުރިގެންވާ ހިތްގައިމު މަގުތައް ދޫކޮށް، އެއްގޮތް ސިމެންތި ބްލޮކްތަކުގެ ސަފުތަކަކާއި، އެއަށްވުރެ ދުރަށް ދެމިގެން ގޮސްފައިވާ ހުސް މައިދާންތަކަކަށް ބަދަލުވެފައެވެ. ދިރިއުޅުން ކުރިއަށް ދިޔަ ނަމަވެސް، މި އާއިލާތަކުގެ ދިރިއުޅުމުގެ އަސާސްތައް އަދިވެސް އޮތީ ސިޓީގެ އަނެއް ފަޅީގައެވެ.

ކޮންމެ ދުވަހަކުވެސް، ބަބްލޫ ފަތިހު 5:00 ގައި ގެއިން ނިކުންނަނީ އޭނާގެ ދަރިން މެޓްރޯގައި ސެންޓްރަލް ދިއްލީގައި ހުންނަ އެކުދިންގެ ކުރީގެ ސްކޫލަށް ގެންދިއުމަށެވެ. މި ދަތުރުގައި އޭނާ ތިން ފަހަރަށް ރޭލު ބަދަލުކުރެއެވެ. ކްލާސްތައް ނިމެންދެން ހޭދަވާ ހަ ގަޑިއިރު އޭނާ މަޑުކޮށްލައިގެން އިނދެނީ އޭނާ ކުރިން އުޅުނު އަވަށުގެ ބޭރުގައި ހުންނަ ސައި ހޮޓަލެއްގައެވެ. އޭނާއަށް މަސައްކަތެއް ލިބިއްޖެ ނަމަ، އެ ދަތުރު ކުރަނީ އޭނާގެ އަނބިމީހާއެވެ.އޭނާ ބުނާ ގޮތުގައި، ދަރިން ސްކޫލަށް ގެންދިއުމާއި ބަލައިދިއުމާ ދެމެދު އެނބުރި ގެއަށް އާދެވޭ ވަރަށް ވުރެ އެމީހުންގެ އައު ގެ ހުންނަނީ މާ ދުރުގައެވެ. އާއިލާއަށް ސަވްދާ ޣެވްރާއަށް ދެވޭއިރު ހުންނަނީ ހަވީރު ގާތްގަނޑަކަށް 4 ޖަހާފައެވެ.

ބަބްލޫ ކުރިން މަސައްކަތްކުރީ ރޭސް ކޯސްގެ ކްލަބެއްގައެވެ. މިހާރު އޭނާއަށް ވަޒީފާ ލިބިފައިވަނީ ދިއްލީގެ އުތުރު-އިރުމަތީގައި އޮންނަ އަވަށެއް ކަމަށްވާ މީރުތުންނެވެ. އޭނާ ބުނި ގޮތުގައި، އެތަން ދޫކޮށް ދާންޖެހިދާނެކަން ރައްޔިތުންނަށް އެނގެއެވެ. އެހެންނަމަވެސް އެމީހުން އުންމީދުކުރީ، އެމީހުންގެ ވަޒީފާތަކާއި ދަރިންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ފަދަ ކައިރި ހިސާބަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

ސަރުކާރުން ބުނަނީ ރޭސް ކޯސްއާ ކައިރިން އެކަށީގެންވާ އެޕާޓްމަންޓްތަކެއް ލިބެން ނެތް ކަމަށެވެ. އަދި ގެދޮރު ގެއްލުނު އާއިލާތަކަށް އެ ސަރަހައްދުގައި ދިރިއުޅެވޭނެ ކަމުގެ ހެއްކެއްގެ ގޮތުން، ސަވްދާ ޣެވްރާގައި ހުރި ސްކޫލްތަކާއި، ކްލިނިކްތަކާއި، ދަތުރުފަތުރުގެ ނިޒާމު ކޯޓުގައި ފާހަގަކުރިއެވެ.

ނަމަވެސް މި ޚިދުމަތްތައް ހުރުމަކީ، އުމުރުން 63 އަހަރުގެ ނައީމް ޚާނަށް މާ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް ނޫނެވެ. އޭނާގެ ދެ ކާފަދަރިންނަކީ އަޑުއިވުމާއި ވާހަކަދެއްކުމުން މަހްރޫމްވެފައިވާ ދެކުދިންނެވެ. އަދި އެކުދިންނަށް ބޭނުންވާ ޚާއްޞަ ފަރުވާއާއި ތަޢުލީމު އެ ސަރަހައްދުން ލިބެން ނެތް ކަމަށް އޭނާ ބުނެއެވެ.

