ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން އެސްޓީއޯގެ ދަށުން ހިންގާ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ނ. މަނަދޫގައި ގާއިމުކުރި ފިއުލް ޝެޑުން މިއަދު ތެޔޮވިއްކަންފަށައިފިއެވެ.

މި ޝެޑް ރަސްމީކޮށް ޚިދުމަތް ދޭން ފަށާފައިވަނީ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތަކަށް ފަހުގައެވެ. މި ފިއުލް ޝެޑް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކެވެ.

Ad
rt

ރޭ މަނަދޫގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ރަށުގެ ކައުންސިލް މެންބަރުންނާއި، އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެ ރަށުގެ ޢާންމު ރައްޔިތުން ވެސް މި ޙަފުލާގައި ވަނީ ބައިވެރިވެފައެވެ.

އެފްއެސްއެމުން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ނ. މަނަދޫ ފިއުލް ސްޓޭޝަނުން މިހާރު ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ.

''ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި މަސްވެރިންނަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، އެސްޓީއޯ އަދި އެފްއެސްއެމް ގުޅިގެން މުޅި ރާއްޖެއަށް އިތުބާރު ހުރި ތެލުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ އަޅުގަނޑުމެން ޚިދުމަތްދޭ މުޖުތަމަޢުތަކާ އިތުރަށް ގާތްވެވުނު އަނެއް ފިޔަވަޅެވެ.'' އެފްއެސްއެމުން ބުންޏެވެ.

ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވީ 7 ނޮވެމްބަރު 2024 ގައެވެ.

މި މަޝްރޫޢުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ޤާއިމުކޮށް، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނޭ ނިޒާމު ޤާއިމުކުރުމެވެ.