މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ. ނޮޅިވަރަންފަރުގައި ފެންބޮޑުވެއްޖެއެވެ.

ނޮޅިވަރަންފަރު ކައުންސިލުގެ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނީ އެރަށު ޗައިނާ ސައިޓުގައި ފެންބޮޑުވެފައިވާ ކަމަށާއި އެތަނުގައި ދިރިއުޅޭ މީހުންނަށް އެހީވެ، ފެންހިއްކުމުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދަށް ވީހާވެސް ގިނަ މީހުން ގޮސްދިނުމަށް އެދޭ ކަމަށެވެ.

Ad
rt

ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ ރެޔާއި މިއަދު ހެނދުނު ރަށަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި ރަށުގެ ހުރިހާ ސަރަހައްދެއްގައި ވެސް ފެންބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ޗައިނާ ސައިޓުގައި ކަމުން އެ ހިސާބު ގިނަ ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ.

އަހުމަދު ވިދާޅުވީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ފުލުހުންނާއި ކައުންސިލާއި ރައްޔިތުން ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ގެޔެއްގެ ތަކެއްޗަށް ގެއްލުން ވެގެން ރީޕޯޓު ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ޗައިނާ ސައިޓަކީ ވަރަށް ފަސޭހައިން ފެންބޮޑުވާ ސަރަހައްދެއް ކަމަށާއި ގެތައް ހުންނާނީ މަގަށް ވުރެ ތިރީގައި ކަމަށެވެ. އެހެންކަމުން ކިރިޔާ ވާރޭ ވެހިލާއިރަށް އެ ފެންބޮޑުވާ ކަމަށް އޭނާ ބުންޏެވެ.

ރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ސްކޫލްގެ މެންދުރު ފަހު ދަންފަޅީގެ ކިޔެވުން ކެންސަލް ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވަނީ ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. ހދ އަތޮޅުން އދ އަށާއި ގއ އަތޮޅުން އައްޑޫ ސިޓީ އަށް ޔެލޯ އެލާޓް ނެރެފައިވާ އިރު ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވެ އެވެ.