އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅޭ އެންމެ ފަހު މެޗުގައި ބައިވެރިވުމަށްޓަކައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހުކުރު ދުވަހު އެނބުރި ގައުމަށް ހިނގައްޖެއެވެ.
އޭނާގެ ކެޕްޓަންކަމުގެ ދަށުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ފަހު ފަހަރަށް މެސީ ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ބުއެނޮސް އައިރިސްގައި ބެނިންއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައެވެ.
މި މެޗާ ގުޅޭގޮތުން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން (އޭއެފްއޭ) ބުނީ، މި މެޗު ބޭއްވުމުގެ މައިގަނޑު ބޭނުމަކީ "ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އަމިއްލަ ގައުމުގައި ހައްގުވާ ފަދަ ފުރިހަމަ އަލްވަދާއެއް ކިޔުމުގެ ފުރުސަތު ފަހިކޮށްދިނުން" ކަމަށެވެ.
މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރާނެކަން އިއުލާނުކުރި މެސީ، އާޖެންޓީނާއަށް ދަތުރުކުރީ އާއިލާއާ އެކު މައާމީން ޕްރައިވެޓް ޖެޓެއްގައެވެ. އޭނާ ދަތުރުކުރި ބޯޓު ޖައްސާފައިވަނީ ވެރިރަށް ބުއެނޮސް އައިރިސްގެ އުތުރުން ގާތްގަނޑަކަށް 300 ކިލޯމީޓަރު (190 މޭލު) ދުރުގައި އޮންނަ އޭނާގެ އުފަން ރަށް ކަމަށްވާ ރޮޒާރިއޯއަށެވެ.
މެސީއަށް އަލްވަދާއު ކިޔުމަށް ބާއްވާ ހަރަކާތްތަކުގައި 2022 ވަނަ އަހަރު އޭނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ބައެއް ކުޅުންތެރިން ބައިވެރިވާނެއެވެ. ނަމަވެސް، އިޓަލީގެ ރޯމާއިން ދޫނުކުރުމަށް ނިންމުމާ ގުޅިގެން ޕައުލޯ ޑީބަލާ އަދި ނަހުއެލް މޮލީނާއަށް މި ހަރަކާތްތަކުގައި ބައިވެރިވެވޭ ގޮތް ވަނީ ނުވެފައެވެ.
މި މެޗާއެކު އާޖެންޓީނާގެ ގައުމީ ޖާޒީގައި މެސީ ހޭދަކުރި ތާރީޚީ 21 އަހަރުގެ ބައިނަލްއަގުވާމީ ކެރިއަރަށް ނިމުން އަންނާނެއެވެ. ގައުމީ ޓީމަށް ކުޅުނު މެޗުތަކުގައި 125 ލަނޑު ޖަހާފައިވާ މެސީ ވަނީ އާޖެންޓީނާ އިތުރު ދެ ވޯލްޑް ކަޕެއްގެ ފައިނަލަށް ވެސް ގެންގޮސްދީފައެވެ. އެއީ 2014 ވަނަ އަހަރު ޖަރުމަނު އަތުން ބަލިވި ފައިނަލާއި، މިއަހަރު ސްޕެއިން އަތުން ބަލިވި ވޯލްޑް ކަޕް ފައިނަލެވެ.
މި ބައިނަލްއަގުވާމީ ވިންޑޯގައި އާޖެންޓީނާ ކުޅޭ އެހެން އެއްވެސް މެޗެއްގައި މެސީ ބައިވެރިއެއް ނުވާނެއެވެ. އާޖެންޓީނާ ވަނީ މިދިޔަ ބުދަ ދުވަހު ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗު 4-0 އިން ކާމިޔާބުކޮށްފައެވެ. އަދި ހޮނިހިރު ދުވަހު އެ ޓީމު ނުކުންނާނީ ބުރްކީނާ ފާސޯއާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!