ކޯވިޑާއި ގުޅިގެން ބަންދުކުރި ސިޓީތަކާއި، ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް އަލުން ހުޅުވާލަން ހުއްދަ ދިނުމުގައި ކައުންސިލްތަކުގެ އާނބަސް ބޭނުންވާގޮތަށް ކުރިން އޮތް އުސޫލަށް ބަދަލުގެނެސް، ގެސްޓްހައުސްތައް ހުޅުވަން ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަމަޖައްސައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން އަލަށް މިގެނައި ބަދަލުގެ ދަށުން، އެ އުސޫލަށް އަމަލު ކުރަން ނިންމާފަިއވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

Ad
rt

ކުރިން އަމަލު ކުރަމުންއައިގޮތް ބަދަލުކޮށް ޓޫރިޒަމް މިނިސްޓްރީއިން މިރޭ ނެރުނު ސާކިއުލާގައި ބުނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓުއަރިސްޓް ހޮޓާ އަދި ގެސްތްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން ފަތުރުވެރި ކަމަށް ރަށް ހުޅުވާލުމާމެދު ސިޓީ ކައުންސިލު ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތް ކަމަށް މިނިސްޓްރީއަށް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

އެގޮތަށް އުސޫލަށް ބަދަލުގެނައި ނަމަވެސް ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި ކޯވިޑް 19 ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަލާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވާއިރު، އެކަންކަން ފުރިހަމަ ކުރޭތޯ ކައުންސިލުތަކުންނާއި ޓުއަރިޒަމް މިނިސްޓްރީއިން ބަލަމުން ގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީއިން މި ބަދަލު ގެނައިއިރު، ކައުންސިލުތަކުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ބައެއް ރަށްރަށުގެ ގެސްޓު ހައުސްތައް ހުޅުވާނުލެވި، އެ ގެސްޓު ހައުސްތަކުގެ ވެރީން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޯވިޑާއި ގުޅިގެން މިއަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓު ހައުސްތައް އޮކްޓޯބަރު 15 ގައި އަލުން ހުޅުވާލިއިރު، ގެސްޓް ހައުސްތައް ހުޅުވުމަށް ރަށްރަށަށް ހުއްދަ ދިނުމަށް ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން ކުރިން ނިންމާފައިވަނީ، ރަށު ފެންވަރުގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއްނެތްކަމަށް އެ ވުޒާރާއަށް އެކަމަށް އެދޭ ރަށެއްގެ ކައުންސިލުން އެންގުމުންނެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.