ވަޒީފާ އަށް ޒުވާނުން ޝައުގުވެރިކުރުވޭނެ ގޮތްތަކާއި ތަފާތު ހުނަރުތައް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުމަށް 20 މިލިއަން ޑޮލަރު ބޮޑު ޕްރޮޖެކްޓެއް އިއްޔެ ފަށައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮޖެކްޓަށް ވޯލްޑް ބޭންކުން ހިލޭ އެހީގެ ގޮތުގައި 10 މިލިއަން ޑޮލަރު ދީފައި ވެ އެވެ. ބާކީ 10 މިލިއަން ޑޮލަރު ދީފައި ވަނީ ލޯނުގެ ގޮތުގަ އެވެ.
އެ ޕްރޮޖެކްޓް ލޯންޗުކުރަން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ވަޒީފާ އަދާނުކުރާ ޒުވާނުންގެ އަދަދު އިންތިހާ އަށް ގިނަވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަމަކީ ފަރުދީ ހައިސިއްޔަތުން ކޮންމެ މީހަކު ވެސް ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޕްރޮޖެކްޓް ކާމިޔާބުކޮށް ނިންމާލާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެވޭނެ ވަސީލަތްތައް ގާއިމްކޮށްގެން ކަމަށެވެ.
އަދި އިފްތިތާހް ވެގެންދިޔަ ޕްރޮޖެކްޓަކީ އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ޕްރޮޖެކްޓެއްކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ޒުވާނުންނަކީ ޒިންމާދާރު މުރާލި އަދި މަސްއޫލިއްޔަތު ނަގަން ކެރޭ ބަޔަކަށް ހެދުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ޔޫތު ހަބް ގާއިމްކުރުމުގެ އިތުރުން އިންކިއުބޭޝަން ސަޕޯޓް ފެސިލިޓީސް ގާއިމް ކުރުމަށް ހަމަޖެހިފައިވާއިރު ވިޔަފާރި ފެށުމަށް ހިލޭ އެހީ ދިނުމަށް ވެސް ޕްރޮޖެކްޓްގެ ދަށުން ވަނީ ނިންމާފައެވެ. ރާއްޖޭގައި މި ވަގުތު ފާހަގަކުރެވޭ ސްކިލްސް ޑިވެލޮޕްކުރުމާއި ވަޒީފާގެ މައިދާނަށް ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއިން ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!