ރ. އަތޮޅުގައި ތަރައްގީކުރާ އޮނިކްސްގެ "އޯޒޯ" އަންނަ އަހަރު ހުޅުވާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ތައިލޭންޑުގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕުން ރާއްޖޭގައި ތަރައްޤީކުރާ ދެވަނަ ރިސޯޓް ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ.

Ad
rt

ރ. އަތޮޅުގައި އޯޒޯ މޯލްޑިވްސްގެ ނަމުގައި ތަރައްޤީކުރާ ރިސޯޓަކީ އިންޑިއާގެ ޕަންޝިލް ރިއަލްޓީއާ ގުޅިގެން ތައިލޭންޑުގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕުން ތަރައްޤީކުރާ ރިސޯޓެކެވެ.

މިރިސޯޓަކީ ޗުއްޓީ ހޭދަކުރުމަށް ބޭނުންވާ އާއިލާތަކާއި ގްރޫޕް ގްރޫޕަށް ދަތުރުކުރާ ފަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތައް ހިމެނޭހެން ތަރައްޤީކުރާ ރިޒޯޓެއްކަމަށް އޮނިކްސް ހޮސްޕިޓާލިޓީން މައުލޫމާތުދެއެވެ.

ރ. އަތޮޅުގައި ތަރައްގީކުރާ މި ރިސޯޓް ހުޅުވަން ނިންމާފައި ވަނީ އޮނިކްސްގެ "އޯޒޯ" ބްރޭންޑުގެ ދަށުންނެވެ.

އޮނިކްސް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ރިސޯޓުގެ ކޮޓަރިތަކާއި އެ ނޫން ވެސް ތަންތަން ފަރުމާކޮށްފައި ވަނީ ރިސޯޓް ހަދާ ރަށާ ގުޅިފައިވާ ޒަމާންވީ ވާހަކައެއްގައި ހިމެނޭ ކަންކަން އަސްލަކަށް ބަލައިގެންނެވެ. އެ ވާހަކައިގައި އުޅެނީ، އެ ރަށުގެ ފަރަށް އަރައި ހަލާކުވި ދޯންޏަކުން ރަށަށް ފައިބައި އެ ރަށުގައި ގާތްގަނޑަކަށް އަށް އަހަރު އެކަނި އުޅުނު އާޓިސްޓެއް ކަމަށްވާ ސަބާސްޓިއަން ކިންގް އެވެ. އޭނާ އެ ރަށުގައި އުޅުނީ ރަށުން ލިބެން ހުރި ތަކެތި ބޭނުންކޮށްގެން ތަންތަން ހަދައިގެންނެވެ.

އެ ވާހަކައާ ގުޅުވައިގެން، އެ ރަށުގައި ތަރައްގީކުރާ ރިސޯޓުގެ އެކްޓިވިޓީ ސެންޓަރު ފަރުމާކޮށްފައި ހުންނާނީ އެކޮޅުކޮޅުން ޖަހާފައިވާ ދޯންޏެއްގެ ބައްޓަމަށެވެ. އަދި ކާޅު ހާއްޔެއްގެ ބައްޓަމަށް ފަރުމާކުރާ އޮބްޒަވޭޝަން ޓަވަރެއްގެ އިތުރުން، އެކަހެރި ހިސާބެއްގައި ލައިޓްހައުސްއެއް ހަރުކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން، ރިސޯޓުގެ ކިޑްްސް ކްލަބުގައި ސަބާސްޓިއަންގެ ގޭގެ ބައްޓަމަށް ހަދާފައިވާ ގެއެއް ހުންނައިރު، އިރު ދައުރުވާ ގޮތަށް ބިނާކޮށް ގަޑި ބަލާ އާލާތަކާއި މޫސުން ބަލާ ސްޓޭޝަނެއް ވެސް ހުންނާނެ އެވެ.

60 ވޯޓަރ ވިލާއާއި 140 ބީޗް ވިލާއާއެކު ތަރައްޤީކުރާ އޯޒޯ މޯލްޑިވްސް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުއެވެ.

އޮނިކްސް އިން، މައިގަނޑު ތިން ބްރޭންޑެއްގެ ދަށުން ދުނިޔޭގެ އަށް ގައުމެއްގައި ޖުމްލަ 50 ހޮޓާ/ރިސޯޓް ހިންގަ އެވެ. އެ ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަލަށް 30 ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ކުންފުނީގެ އަމާޒަކީ 2024 ވަނަ އަހަރުގެ ނިޔަލަށް 99 ހޮޓާ/ރިސޯޓް ހިންގުމެވެ.

އޮނިކްސް ގްރޫޕުން ރާއްޖޭގައި ދެވަނަ ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ފަށާފައިވާއިރު އެކުންފުނިން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓަކީ ގދ.އަތޮޅުގައި ހިންގަމުންދާ އަމާރީ ހޮވޮއްޑާއެވެ. އަމާރީ ބްރޭންޑް އަކީ އެ ކުންފުނީގެ އެންމެ ލަގްޒަރީ ބްރޭންޑް އެވެ.