ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފޯރިގަދަ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026"ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޒައިޒީ ޗެލެންޖާސް ހޯދައިފިއެވެ.

ފައިނަލްގައި ޒައިޒީ ޗެލެންޖާސް އާއި ރޯނު ކަނބަލުން ބައްދަލުކުރި މެޗުގެ ފުރިހަމަވަގުތު ހަމަވީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑަކީވެސް ރޯނު ކަނބަލުންގެ އަންޖޫމް އަބްދުއްޝުކޫރުގެ ފަރާތުން ފެނުނު ލަނޑުތަކެކެވެ. އެއީ އޭނާ ރޯނު ކަނބަލުން ޓީމަށް ޖަހައިދިން ލަނޑަކާއި، އޭނާގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

Ad
rt

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ޒައިޒީ ޗެލެންޖާސްގެ ފާތިމަތު ނިހާ، ހަލީމަތު ވަހީދާ އަދި އާމިނަތު ޒާހިޔާ ވަނީ އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޚަދީޖާ ދާއޫދު ޖެހި ޕެނަލްޓީ ރޯނު ކަނބަލުންގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026 ޗެމްޕިއަން ޒައިޒީ ޗެލެންޖާސް، ފޮޓޯ: މަކުނުދޫ ކައުންސިލް

ރޯނު ކަނބަލުން ޓީމަށް ކާމިޔާބު ކުރެވުނީ ޚަދީޖަތު ސާއިދާ ޖެހި ޕެނަލްޓީ އެކަންޏެވެ.އެ ޓީމުގެ މަރިޔަމް ނޫރާ އާއި އަންޖޫމް އަބްދުއްޝުކޫރު ފޮނުވާލި ޕެނަލްޓީތައް ޒައިޒީ ޗެލެންޖާސްގެ ކީޕަރު ތޯހިރާ އަބޫބަކުރު ދިފާއުކުރިއިރު، ފާތިމަތު ޒިއުނާ ޖެހި ޕެނަލްޓީ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒައިޒީ ޗެލެންޖާސް އާމިނަތު ޒާހިޔާއެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ޒައިޒީ ޗެލެންޖާސްގެ ކޯޗު ހަސަން ފަހީމް ހޮވުނުއިރު، ސަޕޯޓަރުންގެ މަގުބޫލު ކުޅުންތެރިޔަކަށް ހޮވުނީ އިހްވާން އެފްސީގެ އަޒްލީނާ އިބްރާހީމެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި ޕްލޭޔަރ އޮފް ދަ ޓޯރނަމެންޓްގެ މަގާމު ހާސިލްކުރީ ރޯނު ކަނބަލުންގެ މަރިޔަމް ނޫރާއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކޯ ހޭޅި ޓީމެވެ.

މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026 ޗެމްޕިއަން ޒައިޒީ ޗެލެންޖާސް، ފޮޓޯ: މަކުނުދޫ ކައުންސިލް

މުބާރާތުގެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ރޯނު ކަނބަލުންގެ މަރިޔަމް ނޫރާ، ޒައިޒީ ޗެލެންޖާސްގެ އާމިނަތު ޒާހިޔާ، ޒައިޒީ ޗެލެންޖާސްގެ ފާތިމަތު ނިހާ، އިހްވާން އެފްސީގެ އަޒްލީނާ އިބްރާހީމް އަދި ރޯނު ކަނބަލުންގެ ފާތިމަތު ސައުސަންއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމާއި ތައްޓާއި މެޑެލް ދީފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑެލް ހަވާލުކޮށްފައެވެ.
މި މުބާރާތް ރާވާ އިންތިޒާމްކުރުމުގެ މަސައްކަތް މަކުނުދޫ ކައުންސިލުން ހަވާލުކޮށްފައިވަނީ ކިމްސް މޯލްޑިވްސްއާ އެވެ.