ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ކަނބަލުން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އިސްލާމްދީނުގެ އަސްލުތަކާއި ހިލާފުކަމެއް ކަމަށް ބުނެ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ މެމްބަރުން ނުރުހުން ފާޅުކޮށްފި އެވެ.

ކުއްލި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މައްސަލަ ހުށަހެއްވީ ރާއްޖޭގެ ގިނަ ދީނީ އިލުވެރިންނާއި ބައްދަލުކޮށް އެބޭފުޅުންގެ ހިޔާލު ހޯއްދެވުމަށް ފަހުގައި ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅީ އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި ގުޅޭ ގޮތުން ރައީސް ސޯލިހަށް ލަފާއެރުވުމުގެ ގޮތުން ކަމަށެވެ. މި އުއްމަތުގެ މުސްލިމުންގެ ފުރަތަމަ ފަސް ޖީލުގައި ވެސް އަންހެނަކު ފަނޑިޔާރުކަން ކޮށްފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

Ad
rt

މި މައްސަލާގެ ބަހުސްގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ފިގުހީ އެންމެ ބޮޑެތި މައްސަލަތަކުގެ ހަދީޘް ރިވާކުރައްވާފައި ތިއްބެވީ އަންހެން ކަނބަލުން ކަމަށާއި އަންހެނުން ފަނޑިޔާރުކަން ކުރުމާއި ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކުން އުޅެނީ ބިރު އުފައްދަން ކަމުގައެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އަންހެނުނަށް ފަނޑިޔާރުކަން ދިނުމަކީ އިސްލާމް ދީނުގައި ހިލާފު އުފެދިފައިވާ ކަމެއްކަން ސާފުވާ ކަމަށެވެ. އެހެންކަމުން އަންހެނުންނަށް ފުރުސަތު ހަނިކުރުމަށް އޮތް ކޮޅެއްގައި ހިފާ ދަމާ ސަގާފަތް ދޫކޮށްލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލައާ ބެހޭ ގޮތުން ބަހުސް ކުރައްވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސަކަށް އަންހެން ބޭފުޅަކު އިންނެވީތީ އެކަމާ އުފާކުރާ ކަމަށާއި ސުޕްރީމް ކޯޓުގައި އަންހެން ފަނޑިޔާރުން ތިބުމާއި ދެކޮޅު ފަރާތަތަކުން ދައްކަނީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

ބަހުސްގެ ބޭރުން ޓްވިޓާގައި ވެސް ވަރަށް ގިނަ މީޙުން އަދި މެމްބަރުން ވަނީ މި މައްސަލާގައި ނަޝީދު އަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. މިކަމަށް ރައްދު ދެއްވައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުއްލި މައްސަލައާ މެދު ފަހުރުވެރިވާ ކަމަށާއި އެކަމާއި ދެކޮޅަށް އޮޅުވާލައި އަބުރު ކަތިލިޔަސް ފަސް ނުޖެހޭނެ ކަމަށެވެ.

ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބައެއް ދީނީ އިލްމުވެރިން ވަނީ އޭނާގެ ހިތްވަރަށް ތައުރީފު ކޮށް ޓްވިޓާގައި ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ އަށް ހިތްވަރުދީ ވާހަކަ ދެއްވި އިލްވެރިންގެ ތެރޭގައި ޑރ. މުހައްމަދު އިޔާޒް ފާހަގަކޮށްލެވެއެވެ.