2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވެފައިވާ ކަމަށް ބުނެ އޮންލައިން މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) އިން ބުނެފިއެވެ.

މި މުބާރާތުގައި އިންޑިއާއިން ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސާފުން ވަނީ ދީފައެވެ.

Ad
rt

ސާފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 އިން 17 އަށް ބަންގްލަދޭޝްގެ ޑާކާގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ބުނެ ދާދިފަހުން އޮންލައިންކޮށް ދައުރުވަމުންދާ މީޑިއާ ރިޕޯޓްތަކާ މެދު އެ އިދާރާއިން ނުހަނު ކަންބޮޑުވާ ކަމަށެވެ.

އެ ފެޑެރޭޝަނުން ސާފުކޮށް ހާމަކޮށްފައިވާ ގޮތުގައި، ދައުރުވަމުންދާ އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް އަދި ކަނޑައެޅިގެން ސައްޙަ ނޫން މައުލޫމާތުތަކެކެވެ. މުބާރާތުގައި އިންޑިއާއިން ބައިވެރިވުމަށް ނިންމާފައިވާ ނިންމުން އެގޮތުގައި ދެމިއޮތް ކަމަށާއި، މުބާރާތުން ވަކިވުމާ ގުޅޭ އެއްވެސް މުއާމަލާތެއް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ސާފަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން އެ އިދާރާއިން ބުނީ، ސަރަޙައްދުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު އިންތިޒާމުކޮށް ބޭއްވުމަށްޓަކައި ކަމާބެހޭ ހުރިހާ ފަރާތްތަކަކުން ވެސް ފުރިހަމަ ބާރުމިނުގައި، ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މުބާރާތުގެ އިންތިޒާމުތައް ވަރަށް އޮމާންކަމާއެކު ކުރިއަށްދާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ސާފްގެ މެންބަރު އެސޯސިއޭޝަންތަކަށާއި، ޕާޓްނަރުންނަށާއި، މީޑިއާތަކަށާއި، ސަޕޯޓަރުންގެ އިތުރުން ހުރިހާ ސްޓޭކްހޯލްޑަރުންނަށް ސާފުން ވަނީ މުބާރާތް ރޭވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އެގޮތުން، ކުރިން ވެސް އިއުލާނުކޮށްފައިވާ ހަ ޓީމުގެ ބައިވެރިވުމާއެކު މުބާރާތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން، މުބާރާތާ ގުޅޭ ސައްޙަ މައުލޫމާތު ހޯދުމަށްޓަކައި ސާފްގެ ރަސްމީ މުއާމަލާތްތަކަށް ބަރޯސާވުމަށް ކަމާގުޅުންހުރި އެންމެހައި ފަރާތްތަކަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަށަވަރުނުވާ ރިޕޯޓްތަކާއި ވާހަކަތައް ގަބޫލުނުކުރުމަށް ވެސް ސާފުން ވަނީ އެދިފައެވެ.

އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިއާ ބައިވެރިވުމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން އިއްޔެ ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލަ ކުރިމަތިވީ އެ މުބާރާތް އޮންނަ މުއްދަތުގެ ތެރޭގައި އިންޑިއާގެ ސީނިއާ ޤައުމީ ޓީމު ނިއުޒީލެންޑަށް ދަތުރުކުރުމަށް ރާވަމުންދާތީ، މެޗުތަކުގެ ތާވަލު ފުށުއަރައި ކުޅުންތެރިން ހޯދުމުގައި އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ގޮންޖެހުންތަކެއް ކުރިމަތިވުމާ ގުޅިގެންކަމަށް އެ ނޫސްތަކުން ބުނެފަވެއެވެ. ނަމަވެސް އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް ނުކުޅެން މުޅިން ނިންމިކަމަކަށް އެ ނޫސްތަކުން ނުބުނެއެވެ.