މި ބަދަލުވުމުގެ ސަބަބުން ނައީމްގެ އާއިލާވެސް ވަނީ ވަކިވަކިވެފައެވެ. އޭނާގެ ކުޑަކުޑަ އެއް ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅެނީ އެއް ފިރިހެން ދަރިއާއި، ވަރިވެފައިވާ އަންހެން ދަރިއެކެވެ. ޖާގަ ނެތުމުގެ ސަބަބުން އޭނާގެ އަނެއް ދެ ފިރިހެން ދަރިންނަށް ޖެހުނީ އެހެން ތަނަކަށް ބަދަލުވާށެވެ.

"އަހަރެމެން މިވަނީ 20 އަހަރު ފަހަތަށް ވައްޓާލާފައި،" އޭނާ ބުންޏެވެ.

މި ދުރުމިނުގެ ސަބަބުން ޚާއްޞަކޮށް އަންހެނުންނަށް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ. ނައިކް ބުނާ ގޮތުގައި ކުދިން ބެލުމުގެ ޒިންމާތަކާއި، ދަތުރުފަތުރުގެ ޚަރަދާއި، އަދި ރައްކާތެރިކަމާ މެދު އޮތް ކަންބޮޑުވުންތަކުގެ ސަބަބުން، ވަޒީފާއަށް ދިއުމަށްޓަކައި ދިގު ދަތުރުތައް ކުރުމަކީ އަންހެނުންނަށް ވަކިން ޚާއްޞަކޮށް އުނދަގޫ ކަމެކެވެ.

ރޭސް ކޯސްގައި، އެ އަވަށްތަކުގެ ވަށައިގެންވާ މުއްސަނދިކަމުގެ ސަބަބުން، ފައިސާ ހޯދުމަށް ކުދި ނަމަވެސް ވަރަށް މުހިންމު ފުރުސަތުތަކެއް ލިބުނެވެ. އޭގެ ތެރޭގައި ތަށިދޮވުމާއި، ގަސް އިންދައި ބެލެހެއްޓުމާއި، އުކާލާފައި ހުންނަ ފުޅި އެއްކޮށްގެން ވިއްކުން ހިމެނެއެވެ.

އުމުރުން ދުވަސްވީ ހުވަފަތް އަންހެނެއް ކަމަށްވާ އަޚްތަރީ، ދުވާލަކު ގާތްގަނޑަކަށް 100 ރުޕީސް (ގާތްގަނޑަކަށް 1.05 ޑޮލަރު؛ 0.80 ޕައުންޑް) އަށް ފެންފުޅި އެއްކޮށް، އަދި ނުކައި ބާކީވާ ރޮށި ހިއްކައިގެން ގެރިބަކަރީގެ ކާނާގެ ގޮތުގައި ވިއްކިއެވެ.

މިހާރު އެ ކުޑަކުޑަ އާމްދަނީ ލިބޭނެ މަގުތައްވެސް ވަނީ ބަންދުވެފައެވެ.

"މިތަނުގައި ދިރިއުޅޭ އެންމެންނަކީވެސް ގެދޮރުން ނެރެލެވުނު މީހުން؛ އެންމެންނަކީވެސް ފަގީރު، ހާލުގައި ޖެހި، އަމިއްލަ ނަފްސަށްޓަކައިވެސް ތަހައްމަލު ކުރަމުންދާ މީހުން،" އަޚްތަރީ ބުންޏެވެ. "ގޭތެރޭގެ މަސައްކަތްތައް ކުރުވަން އެހެން މީހަކު ގެންގުޅޭނީ ކާކު؟"

ރޭސް ކޯސްގައި އުޅުނުއިރު، އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނެތް ދުވަސްދުވަހު، މިސްކިތުގެ އިމާމު ނުވަތަ އަވަށްޓެރިއަކު ފުށް ގަންނަން ފައިސާ ދީފާނެއެވެ. އަވަށްޓެރިން އޭނާގެ ހާލު ބަލައެވެ. އައު އެޕާޓްމަންޓުގައި، ބޯހިޔާވަހިކަމެއް ހުއްޓެއްކަމަކު، އެހީތެރިކަމަށް އެދޭނެ މީހަކު ނެތެވެ.

ބަލިވެއްޖެނަމަ ވާނެ ގޮތަކާ މެދު އޭނާ މިހާރު ވަނީ ކަންބޮޑުވާން ފަށާފައެވެ.

"އަހަރެން މިތެރެއަށް ވެއްޓި މަރުވިޔަސް، އެކަން އެކަކަށްވެސް ނޭނގޭނެ،" އޭނާ ބުންޏެވެ. "އުންމީދަކީ ކޮންމެވެސް މީހަކު ދޮރު ހަލާކުކޮށްލައިގެން ވަދެ އަހަރެން ފެންނާނެ ކަމަށް." އޭނާ ބުނެފަވެއެވެ.

މަސްދަރު: ބީބީސީ