ދިވެހި ފަސްގަނޑުގެ މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ނަސްރުގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.

Ad
rt

ރައީސްގެ މެސެޖުގައި ވަނީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނަށާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި މި ލޮބުވެތި ޤައުމުގެ ދިފާޢުގައި ޝަހީދުވެގެންދިޔަ އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

ޝަހީދުންގެ ޒިކުރާ އާކުރައްވަމުން ރައީސްގެ މެސެޖުގައި ޅެން ބައިތެއްވެސް ހިމަނުއްވާފައިވެއެވެ. އެގޮތުން "ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ، ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ، ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ، ފިދާކޮށް މި ވަޠަނަށްޓަކާ ރޫޙު ޖާނާ" މި ބައިތު އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

ނަސްރުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖޭގައި ފާހަގަކުރަމުން އަންނަ ނުހަނު މުހިންމު ޤައުމީ ދުވަހެކެވެ. މި ދުވަސް ނިސްބަތްވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ދިވެހި ޚާއިނުންގެ ބަޔަކު އިސްވެ ތިބެ ސްރީލަންކާގެ ތަމަޅަ ބާޣީ ޖަމާޢަތެއް ކަމަށްވާ ޕްލޯޓްގެ ޓެރަރިސްޓުންނާއެކު ރާއްޖެއަށް ދިން އުދުވާނީ ޙަމަލާއިން ދިވެހި ޤައުމަށް ލިބުނު ފާހަގަކޮށްލެވޭ ފަޚުރުވެރި ނަސްރަށެވެ.

އެ ދުވަހު ބާޣީން ދިން ކުއްލި ހަމަލާއާ ދެކޮޅަށް ދިވެހި އަސްކަރިއްޔާ ކަމަށްވާ އޭރުގެ އެން.އެސް.އެސް އަދި ދިވެހި ރައްޔިތުން ވަނީ ސާބިތުކަމާއެކު ވަރުގަދަ ޖިހާދެއް ކޮށްފައެވެ. މި ހިތްވަރުގަދަ ޖިހާދުގައި ޤައުމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވި ކުޅުދުއްފުށީގެ ޝަހީދު ޙުސައިން އާދަމް ހިމެނޭހެން 19 ދިވެހިން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 8 ބޭކަލުންނާއި އާންމުންގެ 11 މީހުންނެވެ.

މި އުދުވާނުގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ ސިފައިން ހިންގި "އޮޕަރޭޝަން ކެކްޓަސް" ގެ ދަށުން އަސްކަރީ އެހީތެރިކަން ލިބިގެންދިޔައެވެ. އަދި އެ އެހީތެރިކަމާއެކު ބާޣީން ބަލިކޮށް، ފިލަން ދަނިކޮށް ވަނީ އަތުލައިގަނެވިފައެވެ. މި

ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ މުހިންމުކަން އަންނަން އޮތް ޖީލުތަކަށް ވިސްނައިދިނުމާއި، ޤައުމަށްޓަކައި ޤުރުބާންވި ޝަހީދުންގެ މަތިވެރި ޒިކުރާ ދިރުވައި ދެމެހެއްޓުމެވެ.