ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި، ދެވަނަ ހާފުގެ ހަތަރު މިނެޓު ތެރޭ ލިއޮނެލް މެސީ ޖެހި ދެ ލަނޑާއި ފުރަތަމަ ހާފުގައި ހެދި އެސިސްޓާއެކު އެޓްލާންޓާ ޔުނައިޓެޑްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން އިންޓަ މިއާމީ ފަސޭހަ ކާމިޔާބީއެއް ހޯދައިފިއެވެ.

މި މެޗުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އޮތުމަށްފަހު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މިއާމީއަށް ކުރިހޯދައިދިނީ ޖާމަން ބާޓެރާމޭއެވެ. މެސީ އަދި ލުއިސް ސުއަރޭޒް ދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި މި ލަނޑަކީ އެމްއެލްއެސްގައި ކުޅުނު ފުރަތަމަ 26 މެޗުން ބާޓެރާމޭ ޖެހި ނުވަ ވަނަ ލަނޑެވެ.

Ad
rt

މި މެޗުގައި މެސީ ހެދި އެސިސްޓަކީ މި ސީޒަނުގައި އޭނާ ހެދި 15 ވަނަ އެސިސްޓެވެ. މިއާއެކު އޭނާ ވަނީ ލީގުގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި އޮތް ލޮސް އެންޖެލިސް އެފްސީގެ ސޮން ހިއުންގ-މިން އާ ހަމަކޮށްފައެވެ. އަދި މެސީ ވެފައިވަނީ ޖެހިޖެހިގެން ތިން ސީޒަނުގައި މަދުވެގެން 15 އެސިސްޓް ހެދި، ލީގުގެ ތާރީޚުގައި ވެސް ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން 56 ވަނަ މިނެޓާއި 60 ވަނަ މިނެޓުގައި މެސީ ވަނީ އިތުރު ދެ ލަނޑު ޖަހައި، 3-0 އަށް މިއާމީގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ މި ސީޒަނުގެ ލީގުގައި އޭނާ ކާމިޔާބުކުރި 24 ވަނަ އަދި 25 ވަނަ ލަނޑެވެ. މެސީގެ މި ދެ ލަނޑު ޖެހުމުގައި ވެސް ބާޓެރާމޭ އެހީތެރިވެދިންއިރު، އޭނާގެ ދެވަނަ ލަނޑު ޖެހުމުގައި ސުއަރޭޒް ވެސް ވަނީ އެސިސްޓެއް ހަދާފައެވެ.

މިދިޔަ ސީޒަނުގައި 29 ލަނޑާއެކު ރަން ބޫޓު ހޯދި މެސީ އަކީ ލީގުގެ ތާރީޚުގައި ރެގިއުލާ ސީޒަނެއްގައި ދެ ފަހަރަށް މަދުވެގެން 25 ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއެވެ. އޭނާގެ އިތުރުން މި ރެކޯޑު އޮތީ ހަމައެކަނި ޖޯސެފް މާޓިނޭޒް އަތުގައެވެ. މެސީ މިހާތަނަށް ޖުމްލަ 40 ލަނޑު ޖެހުމުގައި (ލަނޑާއި އެސިސްޓް ހިމަނައިގެން) ބައިވެރިވެފައިވާއިރު، 2019 ވަނަ އަހަރު ލޮސް އެންޖެލިސް އެފްސީއަށް ކާލޯސް ވެލާ ހެދި ރެކޯޑާ ހަމަކުރުމަށް އޭނާއަށް ބޭނުންވަނީ ނުވަ ލަނޑުގެ ހިއްސާއެކެވެ. އެ ރެކޯޑު މުގުރާލުމަށް މިއާމީގެ ތަރިއަށް ބާކީ ހަތަރު މެޗު އެބައޮތެވެ. މި މެޗަށްފަހު ބާޓެރާމޭގެ އެސިސްޓް އަދަދު އަށަކަށް އަރާފައިވާއިރު، ސުއަރޭޒް ވަނީ އޭނާގެ ކެރިއަރުގައި އެއް ސީޒަނެއްގައި ހެދި އެންމެ ގިނަ އެސިސްޓްގެ އަދަދު ކަމަށްވާ 11 އެސިސްޓް ހަމަކޮށްފައެވެ.

މިއާމީގެ ގޯލްކީޕަރު ޑޭން ސެއިންޓް ކްލެއާ ދެ ހަމަލާއެއް ދިފާއުކުރި ނަމަވެސް، މެޗުގެ 89 ވަނަ މިނެޓުގައި އެޓްލާންޓާގެ ފަފާ ޕިކޯ ޕެނަލްޓީއަކުން ޖެހި ލަނޑާއެކު އޭނާއަށް ކްލީން ޝީޓެއް ނުބެހެއްޓުނެވެ. އެޓްލާންޓާގެ ކީޕަރު ލޫކަސް ހޯޔޯސް ވެސް ވަނީ ދެ ހަމަލާއެއް ދިފާއުކޮށްފައެވެ. ސެޕްޓެމްބަރު މަސް ފެށުނުއިރު ދަނޑުން ބޭރުގައި ކުޅުނު މެޗުގައި އެޓްލާންޓާ ޔުނައިޓެޑުން ވަނީ 2-2 އިން މިއާމީއާ އެއްވަރުކޮށްފައެވެ.