ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން މެދުކެނޑުމެއް އައިސްފައިވާ ޕާސްޕޯޓުގެ ޚިދުމަތް، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ލިބެމުންދާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތަށް އެޅުނު ހުރަހުގެ ސަބަބުން މިހާރު ބެކްލޮގުގައި 2،646 ޕާސްޕޯޓު ރިކުއެސްޓް އެބައޮތް ކަމަށެވެ. އަދި އައު ސްޓޮކް ލިބުމާއެކު، ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހުގެ ތެރޭގައި އެ ބެކްލޮގް އެއްކޮށް ކްލިއަރކޮށް ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 350 ޕާސްޕޯޓު ހެއްދުމުގެ ރިކުއެސްޓް އަންނަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހި ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ. އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި އެ ބަދަލު ގެންނަން ޖެހުނީ، ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލައަކާ ގުޅިގެން ރާއްޖެއަށް ބުކްލެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.
ބުކްލެޓް ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށާއި ބޭސްފަރުވާއަށް ފުރަންޖެހޭ ފަރާތްތަކަށް އިސްކަންދީގެން ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔަ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ. އަދި މިހާރު އެ ކުންފުންޏަށް ދިމާވި މައްސަލަ ހައްލުވެފައިވާ ކަމަށާއި، މި ހަފުތާ ބަންދުގައި ޕާސްޕޯޓުގެ އައު ސްޓޮކް ރާއްޖެއަށް ލިބޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އާދިއްތަ ދުވަހު އާންމު އުސޫލުން ޚިދުމަތް ފެށުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ 39 މަރުކަޒަކުން ޚިދުމަތް ލިބެމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
''ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ޕާސްޕޯޓެއް އިޝޫކުރުމަށް އެބަނަގާ 28 ދުވަސް، 40 ދުވަސް، 1 މަސް ދުވަސް އެބަނަގާ ބައެއް ފަހަރު. އަޅުގަނޑުމެން ނޯރމަލް ހާލަތައް ގެނެވުނީމަ 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓެއް ހަދާ ނިންމާނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ބެކްލޮގް އަވަހަށް ކްލިއަރކޮށް ނިންމުމަށްޓަކައި އިމިގްރޭޝަނުން ޚިދުމަތް ދޭ ވަގުތުތައް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އޮފީސް ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރުމުގެ އިތުރުން، ޕްރިންޓިންގ ކެޕޭސިޓީ ބޮޑުކޮށްގެން ވީހާވެސް އަވަހަށް ބެކްލޮގް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!